"މަސްއޮޑި" - "އޮޑި" އަށް ބަދަލުކޮށްފި

މެއި 13, 2024 - 15:42
 0
"މަސްއޮޑި" - "އޮޑި" އަށް ބަދަލުކޮށްފި

މަސްއޮޑި ސްޕޯޓްސް ކްލަބްގެ ނަން އޮޑި ސްޕޯޓްސްގެ ނަމަށް ބަދަލުކޮށްފި އެވެ.

ތިރީ ޑިވިޒަންތަކުގައި ވަކި ނަމެއް ބޭނުން ކުރި ނަމަވެސް، ފުރަތަމަ ޑިވިޒަނުގައި ކުޅުމުގެ ކުރިން ނަން ބަދަލު ކުރި އަނެއް ޓީމަކީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އެ ޓީމުން ދެވަނަ ޑިވިޒަން ކާމިޔާބު ކުރީ ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނަރޭޝަން (ދަ ގޭންގް) ނަމުގަ އެވެ. އެކަމަކު އެ ކްލަބްގެ ނަން ފުރަތަމަ ޑިވިޒަން ކުޅުމުގެ ކުރިން ދަ ގްރާންޑޭ އަށް ބަދަލު ކުރި އެވެ.

ސެންޓްރަލް ޕާކުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފުލާގައި، އޮޑިގެ އާ ލޯގޯ ވެސް ވަނީ ދައްކާލާފަ އެވެ. އެ ހަފުލާގައި އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވަން އިއުލާންކޮށްފައިވާ އަހްމަދު ތޯރިގު (ޓޮމް) ބައިވެރިވެ ވަޑައިގަތެވެ. އެފްއޭއެމްގެ މެންބަރެއްގެ ހައިސިއްޔަތުން އެ އެސޯސިއޭޝަންގެ ކޮންގްރެސްގައި ވޯޓް ލުމުގެ ހައްގު އޮޑިއަށް އޮވެ އެވެ.

ދެވަނަ ޑިވިޒަންގެ ޗެމްޕިއަންކަން ހޯދި އޮޑި ސްޕޯޓްސް، ރޭ ވަނީ ބައެއް ކުޅުންތެރިން ސޮއި ކުރުވައިފަ އެވެ. މިދިޔަ ތިން އަހަރު މާޒިޔާ އަށް ކުޅުނު ހުސައިން ނިހާން (ނިހާޓް) ވަނީ އޮޑި ސްޕޯޓްސް އަށް ސޮއިކޮށްފަ އެވެ. ފުރަތަމަ ޑިވިޒަން ފުޓްބޯޅައިން 2022 ގައި ރިޓަޔާ ކުރި ކުރީގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) ވެސް ވަނީ އޮޑި ސްޕޯޓްސް އަށް ސޮއިކޮށްފަ އެވެ. ދެވަނަ ޑިވިޒަނުގެ ޗެމްޕިއަންކަން ހޯދުމުގައި އޭނާގެ ހިއްސާ އެ މުބާރާތުގައި ބޮޑެވެ.