ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން ގައުމީ މަހާސިންތާއެއް ބާއްވަނީ
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ޒުވާން އިމާމުން ނުވަތަ ހަތީބުން ބައިވެރިކޮށްގެން، ގައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީހަކީ އަންނަ ރަބީޢުލްއާހިރު މަހުގެ 2 ވަނަ ދުވަހެވެ. އެއީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި ބޮޑު މަހާސިންތާގައި ބައިވެރިވުމަށް އަތޮޅުތަކުގައި ތިބި ޒުވާން ހަތީބުން މާލެ ގެނައުމުގެ ހުރިހާ އިންތިޒާމެއް އެ ވުޒާރާއިން ހަމަޖައްސާނެ ކަމަށެވެ. މީގެ އިތުރުން، މި ބައްދަލުވުމަށް، ހާއްސަ މެހެމާނެއްގެ ގޮތުގައި މައްކާގެ ހަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޔާސިރު އައްދައުސަރީއަށް ދައުވަތު އެރުވުމަށް ވެސް ވަނީ ނިންމާފައެވެ.
"މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ގަރުނަށް، ރާއްޖޭގެ އިސްލާމީ ޝިއާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް މުހިންމު މުނާސަބަތަކަށް ވާނެ. މިނިސްޓްރީން ތަމްރީނުކުރާ 1000 ޒުވާން އިމާމުންނާއި ޚަޠީބުންގެ އިތުރުން ޒުވާން ހާފިޒުން ވެސް މި ކޮންފަރެންސްގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖައްސާނަން،" ވަޒީރު ވިދާޅުވެފައި ވެއެވެ.
ވަޒީރު ޝަހީމް ވަނީ ޒުވާން ހަތީބުން މިހާރުން ފެށިގެން މި މަހާސިންތާއަށް ތައްޔާރުވުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން އިމާމުކަމުގެ ހެދުންކޮޅާއި ތާކިހާކޮޅު ތައްޔާރުކުރެއްވުމަށް އެދިވަޑައިގަންނަވަމުން ވަޒީރު ވިދާޅުވީ، މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަސްތެރޭގައި ހުޅުވާލާނެ ކަމަށެވެ.
މި ވަގުތު ރާއްޖޭގައި 532 ޒުވާން ހަތީބުން ތިބިއިރު، ސަރުކާރުން މިހާރު ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތަކުގެ އެހީގައި، މި މަހާސިންތާ ފެށުމުގެ ކުރިން ރާއްޖޭގެ ޒުވާން ހަތީބުންގެ އަދަދު 1000 އަށް އަރާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online