އައްޑޫ ސިޓީން އުފަލާއެކު ފައްޔާޒު އިސްމާއީލަށް މަރުހަބާ ކިޔަނީ!

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ފައްޔާޒު އިސްމާއީލް (ފަޔާ) އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެއާފޯޓު ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން އެއްވެ ފަޔާގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފި

އޮކްޓޫބަރު 18, 2026 - 18:43
އައްޑޫ ސިޓީން އުފަލާއެކު ފައްޔާޒު އިސްމާއީލަށް މަރުހަބާ ކިޔަނީ!
ފޮޓޯ: ޙުސައިން ޝާފިއު
އައްޑޫ ސިޓީން އުފަލާއެކު ފައްޔާޒު އިސްމާއީލަށް މަރުހަބާ ކިޔަނީ!

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ފައްޔާޒު އިސްމާޢީލް (ފަޔާ) އާއި އެމްޑީޕީގެ އިސް ސަފުތަކުގައި އުޅުއްވާ ގިނަ އަދަދެއްގެ ބޭފުޅުންގެ ޓީމް އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެ ސިޓީން އެޓީމަށް އުފާވެރިކަމުގެ މޫނުތަކާއި ޖޯސާއި ފޯރީގައި ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ގިނަ އަދަދެއްގެ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުން، ގަމުގެ ވައިގެ ބަނދަރަށް އެއްވެ ފަޔާ މަރުހަބާ ދަންނަވާފައިވާއިރު، މައުލޫމާތު ލިބިފައިވާގޮތުގައި މިއީ އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް އަމާޒުކުރައްވައިގެން 8 ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެކެވެ.

އޮކްޓޫބަރު 17 އިން 24 ގެ ނިޔަލަށް ކުރިއަށްގެންދާ މި ދަތުރުފުޅުގައި ދޮރުންދޮރަށް ހިންގެވުމާއި، އާއިލީ ބައްދަލުވުންތައް ކުރިއަށް ގެންދާނެ ކަމަށް އެ ޓީމުން މައުލޫމާތު ދެއްވިއެވެ. އައްޑޫއަށް ވަޑައިގަތުމަށްފަހު، މިއަދު ހެނދުނު ހިތަދޫ އުތުރު ދާއިރާގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޮކްޓޫބަރު 19 ވަނަ ދުވަހުގެ ރޭގަނޑު 8:30 އިން 10:30 އަށް ހިތަދޫގައި "އައްޑޫ ޕޮލިސީ ވޯކްޝޮޕް" ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގައި އޮކްޓޫބަރު 20 ގައި ފޭދޫއަށް އަދި 21 ގައި މަރަދޫއަށް ޒިޔާރަތްކުރެއްވުމަށްފަހު، 22 ވަނަ ދުވަހު ހުޅުދޫ އަދި މީދޫގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ހުޅުމީދޫއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި 23 ވަނަ ދުވަހުގެ މެންދުރުފަހާއި ރޭގަނޑު މަރަދޫފޭދޫގައި ހަރަކާތްތައް ކުރިއަށްދާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 24 ގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރުންނާ ބައްދަލުކުރެއްވުމަށްފަހު އެރޭ މާލެ ވަޑައިގަންނަވާ ގޮތަށެވެ.

އައްޑޫ ސިޓީގެ ހަ ރަށުގައި އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 6515 މެންބަރުން މިވަގުތު އެބަތިއްބެވެ. އޭގެ ތެރެއިން 3136 މެންބަރުންނާ އެކު އެންމެ ގިނަ މެންބަރުން ތިބި ހިތަދޫގައި ތިން ދުވަހުގެ ރޭވިފައި ވާކަމަށް މައުލޫމާތު ލިބެއެވެ. މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ޕާޓީގެ މެންބަރުންނާ ވަކިވަކިން ބައްދަލުކުރެއްވުމާއި، އާއިލީ ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން ދޮރުންދޮރަށް ހިންގަވައި "ބޮޑުބަދަލު" ސިޔާަަސަތުތަކަށް ހިޔާލު ހޯއްދެވުމުގެ ހަރަކާތްތައް ކަމަށް އެ ޓީމްގެ ބޭފުޅުން މައުލޫމާތު ދެއްވިއެވެ.