ރޭޕާއި ޖިންސީ ގޯނާގެ ކުށް ރަސަލް ބްރޭންޑްގެ މައްޗަށް ސާބިތުވެއްޖެ

ނޮވެންބަރު 06, 2026 - 15:35
އަދާހަމަވެއްޖެ: 4 ދުވަސްތައް ކުރިން
ރޭޕާއި ޖިންސީ ގޯނާގެ ކުށް ރަސަލް ބްރޭންޑްގެ މައްޗަށް ސާބިތުވެއްޖެ
ތަސްވީރު: ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ މީޑިއާތަކުގެ ސަމާލުކަން މަހަކަށް ވުރެ ގިނަ ދުވަހު ހުއްޓުނު ސަރީއަތް ނިމި، މަސްހޫރު އެކްޓަރު އަދި ކޮމެޑިއަން ރަސަލް ބްރޭންޑްގެ މައްޗަށް ރޭޕާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެފައިވާ ކަމަށް ލަންޑަންގެ ކޯޓަކުން ކަނޑައަޅައި، އޭނާ ކަފާލާތުގެ ދަށުން ދޫނުކުރުމަށް ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ސައުތުވަރކް ކްރައުން ކޯޓުގައި ހަތަރު ހަފުތާއަށް ދެމިގެންދިޔަ އަޑުއެހުންތަކަށްފަހު، ޖޫރީން ބުރާސްފަތި ދުވަހު އިއްވި ހުކުމުގައި ވަނީ ރޭޕްކުރުމުގެ އެއް ދައުވާއާއި ޖިންސީ ގޯނާކުރުމުގެ ތިން ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. ނަމަވެސް ރޭޕްގެ އިތުރު ދެ ދައުވާއަކާއި ބޭއަދަބީ ހަމަލާއެއް ދޭން އުޅުމުގެ ދައުވާއިން އޭނާ ވަނީ ސަލާމަތްވެފައެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ ހޮލީވުޑްގެ މަސްހޫރު ފިލްމުސްޓާރ ރަސަލް ބްރޭންޑް

މި މައްސަލައިގެ ހުރިހާ ދައުވާއެއްގައި ވެސް ޖޫރީންގެ އިއްތިފާގު ނިންމުމެއް ބޭނުންވާނެ ކަމަށް ފަނޑިޔާރު ބެނަތަން ކުރިން ވަނީ ކަނޑައަޅުއްވާފައެވެ. އެންމެ ފުރަތަމައިނުން ފެށިގެން ވެސް މި ތުހުމަތުތަކަށް އިންކާރުކުރަމުން ދިޔަ ބްރޭންޑަށް އަދަބު ކަނޑައެޅުން ހޯމަ ދުވަހަށް ތާވަލުކޮށްފައިވާއިރު، އޭނާ ގައުމު ދޫކޮށް ފިލައިފާނެ ކަމުގެ ބިރު އޮތުމުން ކަފާލާތު ދިނުމަށް ކޯޓުން ވަނީ ދެކޮޅު ހަދައި، ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

ހުކުމް އިއްވި ވަގުތު ކޯޓު ރޫމު މުޅިން ހިމޭންވި އިރު، ސަރީއަތުގެ ކޮންމެ ދުވަހަކު އޭނާއާއެކު ހާޒިރުވި އަނބިމީހާ އިނީ ލޮލުން ކަރުނަ ހިފަހައްޓައިގެންނެވެ. ފުލުހުންގެ ބެލުމުގެ ދަށުން ކޯޓުން ނެރެގެން ގެންދިޔަ ވަގުތު ބްރޭންޑް ވަނީ އޭނާގެ ވަކީލުންނަށް ބަލައިލުމަށްފަހު އޭނާގެ ހާލު ރަނގަޅު ކަމަށް އިސާރާތްކޮށްފައެވެ.

މެޓްރޮޕޮލިޓަން ޕޮލިހާ ހަވާލާދީ ސްކައި ނިއުސް އިން ރިޕޯޓުކުރި ގޮތުގައި، ރޭޕްގެ އިތުރު މައްސަލަތަކެއްގައި ވެސް ބްރޭންޑްގެ ތަހުގީގުތައް ފުލުހުން ދަނީ ހިންގަމުންނެވެ.

ބުރާސްފަތި ދުވަހު ސާބިތުވި ރޭޕްގެ މައްސަލައަކީ 2009 ވަނަ އަހަރު ހެމަސްމިތު އެޕޯލޯގައި ބޭއްވި އޭނާގެ ޝޯއަކުން ދިމާވި އަންހެނަކާ ގުޅޭ މައްސަލައެކެވެ. ފުލުހުންނަށް ދިން ބަޔާނުގައި އެ އަންހެން މީހާ ބުނެފައިވަނީ، ހަފުތާއެއް ފަހުން ބްރޭންޑްގެ ގެއަށް ދިޔައީ ދެމީހުންގެ ރުހުމުގައި ގުޅުން ހިންގުމުގެ ނިޔަތުގައި ކަމަށެވެ. ނަމަވެސް އާދައިގެ ގޮތަކަށް ޖިންސީ ގުޅުން ހިންގުމަށްފަހު، އޭނާގެ ރުހުމަކާ ނުލައި ގަދަކަމުން ފުރަގަސްފަރާތުން ގުޅުން ހިންގީ ކަމަށް އޭނާ ބުންޏެވެ. އަދި އެވަގުތު ނޭވާލާން ވެސް ދަތިވެ، ވީ ތަދުން ބަސް ހުއްޓުނު ކަމަށާއި، ވާހަކަދެއްކޭ ވަރު ވުމުން ހުއްޓާލުމަށް ބާރަށް އެދުނު ކަމަށް ވެސް އޭނާ ބުންޏެވެ. މި އަމަލު އެތައް މިނެޓަކަށް ދެމިގެންދިޔަ ކަމަށާއި، އެކަން ނިމުމުން މާފަށް އެދުމުގެ ބަދަލުގައި ބްރޭންޑް ބުނީ "ކަލޭ ހަޑިކުރި ތަން ކަލޭ ސާފުކުރާށޭ" ކަމަށް އެ އަންހެން މީހާ ކޯޓުގައި ކިޔައިދިނެވެ.