އީސީ މެންބަރުކަމަށް ހައްޖު ކޯޕަރޭޝަނުގެ އެމްޑީ މަގާމުގައި ހުންނެވި ޝަކީލް އައްޔަނު ކޮށްފި

ޝަކީލް ވަނީ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމާއި، އެ ޕާޓީގެ ސެނެޓް މެންބަރުކަމާއި އިންތިހާބާ ބެހޭ ކޮމިޓީގެ އިސް މަގާމުތައް ފުރުއްވާފަ

ޖޫން 24, 2026 - 18:41
އީސީ މެންބަރުކަމަށް ހައްޖު ކޯޕަރޭޝަނުގެ އެމްޑީ މަގާމުގައި ހުންނެވި ޝަކީލް އައްޔަނު ކޮށްފި

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަދި ސަރުކާރު ހިންގާ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު މީގެ ކުރިން ފުރުއްވި މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް މިއަދު އައްޔަނުކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި، މުޙައްމަދު ޝަކީލު (ދަފްތަރު ނަންބަރު ރ.ސ.13449) ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައެވެ. ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނު ކުރެއްވިކަމުގެ ލިޔުން ޝަކީލާ ހަވާލުކޮށްދެއްވާފައެވެ.

މި މަގާމަށް ޝަކީލް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ހަފުތާގައެވެ. ޝަކީލަކީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ވެސް މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ، ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމުންނެވެ. ޒާހިދުގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރަން ރައީސް އިހްތިޔާރު ކުރެއްވި ހަމައެކަނި ބޭފުޅަކީ ވެސް ޝަކީލެވެ.

ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ޑިސެމްބަރު 3 އިން ފެށިގެން 2018 ވަނަ އަހަރުގެ މޭ 9 އާ ހަމައަށް އޭނާ ވަނީ އެ ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައެވެ. އަދި އޭގެ ކުރިން، 2013 ސެޕްޓެމްބަރު 1 އިން 2014 ޑިސެމްބަރު 3 އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

ޝަކީލް މިހާތަނަށް ހުންނެވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ ވަނީ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމާއި، އެ ޕާޓީގެ ސެނެޓް މެންބަރުކަމާއި އިންތިހާބާ ބެހޭ ކޮމިޓީގެ އިސް މަގާމުތައް ފުރުއްވާފަ އެވެ. ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަންކުރައްވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.