ޖެހިލުންކުޑަ ހާރިޖީ ސިޔާސަތު: ސުލްތޯން އަލްޕް އަރްސްލާންގެ އަޖައިބުު ކުރުވަނިވި ވެރިކަން

އަލްޕް އަރްސްލާންގެ ވެރިކަމަކީ ހިތްވަރުގަދަކަމާއި، ކެރިތިއްބެވުމާއި، ހިކުމަތްތެރި ހާރިޖީ ސިޔާސަތެއްގެ ފުރިހަމަ މިސާލެއް.

މެއި 22, 2026 - 09:08
އަދާހަމަވެއްޖެ: 4 ދުވަސްތައް ކުރިން
ޖެހިލުންކުޑަ ހާރިޖީ ސިޔާސަތު: ސުލްތޯން އަލްޕް އަރްސްލާންގެ އަޖައިބުު ކުރުވަނިވި ވެރިކަން

ރަހުމުކުޑަ ކުރުސޭޑަރުން ބަލިކޮށް، އެމީހުންނާއި ދޭތެރޭ ސަލާހުއްދީނުލް އައްޔޫބީ،  ކަންކުރެއްވި ގޮތާއި، ދެއްކެވި މާތް އަހްލާގާއި އޯގާތެރިކަމުގެ ވާހަކައިގެ އެތައް އަހަރެއް ކުރިން، އެހެން އިސްލާމީ ވެރިއަކު ވަނީ، މުސްލިމު ވެރިއަކު ރަހުމާއި ކެތްތެރިކަމާއެކު އަމަލުކުރާނެ ގޮތް މުޅި ދުނިޔެއަށް ދައްކަވައިދެއްވާފައެވެ.

އިސްލާމްދީން ފެތުރިގެން އައިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، އުމައްޔަދު ހިލާފަތުގެ ފަރާތުން ރޫމީންނަށް ވަރުގަދަ އާ ގޮންޖެހުމަކާ ކުރިމަތި ކުރުވިއެވެ. އުމައްޔަދު ދައުލަތުން ރޫމީން (ރޫމީ އެމްޕަޔަރ) ފަތަހަކުރުމަށްޓަކައި ދެ ފަހަރެއްގެ މަތިން ސީރިއަސް މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން މީލާދީން 674 އިން 678 އަށް އަދި 717 ވަނަ އަހަރު ކޮންސްޓަންޓިނޯޕަލް ވަށާލައި ހިސާރުކުރިއެވެ.

މީލާދީން 750 ގައި އައްބާސީން ނިކުމެ އުމައްޔަދު ހިލާފަތް ވައްޓާލުމަކީ ބައިޒަންޓައިން ލިބުނު ނަސީބަކަށް ވިއެވެ. އައްބާސީންނަށް ލިބެން އޮތް ނަސްރާއި ފަތަހަ ކުރެވެންހުރި ބޮޑަތި ތަންތަން ހުރިނަމަވެސް، އެ ވިސްނުމާއި ރޭވުންތައް ދޫކޮށްލައި އޭގެ ބަދަލުގައި އެމީހުން އިހްތިޔާރުކުރީ، ބައެއް ފަހަރު ބައިޒަންޓައިން އެނަޓޯލިއާގެ މެދާ ހަމައަށް ފޯރާ ގޮތަށް ގަވާއިދުން ކުރިއަށްގެންދިޔަ އަސްކަރީ ހަރަކާތްތަކެކެވެ. މި އަސްކަރީ ކުރިމަތިލުންތައް އޭގެ އެންމެ ކުރިއަށް ޖެހިލީ، ހަލީފާ މުޢުތަޞިމް (833-842) ގެ ދުވަސްވަރު، މީލާދީން 838 ގައި އެނަޓޯލިއާގެ މެދުތެރޭގެ ހުޅަނގުގައި އޮތް އަމޯރިއަމް ސިޓީ ހަލާކުކޮލި ހާދިސާއާއި ހިސާބުންނެވެ.

އެހެންނަމަވެސް، އަށްވަނަ ގަރުނު ނިމުނުއިރު ބައިޒަންޓައިންގެ ހާލަތު ރަނގަޅުވާން ފެށިއެވެ. އެއާހިލާފަށް އައްބާސީންގެ އިގްތިސޯދު ދަށަށްގޮސް، ދީނީ އަދި ސިޔާސީ ބައިބައިވުންތަކުގެ ސަބަބުން ސަރުކާރުގެ ބާރުތައް ބަލިކަށިވިއެވެ. މިއީ ފަލްސަފާވެރިންނާއި، މުޢުތަޒިލާއިން އަދި ބާޠިނީން ފަދަ މަގުފުރެދުންތައް އޭގެ އެންމެ މަތީ ދަރަޖައަށް ދިޔަ ދުވަސްވަރެވެ.

ބައިޒަންޓައިންގެ މީހުން އައްބާސީންގެ މި ބައިބައިވުމުގެ ފައިދާ ނަގައި، އިސްވެ ހަމަލާދޭން ފެށިއެވެ. އަދި ދެ ގަރުނުގެ ތެރޭގައި އެމީހުންނަށް ބީވެފައި އޮތް އިލިރިކަމް، ގްރީސް، ބަލްގޭރިއާ، އުތުރު ސީރިއާ، ސިލީސިއާ އަދި އަރްމީނިއާގެ ސަރަހައްދުތައް އަނބުރާ ހޯދިއެވެ.

ބައިޒަންޓައިންގެ މީހުން އެމީހުންގެ މި ދިރުމާއި ކުރިއެރުން ފާހަގަކުރަމުން ދިޔަ ދުވަސްވަރު، ބައިނަލްއަގްވާމީ މަސްރަހަށް އާ ބާރެއް ތައާރަފްވިއެވެ. އެއީ ދިހަވަނަ ގަރުނުގެ ފަހުކޮޅު އިސްލާމްދީން ގަބޫލުކުރި، އޮގުޒް ތުރުކީންގެ (Oghuz Turks) އާއިލާއެއް ކަމަށްވާ ސެލްޖުކް ތުރުކީންނެވެ (Seljuk Turks).

ސެލްޖުކް ތުރުކީން

އޭރު އައްބާސީ ހިލާފަތް އޮތީ ވަރަށް ބޮޑަށް ބައިބައިވެ، ހަލާކުވެފައެވެ. މެދުތެރޭ އޭސިއާގެ މަގުފަތި (ބަދަވީ) ގަބީލާތަކުގެ ހިޖުރަކުރުންތައް ހުއްޓުވޭނެ ފަދަ އެއްވެސް ނުފޫޒުގަދަ ބާރެއް އޭރަކު ނެތެވެ. މީލާދީން 1040 ގައި، ސެލްޖުކުންގެ އެންމެ ފުރަތަމަ ބޮޑު ވެރިޔާ ކަމަށްވާ ޠުޣްރިލް ބެގް (Tughril Beg) ގެ އިރުސާދުގެ ދަށުން، ސެލްޖުކް އަސްވާރުންގެ ފުރަތަމަ ފައުޖު އައްބާސީ ހިލާފަތުގެ އިރުމަތީ ބޯޑަރު ހުރަސްކުރިއެވެ. އަދި އައްބާސީންގެ ފަރާތުން މާ ބޮޑު ދެކޮޅުވެރިކަމަކާ ކުރިމަތިނުވެ، އީރާނާއި އިރާގުގެ ސަރަހައްދުތައް ފަތަހަކުރަމުން ކުރިއަށްދިޔައެވެ.

އެމީހުން މާގިނަ ދުވަސްތަކެއް ނުވެ އަރްމީނިއާ ހުރަސްކޮށް، އެނަޓޯލިއާގެ އެތެރެވަރިއަށް ދަތުރުކުރިއެވެ. އަދި 1054 ވަނަ އަހަރު ކަޅުކަނޑުގެ އައްސޭރީގައި އޮންނަ ބައިޒަންޓައިންގެ ބަނދަރު ރަށެއް ކަމަށްވާ ޓްރެބިޒޮންޑާއި ހަމައަށް ފޯރިއެވެ. ޖެހިގެން އައި އަހަރު، އައްބާސީންނަށް މި ހަގީގަތް ގަބޫލުކުރަން މަޖުބޫރުވެ، ސެލްޖުކްގެ ޠުޣްރިލް ބެގަށް ސިޔާސީ އަދި އަސްކަރީ ހުރިހާ ބާރެއް ދީ، އޭނާގެ ކުރިމަތީގައި ބޯލެނބިއެވެ.

ޠުޣްރިލް ބެގަށް (1056-1067) "ސުލްޠާން" ގެ ލަގަބު އެރުވުނެވެ. އަދި އޭނާގެ ވެރިކަންކުރާ ރަށެއްގެ ގޮތުގައި ބަގުދާދު ހަމަޖެއްސެވިއެވެ. މިއާއެކު، ކުއްލިއަކަށް ސެލްޖުކުން މަގުފަތި (nomadic) ހަނގުރާމަވެރިންގެ ދަރަޖައިން، ބޮޑު އަދި ކުރިއަރާފައިވާ ވަރުގަދަ އެމްޕަޔަރެއްގެ ވެރިންނަށް ބަދަލުވެގެންދިޔައެވެ.

ސެލްޖުކުންގެ މި ކުރިއެރުމުގެ ސަބަބުން ބައިޒަންޓައިންގެ މީހުންގެ މެދުގައި ބައިބައިވުން އުފެދުނެވެ. 1064 ވަނަ އަހަރު ސެލްޖުކުން "އާނީ" (Ani) ސިޓީ ހިފައި، އެތަން ސުންނާފަތިކޮށްލިއެވެ. އާނީ ސިޓީއަކީ ބައިޒަންޓައިންގެ އިރުމަތީ ދިފާއީ އެންމެ މުހިންމު އެއް ބާރެވެ. 1067 ގައި ކޮންސްޓަންޓިން (10 ވަނަ) އަވަހާރަވުމުން، ވެރިކަން ހިންގުން އޭނާގެ އަނބިކަނބަލުން އީވްޑޮކިއާ (Eudocia) ގެ އަތްމައްޗަށް ދިޔައެވެ. އެއަށްފަހު އޭނާ ރޮމާނަސް (Romanus) އާ ކައިވެނިބެއްލެވިއެވެ. އަދި ރޮމާނަސް ބައިޒަންޓައިން ރޫމްގެ ރަސްގެފާނަށް ވެވަޑައިގަތެވެ.

އަލްޕް އަރްސްލާން އަދި މަންޒިކަރްތު ހަނގުރާމައާ ހަމައަށް ކަންތައްތައް ހިނގާދިޔަ ގޮތް

މީލާދީން 1063 (ހިޖުރައިން 454) ވަނަ އަހަރު، ޠުޣްރިލްގެ ކޮއްކޯފުޅުގެ ދަރިކަލުން އަލްޕް އަރްސްލާން، ފާރިސްކަރަ (Persia) އާއި އިރާގުގެ ސުލްތޯނު ކަމަށް އިސްވެވަޑައިގަތެވެ. އޭނާގެ އަސްލު ނަމަކީ މުޙައްމަދު އިބްނު ދާއޫދެވެ. ނަމަވެސް މަސްހޫރުވެގެން ދިޔައީ "ހިތްވަރުގަދަ ސިންގާ" ނުވަތަ "ޖެހިލުންކުޑަ ސިންގާ" ގެ މާނަދޭ "އަލްޕް އަރްސްލާން" ގެ ނަމުންނެވެ.

އޭނާގެ ބޮޑުވަޒީރު ނިޡާމުލް މުލްކް (އަބޫ ޢަލީ ޙަސަން އިބްނު ޢަލީ ޠޫސީ) އަކީ ހަމައެއާއެކު ބޮޑު ޢިލްމުވެރިއެކެވެ. އޭނާ މަސްހޫރުވެގެން ދިޔައީ ތާރީހު ދުށް އެންމެ މަތިވެރި ބޮޑުވަޒީރުންގެ ތެރޭގައެވެ. އަދި ފަހުން އޭނާ ވަނީ ނުހަނު ގަދަރުވެރި "ނިޡާމިއްޔާ މަދުރަސާ" ބިނާކުރައްވާފައެވެ. އިމާމް ޣަޒާލީއަކީ އެ މަދުރަސާގެ ރައީސްކަން (Rector) ކުރެއްވި ބޭފުޅެކެވެ.

ސުލްތޯން އަލްޕް އަރްސްލާނަކީ އޭނާގެ ދުސްމަނުންނާ މެދުގައިވެސް އޯގާތެރި އަދި ދީލަތި ވެރިއެކެވެ. މިއީ އޭނާގެ ވެރިކަމުގެ އެންމެ ފާހަގަކޮށްލެވޭ ރީތި ސިފައެވެ.

މީލާދީން 1066 (ހިޖުރައިން 459) ވަނަ އަހަރު، ކިރްމާން ސަރަހައްދުގެ ވެރިޔާ ޤަރާ އަރްސްލާން، ސުލްތޯން އަލްޕް އަރްސްލާނާ ދެކޮޅަށް ބަގާވާތްކުރިއެވެ. އަލްޕް އަރްސްލާން ކިރްމާނާ ދިމާލަށް ލަސްކަރާއިގެން ވަޑައިގެން، ޤަރާ އަރްސްލާންގެ ފައުޖެއް ބަލިކުރެއްވުމުން، ޤަރާ އަލްޕްގެ އަރިހުން މާފަށް އެދުނެވެ. ސުލްތޯން އޭނާއާ ބައްދަލުކުރެއްވީ ނުހަނު އޯގާތެރިކަމާއެކުގައެވެ. އަދި އޭނާގެ މަގާމަށް އެއްވެސް ބަދަލެއް ނުގެންނަވައި، އޭނާގެ ރަސްކަން އަނބުރާ ދެއްވިއެވެ.

މީލާދީން 1069 (ހިޖުރައިން 462) ގައި، މައްކާގެ ވެރިޔާ މުޙައްމަދު އިބްނު އަބޫ ހާޝިމްގެ މަންދޫބަކު ސުލްތޯން އަލްޕް އަރްސްލާންގެ އަރިހަށް ޒިޔާރަތްކުރިއެވެ. އެއީ މައްކާގެ ހުތުބާގައި، މިޞްރުގެ ފާޠިމީ ހަލީފާގެ ނަން ކަނޑާލައި، އައްބާސީ ހަލީފާ އަލްޤާއިމް ބިއަމްރިއްލާ އާއި ސުލްތޯން އަލްޕް އަރްސްލާންގެ ނަންފުޅު ހިމަނައިފިކަމުގެ ހަބަރު ދިނުމަށެވެ. އަދި ބަންގީގައި ކިޔަމުން އައި ފާޠިމީންގެ ސިއާރު ކަމަށްވާ "ޙައްޔަ ޢަލާ ޚައިރިލް ޢަމަލް" (ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮ ޢަމަލަށް އަވަސްވެގަންނާށެވެ) ކިޔުން ހުއްޓާލައިފިކަންވެސް އެންގިއެވެ. ސުލްތޯން އޭނާއަށް 30000 ދީނާރާއި، ސަރަފުގެ ފޭރާމުގެ އިތުރުން އަހަރީ އިނާޔަތެއް ހަމަޖައްސަވައިދެއްވިއެވެ.

ސުލްތޯން އަލްޕް އަރްސްލާން ދެެކެވަޑައިގަތީ މިސްރުގެ ފާޠިމީ ހިލާފަތަކީ އޭނާގެ އެންމެ ބޮޑު ދުސްމަނު ކަމުގައެވެ. އަވަށްޓެރި ބައިޒަންޓައިން މީހުންނާއެކު ބޭކާރު ހަނގުރާމައަކަށް ދާކަށް އޭނާ ބޭނުންފުޅެއް ނުވިއެވެ. އެހެންކަމުން، ހަމަ އެ އަހަރު (1069 ގައި) ބައިޒަންޓައިންގެ ސަރަހައްދުތަކަށް ސެލްޖުކް ހަނގުރާމަވެރިން ހަމަލާދިނުން ހުއްޓުވުމަށް އެއްބަސްވެ، ސުލްހައިގެ މުއާހަދާއެއްގައި ސޮއިކުރެއްވިއެވެ.

މީލާދީން 1071 (ހިޖުރައިން 463) ގައި، ސުލްތޯން އަލްޕް އަރްސްލާން ސީރިއާގެ އެޑެއްސާ (Edessa) އަށް ވަޑައިގަތެވެ. އެތަނުގެ ހުތުބާ އައްބާސީ ހަލީފާގެ ނަމުގައި ދެވުނު ނަމަވެސް، ބަންގީގައި އަދިވެސް ކިޔަނީ ފާޠިމީންގެ ގޮތަށް ކަމުގެ ހަބަރު ސުލްތޯނަށް ލިބިވަޑައިގަތުމުން، އޭނާ އެ ސިޓީއާ ދިމާލަށް ލަސްކަރު ހިންގަވާލެއްވިއެވެ. އެތަނުގެ ވެރިޔާ މަޙްމޫދު އިބްނު ޞާލިޙް، އޭނާގެ މަންމަ ގޮވައިގެން ސުލްތޯންގެ އަރިހަށް ގޮސް މާފަށް އެދުނެވެ. ސުލްތޯން އަލްޕް އަރްސްލާން އެ ދެމައިންނަށްވެސް މަރުހަބާ ދެންނެވީ ވަރަށް އޯގާތެރިކަމާއެކުގައެވެ. އަދި މަޙްމޫދަށް ސަރަފުގެ ފޭރާން ދެއްވައި، އޭނާގެ ރަށް އަނބުރާ އޭނާއަށް ދެއްވިއެވެ.

މި ދަނޑިވަޅުގައި، ބައިޒަންޓައިންގެ ރަސްގެފާނު ރޮމާނަސްއަށް ބޮޑު ކާމިޔާބީއެއް ހޯދުން މަޖުބޫރުވިއެވެ. އެއީ ހަމައެކަނި އަރްމީނިއާ ދިފާއުކުރުމަކަށް ނޫނެވެ، އޭނާގެ ތަހުތު ސަލާމަތްކުރުމަށްޓަކައިވެސް މެއެވެ. އެހެންކަމުން، 1071 ގެ ހޫނު މޫސުމުގައި، އޭނާ ހުރިހާ ބާރެއްލާފައި އިރުމަތީ ބޯޑަރަށް ބޮޑު އަސްކަރީ ކެމްޕޭނެއް ފެށިއެވެ. ބޭނުމަކީ ސެލްޖުކުން ބައިޒަންޓައިން ލަސްކަރާ ކުރިމަތިލާން މަޖުބޫރުކުރުވުމެވެ.

1071 ވަނަ އަހަރުގެ ފެބްރުއަރީ މަހު، އޭނާ 1069 ގެ ސުލްހައިގެ މުއާހަދާ އާކުރުމަށްޓަކައި އަލްޕް އަރްސްލާންގެ އަރިހަށް ސަފީރުން ފޮނުވިއެވެ. ރޮމާނަސްގެ ސަފީރުން ސުލްތޯނާއި ބައްދަލުކުރީ، އޭނާ އެޑެއްސާ ސިޓީ ވަށާލައިގެން ހުންނެވި ދަނޑިވަޅެއްގައެވެ. ބައިޒަންޓައިންގެ ފަރާތުން އަތުވެދާނެ ހަމަލާއަކުން އޭނާގެ އުތުރު ބޯޑަރު ރައްކާތެރިކުރަން ބޭނުންވެފައި ހުރުމުން، އަލްޕް އަރްސްލާން އެ ސަރުތުތަކަށް ވަރަށް އުފަލާއެކު އެއްބަސްވެ، އެޑެއްސާ ހިސޯރުކުރުން ދޫކޮށްލެއްވިއެވެ. އަދި ވަގުތުން އޭނާގެ ލަސްކަރާއިގެން ދެކުނަށް، ފާޠިމީ ސީރިއާގެ ދަށުގައި އޮތް ޙަލަބު (Aleppo) އަށް ހަމަލާދޭން ވަޑައިގަތެވެ.

ޙަލަބު ފަތަހަކުރެވި، އެތަނުގެ ހުތުބާތަކުގައި ހަލީފާ އަލްޤާއިމް ބިއަމްރިއްލާ އާއި ސުލްތޯން އަލްޕް އަރްސްލާންގެ ނަންފުޅު ކިޔަން ފެށުނެވެ. ތާރީހު ލިޔެވިފައިވާ ގޮތުން، އެ ސިޓީގެ އާންމު ރައްޔިތުން މިސްކިތުގައި ހުރި ދޫލަތައް ނަގައިގެން ދަމުން ބުންޏެވެ:

"މިއީ ޢަލީގެފާނުގެ (ޢަލީ އިބްނު އަބީ ޠާލިބްގެ) ދޫލަތަކެވެ. އަބޫބަކުރުގެފާނުގެ ފަހަތުން ހިނގާ މީހުން ނަމާދުކުރަން ދޫލަ ގެންނަން ބުނާށެވެ."

ރޮމާނަސް ސުލްހައިގެ މުއާހަދާ އާކުރަން ހުށަހެޅި ހުށަހެޅުމަކީ އޭނާގެ ރޭވުމުގެ ބޮޑު ބައެކެވެ. އޭގެ ބޭނުމަކީ ސެލްޖުކުންނަށް ރައްދު ހަމަލާއެއް ދޭނެ ވަގުތު ލިބުމުގެ ކުރިން، ސުލްތޯންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލައި، އޭނާގެ އަމިއްލަ ލަސްކަރާއިގެން އަރްމީނިއާއަށް ވަދެ، ގެއްލިފައިވާ ކިއްލާތައް އަނބުރާ ހޯދުމެވެ.

ހަނގުރާމައަށް ތައްޔާރުވަމުން، ހަމަ އެވަގުތު ސުލްހައިގެ މުއާހަދާ އާކުރަން ރޮމާނަސް ހުށަހެޅި ހުށަހެޅުމަކީ ކެހިވެރިކަމެކެވެ. ނަމަވެސް ހަނގުރާމައިގެ މައިދާނުގައި ކެހިދިނުމާއި މަކަރު ހެދުމަކީ ބައިޒަންޓައިން މީހުން ވަރަށް މަތީ ދަރަޖައަކަށް ބަލައިގަންނަ ހުނަރެކެވެ. ބައިޒަންޓައިންގެ ހަނގުރާމަވެރި އުކުޅުތައް ބުނެދޭ ފޮތްތަކުގައި، ހަނގުރާމައަކުން ރައްކާތެރިވުމަށް ނުވަތަ ފައިދާއެއް ހޯދުމަށްޓަކައި، މަކަރުވެރި ރޭވުންތަކާއި، ކެހިވެރިކަމާއި، ސިޔާސީ ވާހަކަތައް ދެއްކުން ގަވާއިދުން ލަފާދީފައިވެއެވެ.

މަންޒިކަރްތު ހަނގުރާމަ

ރޮމާނަސް ހަނގުރާމައަށް ނިކުތީ 200000 މީހުންގެ ބޮޑު ލަސްކަރަކާއެކުގައެވެ. އޭގެ ތެރޭގައި ގްރީކުންނާއި، ފްރޭންކުންނާއި، ރަސިޔާ މީހުންނާއި، ޖޯޖިޔާ މީހުންނާއި، އަރްމީނިއާ މީހުންގެ އިތުރުން އެތައް ބަޔަކު ހިމެނެއެވެ. އެޑެއްސާގެ މެތިއު (Matthew of Edessa) ފަދަ ގިނަ ތާރީހުއިލްމުވެރިން ދައުވާކުރާ ގޮތުގައި ބައިޒަންޓައިން ލަސްކަރުގެ އަދަދު އެއް މިލިއަނަށްވުރެ ގިނައެވެ.

ގިބަންސް ބުނާގޮތުން މިއީ އިރުމަތީ ނުވަތަ ހުޅަނގުގެ ވިޔަސް، ރޫމީ އެމްޕަޔަރ އިން މިހާތަނަށް މައިދާނަށް ނެރުނު އެންމެ ބޮޑު ލަސްކަރެވެ. އެމީހުން އައީ އިސްލާމީ ބިންތަކަށް ހަމަލާދިނުމަށްޓަކައި، ނުހަނު ގިނަ ކަނޑިބަޑިއާއި ހަތިޔާރާއެކު ބޮޑު ކިބުރުވެރިކަމެއްގައެވެ. އެމީހުން އައިސް ފޭލިގެޖެހީ މަންޒިކަރްތު ގައެވެ.

މި ހަބަރު ސުލްތޯން އަލްޕް އަރްސްލާނަށް ލިބިވަޑައިގަތީ، އޭނާ އަޒަރުބައިޖާންގެ ސިޓީއެއް ވަށާލައިގެން (ހިސާރުކޮށްގެން) ހުންނަވަނިކޮށެވެ. ދުސްމަނުން އެހާ ކައިރީގައި ތިއްބާ، މާ ދުރުގައި ތިބި އޭނާގެ މައި ލަސްކަރު އެއްކުރާނެ ވަގުތެއް ނެތްކަން ސުލްތޯނަށް އެނގިވަޑައިގަތެވެ. އެހެންކަމުން އޭނާގެ އަރިހުގައި އޭރު ތިބި 15000 އެއްހާ މީހުން ގޮވައިގެން ކުރިއަށް ވަޑައިގަތެވެ. ދުސްމަނުންނާ ކައިރިވިތަނާ، ބައިޒަންޓައިންގެ ކުރިއާލާ ފޮނުވާފައި އޮތް 10000 އެއްހާ މީހުންގެ ފައުޖަކާ ކުރިމަތިލާން ޖެހުނެވެ. ކުޑަކޮށް ހަނގުރާމަކޮށްލުމަށްފަހު، ބައިޒަންޓައިންގެ އެ ފައުޖު ބަލިވެގެން ފިލިއެވެ. ސުލްތޯން އަލްޕް އަރްސްލާން ދުސްމަނުންނާ އިތުރަށް ކައިރިވެވަޑައިގަތުމަށްފަހު، ރަސްގެފާނު ރޮމާނަސްގެ އަރިހަށް ސުލްހައިގެ މުއާހަދާއަކަށް އެދި މަންދޫބަކު ފޮނުއްވިއެވެ. ނަމަވެސް ރޮމާނަސް އެކަމަށް ސާފުކޮށް އިންކާރުކުރިއެވެ.

ބުނެވޭގޮތުގައި ހަނގުރާމަ ފެށުމުގެ ކުރިން، ރޮމާނަސް، ސުލްތޯން އަލްޕް އަރްސްލާންގެ އަރިހަށް އެންމެ ފަހުގެ އިންޒާރުގެ ގޮތުގައި މަންދޫބަކު ފޮނުވައި ބުންޏެވެ:
"މަަ މިއައީ ތިޔަބައިމީހުންނަށް ދެކޮޅު ނުހެދޭނެ ފަދަ ބޮޑު ލަސްކަރަކާއެކީގައެވެ. އެހެންކަމުން އަމިއްލައަށް އެދިގެން މަށަށް އަމާންދީ، ބޯލަނބާށެވެ."

މިކަމުގެ ސަބަބުން ސުލްތޯން އަލްޕް އަރްސްލާން ނުހަނު ކޯފާވިއެވެ. އަދި އިސްލާމްދީން ދިފާއުކުރުމުގެ ޣީރަތްތެރިކަމުން އޭނާގެ ހިތް ފުރިގެންގޮސް ޖަވާބުދެއްވިއެވެ:
"ތިޔަދެއްކެވި ވާހަކަ ތިބާގެ ވެރިޔާ ގާތު ބުނާށެވެ. މަ މިތަނަށް ނެރުނީ ތިބާއެއް ނޫނެވެ. ނަމަވެސް، ހުރިހާ ހަމްދެއް ހައްގުވެގެންވާ މާތްﷲ، ތިބާއާއި ތިބާގެ ލަސްކަރު މަގޭ ކުރިމައްޗަށް މިގެންނެވީ، ތިޔަބައިމީހުންނަކީ މުސްލިމުންގެ ކާނާއަކަށް ހެއްދެވުމަށެވެ."

އެއަށްފަހު، ލަސްކަރުގެ އިމާމް އަދި ބޮޑު އިލްމުވެރިޔާ އަބޫ ނަޞްރު މުޙައްމަދު އިބްނު ޢަބްދުލްމަލިކް، ސުލްތޯނަށް މިފަދައިން ލަފާ އެރުވިއެވެ:
"މަނިކުފާނު ތިޔަ ހަނގުރާމަކުރައްވަނީ، އެ ދީނަކަށް ނަސްރުދެއްވައި، އެހެން ހުރިހާ ދީންތަކެއްގެ މައްޗަށް ކުރިހޯއްދަވައި ދެއްވާނެކަމަށް މާތްﷲ ވައުދުވެވޮޑިގެންފައިވާ ދީނަކަށެވެ. އަޅުގަނޑު އުންމީދުކުރަނީ މާތްﷲ މިފަތަހަ މަނިކުފާނުގެ ނަންފުޅުގައި ލިޔުއްވާނެ ކަމަށެވެ.
ހުކުރު ދުވަހުގެ މެންދުރުފަހު، މިންބަރުތަކުގައި ކަޠީބުން ތިއްބަވާ ވަގުތު އެމީހުންނާ ކުރިމަތިލައްވާށެވެ. އެ ވަގުތަކީ ޖިހާދުގެ މައިދާނުގައި ތިއްބެވި މުޖާހިދުންނަށް ނަސްރުދެއްވުން އެދި އެބޭފުޅުން ދުއާކުރައްވާނެ ވަގުތެކެވެ. އަދި އެއީ ދުއާ އިޖާބަކުރެއްވުމާ ގާތް ވަގުތެކެވެ."

އެއާ އެއްގޮތަށް، ހިޖުރައިން 463 ޒުލްގައިދާ މަހުގެ 20 ވީ ހުކުރު ދުވަހު (މީލާދީން 19 އޯގަސްޓް 1071 ގައި) އެ ވަގުތު ޖެހުމާއެކު، ސުލްތޯން އަލްޕް އަރްސްލާން އޭނާގެ ހުރިހާ ސިފައިންނާއެކު ނަމާދުކުރެއްވިއެވެ. ނަމާދަށްފަހު މާތްﷲ ގެ ހަޒްރަތުގައި ދަންނަވައި އޭނާ ނުހަނު ގިނައިން ކީރިތިކުރެއްވިއެވެ. އަދި ސިފައިންވެސް އޭނާއާއެކު ރޮއެ ދުއާކުރިއެވެ.

އެއަށްފަހު އޭނާ ސިފައިންނާ މުހާތަބުކޮށް ވިދާޅުވިއެވެ:
"އަޅުގަނޑުމެން މިތިބީ މަދު ސިފައިންކޮޅަކާ އެކީގައެވެ. އެހެންނަމަވެސް އަޅުގަނޑު މި މަގްސަދު ހާސިލުކުރާނަމެވެ. ނުވަތަ ސަހީދެއްގެ ގޮތުގައި ސުވަރުގެއަށް ދާނަމެވެ. އަހަރެން މަރުވެއްޖެނަމަ، ދަންނާށެވެ، މަގޭ ދަރިފުޅު މަލިކްޝާހް އަކީ މަގޭ ވަލީއަހުދެވެ (ވާރިސެވެ). މިތަނުން ދާން ބޭނުންވާ ކޮންމެ މީހަކުވެސް ދާންވީއެވެ. މިއަދަކީ އަމުރުކޮށް މަނާކުރާނެ ސުލްތޯނަކު ހުންނާނެ ދުވަހެއް ނޫނެވެ. މިއަދު މަށަކީވެސް ތިޔަބައިމީހުންނާއެކު ހުރި ހަމަ ޣާޒީއަކީމެވެ (ހަނގުރާމަވެރިއަކީމެވެ)."

އެތަނުން އެކަކުވެސް ދާން ބޭނުންނުވުމުން ލިބުނު ހިތްވަރާއެކު، ސުލްތޯން އޭނާގެ ދުނިދަނޑިއާއި ތީރުތައް އެއްލާލައްވައި، ކަނޑިއާއި މޭސް (ގުރުޒު) ނަންގަވައި، އޭނާގެ އަހުގެ ނިގޫ ގޮށްޖެއްސެވިއެވެ. އަދި ހުދުކުލައިގެ ފޭރާމެއް ތުރުކުރައްވައި، ހަށިކޮޅުގައި ސެންޓުލައްވައި ވިދާޅުވިއެވެ:
"އަހަރެން ގަތުލުވެއްޖެނަމަ، މިއީ އަހަރެންގެ ކަފުނެވެ."

އެއަށްފަހު އޭނާ ދުސްމަނުންނާ ކައިރިއަށް ވަޑައިގެން، އަހުން ފައިބައިވަޑައިގެން، ހަނގުރާމައިގެ މައިދާނުގެ ފަސްގަނޑުގައި މޫނުފުޅު އުނގުޅުއްވައި، ރޮއެ ހެއްދެވިއެވެ. އަދި ގިނައިރުތަކެއް ވަންދެންﷲ އަށް ދުއާކުރެއްވިއެވެ. އެއީ ރަސޫލާ (ﷺ) ގެ މި ހަދީސްފުޅުގެ މާނަ އޭނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީއެވެ:
"ދެ ދުއާއެއް ދުވަހަކުވެސް ރައްދުނުކުރެއްވޭނެއެވެ. ނުވަތަ ރައްދުކުރެއްވުން ނުހަނު މަދެވެ: ބަންގިގޮވާ ވަގުތު ކުރާ ދުއާއާއި، ދެ ލަސްކަރު ކުރިމަތިލައި ހަނގުރާމައިގެ ނުރައްކާ ބޮޑުވާ ވަގުތު ކުރާ ދުއާއެވެ."

ބައިޒަންޓައިން މީހުން ތިބީ ކާސްޓުގެ (Dice) ފަސް ނަންބަރު ހުންނަ ގޮތަށް އަތުރާލައިގެންނެވެ. އޭގެ މެދުގައި ހުރީ ރޮމާނަސްއެވެ. މުސްލިމުންގެ ލަސްކަރު ތިބީ ހަނދުފަޅިއެއްގެ ބައްޓަމަށް (Crescent formation) އެމީހުންގެ މަދު އަދަދު ސިއްރުކުރާ ގޮތަށެވެ.

ސުލްތޯންގެ ސިފައިންގެ ފަރާތުން ޤުރުއާން ކިޔަވާ އަޑާއި ބެރުގެ އަޑުތަކުންނާއި، ބައިޒަންޓައިން މީހުންގެ ފަރާތުން ފައްޅީގެ ރަނގަބީލު ޖަހާ އަޑުން މުޅި މާހައުލު ގުގުމާލިއެވެ.

އެއަށްފަހު ސުލްތޯން އަލްޕް އަރްސްލާން އަހަށް ސަވާރުވެ، މުޅި ލަޝްކަރާއެކު އެއްއަޑަކުން "ﷲ އަކުބަރު" ކިޔައި ތަކުބީރު ކިޔަމުން، ފަރުބަދަތައް ގުޑައިގެންދާ ފަދަ ބާރުމިނެއްގައި ދުސްމަނުންގެ ސަފުތަކާ ދިމާލަށް ބާރަށް މިސްރާބުޖެހިއެވެ. މި ކުރިއެރުން އެހާ ބާރު ދުވެއްޔެއްގައި ދިއުމުން، އަސްތަކުގެ ފައިދަށުން އެރި ހިރަފުހުގެ ސަބަބުން އެމީހުން ނިވާވެގެން ދިޔައެވެ. އަދި ބައިޒަންޓައިން ލަސްކަރުގެ މެދަށް އެމީހުން ކުއްލިއަކަށް ވަދެގަތެވެ.

މާތްﷲ ގެ ނަސްރު ބާވައިލެއްވިއެވެ. އަދި ދުސްމަނުންގެ ބޮޑު ބައެއް ފަނާ ކޮށްލެވުނު އިރު، ބާކީ ތިބި މީހުން ފިލައިގެން ދިޔައީ ސުލްތޯންގެ ސިފައިން ނަސްރުގެ އާޔަތްތައް ކިޔަވަމުން ދަނިކޮށެވެ. ނަމަވެސް ކަންތައްތައް މިއަށްވުރެ މާ ފުރިހަމަވިއެވެ. މުސްލިމުން، ބައިޒަންޓައިންގެ ރަސްގެފާނު ރޮމާނަސް އަތުލައި ހައްޔަރު ކުރިއެވެ!

ރޮމާނަސް، ސުލްތޯން އަލްޕް އަރްސްލާންގެ ކުރިމައްޗަށް ގެނެވުމުން، ސުލްތޯން އޭނާގެ ޗާބުކުން ތިން ފަހަރު ޖެއްސެވިއެވެ. އަދި އެއަށްފަހު ދެމީހުންގެ މެދުގައި މިފަދަ ވާހަކައެއް ހިނގި ކަމަށް ބުނެވެއެވެ:

އަލްޕް އަރްސްލާން: އަހަރެން ތިބާގެ ކުރިމައްޗަށް ހައްޔަރުކޮށްގެން ގެނެވުނު ނަމަ، ތިބާ އަހަންނާއި މެދު ކަންތައް ކުރާނީ ކިހިނެއް؟"
ރޮމާނަސް: "ފަހަރުގައި އަހަރެން ކަލޭ ގަތުލުކޮށްލާނީ. ނުވަތަ ކޮންސްޓަންޓިނޯޕަލްގެ މަގުތަކުގައި ކަލޭ ބޭޒާރުކޮށް ގަންހިންގާނީ."
އަލްޕް އަރްސްލާން: "އަހަރެންގެ އަދަބު ތިއަށްވުރެ މާ ބޮޑު. އަހަރެން ކަލެއަށް މާފުކޮށް، މިނިވަން ކޮށްފިން."

އަލްޕް އަރްސްލާން ރޮމާނަސް ދިއުމުގެ ހުއްދަ ދިނުމުގެ ކުރިން ސުލްހައިގެ ސަރުތުތަކެއް ކަނޑައެޅުއްވިއެވެ. މީގެ ސަބަބުން އެންޓިއޮކް، އެޑެއްސާ،  ހިއެރާޕޮލިސް، އަދި މަންޒިކަރްތު، ސެލްޖުކުންގެ ބާރުވެރިކަމުގެ ދަށަށް ދިޔައެވެ. އަދި ރޮމާނަސްގެ ފިދްޔައެއްގެ (Ransom) ގޮތުގައި ފުރަތަމަ ފަހަރަށް 1.5 މިލިއަން ރަން ފައިސާފޮތި އަދި ކޮންމެ އަހަރަކު 360000 ރަން ފައިސާފޮތި ދައްކަން އެއްބަސްވިއެވެ.

ރޮމާނަސް ގާތްގަނޑަކަށް ހަފްތާއެއްވަންދެން ސުލްތޯން އަލްޕް އަރްސްލާންގެ އަރިހުގައި ހައްޔަރުގައި ހުއްޓެވެ. އެ ދުވަސްވަރު ސުލްތޯން އޭނާއާ މެދު ކަންތައް ކުރެއްވީ ނުހަނު އޯގާތެރިކަމާއި ދީލަތިކަމާއެކީގައެވެ. އަދި އޭނާ ކޮންސްޓަންޓިނޯޕަލްއަށް އެނބުރި ދިއުމަށްޓަކައި ދުރު ރާސްތާއަކަށް ސުލްތޯން އަމިއްލައަށް ވަޑައިގެން އޭނާާާާާއެކު ދަތުރުކުރެއްވިއެވެ. އަދި އޭނާގެ ސަލާމަތްތެރިކަމަށްޓަކައި ސިފައިންގެ ބަޔަކު ފޮނުއްވިއިރު، ރޮމާނަސްގެ ބޯމަތީގައި ހުރި ދިދައިގައި ލިޔެވިފައިވަނީ "ﷲ ފިޔަވައި ހައްގުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ" މިފަދައިންނެވެ.

ރޮމާނަސް އެނބުރި ދިޔައިރު، އޭނާގެ ތަހުތުން އޭނާ ދުރުކޮށް، ލޯ އަނދިރިކޮށް، އެހެން ނުފޫޒުގަދަ ހާންދާނެއް ކަމަށްވާ ޑޫކާސް (Ducas) އާއިލާއިން އޭނާ އަރުވާލާފައިވާކަން އެނގުނެވެ.

ސުލްތޯން އަލްޕް އަރްސްލާންގެ ވާހަކައަށް ބަލާއިރު، މި ބޮޑު ހަނގުރާމައަށްފަހު އަހަރެއްހާ ދުވަސް ނުވަނީސް، އޭނާ މާވަރާއުންނަހްރު (Transoxiana) އަށް ދަތުރުކުރައްވައި، އެތަނުގެ އަނިޔާވެރި ވެރިޔާ ޔޫސުފް އަލް-ޚުވާރިޒްމީ ބަލިކުރެއްވިއެވެ.

ޔޫސުފް ބަނދެވިފައި ހުރިއިރު ސުލްތޯނަށް ހުތުރުބަހުން އެއްޗެހި ބުނުމުން، ސުލްތޯން އޭނާ ދޫކޮށްލަން އަމުރުކުރައްވައި، އޭނާގެ އިތުބާރުހުރި ދުނިން އޭނާއަށް އަމާޒުކުރެއްވިއެވެ. ނަމަވެސް، ތާރީހުގައި ސުލްތޯންގެ އަމާޒު ފުރަތަމަ ފަހަރަށް ނުބައިވިއެވެ. އެވަގުތު ލައިގެންހުރި ހެދުމުގެ ތެރޭގައި ދެ ވަޅި ފޮރުވައިގެން ހުރި ޔޫސުފް ދުވެގޮސް ސުލްތޯނަށް ހަމަލާދީ ވަޅި ހެރިއެވެ. އޭގެ ފަހުން ސިފައިން ޔޫސުފް ގަތުލުކޮށްލިއެވެ.

ސުލްތޯނަށް ލިބުނު މި ޒަހަމްތަކުގެ ސަބަބުން އެންމެ ފަހުން އޭނާ އަވަހާރަވިއެވެ. މިއާއެކު، އިސްލާމްދީން ދުށް އެންމެ ހިތްވަރުގަދަ އެއް ދަރިއެއްގެ ހަޔާތް ނިމިގެންދިޔައެވެ.

ހުލާސާ ގޮތެއްގައި ބައެއް މުހިންމު ނުކުތާތައް

ސުލްތޯން އަލްޕް އަރްސްލާންގެ ދިރިއުޅުއްވުމާއި އެ ދުވަސްވަރުގެ ހާދިސާތަކުން އަޅުގަނޑުމެންނަށް ލިބިގަނެވޭނެ އެތައް ފިލާވަޅު ތަކެއް އެބަހުއްޓެވެ. ނަމަވެސް އެ ހުރިހާ ކަމެއް ތަފްސީލުކޮށް ލިޔުމުގެ ބަދަލުގައި ހަތަރުކަމެއް ފާހަގަކޮށްލުން މުހިއްމު ކަމުގައި ދެކެމެވެ.

ފުރަތަމަ ކަމަކީ، މަދު ބައެއްގެ ނުބައި އަމަލުތަކާއި، އެމީހުން ހައްޔަރުވެރިންނާ މެދު ކަންތައްކުރާ ގޮތުގެ ސަބަބުން، މުސްލިމުންނަކީ "ރަހުމުކުޑަ، ޖާހިލު" ބައެއްގެ ގޮތުގައި ނުރަނގަޅު ސޫރައެއް ދައްކަން ބަޔަކު މަސައްކަތްކުރާ މިފަދަ ޒަމާނެއްގައި، އޭނާގެ ދުސްމަނުންނާ މެދު ނުހަނު އޯގާތެރިކަމާއެކު މުއާމަލާތްކުރެއްވި މުސްލިމު ވެރިއަކު އަޅުގަނޑުމެންނަށް މިތަނުން މި ފެންނަނީއެވެ.

ވިސްނާލައްވާށެވެ؛ ތިޔަބައިމީހުންނަށް އިސްވެ ހަމަލާދީ، ތިޔަބައިމީހުންގެ އެތައް ބަޔަކު ގަތުލުކޮށް، އެތައް ބަޔަކު ޒަހަމްކޮށް، ބޮޑެތި ހަލާކުތަކެއް ކުރިމަތިކުރުވި ދުސްމަނުންގެ އެންމެ އިސްވެރިޔާ، ތިޔަބައިމީހުންގެ އަތްދަށަށް ސީދާ އައުމުންވެސް އޭނާއަށް މާފުކޮށް ދޫކޮށްލުމަކީ ހަގީގަތުގައިވެސް މަތިވެރި އަހްލާގެއްގެ ވެރިއަކަށް މެނުވީ ކުރެވޭނެ ކަމެއް ނޫނެވެ.

ދުސްމަނުންނާ މެދު މިފަދަ މާތް ގޮތަކަށް އަމަލުކުރުމުގެ މިސާލުތަކަކީ އިސްލާމްދީނުގެ ހިޔަލުން ބޭރުން އެހެން އެއްވެސް ތަނަކުން ފެންނަން އޮތް ކަމެއް ނޫނެވެ. މިއީ މައްކާ ފަތަހަކުރެއްވި ދުވަހު ޤުރައިޝުންނާ މެދު ކީރިތި ރަސޫލާ (ﷺ) ކަންތައް ކުރެއްވި ގޮތާއި، ސުލްތޯން އަލްޕް އަރްސްލާނަށްފަހު ގާތްގަނޑަކަށް ގަރުނެއް ފަހުން، ރަހުމުކުޑަ ކުރުސޭޑަރުންނާ މެދު ޞަލާޙުއްދީނުލް އައްޔޫބީ ކަންތައް ކުރެއްވި ފަދަ އެތައް މިސާލުތަކަކާ ގުޅިފައިވާ މަތިވެރި އުސޫލެކެވެ.

ދެވަނަ ކަމަކީ، ކުރުސޭޑަރުންގެ ވާހަކައަށް ބަލާއިރު، މި ހަނގުރާމައަކީ ބައިޒަންޓައިން މީހުންނަށް ލިބުނު އެހާ ބޮޑު ހަލާކަކަށް ވުމުން، މީގެ ސަބަބުން ތާރީހީ އެތައް ކަމެއް ފެށިގެންދިޔަކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

މީގެ ތެރެއިން އެއް ކަމަކީ، މި ބަލީގެ ބަދަލުހިފުމަށްޓަކައި، ހަނގުރާމައަށްފަހު ދިހަ އަހަރު ނުވަނީސް ޕޯޕް އަރބަން (Pope Urban) ހުޅަނގާއި އިރުމަތީގެ ނަސޯރާ ދުނިޔެ އެއްބައިވުމަށް ގޮވާލެއްވުމެވެ. މިއީ ތާރީހުގައި ފުރަތަމަ ކުރުސޭޑް ހަނގުރާމަ ފެށިގެންދިޔަ ސަބަބެވެ.

މިއާއެކު ފެށިގެންދިޔަ އަނެއް މުހިންމު ކަމަކީ، މި ފަތަހައިގެ ސަބަބުން މުސްލިމުންނަށް އެނަޓޯލިއާގެ (ތުރުކީގެ) ބިންތައް ހުޅުވިގެންދިއުމެވެ. މިއީ ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި އޮތް ބައިޒަންޓައިން އެމްޕަޔަރގެ ނިމުމުގެ ފެށުމެވެ. އެމީހުންގެ ތަހުޒީބު ނެތިގެންދިއުމުގެ ފެށުމަށް ވުމުގެ އިތުރުން، މީގެ ސަބަބުން އެ ބިމުގައި މުސްލިމުންގެ ވަރުގަދަ ބާރެއް އުފެދި، ކުރިއަރައިގެން ދިޔައެވެ. އެއީ އޭގެ ފަހުން ގާތްގަނޑަކަށް ނުވަސަތޭކަ އަހަރު ވަންދެން ދެމިއޮތް އުސްމާނީ ދައުލަތެވެ (Ottoman Empire). އެހެންކަމުން، މަންޒިކަރްތު ހަނގުރާމައަކީ ދުނިޔޭގެ ތާރީހު ބަދަލުކޮށްލި އެންމެ މުހިންމު އެއް ހަނގުރާމައެވެ.

ތިންވަނަ ކަމަކީ، ރޮމާނަސް އާއި ބައިޒަންޓައިން މީހުން ދެއްކި ބޮޑު ކިބުރުވެރިކަމާއި، ލަސްކަރުގެ ގިނަކަމާއި، މުއްސަނދިކަމުން އެމީހުންނަށް ކުރި އެއްވެސް ފައިދާއެއް ނެތްކަމާއި، ހަގީގީ ނަސްރާއި ކާމިޔާބީއަކީ ހަމައެކަނި މާތްﷲ ގެ ހަޒްރަތުން އަންނަ އެއްޗެއްކަން އަޅުގަނޑުމެންނަށް އެނގިގެންދިއުމެވެ.

އެންމެ ފަހު ކަމަކީ، މުސްލިމުންގެ ހިތްތަކުގައި ހުކުރު ދުވަހަށް ދެވިފައިވާ މަތިވެރި ގަދަރާއި ބާރެވެ. އަދި ދުއާގެ ބާރާއި ހަނގުރާމައިގެ ނަސްރާއި ހުރި ގުޅުން އެބޭފުޅުން ގަބޫލުކުރެއްވި ގޮތެވެ. އެ ދުވަހު މުޅި އިސްލާމީ އުންމަތުގެ މުސްލިމުން އެމީހުންނަށްޓަކައި ދުއާކުރަން އަތްއުފުލާނެކަން އެބޭފުޅުންނަށް ޔަގީންވިއެވެ. ނަމަވެސް، ހިތާމައަކީ މިއަދު ގިނަ އިމާމުންނާއި މުސްލިމުން، ކުށްވެރިވެދާނެކަމުގެ ބިރަށްޓަކައި، މިފަދައިން ފާޅުގައި ދުއާކުރަން ޖެހިލުންވާ ކަމެވެ.

މާތްﷲ، ސުލްތޯން އަލްޕް އަރްސްލާންގެ ކައްވަޅު ތަނަވަސްކޮށްދެއްވައި، ރަހުމުކުރައްވާށިއެވެ! އަދި މި އުންމަތަށް އެފަދަ ހިތްވަރުގަދަ ފިރިހެނުން މިންވަރުކުރައްވާށިއެވެ! އާމީން.