ލޯބިން ކަލާ ގެންގުޅޭނަން

ބަލާލަ ބަލާލުމަކުން އަސަރު ކުރުވައޭ ދެން ކަލާ މޫނު ފެނުމުން މަޝޯޚޭވަނީ ދެން | ބަލާފައި އެނބުރި ތިޔަހެން ފަސްދީ ނުދާށޭ ނުލާހިކު މިލޯބިން ކަލާ ގެންގުޅޭނަން

ޖޫން 20, 2026 - 23:37
އަދާހަމަވެއްޖެ: 24 ދުވަސްތައް ކުރިން
ލޯބިން ކަލާ ގެންގުޅޭނަން

ޅެންވެރިޔާ: މުޙައްމަދު ރިޟާ އާދަމް (މަރިއާޒު)، ބ. ދަރަވަންދޫ
ރާގު:
މެރަ ޕިޔާރު ވޯހޭން (މެހެންދަރު ކަޕޫރު)،
ފިލްމު: ޔެ ރާތު ޕިރް ނައާއޭގީ (1966) 


ބަލާލަ ބަލާލުމަކުން އަސަރު ކުރުވައޭ ދެން ކަލާ މޫނު ފެނުމުން މަޝޯޚޭވަނީ ދެން (2)
    ބަލާފައި އެނބުރި ތިޔަހެން ފަސްދީ ނުދާށޭ ނުލާހިކު މިލޯބިން ކަލާ ގެންގުޅޭނަން


ލޮލާ ކަޅިރަވައިގައި ވެޔޭ ތޫނުފިލިކަން
    ނުލާހިކު ގަޔާވޭ ތިވާ ރީތި ފަރިކަން
         ކޮލާތުންފަތުން ދޭނެ ލޯބީގެ ބީހުން
             ދުލާ އޭގެ ޖާދޫން ނުރެކެވޭނެ މީހުން
                 ކަލާ ޙޫރުފަދަ ވީ ތިޔަ ސޫރަ ފެނުމުން
                     ހަލާކުގެ މަގަށް ވެއްޓިދާނެ ޒުވާނުން

ސުވާލެއް ކުރަންހޭ؟ ޖަވާބެއް މަ ހޯދަން
    މިވާ ލޯބި ބުނެދީ އެކަން މިއަދު އަންގަން
        ގޮވާލަންހެ ލޯބިން ނުރުހުން ނުވޭދެން
            ޒުވާން ކަމުގެ ހޫނުން އަރާމަށް އެދޭނަން
                ހުވާކޮށް ބުނަން ގައިމޭ ޤުރުބާން ވެދާނަން
                    ނުވާތީހެ ބޭނުން ކަލާތިޔަ ދަނީ ދެން


~ 19 ފެބްރުވަރީ 2024 ~