ހައިކޯޓުގެ ފުރަތަމަ ހުކުން: 11 އަހަރުގެ ޖަލު ހުކުމުން 4 އަހަރު ބާތިލު

ރައީސް ޔާމީނުގެ 11 އަހަރުގެ ޖަލު ހުކުމުން 4 އަހަރު ބާތިލު

އޭޕްރީލް 18, 2024 - 19:48
 0
ހައިކޯޓުގެ ފުރަތަމަ ހުކުން: 11 އަހަރުގެ ޖަލު ހުކުމުން 4 އަހަރު ބާތިލު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްތަކުގެ ތެރެއިން ރިސްވަތުގެ ކުށުގައި އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމްގެ ބައި ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިސްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022 ގައެވެ. ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާފައެވެ. އެދުވަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ ގޭ ބަންދުގަ އެވެ.

ޖުމްލަ 11 އަހަރުގެ އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ރިސްވަތު ދިނުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އެވެ. އެ މައްސަލަ އެ ދެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފް ކުރުމުން އޭގެ ތެރެއިން ޔޫސުފް ނައީމްގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ވަނީ އަންގާފައެވެ.

ހައިކޯޓުގެ ހުކުމުގައި ވަނީ ދަށު ކޯޓުން މައްސަލަ ނިންމިއިރު ހަދާފައިވާ ބޮޑެތި ގޯސްތަކެއް ފާހަގަކޮށްފަ އެވެ. އެހެންވެ ހައިކޯޓުން ހުކުމުގައި ކުރީ ރައީސް ޔާމީންގެ މައްޗަށް ދަށުކޯޓުން އިއްވާފައިވާ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ހުކުމް ކޮށްފައިވެއެވެ. އަދި މައްސަލަ އަލުން ދަށުން ކޯޓުން ބަލާނަމަ ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްވެސް އަމުރުކޮށްފައިވެ އެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ މިއަދު ކުރި ހުކުމުގައިވަނީ ސަރީއަތުގެ (ކުރީގެ) މަރުހަލާގައި ދަށު ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން، ޔާމީނަށް ލިބެންޖެހޭ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އަދި ޔާމީންގެ ދިފާއީ ހެކިތައް ނަފީކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް، ކްރިމިނަލް ކޯޓުން ނިންމި ނިންމުން ވެސް ގޯސް ކަމަށެވެ. އެގޮތުން އެފަދަ ހެކިތައް ބަލައިގަނެވޭނީ އިސްތިސްނާ ހާލަތްތަކެއް ކަމަށް ވާއިރު، އެ މައްސަލާގައި ދަށު ކޯޓުން ކަންކުރީ އެކަށީގެންވާ ސަބަބެއް ބަޔާން ކުރުމެއް ނެތި ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ފުރުސަތު ދިނުމުގެ ކުރިން އެކަމާ މެދު ވާހަކަ ދައްކަން ޔާމީންގެ ވަކީލުންނަށް ފުރުސަތު ދީފައިނުވާ ކަމަށް ހުކުމުގައިވެއެވެ.

އެހެންކަމުން އެ މައްސަލައިގެ ހެކިތައް ވަޒަން ކުރަން ޖެހޭނީ ފަހުން ހުށަހެޅި އާ ހެކިތައް އެއް ފަރާތް ކުރުމަށްފަހު ކަމަށް ހުކުމުގައި ވެއެވެ. ނަމަވެސް އެ މައްސަލައިގައި ދަށު ކޯޓުން ހެކިތައް ވަޒަންކުރީ، ހުރިހާ ހެކިތައް އެއްކޮށް ކަމަށް ހުކުމުގައި ވެއެވެ. އަދި ޔާމީންގެ މާލީ ބަޔާނުގައި އެމްއެމްޕީއާރުސީގެ ފައިސާގެ ވާހަކަ ހިމަނާފައި އޮތުމުން، އެއީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ބެލީ ގާނޫނާ ހިލާފަށް ކަމަށްވެސް ހުކުމުގައި ވެއެވެ.

ނަމަވެސް ޔާމީން ތަހުގީގު މަރުހަލާގައި ހަނު ހުރެފައިވާތީ، އެއީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއްގެ ގޮތުގައި ދަށު ކޯޓުން ނިންމާފައިވާ ނިންމުމާ ގުޅިގެން ހައި ކޯޓުގެ ހުކުމުގައިވަނީ، އެކަމުގައި ގާނޫނީ ގޮތުން ގޯހެއް ނެތް ކަމަށެވެ. އެކަންކަން ފާހަގަކޮށް، ހުކުމުގައިވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ހެކިތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ އަލުން ބެލުމަށްޓަކައި ކްރިމިނަލް ކޯޓަށް ތަހުވީލުކުރީ ކަމަށް ހުކުމުގައި ވެއެވެ.

ރައީސް ޔާމީން ޖަލަށް ލުމަށް ދަށު ކޯޓުން ކުރި 11 އަހަރުގެ ހުކުމުން 4 އަހަރު ހައިކޯޓުން ބާތިލްކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި އިއްވި ޖަލު ހުކުމާ ގުޅޭގޮތުން ވެސް ހައި ކޯޓުން މިރޭ ގޮތެއް ނިންމާނެ އެވެ.