އާދީއްތަ ދުވަހު އީރާނަށް ހަމަލާދީފާނެ ކަމަށް، ނުވަތަ އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އިސާރާތެއް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވައިފި

އޮކްޓޫބަރު 25, 2026 - 07:39
އަދާހަމަވެއްޖެ: 5 ދުވަސްތައް ކުރިން
އާދީއްތަ ދުވަހު އީރާނަށް ހަމަލާދީފާނެ ކަމަށް، ނުވަތަ އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އިސާރާތެއް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވައިފި

"އަހަންނަށް މިކަން އެއްކޮށް ނިންމާލަން ޖެހިދާނެ، ނުވަތަ އެމީހުން އެއްބަސްވުމަކަށް އަތުވެދާނެ" ޓްރަމްޕް ހަރުކޮށް ވިދާޅުވިއެވެ.

އިސްލާމިކް ރިޕަބްލިކް (އީރާނާއި) ދެކޮޅަށް އަލުން ހަމަލާތައް ދިނުމާމެދު ޓްރަންޕު ވިސްނަވަމުން ގެންދަވާ ކަމަށް ރިޕޯޓުތައް ބުނަމުންދަނިކޮށް، "މާދަމާ" (އާދިއްތަ ދުވަހު) ވެސް އެމެރިކާއިން އީރާނަށް ހަމަލާދީފާނެ ކަމަށް ނުވަތަ ތެހެރާނާ އެކު "ވަރަށް ފުރިހަމަ" އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.

ހަމަލާއެއް ދިނުމާ މެދު ގޮތެއް ނިންމުމުގައި ކިހާ ހިސާބަކަށް ގޮސްފައިވޭތޯ ނޫސްވެރިން ސުވާލު ދެންނެވުމުން ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑުމެން މިކަމާ މެދު ވިސްނަމުން މިދަނީ. އަދި ފަހަރެއްގައި މާދަމާ ވެސް އެކަން ކޮށްފާނަން،" ކަމަށެވެ.

"އަހަރެން އެކަން ކުރަން އުޅޭނަމަ (ތިޔަބޭފުޅުންނަށް) އެ ވާހަކަ ކިޔައިދޭނެ ކަމަށް ހަމަ ހަގީގަތުގައި ވެސް ހީކުރަނީތޯ؟" އިތުރަށް ވާހަކަދައްކަވަމުން މަލާމާތުގެ ރާގެއްގައި އޭނާ އެއްސެވިއެވެ.

އެމެރިކާއާއެކު އެއްބަސްވުމަކަށް އައިސްގެން އިތުރު އަސްކަރީ ފިޔަވަޅުތަކަކުން ސަލާމަތްވުމުގެ ފުރުސަތު އީރާނަށް އަދިވެސް އެބައޮތް ކަމަށް ވިދާޅުވަމުން ޓްރަމްޕް ފާހަގަކުރެއްވީ، "އެމީހުން ބޭނުންވަނީ އެއްބަސްވުމެއް ހަދަން، އެކަމަކު އޮތް މައްސަލައަކީ އެމީހުން އެ އެއްބަސްވުމުގައި ދެމިތިބޭނެތޯ؟" މިއެވެ.

އޭނާގެ އަމާޒަކީ އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފެއްދުން ހުއްޓުވުން ކަމަށް ވިދާޅުވެ، މީގެ ކުރިން ބީ-2 މަރުކާގެ ބޮންއަޅާ ބޯޓުތައް ބޭނުންކޮށްގެން އެމެރިކާއިން ހިންގި އޮޕަރޭޝަނަކީ ދެމެހެއްޓެނިވި ނަތީޖާއެއް ކަށަވަރުކުރުމަށް އެކަށީގެންވާ ވަރަށް ވުރެ ކުޑަ ފިޔަވަޅެއް ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

"އަހަރެން މިކަން ދާއިމީ ހައްލަކަށް ހަދަން ޖެހޭ. އަހަރެން މިކަން މި ކުރާ ހަމައެކަނި ސަބަބަކީ އެއީ،" ޓްރަންޕު ވިދާޅުވިއެވެ.

މީގެއިތުރުން، ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރާ އަޅާބަލާއިރު ހޮރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ މިންވަރު އިތުރުވެފައިވާ ކަމަށް ޓްރަންޕު ދައުވާ ކުރެއްވި ނަމަވެސް، އެ ވާހަކަތަކުގެ ތަފާސްހިސާބެއް އޭނާ ހާމައެއް ނުކުރައްވައެވެ. ދެން ވާނެ ގޮތަކާމެދު ވަކި ސީދާ ނިންމުމެއް ހާމަކުރުމުގެ ބަދަލުގައި، އަސްކަރީ ފިޔަވަޅު އެޅުމާއި މެދު މަސްވަރާކުރުމަކީ ވެސް ވެދާނެ ކަންކަން ކަމުގައި އޭނާ ބަޔާންކުރެއްވިއެވެ.

"އަހަންނަށް މިކަން އެއްކޮށް ނިންމާލަން ޖެހިދާނެ، ނުވަތަ އެމީހުން އެއްބަސްވުމަކަށް އަތުވެދާނެ. އެކަމަކު އަހަންނަކަށް ޔަގީނެއް ނޫން. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް، މޮޅުވާނީ އަހަރެމެން."

ފެބުރުއަރީ މަހުން ފެށިގެން މެދުއިރުމައްޗަށް ފުޅާވެގެންދިޔަ އެމެރިކާއާއި އިޒުރޭލާއި (އަރަބި ބައެއް ގައުމުތަކުގެ އެއްބާރުލުމާއެކު) ބައިވެރި ވެގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމަށް އެއްބަސްވެވިފައި ވީނަމަވެސް، އަދިވެސް އެކަން އޮތީ ނުވެއެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ ވަގުތީ އެއްބަސްވުމެއް ގާއިމުކުރުމަށް ކުރެވުނު މަސްވަރާތައް ރޫޅިގެން ދިޔުމުގެ ޒިންމާ އެމެރިކާގެ ބޮލުގައި އަޅުއްވާފައެވެ. އަދި އެމެރިކާގެ އިސްވެރިންނަކީ "ހުރިހާ ކަމެއް ގަޑުބަޑުކޮށްލި ފިނޑިން" ކަމަށް ސިފަކުރައްވަމުން، އެއްބަސްވުމަކަށް ވާސިލުވުމަށް ތެހެރާނުން އަދިވެސް ބާރުއަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަނެއްކޮޅުން، ހޫތީން ފޮނުވާލި މިސައިލްތަކެއް ވައިގެ ތެރޭގައި ގޮއްވާލުމުން އޭގެ ބައިތައް މައްކާއާއި ޖިއްދާއަށް ވެއްޓިފައިވާ ކަމަށް ސައޫދީ އަރަބިއްޔާއިން ހާމަކޮށްފައިވާއިރު، އީރާނުގެ މަދަދު ލިބޭ މި ޖަމާއަތުން އަދަނަށް ހަމަލާދީފައިވާ ކަމަށް ޔަމަނުގެ ސަރުކާރުން ވަނީ ތުހުމަތު ކޮށްފައެވެ.