ވަރިވެފައިވާ އަންހެނުންނަކީ މުޖުތަމަޢުގައި އިޙްތިރާމް ލިބިގެންވާ ބައެއްތަ؟
ކައިވެންޏަކީ އަންހެނަކާއި ފިރިހެނެއްގެ ދެމެދުގައި އުފެދޭ މާތް ގުޅުމެއްގެ މައްޗަށް ބިނާކޮށް އެ ގުޅުން ބާއްޖަވެރިކަމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި ކުރެވޭ މުޤައްދަސް ޢަޤުދެކެވެ. ނަމަވެސް، ދިރިއުޅުމުގައި ދިމާވާ އެކިއެކި ސަބަބުތަކާއިހެދި މިގުޅުން ކުރިއަށް ނުގެންދެވިގެން "ވަރި" މިއީ ނިމުންކަމުގައި ވެގެންދަކީ މަދެއްކޮށެއްނޫނެވެ.
މިގޮތަށް ކަންތައްތައް ދިމާވުމުން މުޖުތަމަޢުގައި އަންހެންމީހާ ކުރިމަތިލާންޖެހޭ އިޖުތިމާޢީ އަދި ނަފްސާނީ ގޮންޖެހުންތައް ޢާއްމުވެފައިވީނަމަވެސް، އެކަންތައްތަކާއިމެދު ޒަމާނާ އެއްފެންވަރަށް މުޖުތަޢު ހޭލުންތެރިވެފައި ނުވާކަމީ ވިސްނާލަންޖެހޭކަމެކެވެ.
ވަރިވެފައިވާ އަންހެނާއަށް އިސްލާމްދީނުގައި ދެވިފައިވާ މަޤާމް
މާތްވެގެންވާ އިސްލާމްދީނުގައި ވަރިވެފައިވާ އަންހެނާއަށް ދެވިފައިވަނީ މަތިވެރި އަދި ޝަރަފުވެރި މަޤާމެކެވެ. މިކަމަށް ބާރުލިބޭ ހެއްކަކީ އަހަރެމެންގެ މާތް ނަބިއްޔާ ﷺ ގެ ބައެއް އަބިކަބަލުންނަކީވެސް ކުރިންކައިވެނި ބައްލަވައިގެންފައި ދިރިއުޅުމުގެ ޙާލަތް ބަދަލުވެ ކައިވެނި ރޫޅިފައި ތިބި ކަބަލުންކަމެވެ. މިކަމުންވެސް ދޭހަވެގެންދަނީ ވަރިކުރެވިފައިވާ ނުވަތަ ވަރިވެފައިވާ އަންހެނާއަކީ އަގުވެއްޓިފައިވާ ނުވަތަ އިޙްތިރާމްކުޑަކުރެވިފައިވާ ބައެއް ނޫންކަމެވެ.
އިސްލާމްދީން ބާރު އަޅުއްވަނީ ވަރިވެފައިވާ އަންހެނާއަށް އިޙްތިރާމްކުރުމަށާއި އޭނާގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުމަށެވެ. އިސްލާމްދީނުގައި ވަރިވުމަކީ ހުއްދަ ކަމެއްގޮތުގައި ކަނޑައަޅުއްވާފައިވެއެވެ. އެއީ އެދެމަފިރިންނަށް އެކުގައި އުޅެވެން ނެތް ޙާލަތްތަކުގައެވެ. އެހެންކަމުން އެދެމަފިރިއެއްގެ ދޭތެރޭގައި "އުޅެވެން ނެތް ޙާލަތެއް" މެދުވެރިވެގެން ކައިވެނި ރޫޅާލުމަކީ އޭގެ ސަބަބުން އެހެން އެއްވެސް މީހަކު އެއަށް ގޮތް ނިންމުމުގެ ބާރު އޮތްކަމެއްނޫނެވެ.
ނަމަވެސް، މިއަދުގެ މުޖުތަމަޢުގައި މިކަން އޮތީ މިހެން ކަމުގައި ދެންނެވޭކަން ނެތެވެ. ހިތާމައަކީ މުޖުތަމަޢުގައި ވަރިވެފައިވާ އަންހެނާއާ މެދު ދެކޭގޮތް ތަފާތެވެ. ބައެއް ފަހަރު، ވަރިވެފައިވާ އަންހެނާއަކީ މުޖުތަމަޢުގައި ދަށް ފަންތީގެ މީހެއްގެ ގޮތުގައި ނުވަތަ "ބާކީވެފައިވާ" މީހެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެއެވެ. އޭނާގެ އަޚްލާޤާއި ސުލޫކާ މެދު ސުވާލު އުފައްދައި، ކައިވެނި ރޫޅުނީ އޭނާގެ އިހުމާލުން ކަމަށް ނިންމާ ފަރާތްތައް މަދެއް ނޫނެވެ. އަދި ހަމައެހެންމެ ދެވަނަ ކައިވެންޏަކަށްދާއިރު އާއިލާތަކުން އެ ކައިވެންޏަށް ހުރަސް އަޅައެވެ.

ވަޒީފާގެ މާޙައުލަށް ބަލާއިރުވެސް ވަރިވެފައިވާ އަންހެނާއާއި މެދު މިފަދަ އިޙްމާލުތައް މަދުންނަމަވެސް ފާހަގަ ކުރެވެއެވެ. ވަރިވެފައިވާ އަންހެނަކަށް ވީތީ އޭނާއަށް ލިބެންޖެހޭ ޢިޙްތިރާމް ކުޑަކުރެވޭތަން ފެންނަމުންދެއެވެ. މިގޮތުން އެކުގައި މަސައްކަތްކުރާ މީހުގެ ފަރާތުން ރައްދުވާ ބަސްތަކާއި އެކަހެރިކޮށް ބާކީކޮށްލުމަކީ ނަފްސާނީގޮތުން އިތުރަށް މީހާ ބަލިކަށިކުރުވާކަމެއްކަމުގައި ވެގެންދެއެވެ. މިފަދަ ނުރަނގަޅު ވިސްނުންތަކުގެ ސަބަބުން، އެ އަންހެންމީހާއަށް މުޖުތަމަޢުގެ ތެރޭގައި މިނިވަންކަމާއެކު އުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ.
ދަރިންގެކަންކަން ބެލެހެއްޓުމުގައި ދިމާވާ ބައެއް ގޮންޖެހުންތައް
ވަރިވެފައިވާ އަންހެނާގެ ދަރިން ތިބިނަމަ، އެކަނިވެރި މައެއްގެ ގޮތުގައި ދަރިން ބެލެހެއްޓުމަކީ އޭނާއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ދަރިންގެ ޚަރަދުބަރަދު ބެލެހެއްޓުމާއި، ތަރުބިއްޔަތުކުރުމުގައި ބައްޕަގެ އެހީތެރިކަން ފުރިހަމައަށް ނުލިބުމަކީ އޭނާގެ ކޮނޑުގައި އެޅޭ ބޮޑު ބުރައެކެވެ. މީގެ އިތުރުން، ވަޒީފާއަށް ގޮސްގެން އާމްދަނީ ހޯދަމުން ދަރިންގެ ކަންކަން ތަރުތީބުކުރުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އޭނާ ބަލިކަށިކޮށްލާ ކަމެކެވެ. އަދި ހަމަ އެއާއި އެކު ވަޒީފާއެއްނެތި ނުވަތަ އާމްދަނީ ހޯދޭނެ އެއްވެސް ފަދަ އެއްނެތިފައި ތިބޭ އަންހެނުންނަކީ މިކަމުގައި އިންތިހާ ހިތްދަތިކަން ކުރިމަތިވާ ބައެއްކަމީ ދޮގަކަށް ނުވާނެއެވެ.

ވަރިވުމަށްފަހު އެކަނިވެރި މައެއްގެ ގޮތުގައި ދަރިން ބެލެހެއްޓުމަކީ އަންހެނަކަށް ކުރިމަތިވާނެ އެންމެ ބޮޑު އިމްތިޙާނެވެ. މިކަމުގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކަކީ:
1. ޚަރަދުތަކާއި މާލީ ދަތިތައް:
ދަރިންގެ ކެއިންބުއިމާއި، އަންނައުނާއި، ތަޢުލީމާއި އަދި ބޭސްފަރުވާއަށް ހިނގާ ޚަރަދުތައް އެކަނި އުފުލަންޖެހުމެވެ. ގިނަ ފަހަރު ކޯޓުން ކަނޑައަޅާ ދަރިންގެ ޚަރަދު (ނަފަޤާ) ގަވާއިދުން ނުލިބުމާއި، ލިބޭ މިންވަރު ކުޑަވުމުގެ ސަބަބުން ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ނުޖެއްސުމުގެ މައްސަލަ ބޮޑެވެ.
2. ވަގުތުގެ ދަތިކަން:
ދަރިންގެ ޚަރަދުތައް ބެލެހެއްޓުމަށްޓަކައި ވަޒީފާއަކަށް ދާންޖެހޭއިރު، އެއާއެކު ދަރިންގެ ތަޢުލީމީ ކަންކަމާއި، ގޭތެރޭގެ މަސައްކަތްތައް އެކަނި ބެލެހެއްޓުމަކީ ވަރަށް ވަގުތު ބޭނުންވާ ކަމެކެވެ. މިކަމުގެ ސަބަބުން އަންހެންމީހާ އިންތިހާއަށް ވަރުބަލިވެ، އަމިއްލަ ނަފްސަށް ދޭނެ ވަގުތެއް ނޯވެއެވެ.
3. ނަފްސާނީ ގޮންޖެހުންތައް:
ކައިވެނި ރޫޅުމުގެ ސަބަބުން ދަރިންގެ ހިތްތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތް ކުރަންޖެހެނީ މައިމީހާއެވެ. ބައްޕައެއްގެ ލޯތްބާއި އެހީތެރިކަން ނެތި ދަރިން ބޮޑުވަމުން އަންނައިރު، އެކުދިންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބުދީ، އެކުދިންނަށް ނަފްސާނީ ހިތްހަމަޖެހުން ހޯދައިދިނުމަކީ ބޮޑު މަސްއޫލިއްޔަތެކެވެ.
4. ތަރުބިއްޔަތު ކުރުމުގެ ބުރަ:
ދަރިން ތަރުބިއްޔަތު ކުރުމުގައި ދެމަފިރިންގެ މަޝްވަރާއާއި އެހީތެރިކަން އޮތުމުގެ ބަދަލުގައި، ހުރިހާ ނިންމުމެއް އެކަނި ނިންމަންޖެހުމެވެ. ބައެއް ފަހަރު ދަރިން ނުކިޔަމަންތެރިވާ ޙާލަތްތަކުގައި، އެކަނިމާއެކަނި އެކަންކަން ހަމަ މަގަށް އެޅުވުމަކީ ދަތި ކަމެކެވެ.
5. އިޖުތިމާޢީ ފިއްތުންތައް:
މުޖުތަމަޢުގެ ބައެއް މީހުން އެކަނިވެރި މައިންނާ މެދު ދެކޭ ގޮތުގެ ސަބަބުން، ދަރިންނަށް ކުރިމަތިވާ މަލާމާތާއި ފުރައްސާރައިން އެކުދިން ރައްކާތެރިކުރުމަކީވެސް މައިމީހާއަށް އުފުލަންޖެހޭ ބުރައެކެވެ. މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެއަންހެންމީހާއަށް އާއިލާގެ އެހީތެރިކަމާއި ދައުލަތުގެ އިޖުތިމާޢީ ރައްކާތެރިކަމަކީ ވަރަށްވެސް މުހިންމު އެއްޗެކެވެ.
ބައެއް އާއިލާތަކުން ވަރިވެގެން އަންނަ އަންހެންމީހާއަށް ފުރިހަމަ ލޯތްބާއި، އަޅާލުމާއި،ހިތްވަރު ދެއެވެ. އެއީ މަދު އާއިލާއަކުން ކަންވެސް ފާހަގަ ކޮށްލަމެވެ. ނަމަވެސް، ހިތާމައަކީ ގިނަ އާއިލާތަކުން ވަރިވެފައިވާ އަންހެންމީހާއަކީ ބުރައެއްގެ ގޮތުގައި ދެކި، ބަހުގެ ހަމަލާތަކުން އޭނާގެ ހިތްދަތިކަން އިތުރުވެގެންދެއެވެ. ވަރިވެގެން އައުމަކީ ޢާއިލާއަށް ލިބުނު ހުތުރެއް" ކަމަށް ޤަބޫލުކުރުމާއި، އިތުރު ބުރައެއްކަމަށް ދެކި ކުރެވޭ މަލާމާތުގެ ސަބަބުން އެ އަންހެންމީހާ އެކަހެރިވެ، ނަފްސާނީ ބަލިމަޑުކަމުގެ ތެރެއަށް ވެއްޓިގެންދެއެވެ.
ވަރިވެފައިވާ އަންހެންމީހާއި މެދު މުޖުތަޢު އަދި އާއިލާގެ ވިސްނުން ރަނގަޅުކުރުމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅުތައް
1. ދީނީ ހޭލުންތެރިކަން
ވަރިވެފައިވާ އަންހެނުންނަށް އިސްލާމްދީނުގައި ދެއްވާފައިވާ މަތިވެރި މަޤާމާއި، އެކަނިވެރި މައިންނަށް އެހީތެރިވުމުގެ މުހިންމުކަން ދީނީ ޢިލްމުވެރިންގެ އެހީގައި ފުޅާދާއިރާއެއްގައި އޮޅުންފިލުވައިދިނުމެވެ. ކީރިތި ރަސޫލާ ﷺ ގެ ދިރިއުޅުއްވުމުން މިސާލު ނަގައި، ވަރިވެފައިވާ އަންހެނުންނަކީ މުޖުތަމަޢުގައި ބާކީކޮށްލަންޖެހޭ ބައެއް ނޫންކަން ހަނދާންކޮށްދިނުމެވެ.
2. އާއިލާގެ އެހީތެރިކަމާއި އަޅާލުން އިތުރުކުރުން
ކައިވެނި ރޫޅުމަކީ އަންހެންމީހާގެ ނުކުޅެދުންތެރިކަމެއް ނޫންކަން އާއިލާއިން ޤަބޫލުކުރަންޖެހެއެވެ. ދަރިންބެލެހެއްޓުމުގައި ވީވަރަކުން އެހީތެރިކަން ފޯރުކޮށްދީ އޭނާއަށް ބޭނުންވާ ނަފްސާނީ ހިތްވަރު ދިނުމަކީ އާއިލާއެއްގެ ފަރާތުން އޭނާއަށް ދެވޭނެ އެންމެ ބޮޑު އެހީތެރިކަމެވެ. މިގޮތުން ދަރިންގެ މެދުގައި ތަފާތުކުރުން ނައްތާލައި އެހެންދަރިންނެކޭވެސް އެއްފަދައިން އޭނާއަށް ލިބެންޖެހޭ ޙައްޤުތަކާއި، އަޅާލުމާއި، އިޙްތިރާމާއި ރައްކާތެރިކަން އާއިލާގެ ފަރާތުން ފޯރުކޮށްދިނުމަކީ ނުހަނު މުހިއްމު ކަމެކެވެ.
3. މީޑިއާގެ ދައުރު ފުޅާކުރުން
ވަރިވެފައިވާ އަންހެނުންނަކީ ކާމިޔާބު، ހިތްވަރުގަދަ އަދި މުޖުތަމަޢަށް ފައިދާހުރި ބައެއްގެ ގޮތުގައި ދައްކުވައިދޭ ޕްރޮގްރާމްތަކާއި ލިޔުންތައް އިތުރުކުރުމުގެ ސަބަބުން މުޖުތަމަޢުގައި އޮންނަ ނުރަނގަޅު ތަޞައްވުރު ބަދަލުކުރެވިގެންދާނެއެވެ. މިކަމުގެ ސަބަބުން "ވަރިވެފައިވާ މީހާ" އަކީ ވެސް މުޖުތަމަޢުގެ އެހެނިހެން ފަރުދުންފަދައިން ދިރިއުޅުމުގައި ގިނަ ކަންތައްތަކުގައި ކާމިޔާބު ހޯދާފައިވާ ބައެއްކަމާއި،އެމީހުންގެ ދިރިއުޅުމުގައި ތަޖުރިބާ ކުރެވުނު ކަންތައްދެނެގަނެ، ހިތްވަރުދީ މުޖުތަޢުގެ ހުންނަ މިކަހަލަ މައްސަލަތަކަށް އަލިއަޅުވައި މުޖުތަޢު ހޭލުންތެރި ކުރުވުމުގެ ޕޮރްގޮރާމްތައް އުފެދުމަކީ މީޑިއާއިން ކުރެވިދާނެ ބޭނުންތެރި ކަންކަމެވެ.
4. އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުން
ވަރިވެފައިވާ އަންހެނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، އެކަނިވެރި މައިންނަށް ލިބޭ މާލީ އެހީތެރިކަން ހަރުދަނާކުރުމީ މުޖުތަމައު ފަސާދައިންނާއި ނުރަގަޅު ކަންކަމުން ސަލާމަތް ކުރުމަށް މަގުފަހި ވާނެ ކަމެކެވެ. އޭނާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ދިރިއުޅުމުގައި ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ފަދަ ގޮތްތައް ހޯދައިދިނުމުގެ ސަބަބުން މުޖުތަމަޢުން އޭނާއަށް ލިބިގެންދާ އިޙްތިރާމް އިތުރުވެ ދަރީން ވަކަރުގެއިން މިންޖުކުރެވޭނެ އަސާސެކެވެ.
5. އުނގަންނައިދޭ މަންޙަޖުގެ ތެރެއިން ވިސްނުން ބަދަލުކުރުން
އިސްލާމްދީނަކީ ރިވެތި އަޚްލާޤުގެ ދީންކަމުގައިވާއިރު މަދަރުސީ މަންހަޖުގެ ތެރެއިން، ދޭދޭ ފަރުދުންގެ ގުޅުންތަކާއި، އާއިލީ ގުޅުންތަކާއި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ މުހިންމުކަން ދަރިވަރުންނަށް އުނގަންނައިދޭން އެބަޖެހެއެވެ.ކޮންމެފަދަ ޙާލަތެއްމެދުވެރިވެފައިވާ އަންހެނަކަސް އިންސާނަކަށްވީތީ އޭނާއަށް ދޭންޖެހޭ އިޙްތިރާމާއި،ޤަދަރާއި، މުޢާމަލާތް ކުރަންޖެހޭނެގޮތްތައް އިސްލާމްދީނާއި އެއްގޮތަށް ދަރިވަރުންނަށް އުނގަންނައި ދެވިއްޖެނަމަ މިކަންތައް ޙައްލުކުރެވިގެންދާނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.
6. ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ފަސޭހަ ގޮތްކެއް ހޯދައިދިނުން
ވަރިވެފައިވާ އަންހެނާއަށް ކުރިމަތިވާ އެންމެބޮޑު އެއްގޮންޖެހުމަކީ ދަރިންގެ ޚަރަދުބަރަދު ހޯދުމުގައި ދިމާވާ ކަންކަމެވެ. މިގޮތުން ދަރިންގެ ޚަރަދު ހޯދުމުގައި ހުރި ދަތިތައް ނައްތާލައި، އޭނާއަށް ލިބެންޖެހޭ ޙައްޤުތައް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމެވެ. މިކަމުގައި ޤާނޫނީ އެހީތެރިކަން ފަސޭހަކަމާއި އެކު ފޯރުކޮށްދެވޭނެފަދަ ނިޒާމެއް ޤާއިމްކުރުން ވަރަށް މުހިއްމެވެ. ހަމައެއާއި ވަރިވެފައިވާ އަންހެނުންނަށް މުޖުތަމަޢުގައި ކުރިމަތިވާ ފުރައްސާރައާއި ތަފާތުކުރުންތަކުން ރައްކާތެރިކޮށްދޭނެ ޤާނޫނީ އޮނިގަނޑެއް އޮތުމަކީވެސް މުހިއްމުކަމެކެވެ.
މިދެންނެވުނުފަދަ ގޮތްތަކަށް އަހަރެމެންގެ މުޖުތަމަޢުގެ ކަންކަން އިޞްލާޙުކުރެވިގެން ހިނގައްޖެނަމަ، އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމަޢުގައި ދިރިއުޅެމުންދާ "ވަރިވެފައިވާ އަންހެނުން" ނަކީ ބާކީވެފައިވާ ބައެއްގެ ބަދަލުގައި، އިޙްތިރާމް ލިބިގެންވާ، ހިތްވަރުގަދަ ބިނާކުރަނިވި ބައެއްކަމުގައި ވެގެންދާނެކަމީ ޝައްކެތް އޮތްކަމެއްނޫނެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online