ލިބޭ މިންވަރަށް ޝުކުރުވެރި (ޤަނާޢަ) ވެގެން ނޫޅެވޭ މީހާއީ އަބަދުވެސް ފަޤީރެއް
ލިބުނު މިންވަރަށް ރުހިގަތުން އެމީހެއްގެ ހިތުން ގެއްލިއްޖެ މީހާއަކީ ފަޤީރެކެވެ - الشيخُ العلاَّمة ابن العُثَيمِين رحمه الله
"އިންސާނަކަށް ޤަނާޢަ (ލިބުނު މިންވަރަށް ރުހިގަތުމުގެ) ގެ ސިފަ ލިބިއްޖެ ހިނދުގައި އޭނާއަކީ މުއްސަންޖެއްގެ ގޮތުގައިވެއެވެ. އަދި ހިތް ތަނަވަސް މީހެއްގެ ގޮތުގައިވެ އެހެން މީހުންނަށް އޭނާގެ ނަޟަރު ނުހުއްޓޭނެ އެވެ. މިކަމުގެ މައްޗަށް ދަލީލުކޮށްދެނީ ސުވަރުގޭގެ އަހުލުވެރިންގެ ނިޢުމަތްތައް ފުރިހަމަވެގެންވާކަން ބަޔާންވެފައިވާ ގޮތުންނެވެ. ހަމަކަށަވަރުން އެބައިމީހުން ﴿لاَيَبْغُون عَنها حِولا﴾ “އެބައިމީހުން އެތަންފިޔަވައި، އެހެންފަރާތަކަށް އެނބުރި ދިއުމަށް ނޭދޭނެ އެވެ."
العَلاَّمَة محمد بن صالح العثَيمين رحمه الله
އެތަނުގައިވާ އެންމެ ދަށުދަރަޖައިން ނިޢުމަތްލިބޭ މިހާވެސް އެތަން ދޫކޮށް އެހެންތަނަކަށް ދިއުމަށް ބޭނުމެއް ނުވާނެއެވެ. އަދި ސުވަރުގޭގައި އޭނާއަށްވުރެ ނިޢުމަތުގައި އުޅޭ އެހެން މީހަކު ވާކަމަކަށް ނުދެކޭނެއެވެ. ފަހެ، މިއީ ﷲ އެ އިލާހުގެ އަޅުތަކުންނަށް ދެއްވާ ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެކެވެ.
އޭނާއަށް ޤަނާޢަ (ލިބުނު މިންވަރަށް ރުހިގަތުމަށް) ﷲ ތަޥްފީޤު ދެއްވި އެވެ. އެއީ އޭނާ ގެދޮރު ކަމުގައިވީނަމަވެސް، ނުވަތަ އޭނާގެ ފޭރާމުގައި ނުވަތަ އޭނާގެ ސަވާރީ ނުވަތަ އޭނާގެ ދަރިންކަމުގައިވީނަމަވެސް އެވެ. އެހެނަސް އޭނާގެ ހިތުން ޤަނާޢަ (ލިބުނު މިންވަރަށް ރުހިގަތުން) ގެއްލިއްޖެ ހިނދުގައި އޭނާއަކީ ފަޤީރެއް ކަމުގައިވެ އެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ (البقرة 172)
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންއިލާހު ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި اللَّهއަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ.”
ނިޢުމަތް ތަކަށް ޝުކުރުވެރިވުމަކީ އެނިޢުމަތް ދެއްވިފަރާތް ހަނދުމަކޮށް އެއިލާހަށް ޘަނާ ކިޔައި އެނިޢުމަތުގެ ބޭނުން އެއިލާހު ރުހިވޮޑިގެންވާ ގޮތުގައި ހިފުމެވެ. މުދަލަށް ޝުކުރުވެރިވުމަކީ އެހެން ބައެއްގެ ހައްޤުތަކެއް އެ މުދަލުގައި ވާކަން ޤަބޫލު ކޮށް އެބައިމީހުނަށް އެ ހައްޤުތައް އަދާ ކުރުމެވެ.
ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. وَفِي أَمْوَالِهِمْ حَقٌّ لِّلسَّائِلِ وَالْمَحْرُومِ (الذاريات 19)
މާނައީ :” ސަލާމް ޖަހާ މީހުންނާއި މުދަލުން މަޙްރޫމް ވެފައިވާ ނިކަމެތީންގެ ޙައްޤު ތަކެއް އެބައިމީހުންގެ މުދަލުގައި ވެއެވެ.”
މުދާ ދެއްވި ފަރާތަށް ޝުކުރުވެރި ވުމަކީ އެމުދަލުން އިސްރާފް ނުކުރުމެވެ. ﷲ ގެ މަގުގައި އެއިލާހުގެ ދީން މަތިވެރިކުރުމަށް އެމުދާ ހޭދަކުރުމެވެ. لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ (إبراهيم7)
މާނައީ:” ތިޔަބައި މީހުން ޝުކުރު ކޮށްފިނަމަ ތިމަން އިލާހު ތިޔަބައިމީހުންނަށް އިތުރު ކޮށްދެއްވާހުށީމެވެ. އަދި ތިޔަބައި މީހުން (އެ ނިޢުމަތްތަކަށް) ކުފުރުވެރި ވެއްޖެނަމަ ދަންނާށެވެ! ތިމަންއިލާހުގެ ޢަޛާބު ގަދަފަދަ ވެގެންވާކަން ކަށަވަރެވެ.”
ﷲ ތަޢާލާގެ ރަޙްމަތުގެ ތަނަވަސްކަން އިޙްސާސް ކުރެވޭނީ އެކަލާނގެ އަހަރެމެންނަށް ދެއްވާފައިވާ ގިނަގުނަ ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެއް ފިލާ ދިޔުމުންނެވެ. ލޯފަންމީހަކަށް ފެނުމުގެ ނިޢުމަތުގެ ބޮޑުކަން އިޙްސާސް ކުރެވޭނެއެވެ. ބީރު މީހަކަށް އަޑުއިވުމުގެ ނިޢުމަތުގެ ބޮޑުކަން އިޙްސާސް ކުރެވޭނެއެވެ. މަންމަން މީހަކަށް ވާހަކަދެއްކުމުގެ ނިޢުމަތުގެ ބޮޑުކަން އިޙްސާސް ކުރެވޭނެއެވެ. ބަލިވުމުން ފުރިހަމަ ޞިއްޙަތެއްގެ ބޭނުންތެރިކަން އިޙްސާސް ކުރެވޭނެއެވެ.
އެންމެ މޭވާއެއްގެ ބަދަލުގައި އެކިކުލައިގެ އެކި ރަހަތަކުގެ ތަފާތު އެތައް ސަތޭކަ މޭވާއެއް އަހަރެމެންނަށްޓަކައި ދުނިޔޭގައި ލައްވާފައިވާ ކަމާއިމެދު ފިކުރުކޮށްލައްވާށެވެ. ގަސް ގަހާގެހި އަހަރެމެންނަށްޓަކައި ބިމުން ފެޅުއްވިއެވެ. އޭގެ ޒަރިއްޔާއިން ގުނާ އަދަދު ނުކުރެވޭނޭހާ މޭވާތަކުގެ އިތުރުން ތަރުކާރީއާއި އެތައްބައިވަރު ކާނާގެ ބާވަތްތައްލެއްވިއެވެ. ދަތުރުފަތުރު ކުރުމަށްޓަކައި ކަނޑުގައާއި އެއްގަމުގައި ދުއްވާނޭ އުޅަނދުތައް ތައްޔާރުކުރެވޭނޭ ވަސީލަތްތައް ލެއްވިއެވެ.
އަހަރެމެންނަށްޓަކައި އުޑުން ވާރޭފެން ވެއްސެވިއެވެ. އަހަރެމެން އޭގޭން ފައިދާހޯދައި ކައިބޮއި ހެދުމަށްޓަކައި ކަނޑާއި އެއްގަމުގައި ތަފާތު ޖަނަވާރުތައްލެއްވިއެވެ. ރޭދުވާ ތަފާތު ވާނޭގޮތުގައި ލެއްވިއެވެ. ރޭގަނޑު އެއީ އަހަރެމެންނަށްޓަކައި ނިވަލެއްކަމުގައި ލެއްވިއެވެ. ނިދި އެއީ އަރާމު ލިއްބައިދޭ އެއްޗެއް ކަމުގައި ލެއްވިއެވެ. ދުވާލު އެއީ ތަފާތު މަސައްކަތްތައްކޮށް ހިތްހަމަޖެހުން ހޯދޭ ފަދަ ވަޤުތެއް ކަމުގައިލެއްވިއެވެ.
އަހަރެމެންނަށްޓަކައި އަނބިންނާއި ފިރީން ލެއްވިއެވެ. އެއިލާހުގެ ރަޙްމަތް ފުޅުން އަހަރެމެންގެ ލޮލުގެ ފިނިކަންކަމުގައި އަހަރެމެންގެ ދަރިން ލެއްވިއެވެ. އަހަރެމެންނަށް ޓަކައި މައިންބަފައިންގެ ހިތުގައި ރަޙުމާއި އޯގާތެރިކަން އެއިލާހު ލެއްވިއެވެ.
މި ހުރިހާ ނިޢުމަތްތަކަށްވުރެ ބޮޑު ނިޢުމަތެއް ﷲ ތަޢާލާގެ އޯގާވަންތަކަމުން އަހަރެމެންނަށް ދެއްވާފައި ވެއެވެ. އެއީ ޙިދާޔަތުގެ ނިޢުމަތެވެ. އިސްލާމްދީނުގެ ނިޢުމަތެވެ. އީމާން ކަމުގެ ނިޢުމަތެވެ. އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންތެރި ވެ ނަހީތަކުން ދުރުވެތިބެ އަބަދުވެސް ލިބޭ މިންވަރަށް ޝުކުރުވެރިވެ ހިތްހަމަޖެހިގެން މިދުނިޔޭގެ ކުރު ޙަޔާތް ވޭތުކުރާށެވެ. ދެ ދުނިޔޭގައިވެސް އުފާވެރިކަން އޮތީ މިމަގުންނެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online