އެންމެކުދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އުފާވެރި ހަބަރެއް ރައީސް މުޢިއްޒު ދެއްވައިފި!

ދަތިކޮށްފައިވާ ސަބްސްކްރިޕްޝަން ފައިސާ ދެއްކުމާއި ކުދި ވިޔަފާރިތަކަށް ބީއެމްއެލް ގޭޓްވޭ!

އޮކްޓޫބަރު 25, 2026 - 22:42
އަދާހަމަވެއްޖެ: 4 ދުވަސްތައް ކުރިން
އެންމެކުދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އުފާވެރި ހަބަރެއް ރައީސް މުޢިއްޒު ދެއްވައިފި!

ދުނިޔޭގެ ބާޒާރުތަަށް މުދަލާއި ހިދުމަތް ވިއްކާ ދިވެހި ވިޔަފާރިވެރިންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.

އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި ރައްޔިތަކާއެކު ވަށާޖެހޭ ތަރައްގީ ހާސިލުކުރެއްވުމުގެ އަމާޒުގެ ދަށުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ތަޢާރަފުކުރައްވާނެކަމަށް ވިދާޅުވަމުން ރައީސް މުޢިއްޒު ވިދާޅުވީ:

"ބައިނަލްއަގްވާމީ ބާޒާރުގަ މުދަލާ ހިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށް، ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ގައުމެއްގަ، ކޮންމެ ތަނަކުންވެސް ބީއެމްއެލް ގޭޓްވޭއިން މެދުވެރިކޮށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމް އެއް ނޮވެމްބަރުން ފެށިގެން އިރާދަކުރެއްވިއްޔާ ހަމަޖެހިގެން ދާނެ. އަދި ޑޮލަރުން ލިބޭ މި ފައިސާ އެއްވެސް ދަތިކަމެއް ނެތި ކާޑު ބޭނުންކޮށްގެންނާ ރެމިޓެންސްގެ ޒަރިއްޔާއިން ރާއްޖެއިން ބޭރުން މުދަލާ ހިދުމަތް ހޯދުމަށް ބޭނުންކުރެވޭނެ،"

މީގެ ސަބަބުން ބޭރުގެ ކަސްޓަމަރުންގެ އަތުން ފައިސާ ލިބިގަތުމުގައި ރާއްޖޭގެ ވިޔަފާރިތަކަށް ދިމާވެފައިވާ ޒަމާންވީ ދަތިތަކަށް ހައްލު ހޯދައިދީ، ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނަށް ބައިނަލްއަގުވާމީ ބާޒާރުތަކަށް ފުރުސަތު ފުޅާކުރުމަށް މަގު ފަހިވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި "މޯލްޑިވިއަން ޕްރޮޑަކްޝަން އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރި (އެމްއެސްއެމްއީ) ތަކަށް ދިމާވެފައިވާ މާލީ ހުރަސްތައް ނައްތާލުމަށްޓަކައި ޕޭމަންޓްގެ އާ ހިދުމަތްތަކެއް ތައާރަފުކުރުމަށް ސަރުކާރުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.

މި ހިދުމަތް ދޭނީ ބީއެމްއެލް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ. މި އިންތިޒާމުގެ ދަށުން، ބައިނަލްއަގުވާމީ ބާޒާރު ތަކުގައި އުފެއްދުންތައް ވިއްކާ އަދި ހިދުމަތް ފޯރުކޮށްދޭ (ސަރުތުހަމަވާ) ދިވެހި ވިޔަފާރިތަކަށް، ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ކަސްޓަމަރުންގެ އަތުން ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖެއިން ބޭރުގެ ކަސްޓަމަރުންނަށް އަމާޒުކޮށް ވިޔަފާރި ފަށަން މަސައްކަތްކުރާ ފަރާތްތަކަށް، ބޭރު ގައުމުތަކުން ފައިސާ ލިބިގަތުމުގައި ދިމާވާ ދަތިތަކަކީ ބޮޑު ގޮންޖެހުމެއްކަން ސަރުކާރަށް ފާހަގަކުރެވިފައިވާ ކަމެއް ކަމުން، އެ ހުރަސްތައް ނައްތާލުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އަންނަ ނޮވެމްބަރު 1 އިން ފެށިގެން މި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ތަފްސީލުކޮށްދެއްވިއެވެ.

މީގެ އިތުރުން، ކުދި ވިޔަފާރިތަކުން ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތް ހޯދުމުގައި ކުރަންޖެހޭ ވިޔަފާރީގެ މުއާމަލާތްތަކާއި ފައިސާ ދެއްކުން ފަސޭހަކޮށްދިނުމުގެ ގޮތުން ކާޑުގެ ހިދުމަތްތަކާއި ރެމިޓެންސްގެ އިންތިޒާމުތައް ލުއިފަސޭހަކޮށްދޭނެ ފިޔަވަޅުތަކެއްގެ ވާހަކަވެސް ރައީސް މުޢިއްޒު ދެއްކެވިއެވެ. އެ އިންތިޒާމުތަކުގެ ސަބަބުން، ވިޔަފާރީގެ ހަރަދުތަކަށް ބޭރު ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ. އެއީ ބޭރުގެ 'ސަޕްލަޔަރުންނާއި' ހިދުމަތްދޭ ފަރާތްތަކަށް ބަރޯސާވާ ވިޔަފާރިވެރިންނަށް އަބަދުވެސް ކުރިމަތިވަމުން އަންނަ ބޮޑު ތަކުލީފެކެވެ.

ހަމައެއާއެކު، ވިޔަފާރިތަކަށް ކޮންމެހެން ބޭނުންވާ 'ސަބްސްކްރިޕްޝަން' ތަކަށާއި ދޭތެރެ ދޭތެރެއިން ދައްކަންޖެހޭ އެހެނިހެން ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ނިޒާމުތައް ވެސް ތައާރަފުކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މީގެ ތެރޭގައި 'ސޮފްޓްވެއަރ ސަބްސްކްރިޕްޝަން' ތަކާއި، ސުމޭކު މަންސަ (ޑިޖިޓަލް ޕްލެޓްފޯމް) ތަކާއި، 'އޮންލައިން ބިޒްނަސް ޓޫލްސް' ތަކުގެ އިތުރުން ޢާންމުކޮށް ބޭރު ފައިސާއިން ބިލްކުރެވޭ އެހެނިހެން ހިދުމަތްތައް ހިމެނެއެވެ.

ޓެކްނޮލޮޖީ، ގްރެފިކް ޑިޒައިނިންގ، ޑިޖިޓަލް މާކެޓިންގ، އީ-ކޮމާސް އަދި އެހެނިހެން އޮންލައިން ހިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކަށް އިތުބާރު ހުރި ބައިނަލްއަގުވާމީ ޕޭމަންޓް ނިޒާމެއް ލިބުމަކީ ނުހަނު މުހިންމު ކަމަކަށް ވީހިނދު. މީގެ ތެރެއިން ގިނަ ވިޔަފާރިތަކުގެ އާމްދަނީ ބިނާވެފައިވަނީ ބޭރުގެ ކަސްޓަމަރުންގެ މައްޗަށް ކަމުން، އެ ފަރާތްތަކުގެ މަސައްކަތްތައް ހިންގުމަށް ބައިނަލްއަގުވާމީ ފައިސާ ދެއްކުމުގެ ނިޒާމުތައް ކޮންމެހެން ބޭނުންވެއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އަލަށް ތައާރަފުކުރެވޭ އެ އިންތިޒާމުތަކުގެ ސަބަބުން މިފަދަ ގޮންޖެހުންތަކަށް ހައްލު ލިބި، މިހާރު ހިނގަމުންދާ ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ވިޔަފާރީގެ އާ ފުރުސަތުތަކަށް އިސްނެގުމަށް އިތުރު ދިވެހިންނަށް ހިތްވަރު ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. ބައިނަލްއަގުވާމީ ބާޒާރު ތަކުގައި ބައިވެރިވުމަށް ކުރިން ކުރިމަތިވި ހުރަސްތައް ކުޑަކުރެވި، ވިޔަފާރިތަކުގެ އާމްދަނީއާއި ފައިދާ އިތުރުކުރުމަށް މި ބަދަލުތައް އެހީތެރިވެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ވާހަކަ ރައީސް މުޢިއްޒު ދައްކަވާފައި މިވަނީ، ރާއްޖޭގެ އިގްތިސޯދު ސިންދަފާތު ކުރުމުގެ ފުޅާ ސިޔާސަތުގެ ދަށުން، ވިޔަފާރިވެރިކަން ކުރިއެރުވުމަށާއި އެމްއެސްއެމްއީތައް ތަރައްގީ ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެމުން އަންނަ ދަނޑިވަޅެއްގައެވެ. ކުދި ވިޔަފާރިތަކަކީ 'ރީޓެއިލް'، 'މެނުފެކްޗަރިންގ'، ފަތުރުވެރިކަމާ ގުޅުންހުރި ހިދުމަތްތައް، ޓެކްނޮލޮޖީ އަދި އުފެއްދުންތެރި އިންޑަސްޓްރީތައް ހިމެނޭހެން މުޅި ރާއްޖޭގެ ވަޒީފާގެ ބާޒާރަށާއި ވިޔަފާރީގެ ހަރަކާތްތަކުގެ ބޮޑު ހިއްސާއެއްވާ ބައެކެވެ.

އެހެންނަމަވެސް، ބައިނަލްއަގުވާމީ ޕޭމަންޓް މަންސަތަކަށް ވަންނަން އޮތް ދަތިކަމަކީ، ރާއްޖެއިން ބޭރުގެ ކަސްޓަމަރުންނަށް، މުދަލާއި ހިދުމަތް ވިއްކަން މަސައްކަތްކުރާ ބައެއް ދިވެހި ވިޔަފާރިވެރިންނަށް އަބަދުވެސް އޮތް ބޮޑު ހުރަހެކެވެ. ދުނިޔޭގެ ޕޭމަންޓް ހިދުމަތްތައް ފަސޭހައިން ލިބެންހުންނަ ގައުމުތަކުގެ ވިޔަފާރިތަކާއި ހިލާފަށް، ދިވެހި ވިޔަފާރިތަކަށް ވަނީ ބައިނަލްއަގުވާމީ ފައިސާ ބަލައިގަތުމުގައި ހުރަސްތަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ ސަބަބުން އެތެރޭގެ ބާޒާރުން ބޭރަށް ވިޔަފާރި ފުޅާކުރުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ރާއްޖޭގެ އެތެރޭގެ އުފެއްދުންތެރިކަން ބޮޑުތަނުން ދަށުގައި ހުރުމުގެ މައިގަނޑު އެއް ސަބަބެވެ.

ބީއެމްއެލްގެ މި އާ ހިދުމަތަކީ ސަތުރު ހަމަވާ ވިޔަފާރިތަކަށް ފައިސާ ލިބިގަތުމަށް ލިބޭ އިތުރު މަގަކަށް ވެގެން ހިނގައިދާނެއެވެ. އަދި މުޅިންހެން ނެތް ނުވަތަ އުނދަގޫ އެހެން އިންތިޒާމުތަކަށް ބަރޯސާނުވެ، ބައިނަލްއަގުވާމީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގެ ފުރުސަތު، އިތުރު ވިޔަފާރިވެރިންނަށް މިކަމުގެ ސަބަބުން ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ. މި ކަމަކީ ސަރުކާރުން "ކްރިއޭޓިވް އިކޮނޮމީ" ނުވަތަ އުފެއްދުންތެރި އިގްތިސޯދު ފުޅާކުރުމަށް ގެންގުޅޭ ތަސައްވުރަށް ވެސް ބާރުލިބޭނެ ކަމެއް ކަމަށާއި، ރައީސް މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖޭގެ އިގްތިސޯދަށް އުފެއްދުންތެރި ސިނާއަތްތަކުން 15 އިންސައްތައިގެ ހިއްސާއެއް ކަށަވަރުކުރުން ކަމަށް ހާމަ ކުރެއްވި އެވެ.

ބައިނަލްއަގުވާމީ ޕޭމަންޓް ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްވުމަކީ ސުމޭކު އުފެއްދުންތަކާއި، އީޖާދީ ހިދުމަތްތަކާއި، ސުމޭކު އަދި ބޭރުގެ ބާޒާރުތަކުން އާމްދަނީ ހޯދުމުގެ ގާބިލުކަން ލިބިފައިވާ އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ ދިވެހިންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ވިޔަފާރިވެރިކަމާއި ކުދި ވިޔަފާރިތައް ތަރައްގީ ކުރުމަށް އެހީތެރިވެދޭ ބީސީސީން އަންނަނީ މި އާ ހިދުމަތްތައް ތައާރަފުކުރުމަށް ބީއެމްއެލް އަދި އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން ކަމަށް ރައީސް ބަޔާން ކުރެއްވި އެވެ. ރައީސް މުޢިއްޒު  އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވިޔަފާރީގެ ހިންގުމަށާއި ކުރިއެރުމަށް ހުރަސްއަޅާ އަމަލީ ދަތިތަކަށް ހައްލު ހޯދައިދީ، ވިޔަފާރިވެރިންނަށް އެއްބާރުލުންދޭ މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ. އަދި އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް، ހާއްޞަކޮށް ވިޔަފާރީގެ ރަނގަޅު ހިޔާލުތައް ހުރި ދިވެހި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ އަކީ ވަރަށް ކުރިއްސުރެ އެތަނުން ލިބޭ ހިދުމަތެކެވެ. އޭގެ އިތުރުން ރާއްޖޭގައި ޕޭމަންޓް ގޭޓްވޭ ލިބެނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިންނެވެ. އެއީ އަގުބޮޑު ހިދުމަތެކެވެ. އަދި ކޮންމެ ކޮންމެ ވިޔަފާރިއަކަށް ހާއްސަކޮށް އެންމެކުދި މެދު ފަންތީގެ ވިޔަފާރިތަކަށް ގާއިމްކުރަން ފަސޭހަ ނިޒާމެއް ނޫނެވެ. އަމްދުން ވަކި ފަރުދުންނަށް ލިބޭ ހިދުމަތެއްވެސް ނޫނެވެ.

އަގުހެޔޮ، ގާއިމުކުރަން ފަސޭހަ ބައިނަލް އަގުވާމީ އެތަކެއް ޕޭމަންޓް ގޭޓްވޭ ތަކާއި، ވަގުތުން ވަގުތައް ދުނިޔޭގެ ކޮންމެ ތަނަކުން ފައިސާ ލިބ، ފައިސާ ފޮނުވޭ 'ވޮލަޓް' ތައް  ހުރި ނަމަވެސް އެފަދަ ހިދުމަތްތަކަށް ދިވެހިރާއްޖޭގެ މާލީދޮރާށި ވަނީ ބަންދު ކުރެވިފައެވެ. ސަރުކާރަށް ހާސިލުކުރެވުނު ވަރަށް ބޮޑު ލަނޑުދަނޑިއެއް ކަމަށް ނޫސްތަކުގެ ސުރުހީތައް ފުރިގެންދިޔަ އެއް ކަމަކީ، މިއަހަރު ޖޫން 15ގައި ސަރުކާރުން ފަހިކޮށްދީގެން އުރީދޫން ފެށި ޕޭޕަލްގެ ހިދުމަތެވެ. އެ ހިދުމަތަކީވެސް 'ބައިކުޅަބައި' ހިދުމަތެއްކަމުން ރާއްޖޭގެ އީ-ކޮމަރސް ވިޔަފާރިތަކަށް ޕޭޕަލް ޕޭމަންޓް ގޭޓްވޭ (އަދިވެސް) ނުލިބެއެވެ.