ފުލުހުން ފެނުމުން އިހުސާސްވަނީ ރައްކާތެރިކަންތޯ ނުވަތަ ބިރުވެރިކަންތޯ؟

ޒަމާނީ ޑިމޮކްރެޓިކް މުޖުތަމައަކަށް، އާންމުންގެ އިތުބާރަކީ އިހްތިޔާރީ ކަމެއް ނޫނެވެ. އެއީ ނަތީޖާ ނެރެދޭ ފުލުހުންގެ ހިދުމަތެއް ބިނާވާ އަސާސީ ބިންގަލެވެ.

ޖޫން 21, 2026 - 02:25
އަދާހަމަވެއްޖެ: 25 ދުވަސްތައް ކުރިން
ފުލުހުން ފެނުމުން އިހުސާސްވަނީ ރައްކާތެރިކަންތޯ ނުވަތަ ބިރުވެރިކަންތޯ؟
ފުލުހުން އާއްމުންނާއި ނޭދެވޭގޮތަށް މުއާމަލާތުކުރާ ހިޔާލީ މަންޒަރެއް

ދުނިޔޭގެ ގިނަ ގައުމުތަކުގައި ފުލުހަކު ފެނުމުން އާންމު ރައްޔިތުންނަށް އިހުސާސްވަނީ ރައްކާތެރިކަމާއި، ހިތްހަމަޖެހުމާއި، ހިމާޔަތެވެ.

ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) ގެ ބާރުބޮޑު މަގުތަކުންނާއި، ޖަޕާނުގެ އަވަށްތަކުން ނުވަތަ އޮސްޓްރޭލިއާގެ ރަށަކުން ފެނުނަސް، ފުލުހުންނަކީ އާންމު ސަލާމަތްތެރިކަން ބަލަހައްޓާ ފާރަވެރިންގެ ގޮތުގައި އާންމުކޮށް ބަލައިގަނެއެވެ. އެމީހުންގެ ހާޒިރުވުމުގެ ސަބަބުން ރައްޔިތުންނަށް ރައްކާތެރިކަން އިހުސާސް ކުރެވެއެވެ.

ނަމަވެސް، ދިވެހިރާއްޖޭގައި ގިނަ ރައްޔިތުން ފާޅުކުރަނީ މިއާއި މުޅިން ތަފާތު ސުއޫރުތަކެކެވެ. މަގުމަތިން ފުލުހުންނާ ދިމާވުމުން ހިތްހަމަޖެހުން ލިބުމުގެ ބަދަލުގައި، ގިނަ ބަޔަކު ބުނަނީ ނުތަނަވަސްކަމާއި، ޖެހިލުންވުން ނުވަތަ ބިރުވެރިކަންވެސް އިހުސާސްވާ ކަމަށެވެ. މިގޮތަށް އަށަގަންނަމުންދާ ވިސްނުމުގެ ސަބަބުން މުހިންމު ސުވާލެއް އުފެދެއެވެ: ދިވެހިރާއްޖޭގައި ފުލުހުންގެ ހިދުމަތް ދިނުމުގެ އަސާސީ އުސޫލުތައް ރަނގަޅަށް ތަންފީޒު ކުރެވެމުން އެބަދޭތޯއެވެ؟

އިތުބާރުގެ ބަދަލުގައި ބިރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް

އާންމުންގެ ފަރާތުން އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަންބޮޑުވުމަކީ ފުލުހުން، އާންމު ރައްޔިތުންނާ މުއާމަލާތްކުރާ ގޮތެވެ. ގިނަ ބަޔަކު ސަކުވާކުރާ ގޮތުގައި މަގުމަތިން އެމީހުން ހުއްޓުވާއިރު، ގިނަ ފަހަރަށް ފުލުހުން ކައިރިއަށް އަންނަނީ އިހުތިރާމާއެކު މުއާމަލާތް ކުރުމުގެ ބަދަލުގައި ކުށްވެރިއެއްގެ ނަޒަރުން ސައްކުގެ މަތީގައެވެ. ސުވާލުކުރުމުގެ ރާގު ބައެއް ފަހަރު ހަރުކަށިވުމުގެ ސަބަބުން، އެ މީހަކީ އޭރުވެސް ކުށެއް ކޮށްފައިވާ މީހެއް ކަމަށް ނިންމާފައިވާ ފަދަ އިހުސާސެއް ކުރެވޭ ގޮތްވެއެވެ.

ދިމިގްރާތީ ގިނަ ގައުމުތަކުގައި، ޒަމާނީ ފުލުހުންގެ ހިދުމަތް ބިނާވެފައިވަނީ ކުށެއް ސާބިތުނުވާހާ ހިނދަކު އެއީ މައުސޫމް މީހެއް ކަމަށް ބަލައި، އަސާސުގެ މައްޗަށެވެ. ފުލުހުން ތަމްރީނުކޮށްފައިވަނީ ރައްޔިތުންނާ މުއާމަލާތްކުރުމުގައި "ޕްރޮފެޝަނަލް"، އަދަބުވެރި، އަދި އިހުތިރާމްކުރާ ބައެއްގެ ގޮތުގައެވެ. އާންމު ޗެކްތައް ކުރާއިރުވެސް، ޖަޕާން، ކެނެޑާ އަދި ޔޫކޭ ފަދަ ގައުމުތަކުގެ ފުލުހުން އާންމުކޮށް އަމިއްލައަށް ތައާރަފްވެ، ހުއްޓުވި ސަބަބު ކިޔައިދީ، އަދަބުވެރިކަން ދަމަހައްޓައެވެ.

އޭގެ ބޭނުމަކީ ވަރަށް ސާދާ ކަމެކެވެ؛ ބިރުދެއްކުމުގެ ބަދަލުގައި އާންމުންގެ އިތުބާރު ހޯދައިގެން އެއްބާރުލުން ހޯދުމެވެ. ގިނަ ދިވެހިން ގަބޫލުކުރާ ގޮތުގައި، ރާއްޖޭގެ ދުވަހުން ދުވަހަށް ދޭ ފުލުހުންގެ ހިދުމަތްތަކުން މި ދެންނެވި އަސާސް ގިނަ ފަހަރަށް ފެންނާކަށް ނުހުރެއެވެ.

އާންމު ރައްޔިތުންނަށްވުރެ ކުށްވެރިން ޖެހިލުންކުޑައީ ކީއްވެ؟

އާންމުންގެ ތެރޭގައި ތަކުރާރުކޮށް ކިޔާ އަނެއް ފާޑުކިޔުމަކީ، ހަގީގީ ކުށްވެރިން އެއްވެސް ބިރެއްނެތި ފާޅުގައި އުޅެމުންދާއިރު، ގާނޫނަށް ބޯލަނބާ އާންމު ރައްޔިތުން ހުއްޓުވައި ސުވާލުކުރުމުގެ ފުރުސަތު ބޮޑުކަމަށް ހީވުމެވެ.

ގޭންގުތަކުގެ މެންބަރުންނާއި ތަކުރާރުކޮށް ކުށްކުރާ މީހުންނަކީ މުޖުތަމައުގެ ތެރޭގައި ރަނގަޅަށް އެނގޭ ބައެކެވެ. އެހެންނަމަވެސް، ގިނަ ރައްޔިތުންނަށް އިހުސާސްވަނީ އެފަދަ ފަރާތްތަކުން މިނިވަންކަމާއެކު ޖެހިލުމެއްނެތި އުޅެމުންދާއިރު، އާންމު މީހާ އަށް ގިނަގިނައިން ޗެކްކުރުމާއި ސުވާލުކުރުމާ ކުރިމަތިލާންޖެހޭ ކަމަށެވެ.

މި ވިސްނުމަކީ މުޅިން ރަނގަޅު ވިސްނުމެއް ކަމުގައި ވިޔަސް ނުވަތަ ނޫން ކަމުގައި ވިޔަސް، މިފަދަ ތަސައްވުރެއް މުޖުތަމައުގައި އޮތުމަކީ އަމިއްލައަށްވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ. ފުލުހުންގެ ހިދުމަތަށް އާންމުންގެ އިތުބާރު ލިބުން ބިނާވަނީ ހަމައެކަނި ނެރޭ ނަތީޖާއަކަށް ނޫނެވެ؛ އޭގެ އިތުރުން ފެންނަން ހުންނަ އިންސާފުވެރިކަމުގެ މައްޗަށްވެސްމެއެވެ.

ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތަކުން މައުސޫމް މީހުންނަށް ނުބައްދަލު އަސަރުތަކެއް ކުރާއިރު، ކުށްވެރިން އެއްވެސް ހުރަހެއްނެތި އެމީހުންގެ އަމަލުތައް ކުރިއަށްގެންދާ ކަމަށް ރައްޔިތުން ގަބޫލުކުރަން ފެށުމުން، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އޮންނަ އިތުބާރު ގެއްލިގެންދެއެވެ. ނަތީޖާ ނެރެދޭ ފުލުހުންގެ ހިދުމަތަކަށް ބޭނުންވަނީ، ގާނޫނަށް ބޯލަނބާ ރައްޔިތުންނަށް ބޭކާރު ނުތަނަވަސްކަން ކުރިމަތިކުރުވުމުގެ ބަދަލުގައި، ހަގީގީ ކުށްވެރިންގެ ނުރައްކާތަކަށް ފުލުހުންގެ "އިންޓެލިޖެންސާއި"، ވަސީލަތްތަކާއި، އަދި "އޮޕަރޭޝަނަލް" މަސައްކަތްތައް އަމާޒުކުރުމެވެ.

ފުލުހުންގެ ހިދުމަތުގެ އަސްލު މިސްރާބު ގެއްލިއްޖެތޯ؟

އާއްމުންގެ ކަންބޮޑުވުން މާބޮޑަށް ގުޅިފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ދައުރާއި އިސްކަންދޭ ކަންތައްތަކާއި މެދުގައެވެ. ގާނޫނުއަސާސީ އާއި ގައުމީ ގާނޫނުތަކުގެ ދަށުން ފުލުހުންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ގާނޫނާއި ނިޒާމު ދެމެހެއްޓުމާއި، ކުށްކުރުން ހުއްޓުވުމާއި، ކުށްތައް ތަހުގީގުކުރުމާއި، އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތައް ތަންފީޒުކުރުމާއި، އަދި ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކޮށްދިނުމެވެ.

ނަމަވެސް، ދިރާސާވެރިން ވަކާލާތުކުރާ ގޮތުގައި، ފުލުހުންގެ ވަސީލަތްތައް ގިނައިން އަމާޒުވަމުންދަނީ އާންމުކޮށް އެހެން މުއައްސަސާތަކާ ގުޅުންހުރި މަސްއޫލިއްޔަތު ތަކަކަށެވެ. މޯލްޑިވްސް ޕޮލިސް ސާވިސްއިން ގިނަގިނައިން ހޯދުމާއި ސަލާމަތްކުރުމުގެ (ސާޗް އެންޑް ރެސްކިއު) "މިޝަން" ތަކުގައާއި، ކަނޑުމަތީގެ "އޮޕަރޭޝަން" ތަކުގައާއި، ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގައާއި، އަދި އަލިފާން ނިއްވުމުގެ އެހީތެރިކަމުގައި ބައިވެރިވެއެވެ. 

މި ހިދުމަތްތަކަކީ ސައްކެއްވެސްނެތްގޮތުގައި ގައުމަށް ފައިދާހުރި އަދި ފުލުހުންގެ އިހުލާސްތެރިކަން ހާމަކޮށްދޭ ކަންކަމަށް ވިޔަސް، ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެފަދަ މަސްއޫލިއްޔަތުތަކުގެ ސަބަބުން ފުލުހުންގެ މައިގަނޑު މަސައްކަތްތަކަށް ދޭންޖެހޭ ސަމާލުކަމާއި ވަސީލަތްތައް އެހެން ދިމާލަކަށް އެނބުރިގެންދާ ކަމަށެވެ.

މަގުމަތީގެ ގަވާއިދުތައް ތަންފީޒުކުރުމަކީ އަދިވެސް ބޮޑު ގޮންޖެހުމެކެވެ. ތަހުގީގުތައް ގިނަ ފަހަރަށް ލަސްވެއެވެ. ޖިނާއީ ކަންކަމާ ގުޅޭގޮތުން އާންމުން ކުރާ ސަކުވާތައް ހައްލުކުރުމަށް ބައެއް ފަހަރު ބޮޑު ވަގުތެއް ނަގައެވެ. ހަމައެއާއެކު، ގޭންގު މާރާމާރީއާއި، މަސްތުވާތަކެތީގެ ކުށްތަކާއި، އަދި ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭ ކަންބޮޑުވުންތައް ދަނީ އިތުރުވެ ދިގުލައިގެންނެވެ.

ގިނަ ރައްޔިތުން ސުވާލުކުރަނީ ފުލުހުންގެ ހިދުމަތުން އެއްފަހަރާ މާގިނަ މަސްއޫލިއްޔަތުތަކެއް އަދާކުރަން އުޅުމުގެ ސަބަބުން، ކުށްކުރުން ހުއްޓުވުމާއި ގާނޫނު ތަންފީޒުކުރުމުގެ މައިގަނޑު "މިޝަން" ދަނީ ބަލިކަށިވަމުން ނޫންތޯއެވެ؟

ކާމިޔާބު ފުލުހުންގެ މޮޑެލްތަކުން ލިބޭ ފިލާވަޅުތައް

ދުނިޔޭގެ އެންމެ ގަދަރުވެރި ބައެއް ފުލުހުންގެ ހިދުމަތްތަކުން (އެއްބަޔަކު އަނެއްބަޔަކާއި) އެއްގޮތް ސިފަތަކެއް ހިއްސާކުރެއެވެ. ޖަޕާނުގައި، " ކޮމިއުނިޓީ ޕޮލިސިންގ" އެކުލެވިގެންވަނީ ފުލުހުން، ސީދާ އަވަށްތަކުގެ ތެރޭގައި ހަރަކާތްތެރިވެ، ރައްޔިތުންނާ ގުޅުން ބަދަހިކޮށް، މައްސަލަތައް ބޮޑުވުމުގެ ކުރިން އަވަހަށް ހައްލުކުރުމުގެ މައްޗަށެވެ.

ޔުނައިޓެޑް ކިންގްޑަމްގައި، " ޕޮލިސިންގް ބައި ކޮންސެންޓް" (ރުހުމާއެކު ފުލުހުންގެ ހިދުމަތްދިނުން) ގެ އަސާސުން ބާރުއަޅަނީ ފުލުހުންގެ ގާނޫނީ ސައްހަކަން ލިބެނީ ހަމައެކަނި ބާރުގެ ބޭނުންކޮށްގެން ނޫންކަމާއި، އޭގެ ބަދަލުގައި އާންމުންގެ އިތުބާރުގެ މައްޗަށް ކަމަށެވެ. ސިންގަޕޫރުގައި، ހަރުކަށިކޮށް ގާނޫނު ތަންފީޒުކުރުމާއެކު " ޕްރޮފެޝަނަލް" ކަމާއި، ޒިންމާދާރުކަމާއި، އަދި ހަލުވި ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ތިލަފަތް ހަމަހަމަ ކުރެއެވެ.

މި ހުރިހާ ނިޒާމެއްގައިވެސް، އާންމުންގެ އިތުބާރަކީ ދުރުރާސްތާ (ސްޓްރެޓީޖިކް) ރައުސްމާލެއްގެ ގޮތުގައި ބަލައެވެ. ފުލުހުންގެ ހިދުމަތުގެ މަންފާ ވަޒަންކުރެވެނީ ހަމައެކަނި ހައްޔަރުކުރާ ހައްޔަރުކުރުންތަކާއި ދައުވާތަކުންނެއް ނޫނެވެ؛ އޭގެ އިތުރުން ފަރުދުންނާއި ރައްޔިތުން ރައްކާތެރިކުރުމާއި ހަވާލުވެފައިވާ ފަރާތްތަކަށް (އާދެ ފުލުހުންނަށް)، ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރުގެ މައްޗަށްވެސް މެއެވެ.

އިސްލާހީ ބަދަލުތަކަކަށް ބޭނުންވެފައިވުން

ފުލުހުންގެ ހިދުމަތް އިސްލާހުކުރުމުގެ މާނައަކީ، އުނދަގޫ ހާލަތްތަކުގައި ދިގު ވަގުތު މަސައްކަތްކުރާ ވަކިވަކި ފުލުހުންނަށް ފާޑުކިޔުމެއް ނޫނެވެ. ގިނަ ފުލުހުންތަކެއް ހިދުމަތްކުރަނީ " ޕްރޮފެޝަނަލް" ކޮށް އަދި އާންމު ސަލާމަތަށްޓަކައި ވަަފާތެރިކަމާއި އެކީގައެވެ.

އެހެންނަމަވެސް، އާންމުންގެ އުންމީދުތަކާ އެއްވަރަށް މުއައްސަސާތައް މެދުނުކެނޑި ތަރައްގީވާންޖެހެއެވެ. އާންމުންގެ އިތުބާރު ބޮޑުކޮށް ދެމެހެއްޓުމަށްޓަކައި ބައެއް ގެނެވިދާނެ އިސްލާހުތަކާއި މެދު ނަޒަރެއް ހިންގާލާއިރު؛

  • މުއާމަލާތްކުރުމުގެ ހުނަރުތަކާއި އިހުތިރާމާއެކު އާންމުންނާ ގުޅުން ބޭއްވުމަށް ބޮޑު ސަމާލުކަމެއް ދިނުން.
  • ރަށުގެ ރައްޔިތުންނާ ގުޅުން ބަދަހިކުރާ އިޖުތިމާއީ (ނުވަތަ އަވައްޓެރި) ފުލުސް ޕްރޮގްރާމްތައް އިތުރުކޮށް ހަރުދަނާ ކުރުން.
  • ތަކުރާރުކޮށް ކުށްކުރާ މީހުންނާއި، ގޭންގުތަކާއި، އަދި ރޭވުންތެރިކަމާއެކު ހިންގާ ޖިނާއީ "ނެޓްވޯކް" ތަކަށް އަމާޒުކުރުމަށް ސަމާލުކަން އިތުރުކުރުން.
  • ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެހެނިހެން ކުއްލި ހާލަތްތަކުގައި ހިދުމަތްދޭ މުއައްސަސާތަކުގެ މަސްއޫލިއްޔަތުތައް މިއަށްވުރެ ސާފުކޮށް ވަކިކުރުން.
  • ޒިންމާދާރުކުރުވުމާއި މުއައްސަސާ "މޮނިޓަރ" ކުރާ ނިޒާމުތައް ވަރުގަދަކުރުން.
  • ޖިނާއީ ތަހުގީގުތައް ހަލުވި އަދި ދެފުށް ފެންނަ ގޮތަށް ކުރިއަށްގެންދިއުން.
  • އިންސާނީ ހައްގުތަކާއި، އާންމު ހިދުމަތާއި، އަދި " ޕްރޮފެޝަނަލް" އަހުލާގަށް އަމާޒުކޮށްގެން ތަމްރީނުތައް ރަނގަޅުކުރުން ފަދަ ކަންކަން ހިމެނެއެވެ.

ރައްޔިތުންނަށް އިތުބާރުކުރެވޭ ފަދަ ފުލުހުންގެ ހިދުމަތެއް

ފުލުހުންގެ ހިދުމަތުގެ އާހިރު މަގްސަދަކީ ހަމައެކަނި ގާނޫނުތައް ތަންފީޒުކުރުމެއް ނޫނެވެ. އޭގެ ބޭނުމަކީ ރައްޔިތުންނަށް ރައްކާތެރިކަމާއި، ހިމާޔަތާއި، އަދި އިހުތިރާމް ލިބޭފަދަ މާހައުލެއް ބިނާކުރުމެވެ.

ކާމިޔާބު ފުލުހުންގެ ހިދުމަތަކީ، ކުށްވެރިން ގާނޫނާ ހިލާފުވުމުން ނިމުމެދާނެ ނަތީޖާއާމެދު ބިރުގަންނަވައި، ހަމައެއާއެކު އާންމު ރައްޔިތުންނަށް އެމީހުންގެ ދިރިއުޅުން ހިތްހަމަޖެހުމާއި އިތުބާރާއެކު ކުރިއަށްގެންދިއުމުގެ ފުރުސަތު ލިއްބައި ދެވޭ ހިދުމަތެކެވެ.

ދިވެހިރާއްޖޭގައި ގައުމީ ސަލާމަތާއި ގާނޫނު ތަންފީޒުކުރުމާ ބެހޭގޮތުން ބަހުސްތައް ކުރިއަށްދާއިރު، މައިގަނޑު ސުވާލު އަދިވެސް އޮތީ އެގޮތުގައެވެ: ފުލުހަކު ފެނުމުން ރައްޔިތުންނަށް ބިރުވެރިކަން އިހުސާސްވާންޖެހޭ ހެއްޔެވެ، ނުވަތަ ހިމާޔަތާއި ރައްކާތެރިކަން އިހުސާސްވާންޖެހޭ ހެއްޔެވެ؟

އެ ސުވާލުގެ ޖަވާބުން، ދިވެހިރާއްޖޭގައި ފުލުހުންގެ ހިދުމަތް އިސްލާހުކުރުމުގެ ސީދާ މިސްރާބު ކަނޑައެޅިގެންދާނެއެވެ. ޒަމާނީ ދިމިގްރާތީ މުޖުތަމައަކަށް، އާންމުންގެ އިތުބާރަކީ އިހްތިޔާރީ ކަމެއް ނޫނެވެ—އެއީ ނަތީޖާ ނެރެދޭ ފުލުހުންގެ ހިދުމަތެއް ބިނާވާ އަސާސީ ބިންގަލެވެ.