ގައުމީ ގަދަ ދިހައެއް ހޮވުން ހުއްޓާލެވިދާނެތަ؟

ގަދަ ދިހައެއް ހޮވުމަކީ ދަރިވަރުންނާއި ބެލެނިވެރިން ޕްރެސަރަށް ހުށަހެޅިގެންދާ ކަމެއް. އަދި އިމްތިހާނަށް (ސުވާލަކަށް ޖަވާބެއް ދަސްކުރާގޮތަށް) ކިޔެވުމުން ކިޔަވާ އެއްޗެތި ހަނދާނުން ފުހެވިގެން ދިއުމުގެ ފުރުސަތު ބޮޑުވޭ!

ނޮވެންބަރު 23, 2023 - 15:13
 0
ގައުމީ ގަދަ ދިހައެއް ހޮވުން ހުއްޓާލެވިދާނެތަ؟

އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނުގެ ނަތީޖާއަށް ބަލައި ގައުމީ ގަދަ 10 ހޮވުން ހުއްޓާލަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ވިދާޅުވެއްޖެ އެވެ.

ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައިއާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގަދަ 10 ހޮވަން ފެށީ އާއްމުންނަށް ތައުލީމުގެ މުހިއްމުކަން އަންގައިދޭން ކަމަށެވެ. އޭރުގެ ހާލަތަށް ބަލާއިރު، ރަށްރަށުގައި ސްކޫލުތައް ނެތުމާއި އަންހެން ކުދިން ސްކޫލަށް ނުދިއުމުގެ މައްސަލަތައް ހުއްޓަސް، މިހާރު ތައުލީމީ ދާއިރާ ބަދަލުވެފައިވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް މިހާރު ސްކޫލުތައް ހުޅުވާފައިވާއިރު އަދި އާބާދީ ކިތަންމެ ކުޑަ ވިޔަސް އެ ތަނެއްގައި ހަދަމުން އަންނަނީ ކެމްބްރިޖް އިމްތިހާނުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރު މި ބާއްވާ ގޮތަށް ބޮޑެތި ރަސްމިއްޔާތުތަކުގައި އޯ ލެވެލް އަދި އޭ ލެވެލްގައި އެންމެ މޮޅެތި ދަރިވަރުންނަށް އެވޯޑު ދިނުމަކީ ގަބޫލުކުރެވޭ ކަމެއް ނޫންކަމަށެވެ.

އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ މިހާރު މިއޮތް ގޮތަކަށް، ވަރަށް ބޮޑެތި ސެރެމޯނިއަލް އިވެންޓްސްތަކެއްގެ ގޮތުގައި، ޓޮޕް އެޗީވާސް، ހައި އެޗީވާސް ސެރެމަނީ ބޭއްވުމަކީ އަޅުގަނޑު ޕާސަނަލީ، އޭޒް އަ ޕޭރެންޓް އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. އަދި ޓީޗަރެއްގެ ގޮތުގައި އަޅުގަނޑު މަސައްކަތްކުރިއިރު ވެސް އަޅުގަނޑު އެހާ ތާއީދުކުރި ކަމެއް ނޫން

ޑރ. އިސްމާއީލް ޝަފީއު

އަޅުގަނޑަށް ގަބޫލުކުރެވެނީ މި ދާއިރާގައި ކޮންމެ ވެސް ވަރަކަށް މަސައްކަތްކޮށްފައި ހުރި މީހެއްގެ ހައިސިއްޔަތުން އަދި ޔުނިވާސިޓީގައި ވެސް ޓީޗާ ޓްރެއިނިންގައި އުޅެފައި ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑުމެންގެ ދާއިރާގައި ހަމަ ޖެނެރަލްކޮށް މި ދާއިރާގެ އެކްސްޕާޓުން ލެވެލްގައި ހަމަ އެއްގޮތަކަށް ވެސް ތާއިދުކުރެވޭ ކަމެއް ނޫނޭ އަޅުގަނޑު ދަންނަވާލާނީ. މިއީ ހަމަ އަޅުގަނޑުމެން ވިސްނައި، ފިކުރުކުރަން ޖެހޭ ކަމެއް. (ގަދަ 10 ހޮވުމަކީ) ހުއްޓާލެވެން އޮތް ކަމުގައި ވަންޏާ ހުއްޓާލަންޖެހޭ ކަމެއް” ކަމަށް އެ ބަސްދީގަތުމުގައި މިނިސްޓަރު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ތައުލީމީ ނިޒާމަށް މިހާރު ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. ގަދަ 10 އަކީ މާ މުހިއްމު އެއްޗެއް ނޫންކަން ދަރިވަރުންނާއި ބެލެނިވެރިންނަށް ވިސްނައިދެވިއްޖެ ނަމަ އެކަން ގަބޫލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޕޮލިސީ ލެވެލްގެ ބޭފުޅުންނާ އެކު މަސައްކަތް ކުރާނަން..އަބަދު ވެސް ޗޭންޖަކީ މީހުން ރެސިސްޓްވާނެ ކަމެއް. މި ކަހަލަ ޗޭންޖެއް، ޒަމާންވީ ކަމެއް އާދަކާދައަށް ވެފައި މި އޮތީ އެއީ އެންމެ ރަނގަޅަށް ނޫން ވިޔަސް. އެހެންވީމަ، ޒަމާންވީ ކަމެއް އާދަކާދައެއްގެ ގޮތުގައި ބަދަލުވެ، އެއީ އަދި އެންމެ އެދެވޭ އާދަކާދައަށް ނޫން ކަމުގައި ވިޔަސް އެކަން ކަނޑުވާލަން ކޮންމެ ވެސް ވަރެއްގެ މަސައްކަތްތަކެއް ކުރަންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ” އޭނާ ވިދާޅުވި އެވެ.

ގަދަ 10 ހޮވާތީ ދަރިވަރުންނަށް ވަރަށް ބޮޑެތި ޕްރެޝަރުތައް ކުރިމަތިވެ، ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށް، ސްކޫލުތަކުގެ މެދުގައި ނުރަނގަޅު ވާދަވެރިކަމެއް އުފެދިގެންދާ ކަމަށާއި އެކަމުގެ ސަބަބުން އަޅާލުމާއި އެހީތެރިކަން އެންމެ ބޭނުންވާ ދަރިވަރުން އިމްތިހާނުން ބޭރުކޮށްލާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ގަދަ ދިހައެއް ހޮވުން ހުއްޓާލަން މީގެ ކުރިންވެސް ބޭބޭފުޅުން ވާހަކަފުޅުދައްކަވައި ނޫސްތަކުގައި ސުރުހީތައް އެޅުއްވިނަމަވެސް އެއަށް އެއްވެސް އަމަލީ ސިފައެއް ނާދެއެވެ.