ޗުއްޓީއަށް ދިއުމުގެ ކުރިން ގަނޑުފެން ތައްޓަކަށް ލާރިއެއް ލާފައި އަލަމާރީގައި ބެހެއްޓުމުން ވަނީ ކީތް؟
ޗުއްޓީއަށް ނުވަތަ ދުވަސްކޮޅަކަށް ގެއިން ދިއުމުގެ ކުރިން، ގަނޑުފެން ތައްޓަކަށް ލާރިއެއް ލާފައި އައިސް އަލަމާރީގެ ގަނޑުކުރާ ބައިގައި ބަހައްޓާފައި ދިއުމަކީ، އަލަމާރީގައި ހުރި ކާބޯތަކެތީގެ ރައްކާތެރިކަން ވަޒަން ކުރުމަށް ފަހަކަށް އައިސް ގިނަބަޔަކު ބޭނުންކުރާ އުކުޅެކެވެ.
ޗުއްޓީއެއްގައި ނަމަވެސް ދުވަސްކޮޅަކަށް ގެއިން ބޭރަށް (ނުވަތަ ރަށުން ބޭރަށް ދަތުރު) ދިއުމުގެ ކުރިން އެކިއެކި ތައްޔާރީތައްވެ، އައިސް އަލަމާރީގައި ބަހައްޓާފައި ހުންނަ ބައެއް ތަކެތި ހުސްކޮށް ހެދުމަކީ އާއްމު ކަމެކެވެ. ނަމަވެސް ގަނޑުކުރާ ބައިގައި ހުންނަ ތަކެތި ހުންނަނީ ސުން ޑިގްރީ ނުވަތަ ނައްސި 5 އާއި 12 ޑިގްރީއަށްވުރެ ދަށުގައި ކަމުން އެތަކެއްޗަކީ ހަލާކުނުވެ ކެއުން ބުއިމަށް ރައްކާތެރި ހާލަތުގައި ގިނަދުވަހު ހުންނަ ތަކެއްޗެވެ. އެހެންކަމުން ގިނަފަހަރަށް އެތަކެތި ބަހައްޓާފައި ދަނީއެވެ.
އެހެންނަމަވެސް އެ ތަކެތި ރައްކާތެރިކޮށް ހުންނާނީ، އަލަމާރީގެ ފިނިހޫނުމިން އެމިންގަނޑުގައި ހިފެހެއްޓިފައި ހުންނަ ނަމައެވެ. އަލަމާރި ހަލާކުވެ ނުވަތަ ކަރަންޓު ކެނޑިއްޖެނަމަ އަލަމާރީގެ ފިނިހޫނުމިން މައްޗައްގޮސް، އެހާލަތު ބަދަލުވާގޮތް ވެއެވެ.
މިކަން ދެނެގަތުމަށް ފަހަކަށް އައިސް މީހުންކޮށް އުޅޭ ކަމަކީ، ފެންތައްޓެއް ގަނޑުކުރުމަށްފަހު، ގަނޑުފެން ތަށީގެ މަތީގައި ދަނގަޑު ނުވަތަ ލޮއިގެ ލާރިއެއް (1 ރުފިޔާ ނުވަތަ 2 ރުފިޔާ) ބާއްވާފައި، އެ ގަނޑުފެންތަށި، އައިސް އަލަމާރީގެ ގަނޑުކުރާ ބައިގައި ބަހައްޓަނީ އެވެ. ޗުއްޓީއިން އެނބުރި އައިސް، ލާރި ބާއްވާފައި އޮތް ތަށި ނަގާ ބަލާއިރު؛
- ލާރި އޮތީ ބޭއްވިއިރު އޮތްގޮތަށް މަތީގައިނަމަ، ދޭހަވަނީ އަލަމާރިން ކަރަންޓު ނުކެނޑޭކަމާއި، އޭގައި ހުރި ކާބޯތަކެތީގެ ގަނޑުކަން ހުރިގޮތަށް ހުރި ކަމެވެ. އެތަކެއްޗަކީ ބޭނުންކުރަން ރައްކާތެރި އެއްޗެތިކަމެވެ.
- ބޭއްވި ލާރި ކޮންމެވެސް ވަރަކަށް އަޑިއަށް ގޮސްފައި އޮވެ، ތަށިގައި ހުރި ފެންހުރީ ގަނޑުވެފައި ކަމަށްވާނަމަ، ކަރަންޓު ކެނޑުނު ނަމަވެސް މާގިނައިރު ނުވަނީސް (އެހެނީ ގަނޑުކަން މުޅިން ނުފިލަނީސް) ކަރަންޓު އަލުން އައިސް އޭގައި ހުރި ތަކެތި ހުރީ ރައްކާތެރިކަމުގައެވެ.
- ލާރި އޮތީ ތަށީގެ ފުލުގައި ކަމަށް ވާނަމަ، އޭގައި ހުރި ފެން ގަނޑުވެފައި ހުއްޓަސް ނުވަތަ ދިޔާވެފައި ހުއްޓަސް ދޭހަވަނީ، އަލަމާރީގައި ހުރި ތަކެތި އެއްކޮށް ގަނޑުފިލައި އެތަކެތި ބޭނުންކުރަން ރައްކާތެރި ނޫން ހާލަތަކަށް ގޮސްފައިވާކަމަށެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމާއިބެހޭ މާހިރުންނާއި މިކަމާއި ގުޅޭގޮތުން ސުވާލުކުރުމުން އެފަރާތްތަކުން ބުނާގޮތުގައި، މި އުކުޅަކީ ބުރަދަނެއް ހުރި ގޮތެކެވެ. އެހެން ނަމަވެސް (އަލަމާރީގައި ހުރި) ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަމައެކަނި މިގޮތަކުން ނުފުދެއެވެ. ގަނޑުވެފައި ހުންނަ ހުރިހާ ބާވަތަކީ އެއް މިނެއްގައި، ގަނޑުފިލާ ތަކެއްޗެއް ނޫނެވެ. މިސާލަކަށް، އައިސްކްރީމާއި، ގަނޑުކޮށްފައި ހުންނަ ހުންޏާއި، ތުނިކޮށް ފޮތިކޮށްފައި ހުންނަ މަހުގެ ބާވަތްތަކަކީ ގަނޑުފެނަށްވުރެ އަވަހަށް ގަނޑުފިލައިގެންދާ ތަކެތީގެ ތެރެއިން ދެތިން މިސާލެކެވެ. އަދި ހަމަ އެބީދައިން، އަނެއްބައި ތަކެއްޗަކީ ގަނޑުފެން ދިޔާވާ އަވަސްމިނަށްވުރެ މާލަހުން ގަނޑުފިލާތަކެއްޗެވެ. އަދި ހުރިހާ ބާވަތަކީ ގަނޑުކަން ކެނޑުނަސް ބޭނުންކުރަން ރައްކާތެރިނޫން ތަކެތިކަމުގައި ނުވެ ހިނގައިދާނެތީއެވެ.
| ފިނިހޫނުމިން ފެންނަ ހިޓާޗީ މޮޅު އިންވަރޓަރ އައިސްއަލަމާރި |
|
|
ހެސަޕް އޮޑިޓަރު ޝިޔާމް ޚާލިދު ބަޔާންކުރި ގޮތުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، އެކަމުގެ ގޮތްތަކާއި މިންގަނޑުތަކާއި، ތަބާވާންޖެހޭ ނުވަތަ އަމަލުކުރަންޖެހޭ ސްޓެންޑަރޑްތައް ހުންނަކަމާއި އެހެންނަމަވެސް ގިނަ ގޭބިސީތަކުގެ (އައިސް އަލަމާރީގައި ގަނޑުކޮށްފައި ހުންނަފަދަ ކާބޯތަކެއްޗަކީ) މާބޮޑަކަށް މޮނިޓަރކޮށް (ހޫނުފިނިމިންވެސް) ނުބަލަހައްޓާ އެއްޗިއްސަށް ވާތީ، އަދި ގިނަ ފަހަރު ވަޒަންކުރާނެ އާލާތްތައްވެސް ގޭބިސީތަކުގައި ނުގެންގުޅޭތީ، ކާބޯތަކެތި ގެންގުޅުމުގެ އެންމެ އާދައިގެ (ބޭސިކް) ގޮތަކީ، އެތަކެތި ރަނގަޅަށް (ޖަރާސީމު އަށަނުގަންނާނެ ފަދަގޮތަކަށް) ބަންދުކުރެވިފައިވޭތޯ ބެލުމާއި، އެހެން ބާވަތެއްގެ އެއްޗަކާއި އެކުވެފައި ނުވަތަ ގަޑުބަޑުވެފައި ހުރިތޯ ބެލުމާއި، އެއްޗެއް ތާޒާކޮށް ހުންނަ އިރު ފެންނަގޮތާއި، ދުވާ ވަހަށް އައިސްފައިވާ ބަދަލަކުން ނުވަތަ އަތްލާއިރު އިހުސާސްކުރެވޭ ބަދަލަކުންވިޔަސް، ގޯސްވެފައިވާހެން ހީވާނަމަ ކެއުން ބުއިިމަށް އެ އެއްޗެއް ބޭނުން ނުކުރުމެވެ.
ރައްކާތެރި ކާބޯތަކެއްޗަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެންމެ މުހިއްމު އެއްކަންތައް ކަން ފާހަގަކޮށް ޝިޔާމް ބަޔާންކުރީ، ކާއެއްޗެއް ގޯސްވެފައިވޭތޯ ބަލަން ދިވެހިންގެ ގިނަބަޔަކު ރަހަ ބަލާކަމަށާއި، އެހެނަސް އެއީ އެއްގޮތަކަށްވެސް ކުރުން ރައްކާތެރިކަމެއް ނޫންކަމަށެވެ.
ރައްކާތެރިނޫން ކާބޯތަކެތިން ޖެހިދާނެ ބަލިތަކުގެ ތެރޭގައި ހެޕަޓައިޓިސް އާއި ބޭރަށް ހިންގުމާއި (ސެލްމަނެލޯސިސް، ކެމްޕައިލަބެކްޓީރިއޯސިސް، ކޮލެރާ، އީކޮލައި އިންފެކްޝަން، ޝިގެއްލާ، އެމަބައިއޭސިސް ފަދަ ބަލިތަކާއި) ކާނާ ވިހަވުމާއި، ފަނިވުމާއި، ލިސްޓީރިއޯސިސް، ލެޕްޓޯސްޕައިރޯސިސް، ޓައިފޮއިޑް ހުން، ޓޮކްސޯޕްލާޒްމޯސިސް އަދި ވާބަލި (ޕޯލިއޯ) ފަދަ ބަލިތައް ހިމެނެއެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online