ހޮލީވުޑްގެ ތަރި ޖެނީ މެކާތީގެ ބިރުވެރި ތަޖުރިބާތަކެއް ހިއްސާކޮށްފި
ޖެނީ ވަނީ ހޮލީވުޑް ފިލްމީ ދާއިރާގައި އޮތް ބިރުވެރިކަމާއި ނޭދެވޭ ގުޅުންތަކުގެ ވާހަކަ އާންމުކޮށްފި
ހޮލީވުޑްގައި މަސައްކަތް ކުރަން ފެށި ކުރީކޮޅު، ފިލްމީ ދާއިރާގެ ނުފޫޒުގަދަ ވެރިއެއްގެ ފަރާތުން ކުރިމަތިވި ޖިންސީ ގޯނާގެ ބިރުވެރި ހާދިސާއެއްގެ ވާހަކަ މަސްހޫރު ބަތަލާ ޖެނީ މެކާތީ ހިއްސާކޮށްފިއެވެ.
އޭނާ ހާމަކުރި ގޮތުގައި، ހޮޓަލުގެ ކޮޓަރިއަށް ވަދެ ގަދަކަމުން އޭނާއަށް ހަމަލާދޭން އުޅުމުން، ދިފާއުގައި ކުރި މަސައްކަތުން އެ މީހާގެ ނޭފަތް ވަނީ ބިންދާލާފައެވެ.
"ޑާޓީ ލަވް" ފަދަ މަސްހޫރު ފިލްމުތަކުން ފެނިގެންދިޔަ ބަތަލާ މި ވާހަކަ ހިއްސާކުރީ "ދަ ޖެނީ މެކާތީ ވޯލްބާގް ޝޯ" ގެ އެޕިސޯޑެއްގައެވެ. އޭނާ ކިޔައިދިން ގޮތުގައި، 90ގެ އަހަރުތަކުގެ ކުރީކޮޅު ލޮސް އެންޖެލިސްއަށް ބަދަލުވެ، ފިލްމީ ދާއިރާގައި ފައިތިލަ ސާބިތުކުރަން އުޅުނު ދުވަސްވަރު، ސެލެބްރިޓީންނާއި އަލަށް އަންނަ ތަރިންނަށް ދާއިރާގެ ނުފޫޒުގަދަ މީހުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތަކާއި، ނޭދެވޭ ގުޅުންތަކަށް މަޖުބޫރުކުރުމުގެ ސަގާފަތް އޮތީ އިންތިހާއަށެވެ.
ޖެނީ ހާމަ ކުރިގޮތުގައި، މަސްހޫރުކަން ހޯދުމުގެ މަގުގައި އޭނާއަށް ވަރަށް ގިނަ އުނދަގޫތަކާއި ނުތަނަވަސް ހާދިސާތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އޭގެ ތެރޭގައި ކުރީގެ މަސްހޫރު އެކްޓަރު ސްޓީވަން ސީގަލްގެ ފަރާތުން ފެނުނު ނޭދެވޭ އަމަލުތަކާ ދެކޮޅަށްވެސް އޭނާ ކުރިން އަޑުއުފުލާފައިވެއެވެ.
އޭނާގެ ހަނދާންތައް އާކުރަމުން، ނަން ހާމަނުކުރާ ފިލްމީ ދާއިރާގެ އިސްވެރިއެއްގެ ފަރާތުން ފެނުނު ބިރުވެރި އަމަލެއްގެ ވާހަކަ ކިޔައިދިނެވެ. އެއީ އެ ދެ މީހުން އެކުގައި މަސައްކަތްކުރި މަސްރޫއެއްގެ ޓީމު ރޭގަނޑުގެ ކެއުމަކަށް ދިއުމަށްފަހު، އެނބުރި ހޮޓަލަށް އައި ވަގުތެވެ. އޭނާ ބުނި ގޮތުގައި، އެ މީހާއާއި ޖެނީ ތިބީ ހޮޓަލުގެ އެއް ފަންގިފިލާއެއްގައެވެ. ކޮޓަރިއަށް ވަންނަން ޖެނީ ދޮރު ހުޅުވި ވަގުތު، އެ މީހާ ގަދަކަމުން އޭނާގެ ފަހަތުން ކޮޓަރި ތެރެއަށް ވަދެ، ޖިންސީ ގޯނާކުރަން މަސައްކަތް ކުރިއެވެ.
މި ކުރިމަތިލުމުގައި ޖެނީ ބިމަށް ވެއްޓުނު ނަމަވެސް، ހިތްވަރާއެކު ތެދުވެ، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ގޮތުން އެ މީހާގެ މޫނުމަތީގައި ބާރަށް ޖެހިއެވެ. އެ ހަމަލާގެ ސަބަބުން އެ މީހާގެ ނޭފަތް ބިންދައިގެން ގޮސް، މުޅި މޫނުމަތިން ލޭ އޮހޮރެން ފެށިއެވެ. އަދި ވަގުތުން ކޮޓަރިން ނިކުތުމަށް ހަޅޭލައި އޭނާ އެ މީހާއަށް އަމުރުކުރިއެވެ.
ޖެނީ ބުނީ، މިފަދަ ނުރައްކާތެރި ހާލަތްތަކުގައި އަމިއްލަ ނަފްސު ދިފާއުކުރަން އޭނާއަށް އެނގުނީ، ޗިކާގޯގެ ދެކުނު ސަރަހައްދެއްގައި ބޮޑުވިއިރު އޭނާގެ ބައްޕަ ދިން ތަމްރީނުތަކުގެ ސަބަބުން ކަމަށެވެ. އޭނާގެ ބައްޕަ ވަނީ ހަތަރު އަންހެން ދަރިންނަށްވެސް ބިރުވެރި ހާލަތްތަކުން ސަލާމަތްވާނެ ގޮތްތައް ދަސްކޮށްދީފައެވެ. އަޖައިބުވާންޖެހޭ ކަމަކީ، މި ހާދިސާއަށްފަހުވެސް އެ މީހާ ނޭފަތުގައި ބޭންޑޭޖު އަޅައިގެން މަސައްކަތަށް ނިކުތްއިރުވެސް، ޖެނީއަށް އޭނާއާއެކު މަސައްކަތް ކުރިއަށްގެންދަން މަޖުބޫރުވުމެވެ. ސެލެބްރިޓީންގެ ދިރިއުޅުމުގައި ހުންނަ މިފަދަ ނާޒުކު އަދި ނުތަނަވަސް ހާލަތްތަކަކީ އާންމުންނަށް ނޭނގޭ އެތައް ސިއްރުތަކެކެވެ.
ޖެނީ ވަނީ 1998 ވަނަ އަހަރު އޮޑިޝަނެއްގެ ތެރޭގައި އެކްޓަރު ސްޓީވަން ސީގަލްގެ ފަރާތުން ކުރިމަތިވި ޖިންސީ ފުރައްސާރައިގެ ވާހަކަވެސް ތަކުރާރުކޮށްފައެވެ. އެގޮތުން އޮޑިޝަންގެ ތެރޭގައި އޭނާގެ އަންނައުނު ބޭލުމަށް ސީގަލް މަޖުބޫރުކުރި ކަމަށް ޖެނީ ބުންޏެވެ. މިއީ ހޮލީވުޑްގެ ތަރިއަކަށް ވުމަށް ކުރި ދަތުރުގައި، އޭނާއަށް ތަހައްމަލުކުރަން ޖެހުނު ބައެއް ނޭދެވޭ އަދި ބިރުވެރި ކަންކަމެވެ.
ފިލްމީ ދާއިރާގެ ނުރައްކާތަކުގެ އިތުރުން، އޭނާގެ އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވި އަނިޔާވެރި ގުޅުމެއްގެ ވާހަކަވެސް ޖެނީ ހިއްސާކުރިއެވެ. އެއީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ދަތުރު އުނދަގޫ ދުވަސްވަރު ކަމަށާއި، އެކަމުން އަރައިގަނެ، އަމިއްލަ ނަފްސުގެ އިތުބާރު ހޯދުމަށް ދިގު މުއްދަތަކަށް ތެރަޕީ ނަގަން ޖެހުނު ކަމަށް އޭނާ ކިޔައިދިނެވެ.
ސެލެބްރިޓީންގެ ފާޅުކަން ބޮޑު ދިރިއުޅުމުގެ ފަހަތުގައި، ނަފްސާނީ ބިރުވެރިކަމާއި، ސަލާމަތީ ގޮތުން ހުންނަ ނާޒުކުކަން މިފަދަ ހާމަކުރުންތަކުން ވަރަށް ސާފުކޮށް ހާމަވެގެންދެއެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online