މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ބޭނުންކުރުމާއި ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

ޖޫން 27, 2026 - 02:52
މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ބޭނުންކުރުމާއި ދެކޮޅަށް، މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

މަސްތުވާތަކެއްޗަކީ މުޅި މުޖުތަމައުގެ ބަދަހިކަމަށް އަސަރުކުރުވާ، އިޖުތިމާއީ، އިގްތިސޯދީ، އަހްލާގީ އަދި ގައުމީ ސަލާމަތަށް ހުރި ގޮންޖެހުމެއްގެ ގޮތުގައި ސިފަކުރައްވައި، މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ގައިރުގާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދައަށް ފިޔަވަޅުއެޅުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލެއްވީ، މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ގައިރުގާނޫނީ ވިޔަފާރިއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެއްގައެވެ. މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ދުވަހަށް ހާއްޞަ ކުރެވިފައިވާ، މިއަހަރުގެ ސިއާރުކަމުގައިވާ "ވަރލްޑް ޑްރަގް ޕްރޮބްލަމް: ޕަރސިސްޓިންގް އިޝޫސް، ނިއު ޗެލަންޖާޒް، އިނޮވޭޓިވް ރެސްޕޯންސަސް" ނުވަތަ "ދުނިޔޭގެ މަސްތުވާތަކެތީގެ މައްސަލަ: ދެމިއޮތް ކަންބޮޑުވުންތައް، އާ ގޮންޖެހުންތައް، އާ އީޖާދީ ހައްލުތައް" މި ސިއާރުގެ ދަށުން، މަސައްކަތް ކުރުމަށް، ދިވެހިރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައާއެކުގައި ކަމަށެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދުމަކީ ޤައުމުގެ މުސްތަގުބަލާއި ޒުވާނުން ރައްކާތެރިކުރުމަށާއި ހިމާޔަތްކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންނަށް ފަރުވާދިނުމާއި އަލުން މުޖުތަމައަށް ނެރުމުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، މިއަހަރުގެ ފަހުކޮޅު މުޅިން އަލަށް، ވަށާޖެހޭ ފުރިހަމަ ހިދުމަތްދެވޭނެ ތިން ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމަށް ރޭވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މީގެއިތުރުން، މިފަހުން ގެނެވުނު ގާނޫނީ އިސްލާހުތަކުގެ ސަބަބުން، ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، އިޖުރާއީ ހާމަކަން އިތުރުވެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމާއި ކުށްވެރިން ޖަވާބުދާރީކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވެފައިވާ ކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އަލަށް އުފެދެމުންދާ ނުރައްކާތަކާއި، އާ "ސައިކޯއެކްޓިވް" މާއްދާތަކާއި، ބަދަލުވަމުންދާ މަސްތުވާތަކެތީގެ ވިޔަފާރީގެ އުކުޅުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ރާއްޖެއިން އޮންނަ ގުޅުން ދަމަހައްޓާނެކަން ތަކުރާރުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، މަސްތުވާތަކެތިން ސަލާމަތްވެފައިވާ ގައުމެއް ބިނާކުރުމަށްޓަކައި އާއިލާތަކާއި، މުޖުތަމައުތަކާއި، މަދަނީ ޖަމިއްޔާތަކާއި، "ޕްރައިވެޓް ސެކްޓަރ" ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވަމުންނެވެ. އަދި އެކަކު އަނެކަކަށް އަޅާލުމާއި، އޯގާތެރިވުމުގެ އިތުރުން، ފުރުސަތުތައް ފަހިކޮށްދީގެން، އަމިއްލަ ނަފްސަށް ފައިދާހުރި ގޮތްތައް އިހްތިޔާރުކުރުމަށް ފަރުދުންނަށް ބާރުވެރިކަންދީ، މިއަށްވުރެ ވަރުގަދަ އަދި ކަންކަމާ ކުރިމަތިލެވޭ ފަދަ ގައުމެއް ބިނާކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަން، އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.