ދަރަވަންދޫގޭ ހުސައިން ދީދީއަކީ ކޮންބޭފުޅެއްކަން އެނގޭތަ؟
ދަރަވަންދޫގޭ ހުސައިން ދީދީއަކީ ދިވެހިރާއްޖެއިން ކިޔަވައިވިދާޅުވެގެން، 19 ވަނަ ގަރުނުގައި ދިވެހިރާއްޖޭގައި އިލްމު ފަތުރުއްވަން، ވަކީން ޚާއްސަކޮށް ދީނީ އިލްމު ފަތުރުއްވަން އެންމެ ބޮޑަށް މަސައްކަތްކުރި ދަންނަބޭކަލުންގެ ތެރޭގަ ހިމެނުނު، ދިވެހިރާއްޖެ ދުށް އެންމެ ޢިލްމުވެރި ޚާންދާނުކަމުގައިވާ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން އަލްކަބީރު، ބޮޑުފަނޑިޔާރުތަކުރުފާނުގެ ދަރިކޮޅަށާއި، ދިޔަމިގިލީ ރަސްދަރިކޮޅަށް ނިސްބަތްވެ ވަޑައިގެންނެވި، ފަޟީލަތުއްޝައިޚް ހުސައިން ސަލާހުއްދީނެވެ.
ޞަލާހުއްދީންގެ މަންމާފުޅަކީދަރަވަންދޫ ޙުސައިން އެދުރުކަލޭފާނުގެ ޒަކަރިއްޔާކަލޭފާނުގެ މުސާކަލޭފާނުގެ، ދަރަވަންދޫގޭ ތުއްތު މަނިކެ އެވެ. ޞަލާހުއްދީނު ކިޔަވައިވިދާޅުވީ ދިވެހިރާއްޖެއިންނެވެ. އޭރު ރާއްޖޭގައި ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރިންގެ އަރިހުންނެވެ. ޞަލާހުއްދީންގެ ފުރަތަމަ އުސްތާޒަކީ އަލްފަޤީހު އިބްރާހީމް ބިން ޙުސައިން ތަކުރުފާނު (އައްޑު މީދޫ އައިސާބީ ގެދަރު ދޮންބެއްޔާ) އެވެ. އޭގެ ފަހުން ކިޔަވައި ވިދާޅުވީ އައްޝައިޚު މުޙައްމަދު ޖަމާލުއްދީން (ނައިބު ތުއްތު) ގެ އަރިހުންނެވެ.
ބައްޕާފުޅަކީ ރަނަހަމާދި ތަކުރުފާނުގެ ފުތް އައްޝައިޚް އަލްފަޤީހް އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އަލްޙާފިޡާ ބޮޑު ފާޠިމާފާނުގެ ދަރިކަނބަލުން ޒުލައިޚާބީގެ ދަރިކަނބަލުން އަތިރީ ޙައްވާބީގެ ދަރިކަނބަލުން އަތިރީ ކަމަނާއާ، އައްސައްޔިދު މުޙައްމަދު ނަހާ އަލްމަލާބާރީ (ހޮޅިނަހާ) ގެ ފުތް ފަސްމަންދޫ އަލްވަޒީރު ޙަސަން ބޮޑު ހަކުރާ ތަކު ރުފާނު ކައިވެނި ބައްލަވައިގެން، މި ދެކަނބަލުންނަށް ލިއްބެވި ފާޠިމާ މާވާކިލެގެފާނުގެ ދަރިކަނބަލުން ޢާއިޝާ ކަނބާފާނުއާ، އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނުގެ ދަރިކަލުން އައްސުލްޠާން އިބްރާހީމް އިސްކަންދަރު (2 ވަނަ) ކައިވެނިފުޅު ބައްލަވައިގެން، މި ދެކަނބަލުންނަށް ފުރަސޫތާވި ދަރިކަނބަލުން ޢާއިޝާ ރަންދިކަނބާފާނުގެ ދަރިކަނބަލުން މާވާ މަރްޔަމްދީދީގެ މާވާ ޙުސައިންދީދީގެ އާމިނާ މެދު ދީދީގެ ބޮޑުގަލު މޫސާ ދީދީއެވެ.
ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އުފަންވެ ވަޑައިގަތީ 14 އެޕްރީލް 1881 (15 ޖުމާދަލްއޫލާ 1298) ވީ ބުރާސްފަތި ދުވަހު ފުރަމާލޭގައެވެ. މި މަނިކުފާނު ދިވެހި އަދަބަށް ކުރެއްވި ޚިދުމަތްތައް ހިމަނައި ގުނައިލެވޭ ވަރަށް ވުރެން ގިނައެވެ. ޅެންތަކާއި ރައިވަރުތަކެވެ. މަޒުމޫނުތަކާއި ޚުޠުބާތަކެވެ. ވާހަކަތަކެވެ. ދީނީ ފޮތްތަކެވެ. ނުލިޔުއްވާ މައުޟޫޢެއް ނެތެވެ. ޅެން ވިދާޅުނުވާ ބާބެއް ނެތެވެ. ޞަލާހުއްދީންގެ އެންމެ ބޮޑު އުސްތާޛަކީ އަލްޢައްލާމާ އައްޝައިޚް އަލްޙާފިޡް އިބްރާހިމް ތަކުރުފާނު (ސ. މީދޫ އައިސާބީގެދަރު ދޮންބެއްޔާ) މިކަލޭގެ ފާނެވެ. ދެން އޭގެ ފަހުގައި ޞަލާޙުއްދީން ދަރިވަރުވެ ވަޑައިގަތީ އައްޝައިޚް މުޙައްމަދު ޖަމާލުއްދީން އަރިހުންނެވެ.
ޙުސައިން ޞަލާޙުއްދީނު ދައުލަތަށް ޚިދުމަތް ކުރަން ފެއްޓެވީ ޢުމުރުން 18އަހަރުފުޅުގައެވެ. ފުރަތަމަ ލިބިވަޑައިގަތީ ދައުލަތުގެ ބަންޑާރަ ނައިބުކަމެވެ. އެއީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (6)ގެ ރަސްކަމުގައެވެ. އެމަޤާމުގައި ހުންނަވަނިކޮށް، އެރަސްކަން ބަދަލުވެ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3) ދެވަނަފަހަރަށް ތަޚުތުގައި ވެޑުވުނެވެ. އެރަސްކަމަށް ކޮލިލެވިގެން އަހަރުތަކެއްނުވެ ޞަލާޙުއްދީނާއި ފަޑިޔާރުކަމާ މަތިކުރެއްވިއެވެ. އެއީ، 4 ރަޖަބު 1347ހ. (17 ޑިސެމްބަރު 1927މ.) ވީ ހޯމަދުވަހުއެވެ. ޝަމްސުއްދީނުގެ ރަސްކަމުގައި، ދިވެހި އުއްމަތުގައި ދުސްތޫރީ ޙުކޫމަތެއް ޤާއިމުވެ 22 ޑިސެމްބަރު 1932ގައި ޤާނޫނު އަސާސީ އިޢުލާންކުރުމާއި ގުޅިގެން، އެޤާނޫނުގައި ބަޔާންވެގެންވާ ވަޒިރުލް ޙައްޤާނިއްޔާ ކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ ޙުސައިން ޞަލާޙުއްދީން އުއްތަމަ ފަޑިޔާރު މަނިކުފާނެވެ.
ދުވަސްކޮޅެއްގެ ތެރޭގައި ޤާނޫނީ ފުރަތަމަ ސަރުކާރު އުވިގެންދިޔައެވެ.
އަދި ޤާނޫނު އަސާސީއަށްވެސް ބަދަލުތަކެއްއައެވެ. އުވިގެންދިޔަ ބައެއް މަޤާމްތެރޭގައި ވަޒީރުލް ޙައްޤާނިއްޔާކަމުގެ މަޤާމުވެސް އުވުނެވެ. އަދި ފަހުން ރަސްކަންވެސް ބަދަލުވެގެން ދިޔައެވެ. ދެން ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން ޙަސަން ނޫރައްދީނު (2)އެވެ. (1935މ. އިން 1943މ.އަށް)
ޙަސަން ނޫރައްދީނުގެ ރަސްކަމުގައިއައި، 18 މުޙައްރަމު 1355ހ. (11 އެޕުރީލް 1936މ.) ގައި ޞަލާޙުއްދީނާއި އުއްތަމަ ފަޑިޔާރުކަމާއި މަތިކުރެއްވިއެވެ. އެދުވަހުން ފެށިގެން އެމަނިކުފާނު އަވަހާރަވުމަށް ދާންދެން އުއްތަމަ ފަޑިޔާރަކީ އެމަނިކުފާނެވެ. ދައުލަތަށް ޚިދުމަތްކުރުމުގެ ގޮތުން ގިނަ ރޮގުތަކެއްގައި، އެމަނިކުފާނަށް އުޅުއްވަން ޖެހިވަޑައިގަތެވެ. ދިވެހި ސަރުކާރުން ފުރަތަމަ އުފެއްދެވި ސްކޫލް، މަދަރުސަތުއް ސަނިއްޔާ (ފަހުން މަދްރަސަތުލް މަޖީދިއްޔާ، ނުވަތަ މަޖީދިއްޔާ ސްކޫލް) ހުޅުވާލެވުނީ، އެމަނިކުފާނު އެތާންގެ ނާޡިރަކަށް ހުންނަވައިގެންނެވެ. އެއީ 17 ޛުލްޙިއްޖާ 1346ހ. (1927މ.) ގައެވެ. ދިވެހި ރާއްޖެގެ ދުސްތޫރީ ޙުކޫމަތެއް ޤާއިމު ކުރެއްވުމަށް، ޤާނޫނު އަސާސީ ލިޔެ އެކަށައެޅުމަށް މުޙައްމަދު ޝަމްސުއްދީނު ރަދުން އުފެއްދެވި މަޖުލިސްގެ އެއް މެމްބަރަކު ކަމަށާއި އަދި އެމަޖުލިސްގެ ސެކްރެޓަރީއަކުކަމަށް ރަދުން ޢައްޔަން ކުރެއްވީ އެމަނިކުފާނެވެ. ދިވެހި ރާއްޖެގެ ތާރީޚުލިޔެ އެކަށައެޅުމަށް ދައުލަތުން އެކަށައެޅުއްވި ކޮމެޓީތަކުގެ އިސް މެމްބަރުކަމާއި، ދައުލަތާއި ޝަރީޢަތް ހިންގުމުގައި މަހާރަދުންނަށް ލަފާދެއްވާ ބޭފުޅަކުކަން، އަދި ދިވެހި ބަހާއި އަދަބަށް ޚިދުމަތްކުރުމަށް ސަރުކާރުން އެކިފަހަރުމަތިން އެކަށައެލުއްވި ކޮމެޓީތަކުގައި މުސްތަޝާރަކަށް، ނުވަތަ ރައީސަކަށް އެމަނިކުފާނު ޚިދުމަތް ކުރެއްވިއެވެ.
ދިވެހި ދަރީންނަށް ދީނީ ޢިލްމު އުގަންނައި ދެއްވުމުގައި އެމަނިކުފާނުގެ މުޅި ޙަޔާތްފުޅު ހޭދަކުރައްވައި އެކަމުގައި އުފުއްލެވި ބުރަތަކަކީ، ދިވެހި ރާއްޖޭގެ ދިގު ތާރީޚުގައި ވަރަށް މަދުމީހަކުވެސް ކޮށްފައި ނުވާފަދަ ޖިހާދެކެވެ. މިކަމުގެ ނަތީޖާއެއްގެގޮތުން ޢިލްމު އުގެނިގެންތިބި ދިވެހި ދަރިންތަކެއް މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި އުފެދިގެން ދިޔައެވެ. އަދި ކީއްތޯއެވެ. އެމަނިކުފާނުގެ އަރިހުން ދަރިވަރުވެގެންނާއިއެކު މަތީ ތަޢުލީމު ހޯއްދެވި ޢިލްމުވެރިންތަކެއްވެސް އުފެދިގެން ދިޔައެވެ. އޭގެތެރޭގައި ފަޟީލަތުއްޝައިޚު ޙުސައިން ރަހާ، ފަޟީލަތުއްޝައިޚު މުޙަންމަދު ވަހީދު ނައިފަރު، ފަޟީލަތުއްޝައިޚު އިބުރާހިމް ލުޠުފީ، ފަޟީލަތުއްޝައިޚު އަބުދުﷲ ފަހުމީ (ފަހުން ޢަބުދުﷲ ޖަލާލުއްދީނު) ފަޟީލަތުއްޝައިޚު މުޙައްމަދު ސަޢީދު ދީދީ، މިއިން ކޮންމެ ބޭފުޅަކީ، ޙުސައިން ޞަލާޙުއްދީނުގެ އަރިހުން ދަރިވަރު ވެގެން، މިޞްރަށް ވަޑައިގެން ޖާމިޢުލް އަޒުހަރުން ތަޢުލީމު ނިންމެވި ޢިލްމު ވެރީންނެވެ. އިސްވެ ދެންނެވި ބޭފުޅުންގެ އިތުރައްވެސް، އަޅުގަނޑުމެންގެ ރާއްޖެދުއް ޢިލްމުވެރީންތަކެއްގެތެރޭ އެމަނިކުފާނުގެ ދަރިވަރުންކަމުގައިވި، އަލްއުސްތާޛު އަޙުމަދު ކާމިލް ދީދީ، އަލްފާޟިލް ޙުސައިން ޙިލްމީ ދީދީ، އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ، އައްސައްޔިދު އަބުދުލް ޤައްޔޫމު ދޮންސީދީ، އައްނަބީލު މަލިން މުޙައްމަދު ދީދީ، އައްޝައިޚު މަލިން މޫސާ މާފަތްކަލޭފާނު، އައްސައްޔިދު ކަޅުހުރާގޭ ތުއްތު ސީދީ، އައްޝައިޚު މުޙައްމަދު ނަސީރުމަނިކު، އައްޝައިޚު އަބުދުﷲ ދީދީ (ދަރަވަންދޫގޭ) އަލްފާޟިލް ޢަބުދުލް ޙަކީމް ކާންނާ ކަލޭފާނު، މިބޭބޭފުޅުން ހިމެނެއެވެ. މީގެތެރެއިން، އަޙުމަދު ކާމިލްއާއި ޙުސައިން ޙިލްމީ ފިޔަވައި އެހެން ބޭފުޅުންނަކީ ރާއްޖެއިން ބޭރުގެތާކުން ކިޔަވައި ވިދާޅުވުމެއްނެތި، ޢިލްމުވެރީންގެ ސަފުގައި ހިމެނުނު ބޭފުޅުންނެވެ.
ލިޔުއްވި ބައެއް ފޮތްތައް
1- الدرة البهية فى ترجمة الاحكام الشرعية
މިއީ ފިގުހުގެ ކުޑަ މުގައްދިމާއެކެވެ. 3 ފަހަރެއްގެ މަތިން (1909، 1912، 1913) މިފޮތުގެ 17200 ކޮޕީ ޗާޕުކުރެވުނެވެ. ސަފުހާގެ އަދަދަކީ 56 އެވެ.
2- البرهان على الأيمان
މިއީ ކުޑަކުދީންމަށް އީމާންކަމާއި އިސްލާމްކަން ދަސްކޮށްދޭން ފަސޭހަވާނޭހެން ލިޔުއްވާފައިވާ ފޮތެކެވެ. ފޮތް ޗާޕުކުރެވުނީ 1931 ގައެވެ. ސަފުހާގެ އަދަދަކީ 32 އެވެ.
3- الحسنات فى ترجمة الأذكار والدعوات الواردة فى الصلاة المفروضات
މިއީ ނަމާދުކުރުމުގައި ކިޔޭ ޒިކުރު ތަސްބީހައާއި ދުއާތަކުގެ ދިވެހި ތަރުޖަމާއެކެވެ. ދެ ފަހަރެއްގެ މަތިން (1930، 1931) 2000 ކޮޕީ ޗާޕުކުރެވުނެވެ. ސަފުހާގެ އަދަދަކީ 100 އެވެ.
4- النهجةالسويه فى ترجمة الأربعين النورية
މިފޮތް ޗާޕުކުރެވުނީ 1916 ގައެވެ. ސަފުހާގެ އަދަދަކީ 72 އެވެ.
5– تسديدالأذهان فى تجويد القرآن
މިފޮތް ޗާޕުކުރެވުނީ 1931 ގައެވެ. ސަފުހާގެ އަދަދަކީ 48 އެވެ.
6- اليكم ايهاالنواب
މިއީ ކާވެނީގެ ހުކުމްތަކުގެ ތެރެއިން ކޮންމެހެން ބޭނުންވާ މައުލޫމާތުގެ މައްޗަށް އެކުލެވިގެންވާ ފޮތެކެވެ. ފޮތް ޗާޕުކުރެވުނީ 1926 ގައެވެ. ސަފުހާގެ އަދަދަކީ 24 އެވެ.
7- ކާވެނީގެ ސުވާލުތައް
މިއީ ކާވެންޏަށް ފަނޑިޔާރުގެއަށް އަންނަ މީހުންނާ ކުރެވޭ ސުވާލުތަކާއި އޭގެ ޖަވާބުތަކުގެ މައްޗަށް އެކުލެވިގެންވާ ފޮތެކެވެ. ފޮތް ޗާޕުކުރެވުނީ 1931 ގައެވެ. ސަފުހާގެ އަދަދަކީ 40 އެވެ.
8- التحفة الأدبية لطلاب اللغة المحلديبية
މިއީ ދިވެހިބަހުގެ މައްޗަށް ލިޔެފައިވާ ކުޑަފޮތެކެވެ. މިފޮތް ޗާޕުކުރެވުނީ 1958 (؟) ގައެވެ. ސަފުހާގެ އަދަދަކީ 48 އެވެ.
9- جوهرة التوحيد
މިއީ ތައުހީދު އިލްމުގެ މައްޗަށް ދިވެހިބަހުން ހައްދަވާފައިވާ ޅެންފޮތެކެވެ. މިފޮތް ޗާޕުކުރެވުނީ 1939 ގައެވެ. ޖުމްލަ 1000 ފޮތް ޗާޕުކުރެވުނެވެ. ސަފުހާގެ އަދަދަކީ 28 އެވެ.
10- އައްސުލްތާން ހަސަން ނޫރައްދީން (2) ރަދުންނަށް ރަސްކަމަށް ކޮލިލުމަށްފަހު، ރަދުންގެ ފަރާތުން މާލޭގެ ހަތަރު އަވަށަށާއި ރާއްޖެއަށް ނެރުއްވި އަމުރުފުޅުތަކުގެ މައްޗަށް އެކުލެވިގެންވާ ފޮތެއް.
މިފޮތް ޗާޕުކުރެވުނީ 1938 ގައެވެ. ސަފުހާގެ އަދަދަކީ 28 އެވެ.
11- السيرة النبوية بااللغةالمحلديبية
މިއީ ސަލާމާއި ސަލަވާތްލެއްވި ކީރިތި މާތްރަސޫލާގެ ސިޔަރަތުގެ މައްޗަށް ލިޔުއްވާފައިވާ ފޮތެކެވެ. ފޮތް ޗާޕުކުރެވުނީ 3 ބަޔަށް ބަހައިގެން 1937 ގައެވެ. ފޮތުގެ 3 ބައިގައިވަނީ ޖުމްލަ 1654 ސަފުހާއެވެ.
12- ތަސްބީހައާއި ތަހްލީލު ކިޔާގޮތް ލިޔެފައިވާ ކުޑަ ފޮތެއް.
ފޮތް ޗާޕުކުރެވުނީ 1938 ގައެވެ. ސަފުހާގެ އަދަދަކީ 8 އެވެ.
13- ޚުތުބާ ފޮތް 1 އަދި 2
މިއީ ހުކުރު ޚުތުބާ ފޮތުގެ ދެ ފޮތެވެ. ޗާޕުކުރެވުނީ 1927 ގައެވެ. ފޮތެއްގައި އެކުލެވިގެންވަނީ 48 ސަފުހާއެވެ.
14- ޚުތުބާ ފޮތް
މިއީ މާލޭގައި ޗާޕުކުރެވުނު ޚުތުބާ ފޮތެކެވެ. ޗާޕުގެ ތާރީޚެއް ނޭނގެއެވެ. ފޮތުގައި ވަނީ 54 ސަފުހާއެވެ.
15- احسن العبر فى خبر ولادة خير البشر
މިއީ ވޯރާ ވިޔަފާރިވެރިޔަކު ބުންބާއިން ޗާޕުކޮށްދިން ކުޑަ މައުލޫދު ފޮތެކެވެ. ޖުމްލަ 2000 ފޮތް ޗާޕުކުރެވުނެވެ.
16- فتح الملك المجيب فى ترجمة مسلك قريب
މިއީ 1906 ގައި އައްޑޫ މީދޫގައި ހުންނެވިއިރު އެރަށު އެޅެގޭ މުހައްމަދު ދީދީއަށް ތަރުޖަމާކޮށްދެއްވި އަޅުކަމާބެހޭ ފޮތެކެވެ. ސަފުހާގެ އަދަދަކީ 162 އެވެ.
17- ދިންނަވާނޭމަގު
މިއީ 1935 ގައި ކޮޅުމަޑުލު އޮމަދޫގައި ހުންނަވައިގެން ލިޔުއްވި އަޅުކަމުގެ ފޮތެކެވެ. ފޮތް ތަޚުސީސްކުރެއްވީ މެދުގަނޑުވަރު ތުއްތުގޮމަޔަށެވެ. ފޮތުގައިވަނީ 58 ސަފުހާއެވެ.
18- كتاب الفطرة لأهل التفكر والعبرة
މިއީ ގަލޮޅުގޭ މުހައްމަދު ދީދީ ވިދާޅުވެގެން ލިޔުއްވި އިސްލާމްދީނުގެ އަގާއިދުތަކުގެ މައްޗަށް ލިޔުއްވި ފޮތެކެވެ. ފޮތުގައިވަނީ 278 ސަފުހާއެވެ.
19- سورة الفاتحة ގެ މާނަ
މިއީ 1940 ގައި ލިޔުއްވި ފޮތެކެވެ. ފޮތުގައިވަނީ 26 ސަފުހާއެވެ.
20- ترجمة السياسة الشرعية للعلامه جمال الدين الأفغانى
މިއީ 1922 ގައި ތަރުޖަމާކުރެއްވި ފޮތެކެވެ. ފޮތުގައި ވަނީ 76 ސަފުހާއެވެ.
21- ހާރުދަމުގެ ވައި
މިއީ 1922 ގައި ލިޔުއްވި ޚިޔާލީ ކުރުވާހަކައެކެވެ. ފޮތުގައި ވަނީ 18 ސަފުހާއެވެ.
22- هداية الرحمن الى ترجمة رسائل السيد احمد زينى دحلآن
މިއީ 1940 ގައި އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނަށް ތަރުޖަމާކޮށްދެއްވި ފޮތެކެވެ.
23- ނަމާދު
މިއީ 1940 ގައި ކުރެއްވި ތަރުޖަމާއެކެވެ. ތަރުޖަމާގެ އަސްލަކީ خلاصة الكلام فى اركان الأسلام އެވެ. ސަފުހާގެ އަދަދަކީ 50 އެވެ.
24- الترقية فى التربية
މިއީ މާބަނޑުމީހުން އުޅެންވީ ގޮތާއި ކުދީން ތަރުބިއްޔަތު ކުރުމުގެ މައްޗަށް ލިޔުއްވާފައިވާ ފޮތެކެވެ. ސަފުހާގެ އަދަދަކީ 129 އެވެ.
25- އެމަނިކުފާނަށް އެކިއެކި އެދުރުންގެ ކިބައިން ލިބިވަޑައިގެންނެވި ބޭހާއި ގުޅޭ ލިޔުންތައް އެއްކޮށް 1939 ގައި ޖަމާކޮށްފައިވާ ފޮތެއް. ސަފުހާގެ އަދަދަކީ 171 އެވެ.
26- العبرة لأهل الخبرة
މިފޮތަކީ ބޮޑުހަނގުރާމައިގެ ބައެއް ވާހަކަތަކާއި އެދުވަސްވަރުގައި ރާއްޖެއަށް ޖެހުނު ތަދުމަޑު ހާލު ބަޔާންކޮށްދެއްވާފައިވާ ފޮތެކެވެ.
27- برهان المبين فى ان رسالة نبينا محمد كانت رحمة للعالمين
މިއީ السيد العلامة صدقه دحلان ގެ މިއުރާޖު މައުލޫދުގެ ތަރުޖަމާއެކެވެ. ތަރުޖަމާކުރެއްވީ 1930 ގައެވެ. ސަފުހާގެ އަދަދަކީ 40 އެވެ.
28- شرف الأنام مولود ގެ ތަރުޖަމާ
މިއީ 1935 ގައި ކޮޅުމަޑުލު އޮމަދޫގައި ހުންނަވައިގެން ކުރެއްވި ތަރުޖަމާއެކެވެ. ސަފުހާގެ އަދަދަކީ 214 އެވެ.
29- ތާނަ ޚުތުބާ ފޮތް
މިއީ ދިވެހި ބަހުން ލިޔުއްވައި މާލޭ ހުކުރު މިސްކިތުގައި އެކި ދުވަހު ވިދާޅުވި ޚުތުބާތައް އެއްކުރައްވައިގެން ހެއްދެވި ފޮތެކެވެ. ސަފުހާގެ އަދަދަކީ 338 އެވެ.
30- تقريرات المدرسية
މިއީ އެކި ދުވަސްމަތިން މަދުރަސަތުއްސަނިއްޔާ (މިހާރުގެ މަޖީދިއްޔާ) ގައި ދެއްވާފައިވާ ތަގުރީރުތައް އެއްކޮށް ޖަމާކުރައްވައި ލިޔުއްވާފައިވާ ފޮތެކެވެ. ސަފުހާގެ އަދަދަކީ 254 އެވެ.
31- تقريرات صلاح الدين
މިއީ ދައުލަތުގެ އެކިއެކި ކަންކަމުގެ ތެރޭގައި އެމަނިކުފާނު ދެއްވާފައިވާ ތަގުރީރުތައް އެއްކޮށް ޖަމާކުރައްވައި ލިޔުއްވާފައިވާ ފޮތެކެވެ. ސަފުހާގެ އަދަދަކީ 45 އެވެ. 1940 ގައި މިފޮތް މުހައްމަދު އަމީން ދޮށިމޭނާ ކިލަގެފާނަށް ވެދުމަށް އެރުވިއެވެ.
32- ތައުބާ ނަމާދު
މިއީ 22 ސަފުހާގެ މައްޗަށް އެކުލެވިގެންވާ ވަރަށް ކުޑަކުޑަ ފޮތެކެވެ.
33- ފުރަބަންޑާރަ ފަރާތުން މާލޭގައި ކިޔާ ހަތަރު އަވަށު މައުލޫދުގެ ތަގުރީރުތައް އެއްކޮށް ޖަމާކުރައްވާފައިވާ 58 ސަފުހާގެ ފޮތެއް.
34- ބޮޑުތަކުރުފާނު ވާހަކަ މިއީ މިއީ އައްސުލްތާން އަލްޣާޒީ މުހައްމަދު ސިރީ ސަވާދީއްތަ މަހާރަދުންގެ ވާހަކައެވެ. ފޮތް ލިޔުއްވީ 1940 ގައެވެ. ސަފުހާގެ އަދަދަކީ 349 އެވެ.
35- ދޮންބީފާނު ވާހަކަ މިއީ 1921 ގައި ލިޔުއްވި ވާހަކައެކެވެ. މިފޮތަށް ރިވާޔަތު ކަރީމުއްދީނޭވެސް ކިޔައެވެ. ފޮތުގައިވަނީ 340 ސަފުހާއެވެ.
36- ސުވޭހު ކާވެނިފުޅު މިއީ އައްސުލްތާނު މުހައްމަދު އިމާދުއްދީން (6) ގެ ރަސްކަން ބަދަލުވީ ދުވަސްވަރުގެ ވާހަކަތައް ބަޔާންކޮށްފައިވާ ފޮތެކެވެ. ފޮތުގައިވަނީ 141 ސަފުހާއެވެ.
37- رواية نعمان و مريم މިއީ 1933 ގައި ލިޔުއްވާފައިވާ ވާހަކަ ފޮތެކެވެ. ފޮތުގައިވަނީ 338 ސަފުހާއެވެ.
38- އިބްނުބަތޫތާގެ ދަތުރުނާމާއިން ދިވެހިރާއްޖޭގެ ވާހަކަތައް ނަންގަނެވުނު ބައިގެ ތަރުޖަމާ. މިއީ 1922 ގައި އެކުލަވާލެއްވި ފޮތެކެވެ. ފޮތުގައިވަނީ 98 ސަފުހާއެވެ.
39- ދެކުނުގެ ހަތްއޮޑިއެއް އެފްރިކާއަށް ބެހުނު ވާހަކައާއި އައްޑޫ މީދޫ އެދުރުގޭ އަހުމަދު ދީދީ މުމްބާސާގައި އަވަހާރަވީ ވާހަކަ ލިޔުއްވާފައިވާ ފޮތް. ލިޔުއްވީ 1924 ގައެވެ. ސަފުހާގެ އަދަދަކީ 153 އެވެ.
40- سفرنامه عبدالمجيد
މިއީ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނު 1929 ގައި ކުރެއްވި ހައްޖު ދަތުރުފުޅާ ގުޅޭ ފޮތެވެ. މިއީ ކިލެގެފާނު ލިޔުއްވައި ސަލާހުއްދީން އެޑިޓްކުރެއްވި 289 ސަފުހާގެ ފޮތެކެވެ.
41- ދިވެހީންގެ سفرنامه
މިއީ 1928 ގައި ސަލާހުއްދީނުގެ ބައްޕަގެ އަރިހުގައި ހައްޖަށް ވަޑައިގެންނެވި ދަތުރުގެ މައްޗަށް ލިޔުއްވައި އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނަށް ވެދުމަށް އެރުވި ފޮތެކެވެ. ލިޔެ ނިންމެވީ 17 އޮގަސްޓް 1928 ގައެވެ. ފޮތުގައި ވަނީ 120 ސަފުހާއެވެ.
42- ކުދިވާހަކަ ފޮތް
މިއީ 1939 ގައި ލިޔުއްވި 28 ވާހަކައިގެ މައްޗަށް އެކުލެވޭ 226 ސަފުހާގެ ފޮތެކެވެ.
43- ރޮކަމްބޯލްދަރީގެ ވާހަކަ
މިއީ ބޮޑުހަނގުރާމައިގެ ތެރޭގައި ރޫސީވިލާތުގައި ހިނގި ބައެއް ކަންކަމުގެ މައްޗަށް ލިޔެފައިވާ ފޮތެއްގެ ތަރުޖަމާއެކެވެ. ފޮތް ލިޔުއްވީ 1939 ގައެވެ. ސަފުހާގެ އަދަދަކީ 153 އެވެ.
44- ބައްތިއުނދުނާއި ބަދިގޭއުނދުން
މިއީ 1929 ގައި ލިޔުއްވި 42 ސަފުހާގެ ފޮތެކެވެ.
45- حجގެ ވާހަކައާއި تميمގެ ވާހަކަ
މިއީ އެމަނިކުފާނުގެ ދަރިކަނބަލުން އައްނަބީލާ ފާތިމަތު ސައީދު ހައްޖަށް ވަޑައިގަންނަވަން އުޅުއްވި ދުވަސްވަރު އެކަމަނާއަށް ލިޔުއްވައިދެއްވި ފޮތެކެވެ. ފޮތުގައިވަނީ 68 ސަފުހާއެވެ.
46- اللمعة الظاهرة فى كتاب الدرة الفاخرة الامام حجة الأسلام الغزالى
މިއީ 1943 ގައި ލިޔުއްވާފައިވާ ފޮތެކެވެ. ފޮތުގައިވަނީ 216 ސަފުހާއެވެ.
47- العمدة فى ترجمة البردة
މިއީ 1929 ގައި ލިޔުއްވި ފޮތެކެވެ. ފޮތުގައި ވަނީ 91 ސަފުހާއެވެ.
48- ދުއާފޮތެއް
މިއީ ރަބީއުލްއައްވަލް މަހު ކިޔާ ދުއާތައް އެކުލެވިގެންވާ ފޮތެކެވެ. ދުއާތަކުގެ ތެރޭގައި ފޮނަދޫ ޚަތީބު ތަކުރުފާނު ހެއްދެވި ދުއާއަކާއި އިބްރާހީމް މަޖުދުއްދީން ފަނޑިޔާރު ތަކުރުފާނު ހެއްދެވި ދުއާއަކާއި ދެކުނުގޭ ދޮންމަނިކު ހެއްދެވި ދުއާއެއް ހިމެނެއެވެ.
49- نفحة العنبرية فى أخبار ولادة خير البرية
މިއީ މައުލޫދު ފޮތެކެވެ.
50- نفحة المسك الذكى فى بعض منظومات الشيخ على النسكى وكتاب الأرشاد الأديب الى من نظم الشعر بالعربية من علماء محلديب
މިއީ 1938 ގައި ލިޔުއްވާފައިވާ ފޮތެކެވެ. ސަފުހާގެ އަދަދަކީ 231 އެވެ.
މި މަނިކުފާނު ދިވެހި އަދަބަށް ކުރެއްވި ޚިދުމަތްތައް ހިމަނައި ގުނައިލެވޭ ވަރަށް ވުރެން ގިނައެވެ. ޅެންތަކާއި ރައިވަރުތަކެވެ. މަޒުމޫނުތަކާއި ޚުޠުބާތަކެވެ. ވާހަކަތަކެވެ. ދީނީ ފޮތްތަކެވެ. ނުލިޔުއްވާ މައުޟޫޢެއް ނެތެެވެ. ޅެން ވިދާޅުނުވާ ބާބެއް ނެތެވެ. ކުރުކޮށް ބުނަނީ ނަމަ، ދިވެހި އަދީބުންގެ ތެރެއިން އެންމެ އިސްވެ ހުންނެވި އަދި އެންމެ އުފެއްދުންތެރި އަދީބަކީ، މި މަނިކުފާނެވެ. ދަރަވަންދޫގޭ ޙުސައިންދީދީ އަކީ ވެސް، މިރުޒާ ޝަކީބަކީ ވެސް، ދިވެހި ޅެންވެރިކަމުގެ ފަތިހުގެ ތަރިއަކީ ވެސް މިމަނިކުފާނެވެ.މި މަނިކުފާނުން އެކި މައުޟޫޢުތަކަށް ހައްދަވާފައިވާ ގިނަގުނަ ޅެންތަކެވެ. މީގެ ތެރެއިން ވަރަށް ގިނަ ޅެން، “އަންޖުމަން އަމީން” ގެ ފަރާތުން ނެރުއްވި “ފަތިހުގެ ތަރި” މި ނަން ކިޔާ ފޮތުގެ އެއްވަނަ ބަޔާއި ދެވަނަ ބައިގައި ވެއެވެ. ފުރަތަމަ ބައި 1959 މ. ވަނަ އަހަރު، ދެވަނަ ބައި 1960 މ. ވަނަ އަހަރު ޗާޕުވެ ޝާއިޢުވެފައިވެއެވެ. އެމަނިކުފާނުންގެ ޅެންތަކުގެ ތެރެއިން ޗާޕުވެ، ޝާއިޢު ވީ ބަޔަށް ވުރެން ޝާއިޢު ނުވެހުރި ތަކެތި އަދި ވެސް މަދެއް ނޫނެވެ.
ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނަކީ، ދިވެހި ބަހާއި، އަރަބި ބަހާއި، އުރުދޫ ބަހާއި، ފާރިސީ ބަހުން ޅެން ހެއްދެވި ޝާޢިރެކެވެ. އެ މަނިކުފާނުގެ ދަރިކަލުން މުޙައްމަދު ސަޢީދުދީދީ، ބަޣުދާދުގައި ހުންނަވައިފައި، މިޞްރަށް ކިޔަވައިވިދާޅުވާން ވަޑައިގަންނަވާން ވެގެން، އެކަމުގެ އިޒުނައަކަށް އެދިވަޑައިގަތުމުން ޖަވާބުދެއްވާފައިވަނީ، ޅެމަކުންނެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ ޅެންތަކުގެ ތެރެއިން ނަމޫނާ ދެއްކުމުގެ ގޮތުން ހުށަހަޅާނެ ޅެމަކާ މެދު މީހަކު ފިކުރުކޮށްފި ނަމަ ފެންނާނީ ހުސް ޖަވާހިރު ބިމަކަށް ވަދެ، ޖަވާހިރު ހޮވަން އުޅުން ފަދައިންނެވެ. ނަވަރަންނައިގެ އަގުމާތް ޖަވާހިރުތައް ކަމުގައިވާ، ޔާގޫތާއި، މަރުވާރީދާއި، މަރުޖާނާއި، ނީލަމާއި، ޒަބަރުޖުދާއި، ޒުމައްރަދާއި، އަލިމަހާއި، ވައިދެރިޔާ އާއި، ދީކުން ފުރިފައިވާ އެބިން ވަށައިގެން ހޯދައި ވެސް، ހޮވާނޭ ވަކި މިވެނި ޖަވާހިރެއް ގަސްތުކޮށް ނިންމާކަށް ނޭނގެއެވެ. ހުރިހައި އެއްޗެއްމެ ފުރިހަމަކަމުގައި އެކަތި އަނެކައްޗަކަށް ދުލެއް ނުކުރެއެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online