ޢަބްދުﷲ ޝާހިދު ހައްޔަރު ކޮށްފި

އެމްޑީޕީގެ ކުރީގެ ރައީސް، ކުރީގެ ހާރިޖީ ވަޒީރު އަދި އެންމެފަހުން އދ.ގެ އާއްމު މަޖިލިހުގެ ރައީސްކަން ކުރެއްވި ޢަބްދުﷲ ޝާހިދު ހައްޔަރުކުރީ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި!

ނޮވެންބަރު 03, 2026 - 03:23
އަދާހަމަވެއްޖެ: 7 ދުވަސްތައް ކުރިން
ޢަބްދުﷲ ޝާހިދު ހައްޔަރު ކޮށްފި

އެމްޑީޕީގެ ކުރީގެ ރައީސް، ކުރީގެ ހާރިޖީ ވަޒީރު އަދި އެންމެފަހުން އދ.އާއްމު މަޖުލިސްގެ ރައީސްކަން ކުރެއްވި ޢަބްދުﷲ ޝާހިދު  މިރޭ (ހޯމަދުވަހު ގެ ރޭގަނޑު) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އުމުރުން 64 އަހަރުގެ ޝާހިދަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތާ ގުޅޭ ގޮތުން، ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ބަޔާންކޮށްފައި ވުމުގެ އިތުރުން އެހެން ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ޝާހިދު ހައްޔަރުކުރީ ހުޅުމާލޭގެ ރެއިންބޯ އޯޝަން ފްރޮންޓްގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ. މިރޭގެ ވަގުތެއްގައި ފުލުހުންގެ ކަސްޓަޑީ މަރުކަޒު ދޫނިދު އަށް ޝާހިދުވަނީ ގެންގޮސްފަ އެވެ.

ހައްޔަރުކުރުމުގެ ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އޭނާގެ ސަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ކަމާއި މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދޭ ކަމަށެވެ.

ހެއްކެއްނެތި، މީސް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަށް ބަލާއިރު، އުމުރުން 15 އަހަރުގެ އެކުއްޖާގެ މަންމައަކީ (ނިމިދިޔަ ސަރުކާރުގެ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓަކަށް ހުރި) ޒިފްލީން ޙަސަނެވެ. އެކުއްޖާ، އެވާހަކަތައް ކިޔަދިނީ އޭނަ ކިޔަވަމުންދާ އަހްމަދިއްޔާ ސްކޫލުގެ ޓީޗަރަކަށް ކަމަށާއި، މައްސަލަ ރިޕޯޓުކޮށްފައިވަނީ އެ ޓީޗަރުން މެދުވެރިކޮށް ކަމަށް ވެއެވެ.

ޒިފްލީން - 2024 ވަނަ އަހަރު

މިކަމާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް މީސްމީޑިއާގައި ޒިފްލީން އަދި މިހާތަނަށް ދައްކާފައެއް ނުވެއެވެ.

ޢަބްދުﷲ ޝާހިދުގެ ދަރިފުޅު ޔާމީން ޝާހިދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޔާމީނަށް އޭނާގެ ބައްޕަގެ މިޒާޖާއި އަހުލާގު، އަދި އެއީ ކޮންކަހަލަ ބޭފުޅެއްކަން އެނގޭ ކަމަށައި، އޭނާގެ (ބައްޕަގެ) މައްޗަށް އެ ކުރެވޭ ތުހުމަތުތަކުގައިވާ ފަދަ ކަމެއް އޭނާ ދުވަހަކުވެސް ނުކުރައްވާނެކަން ޔަގީންވާ ކަމަށެވެ. އެ ތުހުމަތުތަކަކީ (ބައްޕަގެ) އަބުރު ކިލަނބުކޮށްލުމަށް ސިޔާސީ މަގްސަދެއްގައި ކުރި ކަމެއް ކަމަށް ބުނެ އޭނާގެ ބައްޕަ ވަނީ މިހާރުވެސް އެކަން ކުށްވެރިކުރައްވާފަ ކަމަށާއި، މިއަދު (ބައްޕަ) ހައްޔަރުކުރި މަންޒަރު ފެނުމަކީ ހިތްފަޅައިގެންދާ ފަދަ ހިތާމަވެރި ކަމެއް ކަމަށެވެ. އަދި މިކަން ހިނގައިދިޔަ ގޮތާމެދު ސީރިއަސް އެތައް ސުވާލުތަކެއް އުފެދޭކަމަށް ބުނަމުން، އިންސާފާއި  ގާނޫނީ ހަމަތަކުގެ މަތިން އަދުލުވެރިކަމާއެކު ކަންކަން ކުރިއަށް ގެންދިއުމުގެ ހައްގާއި، އަމިއްލަ ދިފާއުގައި ވާހަކަދެއްކުމުގެ ފުރިހަމަ ފުރުސަތު (ބައްޕައަށް) ލިބެންޖެހޭނެ ކަމަށް ޕޯސްޓުގައި ބުނެފައި ވެއެވެ.

"އަޅުގަނޑުމެންގެ އާއިލާ މިއޮތީ ސާބިތުކަމާއެކު (ޝާހިދުގެ) ފަހަތުގަ. އަޅުގަނޑުމެންގެ ހިތްވަރަކަށް ބަދަލެއް ނާންނާނެ"، ކަމަށް ޔާމީންގެ ޕޯސްޓު ނިންމާލަމުން ބުނެފައި ވެއެވެ.

ޢަބްދުﷲ ޝާހިދު ހައްޔަރުކުރިއިރު އޭނާ ވަނީ 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވައި، ކެންޕެއިންގެ ހަރަކާތްތައް މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ކުރިއަށް ގެންދަވަމުންނެވެ.