ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ސަމީރު ސުޕްރީމް ކޯޓަށް
ސުޕްރީމް ކޯޓުން ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
މިދިޔަ ބުދަ ދުވަހު ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، ފާސްކޮށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވަނީ ސަމީރު ސުޕްރީމް ކޯޓަށް އައްޔަންކުރަން ފެނޭތޯ ވޯޓަށް އަހައި، ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ ވޯޓާއެކު، ސުޕްރީމް ކޯޓަށް ސަމީރު އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށް މަޖިލީހުގެ ރުހުން ވަނީ ދީފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ރިޓަޔާ ކުރައްވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމަށް ކުރިމަަތިލެއްވީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

އެ މަގާމަށް ސަމީރު އައްޔަންކުރަން ފެންނަ ކަމަށް ރައީސް މުއިއްޒަށް ލަފާ އަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމުމުން އެ ލަފާއާ އެއްގޮތަށް ސަމީރުގެ ނަން މަޖިލީހަށް ރައީސް ފޮނުއްވި އެވެ. އެ ނަން ދިރާސާކޮށް، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ އޭނައަށް ރުހުން ދޭން ފެންނަ ކަމަށެވެ.
ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ސަމީރަކީ 2011ވަނަ އަހަރުން ފެށިގެން 2022ވަނަ އަހަރުގެ ނިޔަލަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް އޭނާ ކުރެއްވިއިރު، ހައި ކޯޓުން ވަކިވެވަޑައިގަތުމަށް ފަހު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ވަނީ ފުރުއްވައިފައެވެ.
އެގޮތުން އަލްއުސްތާޛު ޢަލީ ސަމީރު ހައިކޯޓު ފަނޑިޔާރަކަމަށް އައްޔަނުކުރައްވާފައިވަނީ 2011 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހު އެވެ. އޭގެ ކުރިން ހިދުމަތް ކުރެއްވީ ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރައްވާފައިވަނީ 2009 މޭ 09 ވަނަ ދުވަހުއެވެ. ހައިކޯޓު ހިންގެވުމާއި ހަވާލުވެވަޑައިގެން ޢަލީ ސަމީރު ގިނަ ހިދުމަތްތަކެއް ކުރައްވާފައިވެއެވެ.
ފަނޑިޔާރު ޢަލީ ސަމީރު ހައިކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2022 ވަނަ އަހަރު އޭޕްރީލް 17 ވަނަ ދުވަހު އެވެ. ރައީސް ސޯލިހުގެ ޒައާމަތުގައި، އޭގެ މަހެއްހާ ދުވަސް ފަހުން ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ސަމީރު އައްޔަނު ކުރެއްވިއެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމަށްފަހު، ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ސަމީރު އަދާކުރެއްވި އެވެ. އަދި މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަނީ އަމިއްލަ ލޯފާމެއްގަ އެވެ. މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ސަމީރު މާސްޓާސް ޑިގްރީ ހެއްދެވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕެރޭޓިވް ލޯގެ ދާއިރާއިންނެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online