ހުޅަނގު ކްރިސްޓިއަނިޓީގެ ހެލޮވީން ސައުދީ އަރަބިއްޔާގަވެސް ފެތުރެނީ!
އިސްލާމީ ހުވިއްޔަތު ނުގެއްލި އޮތީ ކޮންތާކު ހެއްޔެވެ؟
މުޅި ދުނިޔެއަށް އިސްލާމްދީނުގެ މަތިވެރި ރިސާލަތު ފެތުރިގެން ދިޔަ މަތިވެރި ބިމާއި، ކަޢުބަތު الله ގެފުޅާއި، ރަސޫލާ ﷺ ގެ މިސްކިތްކޮޅު ހުރި މުޤައްދަސް ބިމުގައި، މިއަދު ހަންޑިއާއި، ފުރޭތައާއި، މާކުންބެއާއި، ސަފަރުކަތްދައާއި، ސަންތިމަރިޔަނބާއި، ޖިންނި ޝައިޠާނުންގެ ސިފައިގައި ހަދާފައިވާ ބިރުވެރި ޝަޚުޞިއްޔަތުތައް ބޭނުންކޮށްގެން ނަޞާރާއިން ފާހަގަކުރާ ޢީދުތައް ފާހަގަކޮށް، އުފާފާޅުކުރަނީއެވެ!
ހުޅަނގުގައި ހެލޮވީން ފާހަގަކުރާ ކުރުމަކީ، އެމީހުންގެ ކުފުރުގެ ޢަޤީދާއާއި، ސަޤާފަތާއި، އަދި މުނިފޫހިފިލުވުމުގެ ބައެކެވެ.
ޔަހޫދީ ޢަރަބިއްޔާ ހެއްޔެވެ؟ އިސްލާމްދީނާއި، އިސްލާމީ ޘަޤާފަތާއި، އިސްލާމީ ތަރިކަ ޒަމާނީ ކުރުމަށްޓަކައި، ތިޔަ ތަޢާރަފު ކުރަމުންދާ ކަންތައްތަކަށް ހަމަ ސާބަހެވެ. އެކަމަކު މުޅި ދުނިޔެއިން އިސްލާމްދީނުގެ މަރުކަޒެއްގެ ގޮތުގައި ދެކޭ ސައުދީ ޢަރަބިއްޔާ ފަދަ ޤައުމަކުން، ހުޅަނގުގެ ޣައިރު މުސްލިމުން ފާހަގަކުރާ ޢީދެއް ނަމޫނާއަކަށް ބަލައިގެން، އެގޮތްތައް ކޮޕީކޮށްގެން ހިންގާ ޙަރަކާތްތަކުގެ ރަސްމީ މުރައްބީއަކަށް ވުމުން، ސުވާލު އުފެދުމަކީ ޠަބީޢީ ކަމެކެވެ. ނަމަނަމަ މިއީ ވަކި ދީނަކާއި، ނުވަތަ ވަކި ބަޔަކާއި ދެކޮޅުވުން ކަމުގައި ހީނުކުރާށެވެ.
2022 ވަނައަހަރުގެ އޮކްޓޯބަރު މަހުގައި، ސައުދީ ޢަރަބިއްޔާގެ ވެރިރަށުގައި، "ރިޔާޒު ސީޒަންގެ" ދަށުން "ބިރުވެރި ހަފްތާބަންދުގެ" ނަމުގައި ދެ ދުވަހުގެ ޙަރަކާތެއް ބޭއްވިއެވެ. ހަންޑިއާއި، ފުރޭތައާއި، ސަންތިމަރިޔަނބާއި، ފޫޅުދިގުހަންޑި ފަދަ ބިރުވެރި ޝަޚުޞިއްޔަތްތަކުގެ ހެދުން އަޅައިގެން އައުމަށް މީސްތަކުންނަށް ދަޢުވަތު ދީފައިވާއިރު، އެފަދަ ހެދުން އަޅައިގެން އަންނަ އެންމެންނަށް ހިލޭ، އެތަނަށް ވަދެވޭނޭކަންވެސް ވަނީ އިޢުލާންކޮށްފައެވެ. އެއީ އަމިއްލަ ބަޔަކު ބޭއްވި ޙަރަކާތެއް ނޫނެވެ. އެކަމަކު، އެއީ "ސަޢޫދީ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީ" ގެ ބެލުމުގެ ދަށުން ބޭއްވި ރަސްމީ ޙަރަކާތެކެވެ.
2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ސައުދީ ޢަރަބިއްޔާގެ ރިޔާޒް ފަދަ ބޮޑެތި ސަހަރުތަކުގައި، އަމިއްލަފަރާތްތަކާއި އަދި ސަރުކާރުން ހެލޮވީން ބާއްވައި، އުފާފާޅުކުރުންތައް ކުރިއަށް ގެންދިޔައެވެ. އެގޮތުން، ސައުދީ ޢަރަބިއްޔާގެ ވެރިރަށުގައި ތަފާތު ސްޕޫކީ އިވެންޓްތަކާއި، ބިރުވެރި ތީމްތަކުގެ މޭކަޕް ނައިޓްތަކާއި، ކޮސްޓިއުމް މުބާރާތްތަކާއި، ލައިވް ޕާފޯމަންސްތައް ކުރިއަށް ގެންދިޔައެވެ. މުނިފޫހިފިލުވުމުގެ މަޝްހޫރު ހަބްތަކާއި، ލަގްޒަރީ ހޮޓާތަކާއި، މަތީފެންވަރުގެ ރެސްޓޯރެންޓްތަކުން ހެލޮވީން ތީމްގެ ޚާއްޞަ ކެއުންތަކުގެ ތަޖުރިބާތަކާއި، ޕްރޮގްރާމްތައް އިންތިޒާމްކޮށްފައިވެއެވެ.
މިހާރު އުފެދޭ ސުވާލަކީ ސައުދީ ޢަރަބިއްޔާއިން ދުނިޔެއަށް، ވަކިން ޚާއްޞަކޮށް އިސްލާމީ ދުނިޔެއަށް ދޭން ބޭނުންވެގެން މިއުޅެނީ ކޮން މެސެޖެއް ހެއްޔެވެ؟ "ވިޝަން 2030" ގެ މާނައަކީ އިޤްތިޞާދީ ތަރައްޤީއާއި، ފަތުރުވެރިކަމުގެ ނަމުގައި، ހުޅަނގުގެ ކޮންމެ އާދަކާދައަކާއި، ސަޤާފަތެއް ބަލައިގަނެ، އެއާ އެއްގޮތަށް ޢަމަލުކުރުން ހެއްޔެވެ؟ ފަތުރުވެރިން ޝައުޤުވެރި ކުރުމަށްޓަކައި ޖިންނި، ޝައިޠާނުންނާއި، ދެވިތަކާއި، ސަންތިމަރިޔަނބު ފަދަ ޝަޚުޞިއްޔަތުތައް ބޭނުން ކުރަން ޖެހޭ ވަރުގެ ފަނޑުއެއްޗަކަށް، އިސްލާމީ ތާރީޚާއި، ޢަރަބި ޙަޟާރަތާއި، ސަޤާފަތާއި، އެތައް ހާސް އަހަރެއްވީ ތާރީޚީ ތުރާސް، ވީހެއްޔެވެ؟
ސައުދީ ޢަރަބިއްޔާގެ ޢަމަލުތަކަށް ވުރެ ބޮޑަށް، އަހުރެންނަށް އެންމެބޮޑު ހައިރާންކަމެއް ލިބެނީ، ދީނީތާކިހާ އަޅައިގެން އިސްލާމްދީނުގެ މުޙާފިޛުންނަށް ވެގެން އުޅޭ މީހުން ގެންގުޅޭ ދެ މިންގަނޑުގެ ސަބަބުންނެވެ. ކީރިތި ރަސޫލާގެ ޢީދުމީލާދު ފާހަގަކުރުމަކީ ބިދުޢައެއް ކަމަށް ބުނެ، ފަތުވާތަކާއި، ދަރުސްތަކާއި، ދީނީ ޖޯޝުން ފުރިގެންވާ ޕޯސްޓްތައް މޫނުފޮތަށާއި، މީސްމީޑިއާއަށް ދޫކޮށްލާ މީހުންނަށް، ސައުދީ ޢަރަބިއްޔާއިން ކުރާ ލާދީނީ އެއްވެސް ކަމެއް ނުފެނެއެވެ. އެކަމަކު، ޢީދުމީލާދު ފާހަގަ ކުރުމަކީ ހުޅަނގުގެ ޙަޟާރަތު ނަކަލުކޮށް، އިސްލާމީ ހުވިއްޔަތާއި ޚިލާފު ކަމެއްގެ ގޮތުގައި ލޭބަލްކުރެއެވެ.

ސައުދީ ޢަރަބިއްޔާގައި، މުޙައްމަދު ބިން ސަލްމާނުގެ ސަރުކާރުގެ ބެލުމުގެ ދަށުން މިފަދަ ލާދީނީ ޙަރަކާތްތައް ހިންގާއިރު، އިސްލާމީ ދުނިޔޭގެ ޢިލްމުވެރިންގެ ދޫ ބަންދުވެ، ހިމޭންވަނީ ކީއްވެގެން ހެއްޔެވެ؟ އިސްލާމް ދީނުގެ އުޞޫލުތަކަކީ ހަމައެކަނި އާންމު ރައްޔިތުންނަށް ޚާއްޞަ އުޞޫލުތަކެއް ހެއްޔެވެ؟ ރަސްރަސްކަލުންނާއި، ޝެހެޒާދާއިންނާއި، ވެރިންނާއި ޖެހުމުން ދީނުގެ އިންތަކާއި، މިންތައް ބަދަލުވަނީ ހެއްޔެވެ؟ ދީނީ ގޮތުން ބަލާއިރު، އާންމު އާދައިގެ މުސްލިމެއްގެ މައްޗަށް ވަކިކަމެއް ކުރުން ޙަރާމް ވެފައި، ހަމަ އެ ޢަމަލު ވެރިންގެ މައްޗަށް ހުއްދަ ކުރެވެނީ ކޮންގޮތަކުން، ކިހިނެއް ހެއްޔެވެ؟
އިސްލާމްދީނަކީ ވަކި ރަސްކަލެއްގެ ހިރިޔާފާތުރާ ދަށުގައި އޮތް، އޭނާގެ ތަރިކަ މުދާގަނޑެއް ނޫނެވެ. އަދި އެ ދީނުގެ ޙުކުމްތަކެއް، ޝާހީ ކިއްލާއެއްގެ ދޮރުގެ އޮޅިގަނޑާއި ހަމައިން ބަދަލެއް ނުވާނެއެވެ! ސައުދީ ޢަރަބިއްޔާގެ ވެރިން ހަނދާންކުރަން ޖެހޭ ކަމަކީ، މައްކާއާއި، މަދީނާއަކީ ހަމައެކަނި ފަތުރުވެރިންގެ މަންޒިލްތަކެއް ނޫން ކަމެވެ. އެއީ، މި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި އެތައް ބިލިއަން މުސްލިމުންގެ، އީމާންކަމާއި، ލޯތްބާއި، ރޫޙާނީ ގުޅުމުގެ މަރުކަޒެވެ. އެ މުޤައްދަސް ބިމާއި ގުޅިފައިވާ އުއްމީދުތައް، އެހެން އާދައިގެ ޤައުމުތަކުގެ ބިމާއި، ގުޅިފައިވާ އުއްމީދުތަކާއި މުޅިން ތަފާތެވެ.
އިޤުތިޞާދީ ގޮތުން، ދުނިޔެއާއެކު ތަރައްޤީގެ ރޭހުގައި ބައިވެރިވެ، ފަތުރުވެރިކަން ކުރިއެރުވުމަށްޓަކާ، ޒަމާނީ މަޝްރޫޢުތައް ކުރިއަށްގެންގޮސް، އިތުރު ވުނަތައް ގެންނަން ޖެހޭނެއެވެ. އެކަމަކު، އެކަމުގެ ތެރެއިން ތިމަތިމާމެންގެ ދީނާއި، މިއްލަތާއި، ހުވިއްޔަތާއި، ސަޤާފަތާއި، އަޚުލާޤީ އަގުތައް ޤުރުބާންކޮށްގެން ނުވާނެއެވެ. މިހާރު ތިޔަ ގެންނަނީ ކޮންކަހަލަ ތަރައްޤީއެއް ހެއްޔެވެ؟ ތިމާމެން، ނަޞީބުކަމުގައި ލެއްވި އިސްލާމްދީން ބޮލާލާޖަހައި، އެ ދީނުގެ އުޞޫލުތައް މުގުރާލައި، ކާފަރުންގެ ޢީދުތައް ފާހަގަކުރުމަކީ ތަރައްޤީ ހެއްޔެވެ؟
މިއީ ކޮންފަދަ އަޖާއިބުކުރުވަނިވި ޒަމާނެއް ހެއްޔެވެ! އިސްލާމްދީނުގެ މަތިވެރި ރިސާލަތު ދުނިޔެއަށް ފޯރުކޮށްދިން ބިން، މިއަދު މިވަނީ ހުޅަނގުގެ ޚުރާފީ ޢީދުތަކުގެ ޙަރަކާތްތައް ދައްކުވައިދޭ ބިމަކަށް ބަދަލުވެފައެވެ. ނިންމާލުމުގެ ކުރިން ސައުދީ ޢަރަބިއްޔާގެ ވެރިންނަށާއި، ހައްޕު ކިޔައިގެން، ލޯމަރާލައިގެން ތިބި، އިސްލާމީ ދުނިޔޭގެ ޢިލްމުވެރިންނަށް އެންމެ ސުވާލެއް ކޮށްލާނަމެވެ؛
އިސްލާމްދީނުގައި، ޣީރަތްތެރި ކަމަކީ ހަމައެކަނި، އާންމު އާދައިގެ މުސްލިމުންގެ މައްޗަށް އޮތް ކަމެއް ހެއްޔެވެ؟ ނުވަތަ ރަސްރަސްކަލުންނާއި، ޝެހެޒާދާއިންނާއި، އަމީރުންނާއި، ރައީސުންނާއި، ވެރިންގެ މައްޗަށްވެސް އެކަންތައް އެބައޮތްތޯއެވެ؟
~ ޙަސަން ލުތުފީ ~
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online