ޒުހޫރު ވަކިކޮށް އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު

ފެބްރުވަރީ 14, 2025 - 09:12
 0
ޒުހޫރު ވަކިކޮށް އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ އާ ޗެއާމަން އަހްމަދު މުއިއްޒު: އޭނާ ޗެއާމަނަކަށް ހަމަޖެއްސީ ބުރާސްފަތި ދުވަހު

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ އާ ޗެއާމަނަކަށް، އެ ކޮމިޓީގެ މެންބަރު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަލްއުސްތާޛް އަޙްމަދު މުޢިއްޒު، ފީފާއިން މިއަދު އައްޔަން ކޮށްފި އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަންގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އަހްމަޒު ޒުހޫރު ވަކި ކުރުމުންނެވެ.

ކޮމިޓީގެ މެންބަރުންގެ އަދަދު، ފަހަކުން ތިނަކަށް ދަށްކޮށް ޒުހޫރު މަގާމުން ވަކި ކުރީ މިއަދު އެވެ. އޭގެ ކުރިން ކޮމިޓީގެ މެންބަރު އަހްމަދު އަލީ ވަނީ އަމިއްލަ ސަބަބުތަކާ ހުރެ ކޮމިޓީގެ މެންބަރުކަމުން އިސްތިއުފާ ދީފަ އެވެ.

ފޮޓޯގައި: އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ ޗެއާމަން އަހްމަޒު ޒުހޫރު (ވ) އާ އެކު މިހާރުގެ ޗެއާމަން އަހްމަދު މުއިއްޒު

ޗެއާމަން ކަމަށް މުއިއްޒު ހަމަޖައްސާފައިވާކަން، ފީފާއިން އަންގާފައިވާ ކަމަށް މުއިއްޒު، ރާއްޖޭގެ ނޫހެއްކަމުގައިވާ "މިހާރު" އަށް މައުލޫމާތު ދީފައިވާކަމަށް ވެއެވެ.

ކޮމިޓީގައި މިހާރު ތިއްބަވާ ތިން މެންބަރުންނަކީ މުއިއްޒުގެ އިތުރުން ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރިފާއި ގާނޫނީ ވަކީލު އިސްމާއީލް ސިމަން އެވެ.

މި މަހުގެ ތެރޭގައި އެފްއޭއެމްގެ އެތެރޭގައި ބޮޑެތި ކަންތައްތަކެއް ހިނގި އެވެ. ޖެނަރަލް ސެކްރެޓަރީ ނާހިލް ސިއްދީގް އިސްތިއުފާ ދިނީ ވެސް މި މަހު އެވެ. އެކްޓިން ޖެނަރަލް ސެކްރެޓަރީކަން މި ވަގުތު ކުރައްވަނީ އެފްއޭއެމްގެ ސީނިއާ އޮފިޝަލް އަދި އައްޑޫ ސިޓީ ކައުންސިލުގެ ކުރީގެ އެސްޖީ މުހައްމަދު ޝުޖާއު އެވެ.

2018 އިން ފެށިގެން 2022 ވަނަ އަހަރާއި ހަމައަށް ފީފާ ރޭންކިންގގައި ރާއްޖެ 154/156 ގައި އޮތުމަށްފަހު މިހާރު ވަނީ 162 އަށް ވެއްޓިފައެވެ.