މި ސަރުކާރުން ނުފޫޒުން އެއްކިބާވެގެން ހިންގާ ބޯހިޔާވަހިކަން ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި

ޖޫން 27, 2026 - 02:02
އަދާހަމަވެއްޖެ: 20 ދުވަސްތައް ކުރިން
މި ސަރުކާރުން ނުފޫޒުން އެއްކިބާވެގެން ހިންގާ ބޯހިޔާވަހިކަން ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި

ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް ކަންހިނގާ ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކަތަކެއް ކަމަށާ، ނަމަވެސް އެންމެ މުހިންމުކަން ދެއްވާ އެއް ކަމަކީ، އެކަން ނިމުމަކަށް ގެނެސް، މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަސްރޫޢަކީ، ނުފޫޒުން އެއްކިބާވެގެން ހިންގޭ މަސްރޫއެއްކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިހާރު ކުރިއަށްދަނީ އަދުގެ ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ މަސްރޫއަށް އެދި ހުށަހަޅާފައިވާ ފޯމުތައް ތައުސީގުކުރުމުގެ މަސައްކަތްތައް ކަމަށް ވާއިރު، އެއްވެސް ކަހަލަ ނުފޫޒެއްގެ ބޭނުންކޮށްގެން، ވަކި މީހަކު ބޭނުންވާހާ ގޮތަކަށް، ވަކި މީހަކަށް ނުވަތަ ވަކި އާއިލާއަކަށް އިސްކަން ލިބޭ ގޮތަށް އެއްވެސް ކަމެއް ހިނގަމުންނުދާނެ ކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ބޯހިޔާވަހިކަމަކީ ހަމަ އެންމެ ޒަރޫރީ، އެންމެ މުހިންމު ކަންތައް ކަމުގައި ގަބޫލުފުޅުކުރައްވާ ކަމަށާ، އެމަނިކުފާނުގެ ސަރުކާރުން ދޭ އެއްވެސް ފްލެޓަކާއި ގޯއްޗެއް ދިނުމުގައި އެއްވެސް ކަހަލަ ނާޖާއިޒުކަމެއް ނުހިމެނޭނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރެއްވިއެވެ. އަދި މި މަސައްކަތުގައި އުޅުއްވާ ފަރާތްތަކާމެދު އެކަމުގެ އިތުބާރު އެބައޮތްކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން އާއިލީ ބޯހިޔާވަހިކަމުގެ ނަމުގައި އާ މަސްރޫއެއް ފަށައި، އެ މަސްރޫއުގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 15000 ގޯތި އަދި ހުޅުމާލެއާއި، ވިލިމާލެއިން 3 ކޮޓަރީގެ 7900 ފްލެޓް ދޫކުރުމާބެހޭ އުސޫލު އިއުލާނުކޮށް ހުޅުވާލުމުން މި ޖޫން މަހު 15އިގެ ނިޔަލަށް، ޖުމްލަ 58505 ފޯމު ހުށަހަޅާފައި ވެއެވެ. މީގެ ތެރޭގައި "އާއިލީ ބޯހިޔާވަހިކަމަށް" 45644 ފޯމު ހުށަހަޅާފައި ވާއިރު، "ގޯތިގެދޮރު" ގެ ދަށުން 12861 ފޯމު ހުށަހަޅާފައި ވެއެވެ. އެއީ އާއިލީ ބޯހިޔާވަހި ފިޔަވަހީގެ ދަށުން ފްލެޓަށް އެދި 35818 ފޯމާއި، ބިމަށް އެދި 9826 ފޯމާއި، ގޯތިދެދޮރު ފިޔަވަހީގެ ދަށުން ފްލެޓަށް އެދި 12749 ފޯމާއި ބިމަށް އެދި 112 ފޯމެވެ.

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން، މިހާތަނަށް ބިންގާ އެޅުނު މަސްރޫއަކީ ވިލިމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 300 ހައުސިންގ ޔުނިޓެވެ. މިއަހަރު މާރިޗު 26 ވަނަ ދުވަހު، ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސްރޫއުގެ ބިންގާ އެޅުއްވީ ރައީސް މުއިއްޒެވެ.

އެ މަސްރޫއަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ”ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑް“ އިން،  ވިލިމާލޭގައި 17 ފަންގިފިލާގެ (ފްލެޓް ބޮޑުމިނުގައި 900 އަކަފޫޓުގެ 3 ކޮޓަރި އެޕާޓްމަންޓް ހިމެނޭހެން) 3 ޓަވަރު ބިނާކުރުމަށް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ) އާއި ހަވާލުކޮށްގެން ނެވެ. ބީއެމްއެލުން ކޮންޓްރެކްޓަރުންނާ ގުޅިގެން، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 13 ރަށެއްގައި 800 ހައުސިންގ ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް، މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފެށިގެންދާނެކަމަށާއި، މި އަހަރު އޮގަސްޓު މަހުގެ ތެރޭގައި، އެކި ރަށްރަށުގައި އިތުރު 1,300 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށިގެންދާނެކަމަށް، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން ދެއްވިއިރު، ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

މި ސަރުކާރުން ބިމާއި ފްލެޓް ދިނުމަށް ފުށިދިއްގަރު ފަޅުގައި ބިން ހިއްކަން ފައްޓަވާފައިވާ ރަސްމާލެ މަސްރޫއަށް 3 އަހަރު ވާއިރު، ބިން ހިއްކުން ދޭތެރެ ދޭތެރެއިން މެދުކެނޑި އަދިވެސް ބިން ހިއްކާ ނުނިމެއެވެ. އަދި ގިރާވަރު ފަޅުވެސް ހިއްކާ ނުނިމޭތީ އެތަނުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރެޖިސްޓްރީ ހަވާލު ނުކުރައްވައެވެ. މީގެ އިތުރުން ގުޅީފަޅުން ގޯތި ލިބި، ގޯތީގެ ރެޖިސްޓްރީ ހަވާލުކޮށްފައިވާ ފަރާތްތަކަށް ބިން ހަވާލު ނުކުރައްވާކަން ވެސް ފާހަގަ ވެއެވެ.