ފުލުހުން ފޮނުވިކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުން ގަބޫލެއް ނުކުރެވޭ: ރައީސް ސޯލިހް
ޕީއެންއެފް ޖަލްސާ ހުއްޓުވަން އެސްއޯ ފުލުހުން ފޮނުވި މައްސަލައިގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅު ގަބޫލު ނުކުރެއްވޭ ކަމަށް ރައީސް ސޯލިހް ވިދާޅުވި
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ހުއްޓުވުމަށް އަންގާރަ ދުވަހުގެ ރޭ އެސްއޯ ފުލުހުން ފޮނުވި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅު ގަބޫލުނުކުރެއްވޭ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގައި އޮތް އެ ސިޓީގެ މެދު ދާއިރާގެ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސޯލިހް ވިދާޅުވީ ފުލުހުން ފޮނުވައި، ރައީސް މުއިއްޒު ޑިމޮކްރަސީއަށް ހުރަސް އަޅުއްވާފައިވާ ކަމަށާއި އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޕީއެންއެފް އުފައްދަން ގިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅުނު ޖަލްސާއަށް ހުރަސްއެޅުމަށް، އެސްއޯ ފުލުހުން ފޮނުވި މައްސަލައިގައި ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނަށް އެ ހަބަރު ލިބިވަޑައިގަތީ ނޫހުން ކަމަށާއި، އެއީ އެ މަނިކުފާނު 'ޓޮލަރޭޓް' ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ކަމުގައި (ކަމާއިބެހޭ މަގާމުތަކުގައި ތިއްބެވި ބޭފުޅުން) އިހުމާލުވެފައިވޭތޯ ބަލައި، އެ ފަރާތްތަކާ މެދު ވަގުތުން ފިޔަވަޅު އެޅުމަށް އެންގުމުގެ އިތުރުން ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން ފޮނުވަން ޖެހޭ ހާލަތްތަކުގައި އެކަމަށް ޕޮލިސް ކޮމިސަނަރުގެ ސީދާ ހުއްދައެއް ހޯދަން ޖެހޭ ގޮތަށް ގަވައިދަށް ބަދަލެއް ގެންނަން ރައީސް ވަނީ އަންގަވާފައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ އަމުރަކަށް (އޯޑަރަކަށް) ނޫން ގޮތަކަށް ސިފައިންނާއި ފުލުހުން އަމަލެއް ނުކުރާނެ ކަމަށް ބަޔާންކުރައްވަމުން ވިދާޅުވީ "ފުލުހުންގެ އެއްވެސް އިސް ބޭފުޅަކަށް އެނގިވަޑައެއް ނުގަންނަވާ، މިނިސްޓަރަކަށް އެނގިވަޑައެއް ނުގަންނަވާ، ރައީސަކަށް އެނގިވަޑައިނުގަންނަވާ ކަމަށް އެ ވިދާޅުވަނީ އެ ކަން ހިނގި ވާހަކަ. އެކަމު އަޅުގަނޑަކީ ވެސް ރާއްޖޭގެ ވެރިކަން ފަސް އަހަރު ކޮށްފައިހުރި މީހަކަށްވާތީ، އަޅުގަނޑަށް ހަމަ ޔަގީން ފުލުހުންނެއް ވެސް، ސިފައިންނެއް ވެސް އޯޑަރަކަށް ނޫން ގޮތަކަށް އެ މީހުންނެއް އަމަލެއް ނުކުރާނެ" ކަމަށެވެ.
ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި، ވަކިން ޚާއްޞަކޮށް އެމްޑީޕީން މިދިޔަ ވިއްސަކަށް އަހަރު ބުރަ މަސައްކަތުގެ އިތުރުން، އެތައް ބަޔަކު އެތައް ގުރުބާނީއެއްވީކަން ޞާލިޙް ފާހަގަ ކުރެއްވިއެވެ. ޕީއެންއެފް ޖަލްސާ ހުއްޓުވުމަށް ފުލުހުން ގޮސް، ހިނގި ހަމަނުޖެހުމަށް އިޝާރާތް ކުރައްވައި ޞާލިޙް ވިދާޅުވީ އަންގާރަ ދުވަހުގެރޭ މާލެއިން ފެނުނީ 2024ވަނަ އަހަރު ފެނިގެންވާނެ މަންޒަރެއް ނޫން ކަމަށެވެ.
މި މައްސަލައިގައި މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީން ނެރުނު ބަޔާނެއްގައި ބުނީ ޕީއެންއެފް ޖަލްސާ އުފެއްދުމުގެ ޖަލްސާއަށް ކުރިޔަށް ގެންދިޔަނުދީ ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތުގެ އޮޕަރޭސަނަލް ރިވިއު ރައީސްގެ އަރިހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅިގެން ވަގުތުން ފިޔަވަޅުތަކެއް އެޅުމަށް ހޯމް މިނިސްޓަރު މެދުވެރިކޮށް ޕޮލިސް ކޮމިސަނަރަށް ރައީސް އަންގަވާފައިވާ ކަމަށެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online