ޔޫ-ޓާނެއް ނޫން: ސިގިރޭޓާއި ދުންފަތުގެ އަގު ހެޔޮކުރީ!
މި ސަރުކާރުން ސިނގިރޭޓަކުން ނަގާ ޑިއުޓީ، 8 ރުފިޔާއަށް ބޮޑުކުރުމަށް 2024 ވަނަ އަހަރު ނިންމި ނިންމުން ބަދަލުކޮށް، ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ތަސްދީގުކުރައްވައިފިއެވެ.
2024 ގައި ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ އިން 8ރ އަށް ވަނީ ބޮޑުކޮށްފަ އެވެ. އެއާއެކު، ދުންފަތުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލި، ކުރިން 110 ރުފިޔާއަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު 250 ރުފިޔާއަށް އަރައިފައެވެ. ނަމަވެސް އެ އަގަށް ބަދަލު ގެނެސް ޑިއުޓީ ކުޑަކުރަން ނިންމީ ދުންފަތުގެ އިމްޕޯޓް ޑިއުޓީ ހަތަރު ރުފިޔާ އަށް ކުޑަކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗުއޯގެ ލަފާ ލިބިފައި ވާތީ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ސަރުކާރު ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އެ އިސްލާހު ހުށަހެޅީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. މި ބިލު އެ ހަފުތާގެ ބުދަ ދުވަހު ބަލައިގަނެ، ދިރާސާކުރަން ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިލައިފައެވެ. އެކަމަކު މާ ބޮޑު ދިރާސާއެއް ކުރުމެއްނެތި ބިލު ފާސްކުރަން ކޮމިޓީން ވަނީ ނިންމައިފައެވެ. އަދި، އޭގެ ކުރީ ބުދަ ދުވަހު މަޖިލިސް ޖަލްސާގައި، ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުން ބިލް ވަނީ ފާސްކޮށްފައެވެ.
އެ ބިލް ތަސްދީގު ކުރެއްވުމާއެކު، އިސްލާހު ކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް 30 ދުވަހުގެ ތެރޭގައި އިސްލާހުކޮށް ގެޒެޓުގައި އާންމު ކުރަންޖެހޭނެ ކަމަށް އެ ބިލްގައިވެ އެވެ. ބިލުގައި، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭގޮތަށް ހިމަނައިފައި ވެއެވެ.
މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާހިލީ ވަޒީރު އަލީ އިހުސާނު ވަނީ ޑިއުޓީ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެކަން އެގޮތަށް ބަދަލު ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ, (ޑަބްލިޔުއެޗްއޯ) ގެ އިރުސާދަށް ކަމަށް ވިދާޅުވި ނަމަވެސް، އެކަމާ ގުޅޭ ގޮތުން ޑަބްލިޔުއެޗްއޯއިން ރަސްމީކޮށް އެއްޗެކޭ ބުނެފައިނުވެއެވެ. އަދި ސިއްހީ މާހިރުން ވަނީ ޑިއުޓީ ކުޑަކުރުމަކީ ދުންފަތުން ރައްކާތެރިކުރުމުގެ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށް، ބިލް ތަސްދީގު ނުކުރުމަށް ވެސް މީގެ ކުރިން ގޮވާލައިފައެވެ.
މި ސަރުކާރުން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް މީގެ ކުރިން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި ވޭޕް މަނާކުރުމާއި 2007 އިން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށް ވެސް، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން ވަނީ މަނާކޮށްފައެވެ.
ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ ދުންފަތުގެ ޑިއުޓީ ކުޑަކުރުމަކީ ޔޫ-ޓާނެއް ނެންގެވުން ނޫންކަމަށެވެ. ފަހަކަށް އައިސް ބޭއްވި އިންތިހާބުތައް ސަރުކާރު ހިންގާ ޕާޓީއަށް ނާކާމިޔާބު ވުމުގައި، ދުންފަތުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި އާއްމު މުދަލުގެ އަގުތައް އާދަޔާ ހިލާފަށް ބޮޑުވެގެންދިއުމީ އެކަމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ސިޔާސީ ފަރާތްތަކުން ދެކެއެވެ. އެފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ވޭޕް މަނާކުރި ކުރުމަކީވެސް އެފަދަ ކަމެކެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online