ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތްތައް ހޯދަނީ

ޖޫން 05, 2026 - 05:58
އަދާހަމަވެއްޖެ: 1 މަސް ކުރިން
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތްތައް ހޯދަނީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

އެ ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:

މާފަންނު ފުލުހުގައި ހުރި، ޖޫން 3 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ ކަޅުކުލައިގެ ވޮލެޓަކާއި، މެއި 25 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ 5 ރުފިޔާ އެވެ.

ގަލޮޅު ފުލުހުގައި ހުރި، ޖޫން 1 ވަނަ ދުވަހު ބުލްބުލް ގޯޅިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ 5 މާކަރީ ލައިޓާއި، މެއި 28 ވަނަ ދުވަހު އިސްކަންދަރު މަގު ބޯޅަޖެހި ސްޓޯރު ކައިރިން ހޮވައިގެން ގެނެސްފައިވާ ލޮއިނަރުތަކަކާއި، މެއި 26 ވަނަ ދުވަހު އިސްކަންދަރު މަގު، ރިޔާސީ ހިނގުން ކަންމަތިން ހޮވައިގެން ގެނެސްފައިވާ 1000 ރުފިޔާ އެވެ.

ހެންވޭރު ފުލުހުގައި ހުރި، މެއި 29 ވަނަ ދުވަހު ޓެކްސީއެއްގެ ތެރެއިން ހޮވައިގެން ގެނެސްފައިވާ ރިވްކޯ ބްރޭންޑުގެ މޯބައިލް ފޯނެކެވެ. އަދި އެއާޕޯޓު ފުލުހުގައި ހުރި، މެއި 29 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޓާމިނަލް 2، ޓެކްސީ ކިއު އޭރިއާއިން ހޮވައިގެން ގެނެސްފައިވާ ރަން ކެވެލިކޮޅަކާއި، މެއި 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް 1، ގޭޓް 3 ކައިރި ބޭރު މަގުމަތިން ހޮވައިގެން ގެނެސްފައިވާ 2500 ރުފިޔާ އެވެ.

2023 ވަނަ އަހަރު، އެ އަހަރުގެ ސެޕްޓެންބަރާއި ހަމައަށް، އެކި ބާވަތުގެ ވައްކަމާއި ފޭރުމުގެ 6241 މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވެއެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން 2230 މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވެއެވެ.

ފުލުހުންނަށް ހޯދުނު ނުވަތަ އެކި މައްސަލަތަކުގެ ތެރެއިން ފުލުހުންނަށް ލިބިފައިވާ ތަކެތީގެ ތެރެއިން، އޭގެ ވެރިއަކު ނޭނގޭ 8 އައިޓަމެއް ހަވާލުވާން ފުލުހުން އިއްޔެ ވަނީ އިއުލާނު ކޮށްފައެވެ.