ޕީއެންސީން މެންބަރުންގެ ދަފްތަރު ބެލެހެއްޓުމުގެ ކަންކަން ހަރުދަނާކުރަން ޕީއެންސީގެ ރައީސް މުއިއްޒު އަންގައިފި

އަބްދުއް ރަހީމަށް ތާއީދުކުރާ ޕީއެންސީގެ އިސް މެންބަރުން ޕާޓީން ދުރުކުރުމުގެ އެޖެންޑާއެއްގެ އަޑުތައް ވަނީ ފެތުރިފައި

ފެބްރުވަރީ 14, 2025 - 10:43
 0
ޕީއެންސީން މެންބަރުންގެ ދަފްތަރު ބެލެހެއްޓުމުގެ ކަންކަން ހަރުދަނާކުރަން ޕީއެންސީގެ ރައީސް މުއިއްޒު އަންގައިފި
މަޖިލިސް 2024 - ޕީއެންސީ ޕްރައިމަރީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީން އެ ޕާޓީގެ ދަފްތަރު ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކުރުމަށް އެ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާޓީގެ ލީޑަރޝިޕަށް އަންގަވައިފިއެވެ.

ޕީއެންސީގެ ރައީސް މިގޮތަށް އެންގެވީ އެ ޕާޓީގެ ދަފްތަރާމެދު ބޮޑެތި ސުވާލުތަކެއް އުފައްދައި މިފަހުން އިލެޝަންސް ކޮމިޝަނަށް ގިނަ މައްސަލަތަކެއް ވެސް ހުށަހަޅާފައި ވަނިކޮށެވެ.

ބުރާސްފަތި ދުވަހު ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޕާޓީން ކުރިއަށް ގެންދިޔަ މެންބަރޝިޕް ޑްރައިވްއަށްފަހު ޕާޓީގެ ދަފްތަރާމެދު ބައެއް ސަކުވާތައް އާންމުންގެ މެދުގައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ސަކުވާތައް ޕާޓީގެ ފަރާތުން ބަލަމުންދާކަމަށް ވަނީ ބުނެފައެވެ. ބަޔާނުގައި ބުނެފައި ވަނީ، ޕާޓީގެ ދަފްތަރުގެ ސައްހަކަން ކަށަވަރު ކުރުމާއެކު، ދަފްތަރު ބެލެހެއްޓުމުގެ ކަންކަން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން ވެސް އިތުރަށް ހަރުދަނާ ކުރުމަށް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފައި ކަމަށެވެ.

އެހެންކަމުން އީސީން އާންމުކޮށްފައިވާ ދަފްތަރުގައި އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހިމެނިފައި އޮތުން ނުވަތަ ނެތުމާމެދު ވެސް ސަކުވާއެއް އޮތްނަމަ ހުށަހެޅުމުން އެކަމަކަށް ފިޔަވަޅު އަޅަމުންދާނެކަމަށް ވެސް  ބަޔާނުގައި ވަނީ ބުނެފައެވެ.

ޕީއެންސީގެ ރައީސް މިފަދަ އެންގެވުމެއް އަންގަވާފައި މިވަނީ، ޕީއެންސީއަށް ފޯމު ފުރުމުގެ މަސައްކަތް ޑީއެންއާރުގެ އޮފީސްތެރޭ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވެ އަދި އެކަމަށް އެތަނުގެ އިސްވެރިން އެއްބަސްވެސް ވެފައި ވަނިކޮށެވެ. އަދި އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި އެ ޕާޓީގެ އިސްބޭފުޅުންނާއި އާއްމުންގެ ވެސް އެތައް ބަޔަކު އެމީހުންނަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާކަން ހާމަވެފައިވަނިކޮށެވެ.

އަދި ހަމަ މިއާއި އެކު، މަޖިލިސް ރައީސް އަބްދުއް ރަހީމާއި ރައީސް މުއިއްޒާއި ދެމެދު އުދެދިފައިވާ މައްސަލަތަކުގެ ސަބަބުން އަބްދުއް ރަހީމަށް ތާއީދުކުރާ ޕީއެންސީގެ އިސް މެންބަރުން ޕާޓީން ވަކިކުރުމުގެ އެޖެންޑާއެއްގެ ތެރެއިން ކަމަށްވެސް އަޑުތައް ފެތުރިފައި ވެއެވެ.