ޓިއުސަނުން ދަރިފުޅަށް ފައިދާއެއް ނުލިބި ހިނގައިދާނެތަ؟
ޓިއުސަނާއެކު ތައުލީމީގޮތުން ހަރުފަތެއް ކުރިލިބޭނެ ކަމަށް ބައެއް ބެލެނިވެރިން ދެކޭއިރު، ތައުލީމީ ދާއިރާގެ މާހިރުން ބުނަނީ އެއީ ފުރައްސާރައެއްކަމަށް. ރަނގަޅީ ކޮންބައެއްބާ!
ޓިއުސަނުގެ ނުރައްކަލޭ؟
އިނގިރޭސިވިލާތުގެ ނެޝަނަލް އެސޯސިއެސަން އޮފް ހެޑްޓީޗަރސްގައި އިސްކޮށްހުރި ޓީޗަރ އެޑްވައިޒަރު ‘ގެއިލް ލާކިން’ އިންޒާރުދެއްވާފައިވާގޮތުން ސްކޫލް (ގެ ކްލާސްތައް) ނިމުމަށްފަހު، އޭގެފަހުން ޓިއުސަނަށް ފޮނުވައި ނުވަތަ ޓިއުސަނުގައި ދަރިވަރު ބަނދެލުމަކީ ދަރިވަރަށް ފުރައްސާރަކުރުން ނުވަތަ ‘ޗައިލްޑް އެބިއުސް’ ކަމުގައެވެ.
ގްރޭޑުތަކުގެ ދަރިވަރުންނާއި ހަމައިން އައިސް ތިން ހަތަރު އަހަރުގެ ތުއްތު ދަރިވަރުންނަށްވެސް ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް ޓިއުސަން ދޭންޖެހޭކަމަށް ގަބޫލުކޮށް ބާރުއަޅައި ގޮތް ދޫނުކޮށް އުޅޭ މައިންބަފައިންނާއި ބެލެނިވެރިންގެ އެ ގަބޫލުކުރުންތަކާއި ނަޒަރިއްޔާއާއި ހިލާފަށް، ތައުލީމީ ދާއިރާއާއި ކުޑަކުދިންގެ ވެލްފެއާ މާހިރުންވެސް ލާކިން އެކޭ އެއްފަދައިން ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރުދެމުންދާކަން ފާހަގަކޮށްލެވެއެވެ.
މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށްވެސް ކޮންމެހެންވެސް ޓިއުސަން ދިނުމަށް ބައެއް ބެލެނިވެރިން ފައިވިއްދާފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އެކަމަކީ ސްކޫލުތަކުގެ ކިޔަވައިދިނުން ބޭކާރުވެ ދަރިވަރުންގެ ސިކުނޑި ހުޅުވުންހުއްޓި ޅަފުރާގައި އެކުދިންގެ ބުއްދިތަނަވަސްވުމަށް ހުރަސް އެޅިގެންދާ ކަމެއްކަމުގައި މާހިރުން ލަފާދެއެވެ.
އުނގެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ނުވަތަ އެހީތެރިކަން ބޭނުންވާ ކުދިންނަށް ޓިއުސަންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި މިހާރު އާއްމުވަމުންދާ ކަމަކީ ޓިއުސަންދިނުމަކީ ކޮންމެހެން ކުރަންޖެހޭ، އަދި އެއާނުލައި ދަރިވަރު އުނގެނިކުރިއަރައި ނުދާނެ ކަމުގެ ވިސްނުމެވެ. މެދުމަދަރުސީ ދަރިވަރުން ޓިއުސަންގައި ބައިވެރިކުރާ މިންވަރު އަތޮޅުތެރޭގައި 27 އިންސަންތައިގައި ހުރިއިރު މާލޭ ސަރަހައްދުގައި އެމިންވަރު 41 އިންސައްތައަށްވުރެ މައްޗަށް ގޮސްފައިވާކަން ދިރާސާތަކުން ދައްކައެވެ.
ޖެހިގެން ހުރި ގޭ މީހާގެ ދަރި ނުވަތަ ރައްޓެހިމީހާގެ ދަރި ޓިއުސަން ނަގާކަން އެނގުމާއި އެކު ކަންތަކާއި ޖެހުނީއެވެ. މީސްމީޑިއާއާއި ގުރޫޕްތަކާއި ގޫގުލްކޮށްގެން ނުވަތަ ޖެހޭހާ މީހެއްގާތު އަހައިގެންވިޔަސް ކްލާހަކަށް ނުދެވެންޏާ ނުވަތަ ގެއަށް ނުގެނެވެންޏާ، އޮންލައިންކޮށްވެސް، (ނުފޯރާ ފޮތިން ފޫގަޅައިގެންވިޔަސް) ތިމާގެ ދަރިއަށް ޓިއުސަން ދޭނެ ގޮތެއް ހޯދައެވެ. މިކަންތައްގަނޑު މާލެ ސަރަހައްދުގައި އަދި މާ ބޮޑެވެ.
އަމުދުން ޓެސްޓު ދުވަސްވަރެއް ބޯމަތިވާއިރަށް މިކަންކަން ހައްދުން ނައްޓާ ހިސާބަށްގޮސް، ދަރިވަރުގެ މުޅި ދުވަސް ޓިއުސަނުގައި ބަނދެލުމުގެ ނަތީޖާއަކަށް ވެގެންދަނީ ދަރިވަރުން ހެދިބޮޑުވުމުގައި ކޮންމެހެން ބޭނުންވާ (އިޖުތިމާއީ ހަރަކާތްތަކާއި ކުޅިވަރުތަކާއި މަޖާކޮށް ގުދުރަތީ މާހައުލާއި އެމުނިއެކުވެގެން ލިއްބައިދޭ) އެހެން ހުރިހާ ކަމަކުން މަހުރޫމުވެ ސިނކުޑީގައި ތަޅެއް އެޅުވި ބުއްދިފުރިހަމަ ނުވެ، މުޖުތަމައެއްގައި އެހެންމީހުންނާއި ޖާމިނުވެ އުޅޭނެ ހެޔޮގޮތްތައްވެސް އޮޅިދިއުމެވެ.
އަދި އޭ-ފާސް ހޯދައި، މެޑައްޔާއި ތަށިހޯދުމުގެ ދަހިވެތިކަމުގައި، ސުވާލަކަށް ޖަވާބެއް ދަސްކުރުމުގެ ފަލްސަފާއަކަށް މިކަން ބަދަލުވެ، ދަސްކުރާއެއްޗެއްވެސް ހަނދާނުގައި ހަރުނުލައި، ދަސްވިއެއްޗެއްގެ މުރާދެއް، އޭގެ ‘ޕްރެކްޓިކަލް އެޕްލިކޭސަނެއް’ ވެސް ނޭނގި، ‘ބުކްވަރމް’ ތަކަކަށް ދަރިވަރުން ބަދަލުވެ، މަދަރުސީ ދައުރު ނިމި ވަޒީފާގެ މާހައުލަށް ނިކުންނައިރު ކިޔެވި އެއްޗެއްގެ ބޭނުންކުރާންވެސް ނޭނގިދިއުމެވެ.
ސްކޫލުގައި ހައެއްކަ ގަޑި އިރު ހޭދަކޮށްފައި ގެއަށް އައިސް އެއްޗެހި ބަދަލުކޮށްގެން ދާނީ ގްރުއާން ކްލާހާއި ޓިއުސަން ކްލާހާއި ކުޅިވަރުތަކަށް ގޮސް އަވަދިވެގެން ފެންވަރައިގެން ކާ ގަޑީގައި ޓެބްލެޓުން ކާޓޫނެއް ބަލައި ނިމޭއިރު އަނެއް ކޮޅުން އޮންނާނީ ކިޔަވާ ގަޑި ޖެހިފަ އެވެ. މިއީ ގްރޭޑް އެކަކުން މަތީގެ ގިނަ ކުދިންގެ ދުވަހު ތާވަލެވެ. މި ތާވަލުގެ ތެރެއަށް މަޑު މަޑުން ބޭބީ ނާސަރީ އުމުރުގެ ކުދިން ވެސް ވަންނަން ފަށައިފިއެވެ. ކިޔަވައިދިނުމުގެ ވާދަވެރިކަމުގައި ތުއްތު ކުދިންގެ ދިރިއުޅުމަށް މި ގެނެވޭ ބަދަލަކީ ކިހާ ވަރެއްގެ ބަދަލެއް ހެއްޔެވެ؟ ތުއްތު ދަރިފުޅު ޓިއުސަނަށް ފޮނުވުމާ މެދު ކިހާ ވަރަކަށް ވިސްނަވާލިންތޯއެވެ؟
ޓިއުސަން މުހިއްމުތަ؟
“ކުދިންނަށް އުނދަގޫވާ ތަކެތި، ކުއްޖާ އަށް ކުއްޖާ އަށް އެންމެ ރަނގަޅަށް ސާފު ނުވާ ނަމަ، ދަންނަ މީހެއްގެ އެހީ ހޯދާލުމަކީ ރަނގަޅު ކަމެއް. އެކަމަކު އަހަރު ފެށުނީއްސުރެ ވަކި މީހަކު ގެނެސްގެން ގަވާއިދުން ޓިއުސަން ދޭނަމަ ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެގެން ދޭ. އޭނަ އަމިއްލައަށް އެއްޗެއް އެނގިގަންނަން މަސައްކަތްކުރުން ހުއްޓާލާ،” ގިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވި އެވެ.
އެންމެ ކުޑަ އިރުއްސުރެ އަމިއްލަ އަށް ކަންކަމާ މެދު ވިސްނައި، އަމިއްލަ މަސައްކަތްތައް އަމިއްލަ އަށް ނިންމަން ދަސްކޮށްދިނުމަކީ މުހިއްމު ކަމެކެވެ. އޭރުން އެކަމުގެ ފައިދާ އެ ކުދިން ބޮޑުވުމުން ކުރާނެ އެވެ.
ނާސަރީ އުމުރު؛ ކުޅުމާއި ގުދުރަތީ މާހައުލާއި އެހެނިހެން ކަންކަން ދަސްކުރުމުގެ އުމުރު!
ދެ އަހަރާއި ފަސް އަހަރާއި ދެމެދުގެ ކުދިންނަށް އެކުދިން ސްކޫލުގައި ހޭދަކުރާ ތިން ހަތަރު ގަޑި އިރު ކިޔެވުމަށް ފުދޭނެ އެވެ. އިިތުރަށް މޮޅުކުރަން ބޭނުންވާ ނަމަ ގޭގައި އުޅޭ ވަގުތު ކުދިންނަށް ކިޔަވައިދޭން އުޅެވިދާނެ އެވެ. އެކަމަކު އެއަށްވުރެ ވެސް ބޮޑަށް މި އުމުރުގެ ކުދިންނަށް ބޭނުންވަނީ މައިންބަފައިންނާ އެކުގައި ހޭދަކުރާ ވަގުތެވެ. އަމިއްލަ އަށް ކަންކަން ހޯދައި، މާހައުލު ދަސްކުރުމުގެ ފުރުސަތެވެ. “އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެހާ ތުއްތު އިރުގަ ޓިއުސަން ދޭންޖެހޭ ކަމަކަށް. މި ވަރުގެ ކުދިން ޓިއުސަނަށް ފޮނުވަނީ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގަ، ގޭތެރޭގައި މައިންބަފައިންނަށް އެ ޕޭޝަންސް (ކެތްތެރިކަން) ނުހުންނާތީ. އެހެންވީމަ ދެން އޮންނަ އެންމެ ރައްކާތެރި ގޮތަކީ މީހެއްގެ ކައިރިއަށް ފޮނުވާލުން. އެއީ ފަސޭހައަކަށް ކުރެވޭ ކަމެއް ކަންނޭނގެ އޭގެ ފައިދާއަކަށް ބަލައިގެން ކުރާ ކަމެއްގެ ގޮތުގައި ކުރުމަށްވުރެ،” ތޯހާ ވިދާޅުވި އެވެ.
އަމިއްލައަށް ކަންކަން ކުރަން ދަސްކޮށްދޭން ޖެހޭތަ؟
މައިންބަފައިން އަބަދުވެސް ބޭނުންވާނީ ކުދިންނަށް ދަތި ނުވެ ފަސޭހަ ގޮތް ހޯދައިދޭށެވެ. އެކަމަކު ފަސޭހަ ގޮތް ހޯދައިދިނުމަކީ ކުދިންނަށް އެ ކުދިންގެ އަމިއްލަ ކަންކަން އަމިއްލަ އަށް ކުރަން ނޭނގޭ ވަރަށް ކަންކަން ފަސޭހަކޮށްދިނުން ކަމަށް ގަބޫލުކުރެވޭތޯއެވެ؟
“ކުޑަ އިރުއްސުރެ ކުއްޖާ މި ތައްޔާރުކުރަނީ އަމިއްލަ އަށް އުޅެން ދަސްކޮށްދޭން. މީގަ އަންނަ އާގިއުމަންޓަކީ، ކިޔަވައިދޭ އިރު ކުއްޖާއަށް ހުރިހާ އެއްޗެއް އޮޅުން ނުފިލައި ގޮސްދާނެ އޭ ބުނާ ތަންކޮޅު. އެކަމަކު ސްކޫލާއި އެކު އެކީގައި ޓިއުސަން ކްލާސްތައް ފެށުމަކީ ކްލާހުގައި ކުދިން ދޭ ސަމާލުކަން ވެސް ކުޑަވާ ކަމެއް. އެބަ އެނގޭ، ޓިއުސަނަށް ދިޔުމުން އެބައި ފޫބައްދާލެވޭ ކަން،” މިއީ ކުދިން ވަރަށް ބޮޑަށް ކަންނެތް ކޮށްލައި، އަމިއްލަ ޒިންމާ އާއި ދުރުކޮށްދޭ ކަމެއްގެ ގޮތުގައި ތޯހާ ސިފަކުރެއްވި އެވެ.
ކުއްޖާގެ ކްރިއޭޓިވް ވިސްނުމުގެ ހުނަރު ދަށްވަނީ ކީއްވެ؟
މީހަކު ބުނީމަ ބުނެދޭ އެއްޗެހި ލިޔެގެން ކިޔަވައިގެން ނިކުންނަ ކުދިންގެ ކްރިއޭޓިވް ތިންކިންގް ވަރަށް ބޮޑަށް ދަށްވެއެވެ. ކުރިއަރަމުން އަންނަ މި ޒަމާނުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އުފެއްދުންތެރި މޮޅު ވިސްނުން ހުންނަ މީހުން ހޯދުމެވެ. ކިތަންމެ މޮޅު މެރިޓެއް އޮތަކަސް މީހާ އަކީ އުފެއްދުންތެރި މީހަކަށް ނުވެދާނެ އެވެ. އެހެންކަމުން ސިކުނޑީގެ ބާރު ގަދަކުރަން ކުދިން ކުޑައިރު ހިތްވަރު ދެއްވުން މުހިއްމެވެ.
ކްލާހުގައި ފޯކަސް ކުރަން ހިތްވަރު ދެއްވާ!
ކްލާހުގައި ފިލާވަޅު ކަނުލައި އަޑުނޭހުމަކީ މައްސަލައެއް ނޫން ކަން ކުދިންނަށް އިހުސާސްކޮށް ނުދޭށެވެ. އޭގެ ބަދަލުގައި އެންމެ ކުޑަ އިރުއްސުރެ ކްލާހުގައި މުދައްރިސް ފިލާވަޅު ނަގައިދޭ ވަގުތުގައި ކަނުލައި އަޑު އަހައި އޮޅުމެއް އޮތް ނަމަ އެވަގުތު އެއެއްޗެއް އޮޅުން ފިލުވުމުގެ މުހިއްމުކަމާއި މުދައްރިސްގެ ފަރާތުން އެނގެން ބޭނުން ކޮންމެ އެއްޗެއް އޮޅުންފިލުވުމަކީ ދަރިވަރުގެ ހައްގެއް ކަން ވިސްނަދެއްވާށެވެ.
"ވިސްނަދޭންވީ، ޓީޗަރުގެ ޒިންމާއެއްކަން ކުދިންނަށް އޮޅުންފިލުވައިދިނުމަކީ. އަދި ކުއްޖާގެ ހައްގެއް ކަން ތައުލީމަކީ. ހަގީގަތުގައި، ސްކޫލުތަކުން ވެސް ކުދިންނަށް މިގޮތަށް ހިތްވަރުދިނުން ވަރަށް މުހިއްމު"
-ގިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލް ތޯހާ ސަލީމް-
ކޮންމެ ކަމެއްގެ ވެސް (ކަންފަސޭހަ) ކުރުމަގެއް އޮންނާނެ އެވެ. އެކަމަކު ދިގުމަގުން އުނދަގުލާއި ހުރަސްތަކާއި އެކު ކުރާ ދަތުރުގެ މަންޒިލް މާ އުފާވެރިވާނެ އެވެ. ކުދިންނަށް އަބަދު ފަސޭހަ މަގު ދަސްކޮށްދިނުމުގެ ބަދަލުގައި އުނދަގޫ މަގު ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމަކީ ވެސް މުހިއްމު ކަމެކެވެ. ވިސްނަވާލައްވާށެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online