ހައިކޯޓުގެ ދެވަނަ ހުކުން: ބާކީ އޮތް 7 އަހަރުގެ ހުކުމް ވެސް ބާތިލު، ރައީސް ޔާމީން މިނިވަންވެއްޖެ

އޭޕްރީލް 18, 2024 - 20:18
 0
ހައިކޯޓުގެ ދެވަނަ ހުކުން: ބާކީ އޮތް 7 އަހަރުގެ ހުކުމް ވެސް ބާތިލު، ރައީސް ޔާމީން މިނިވަންވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ ފަހު ބައި (ބާކީ އޮތް 7 އަހަރު) ވެސް ބާތިލުކޮށް، އެ މަނިކުފާނު މިނިވަންކުރަން ހައިކޯޓުން ދާދި ދެންމެއަކު ހުކުމްކޮށްފިއެވެ.

ވަރަށް ބޮޑަށް ދިގުލައިގެންދިޔަ އެ މައްސަލައިގެ އިސްތިއުނާފު ހުކުމްކުރުން އަވަސްކުރުމަށް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު އަސްލަމް ދަންނަވާނެކަމަށް ބުނެފައި ވަނިކޮށް، މިއަދު ބޭއްވި އަޑުއެހުމުގައި، 11 އަހަރުގެ ހުކުމުގެ ތެރެއިން 4 އަހަރު ވަނީ ހައިކޯޓުން ބާތިލުކޮށްފައެވެ. އަދި ބާކީ އޮތް 7 އަހަރުވެސް ބާތިލުކަމަށް ދާދި ދެންމެއަކު ހައިކޯޓުންވަނީ ހުކުން ކޮށްފައެވެ.

މިއާއިއެކު، ރައީސް ޔާމީން ވަނީ މުޅިން މިނިވަން ވެފައެވެ.

އެ މައްސަލައިގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ވެސް ވަނީ މިނިވަންކޮށްފައެވެ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ޖުމުލަ ތިން ދައުވާއާ ގުޅިގެން ދަށު ކޯޓުން އިއްވި ހުކުމް ވެސް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލުކޮށްފައެވެ. އެހެންވެ، އެ ތިން ގަޒިއްޔާ ވެސް އަލުން ބަލަން ވަނީ އަމުރުކޮށްފައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވައި ރައީސް ޔާމީންގެ ބޮޑު ތާއީދާއި މަދަދާއެކު، އިންތިހާބު ކާމިޔާބު ކުރައްވައި ރައީސް ކަމަށް ވަޑައިގެންނެވީ ޑރ. މުހައްމަދު މުއިއްޒެވެ. އެކަމަކު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ކޯލިޝަން ލީޑަރުކަމުން އިސްތިއުފާދެއްވައި އަމިއްލަ ޕާޓީއެއް އުފައްދަވާފައެވެ.

އެ މަނިކުފާނު މިހާރު ގެންދަވަނީ ސަރުކާރާއި ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ޔާމީންގެ މައްޗަށް ދަށު ކޯޓުން 2022 ވަނަ އަހަރު އިއްވި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލި ފަހުން އެ މައްސަލައިގެ ހުކުމްނުކުރެވި ހަތަރު މަސް ދުވަސް ހޭދަވެގެންދިޔައެވެ. ރޭ ކުއްލި ގޮތަކަށް އެ މައްސަލައިގެ ހުކުމްކުރުން މިއަދަށް ތާވަލުކުރީ އެ މައްސަލަ ދިގުލައިގެން ދިއުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް މައްސަލަ ވެސް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެފައި އޮއްވައެވެ.

މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ފަހަރު އިއްވި ޖަލު ހުކުމުން އެ މަނިކުފާނު މިނިވަންވެވަޑައިގެންފައިވަނީ ސުޕްރީމް ކޯޓު މަރުހަލާއިންނެވެ. އެއީ ނިމިދިޔަ އެމްޑީޕީގެ ކޯލިސަންގެ ރައީސް ސޯލިހުގެ ވެރިކަމުގެ ތެރޭގައެވެ.

އެމްޑީޕީން ރައީސް ޔާމީންގެ ސަރީއަތަށް ނުބައި ނުފޫޒު ފޯރުވާކަމަށް ދޭހަވާ މޭރުމުން ޕީޕީއެމް/ޕީއެންސީން ދައްކާ ވާހަކަތަކަށް ރައީސް ޔާމީންގެ ވަކީލުންނާއި ރައީސް ޔާމީނާއި ގާތް އެހެން ބޭފުޅުންވެސް ރައްދު ދެއްވަމުން ވިދާޅުވެފައި ވަނީ އެކަން ހިނގަނީ ޕީޕީއެމް/ޕީއެންސީން ސިފަކުރާ ގޮތާއި ދިމާ އިދިކޮޅަށް ކަމަށެވެ.