ހެނދުނުގެ އަވިން ގިނަ ފައިދާތަކެއް ލިބޭ

އަވީގެ ފައިދާ

އޭޕްރީލް 19, 2024 - 04:33
 0
ހެނދުނުގެ އަވިން ގިނަ ފައިދާތަކެއް ލިބޭ

(ހޫނު) ގަދަ އަވިން ރައްކާތެރިވުމަކީ މުހިއްމު ކަމެއް ކަމާއި، އަވިން އެނދުމުން ކުރެވިދާނެ ފަރުވާއާއި ބެހޭގޮތުން އަޅުގަނޑުމެން އަލި އަޅުވާލާފައި ވާނެއެވެ.

ކިޔާލުމަށް: ސަންބަރން ނުވަތަ އަވިންއެނދުމުން ރައްކާތެރިވެ ގޭގައި ދެވިދާނެ ފަރުވާ

އެހެން ނަމަވެސް އަވިން ލިބޭ ފައިދާތައްވެސް މަދެއް ނޫނެވެ. އޭގެ ބައެއް ފައިދާ ތަކާއި އެފައިދާ ހޯދާނެ ގޮތާއި ބެހޭގޮތުން ހުލާސާކޮށް މިލިޔުމުގައި ބަޔާން ކޮށްލުން މުހިއްމުކަމެއް ކަމުގައި ދެކެމެވެ.

އިންސާނުން ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތުން އެމީހުން ދުވާލުގެ ވަގުތު ހޭދަކުރުން ރަނގަޅީ ހާމަ ތަންތަނެވެ. އަދި ރޭގަނޑު އަނދިރިވުމަށްފަހު ގޭތެރޭގައި އުޅުމުން ހަށިގަނޑަށް މާފައިދާ ކުރެއެވެ. އަޅުނޑުމެނންގެ ހަށިގަނޑުގެ ގުދުރަތީ ގަޑި (ނެޗުރަލް ބޮޑީ ކްލޮކް) މަސައްކަތް ކުރަނީ 24 ގަޑިއިރުގެ ރިދަމް އަކަށެވެ. މިއަށް ކިޔަނީ ސިކޭޑިއަން ރިދްމް އެވެ. މިއީ ދުވާލު ގަޑީގައި ރަނގަޅަށް ހޭލާ އެލާޓަށް ތިބެ މަސައްކަތް ކުރުމަށް އެހީތެރިވެދޭ ފަދައިން ރޭގަނޑު އަރާމު ނިންޖެއް ނިދުމަށް ވެސް ބޭނުންތެރި ނިޒާމެކެވެ.

ވަކި ސަބަބެއް ނެތި ރޭގަނޑު ނިދަން އުނދަގޫވެގެން އުޅޭނަމަ އެއީ ފަހަރެއްގައި ސިކޭޑިއަމް ރިދްމްގެ މަސައްކަތް ރަނގަޅަށް ނުކުރާތީ ދިމާވާ ކަމަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ހާސް ނުވާށެވެ. ވަރަށް ފަސޭހަ  ގޮތަކަށް ކަންތައްތައް ކޮށްލައިގެން މިކަން ހައްލު ވެދާނެ އެވެ. އެއީ އިރުގެ އަލި ބޭނުންކޮށްގެންނެވެ.

ނިދުމުގައި މައްސަލަތައް ދިމާވާނަމަ އެންމެ ހެނދުނު އިރުއަރާއިރު އެ ހުންނަ އަވީގައި 20 ވަރަކަށް މިނިޓަށް ޖެހިލާށެވެ. ނުވަތަ އިރުއޮއްސެން ދާއިރު އެ ހުންނަ އަވީގައި 20 މިނިޓް ޖެހިލާށެވެ.

ހެނދުނު ހޭލެވުމާއެކު އިރުގެ އަލި ލިބުމުން ނޮކްޓާނަލް މެލަޓޯނިން (ސްލީޕް ހޯމޯން) އަވަހަށް އުފައްދަން ފަށާނެ އެވެ. މީގެ ސަބަބުން ރޭގަނޑު ފަސޭހައިން ނިދާލުމަށް އެހީތެރިވާނެ އެވެ. 

އިރުގެ އައްޔަކީ ސެރޮޓޯނިން އުފައްދަން ވެސް އެހީވެދޭ އެއްޗެކެވެ. އަދި އަނދިރިވުމުން ހަށިގަނޑުން މި ބަދަލުކޮށްލަދެނީ މެލަޓޯނިން އަށެވެ. ސެރޮޓޯނިން ލެވެލް ތަންކޮޅެއް މަތިވުމަކީ މީހާގެ މޫޑު ރަނގަޅުކޮށްދޭނެ ކަމެކެވެ. ހެނދުނު އިރު އަރާ ވަގުތު އެ ހުންނަ އަލީގައި ޖެހިލުމުން އެމީހެއްގެ ހަށިގަނޑަށް އަރާމާއި ހަމަޖެހުން ލިބޭނެ އެވެ. އަދި އެ ދުވަހެއްގެ ހަތަރު ދަމުވެސް އެމީހާގެ ސިކުނޑި މަސައްކަތްކުރާލެއް ރަނގަޅުވާނެ އެވެ.

ހަމަ އެގޮތަށް ނިދުމުގެ ދެ ގަޑިއެއްހާއިރު ކުރިއްސުރެ ކޮޓަރި އަނދިރި ކޮށްފައި ބެހެއްޓުމަކީ ވެސް ނިދަން ފަސޭހަ ވާނެ ކަމެކެވެ. އޭރުން އޮށޯންނައިރު މީހާގެ ހަށިގަނޑު ހުންނާނީ ނިދަން ތައްޔާރުވެފަ އެވެ.