ޕެރަގުއާއީގެ ރައީސް ޕެންޔާ އިސްތިއުފާ ދެއްވައިފި
ޕެރަގުއާއީގެ ބޭންކެއް ކަމުގައިވާ ޔުއެނޯ ބޭންކު ބަނގުރޫޓުވުމާ ގުޅިގެން ޕެރަގުއާއީގެ ރައީސް ސެންޓިއާގޯ ޕެންޔާ އިސްތިއުފާ ދެއްވައިފި އެވެ.
ޔުއެނޯ ބޭންކު ހުއްޓުމަކަށް އައުމާ ގުޅިގެން ސިޔާސީ ގޮތުން ކުރިމަތިވި ބޮޑެތި ފިއްތުންތަކާއެކު، ޕެރަގުއާއީގެ ރައީސް ސެންޓިއާގޯ ޕެންޔާ އިސްތިއުފާ ދެއްވާފައިވަނީ، ބުރާސްފަތި ދުވަހު އާންމުކުރެއްވި ބަޔާނެއް މެދުވެރިކޮށެވެ. 2023 ވަނަ އަހަރު އޮގަސްޓް 15 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޕެންޔާގެ ވެރިކަން މި ނިމުނީ ތިން އަހަރަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.
އިސްތިއުފާ އިއުލާނުކުރައްވައި ދެއްވި ވީޑިއޯ މެސެޖުގައި ޕެންޔާ ވިދާޅުވީ، ޖުމްހޫރިއްޔާގެ ރައީސްކަމުން ވަކިވެވަޑައިގަތުމަށް ނިންމެވީ ގައުމުގެ ހަމަޖެހުމަށާއި، އިޖުތިމާއީ ސުލްހަމަސަލަސްކަމަށާއި، އަދި ޑިމޮކްރެޓިކް މުއައްސަސާތައް ހިމާޔަތްކުރުމުގެ މުހިންމުކަމަށް ވިސްނެވުމަށްފަހު ކަމަށެވެ.
ރައީސް ޕެންޔާ އިސްތިއުފާ ދެއްވި ނަމަވެސް، ގައުމީ މަޖިލީހުގައި މި މައްސަލައާ މެދު ގޮތެއް ނިންމުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާތީ، އޭނާގެ އިސްތިއުފާ ބަލައިގަތުމުގެ ކަންކަން އަދި އޮތީ މަޖިލީހުގައި މަޑުޖެހިފައެވެ. އޭނާގެ މި ނިންމެވުން އައީ މަގާމުން ވަކިކުރުމުގެ އަޑުތައް ގަދަވެ، މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމުގެ (އިންޕީޗު ކުރުމަށް) ވޯޓުނަގައި، މަގާމުން ދުރުކުރުމަށް މަސްވަރާ ކުރަމުން ދަނިކޮށެވެ.
ޕެންޔާގެ އިސްތިއުފާ: "ތާރީހު މިކަމަށް އިންސާފުކުރާނެ"
އިގުތިސާދީ މާހިރު އަދި ކުރީގެ މާލީ ވަޒީރު ޕެންޔާ 2023 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރަމުން އަންނަ ކޮލޮރާޑޯ ޕާޓީގެ ޓިކެޓުގައެވެ. އޭނާގެ ސަރުކާރުން އިސްކަންދިނީ އިގުތިސާދީ ކުރިއެރުމަށާއި، ސްކޫލް ކުދިންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސްރޫއު ފަދަ އިޖުތިމާއީ ހަރަކާތްތަކަށާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށާއި، ސަލާމަތީ ދާއިރާއަށް ހޭދަކުރުމަށާއި ފަގީރުކަން ނައްތާލުމަށެވެ. މީގެއިތުރުން އެމެރިކާއާއެކު އޮތް ގުޅުން ބަދަހިކުރައްވައި، ޓައިވާނާއެކު އޮތް ގުޅުން ވެސް އޭނާ ދެމެހެއްޓެވިއެވެ.
"މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ މުހާތަބު މިކުރަނީ އަޅުގަނޑުގެ ހަޔާތުގައި ކުރިމަތިވި އެންމެ ދަތި ވަގުތު. އެކަމަކު ހިތުގައި އޮތީ ގައުމުގެ ލޯބި. އަދި އެއްވެސް މީހަކަށް ވުރެ ނުވަތަ ހާލަތަކަށް ވުރެ ގައުމުގެ މަސްލަހަތު އިސްވާންޖެހޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކު،" ޕެންޔާގެ ބަޔާނުގައި ވިދާޅުވިއެވެ. "މިއަދު އަޅުގަނޑުމެން ތަހައްމަލުކުރަމުން މިދާ ކަންކަމަށް އިންސާފުކޮށް، ހަގީގީ މަންޒަރު ހާމަކޮށްދޭނީ ތާރީހު."
އޭނާ އިތުރަށް ވިދާޅުވީ، އެއްވެސް ކަމެއްގައި ގޯހެއް ހެދިފައިވާނަމަ ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށާއި، ރައްޔިތުން ކުރި އިތުބާރަށް ހިޔާނާތްތެރިވުމުގެ އެއްވެސް ނިޔަތެއް ދުވަހަކުވެސް ނޯންނާނެ ކަމަށެވެ.
"ކޮންމެ ދުވަހަކުވެސް އަޅުގަނޑު މި މަސްއޫލިއްޔަތު އަދާކުރީ ގައުމަށް ހިދުމަތްކުރުމުގެ އަޒުމުގައި. ނަމަވެސް މިއަދު އަޅުގަނޑުގެ ހަމައެކަނި އަމާޒަކީ މާލީ ނިޒާމަށް އިތުބާރުކޮށް ފައިސާ ރައްކާކުރި ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދިނުން. އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކީ ރައްޔިތުންގެ ފައިސާ އަނބުރާ ލިބޭނެކަން ކަށަވަރުވުން. އަދި ޑިޕޮސިޓް ގެރެންޓީ ފަންޑުގެ ބޭނުން ހިފައި، ދައުލަތުގެ ފައިސާއާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވިގެން ދިޔުން."
ވީޑިއޯ: ރިއުޓަރސް
ދެން ވާނީ ކިހިނެއް؟
ހާއްސަ ޖަލްސާއެއް ބޭއްވުމަށް އެދި ހުށަހެޅުމާ ގުޅިގެން ޕެރަގުއާއީގެ ގާނޫނުހަދާ މަޖިލީހުން ވަނީ ރައީސް މަގާމުން ދުރުކުރުމުގެ މައްސަލަ ބަލަން ފަށާފައެވެ. މި ހުށަހެޅުމުގައި 80 މެންބަރުން ހިމެނޭ ތިރިގޭގެ 35 މެންބަރަކު ވަނީ ސޮއިކުރައްވާފައެވެ. ގާނޫނުއަސާސީ ބުނާ ގޮތުން މިފަދަ މައްސަލައެއް ސެނެޓަށް ފޮނުވުމުގެ ކުރިން ތިރިގޭގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތު ބޭނުންވާނެއެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންދެވޭ ވަރަށް މަޖިލީހުގެ ތާއީދު އޮތްތޯ މެންބަރުން ދަނީ ބަލަމުންނެވެ.
މި ދަނޑިވަޅުގައި، ޔުއެނޯ ބޭންކުގެ މައްސަލައިގެ ސަބަބުން އެތައް ބަޔަކަށް އެމީހުންގެ ސޭވިންގްސް ނުނެގި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. ކަމާބެހޭ އިދާރާތަކުން ބުނަމުންދަނީ ފައިސާ އަނބުރާ ދިނުމުގެ ކަންކަން ފަސޭހަކޮށް، އާންމުންގެ ފައިސާ ހިމާޔަތްކުރުމަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އަދި ސިޔާސީ ކަންކަމާ ވަކިން، ބޭންކު ބަނގުރޫޓުވި ސަބަބު ދެނެގަތުމުގެ ތަހުގީގުތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ. މި މައްސަލައިގެ ނަތީޖާއަކީ ސަރުކާރަށާއި މުޅި މާލީ ނިޒާމަށް އޮތް އިތުބާރަށް ބޮޑެތި އަސަރުތަކެއް ކުރުވާނެ ކަމެކެވެ.
މި ކާރިސާގެ ތެރޭގައި، އެ ގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ވެސް މި ހަފުތާގައި މަގާމުން ވަކިވެވަޑައިގެންފައި ވެއެވެ. ޕެންޔާގެ އިސްތިއުފާއަށްފަހު، ދެން ޕެރަގުއާއީގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ ނައިބު ރައީސް ޕެޑްރޯ އަލިއާނާ އެވެ.
ޔުއެނޯ އަކީ ކޮބައި؟
ޔުއެނޯ އަކީ ވަރަށް ހަލުވިކަމާއެކު ކުރިއަރައިގެން ދިޔަ ޑިޖިޓަލް ބޭންކެކެވެ. ދެހާސް އެކާވީސް ވަނަ އަހަރު ތައާރަފުކުރި މި ބޭންކު އަޅާކިޔެނީ ބައިނަލްއަގުވާމީ ގޮތުން މަސްހޫރު ނޫބޭންކް، މޮންޒޯ އަދި ރެވޮލޫޓް ފަދަ ޑިޖިޓަލް ބޭންކުތަކާއެވެ.

މިއަހަރުގެ ޖޫން މަހާ ހަމައަށް އެ ބޭންކުގައި 3 މިލިއަން ކަސްޓަމަރުން ތިބިއިރު، ދައުލަތުގެ މުއައްސަސާތަކާއި ޕެންޝަން ފަންޑުތަކުގެ 850 މިލިއަން ޑޮލަރު އެ ބޭންކުން ބަލަހައްޓަމުން ދިޔައެވެ. ނަމަވެސް، ބޭންކުގެ މައި ހިއްސާދާރު ގްރުޕޯ ވަޒްކޭޒްއާ ގުޅުންހުރި ކުންފުނިތަކަށް ހައްދުފަހަނައަޅާފައިވާ މިންވަރަށް ލޯނު ދޫކޮށްފައިވާ ކަމަށް ބުނެ ރެގިއުލޭޓަރުންގެ ކަޅި މި ބެންކަށް ހުއްޓުނެވެ. އަދި ބޭންކުގައި ހުންނަންޖެހޭ މާލީ ކެޕޭސިޓީ ދަށްވުމުން މަރުކަޒީ ބޭންކުން ވަދެ، އެތައް މިލިއަން ބައެއްގެ އެކައުންޓުތައް ފްރީޒްކުރަން ޖެހުނެވެ.
ޕެންޔާއާ ޔުއެނޯއާ އޮތީ ކޮން ގުޅުމެއް؟
އިގުތިސާދީ މާހިރެއް ކަމަށްވާ ޕެންޔާއަށް ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިވީ ގްރުޕޯ ވަޒްކޭޒްއާއެކު އޭނާ ކުރިން ހިންގެވި ވިޔަފާރީގެ ސަބަބުންނެވެ. ޕެންޔާ ވިދާޅުވާ ގޮތުގައި 2025 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް އޭނާގެ ހިއްސާ އެ ކުންފުނީގައި އޮތެވެ. ނަމަވެސް ޔުއެނޯ އިން ބުނަނީ ޕެންޔާގެ އެއްވެސް ސީދާ ހިއްސާއެއް ނުވަތަ އިންވެސްޓްމަންޓެއް އެ ބޭންކުގައި ދުވަހަކުވެސް ނޯންނަ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރި ނަމަވެސް، ޕެންޔާ ވިދާޅުވަނީ މިއީ ކޯޓުން ނިންމަންޖެހޭ ރެގިއުލޭޓަރީ މައްސަލައެއް ސިޔާސީ ކުރުން ކަމަށެވެ. ޕްރޮސެކިއުޓަރުން ބުނީ ބޭންކުގެ މައްސަލައިގައި ތަހުގީގުކުރާ މީހުންގެ ތެރޭގައި ޕެންޔާ ހިމެނޭ ކަމަށެވެ. އެކަމަކު އޭނާ އަދި ސުވާލުކުރުމަށް ހާޒިރުކޮށްފައެއް ނުވެއެވެ.
ރެގިއުލޭޓަރުންގެ ދައުރަކީ ކޮބައި؟
ޔުއެނޯ ފުޅާވަމުން ދިޔައިރު އެކަށީގެންވާ ވަރަށް ފާރަވެރިވެވިފައިވޭތޯ ސުވާލު އުފެދުނީ، މަރުކަޒީ ބޭންކުގެ ކުރީގެ ވެރިޔާ ކާލޮސް ކަރްވާލޯ އަކީ ކުރިން އެ ބޭންކުގެ އިސްވެރިއަކަށް ހުންނެވި ބޭފުޅަކަށް ވާތީއެވެ. ކަރްވާލޯ މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވީ މަރުކަޒީ ބޭންކުން ޔުއެނޯގެ މައްޗަށް ފިޔަވަޅު އެޅުމާ ގުޅިގެންނެވެ.
މަރުކަޒީ ބޭންކުން ބުނަނީ އެއްވެސް މަސްލަހަތު ފުށުއެޅުމެއް ނެތް ކަމަށާއި ޔުއެނޯއާ ގުޅޭ ނިންމުންތަކުން ކަރްވާލޯ އެއްފަރާތްވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގު ހާމަވުމާއެކު، ސިޔާސީ ފަރާތްތަކާއި ބޭންކިން ދާއިރާގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.
ޔުއެނޯގެ އެކައުންޓުތަކަށް ވީ ކިހިނެއް؟
މަރުކަޒީ ބޭންކުން ދަނީ ޔުއެނޯގެ ކަސްޓަމަރުންގެ އެކައުންޓުތައް އެހެން ބޭންކުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމުގެ ސަބަބުން އެ ގައުމުގެ ބޭންކިން ނިޒާމަށް ބާރުބޮޑުވެ، ބައެއް ބޭންކުތަކުގެ އެޕްލިކޭޝަންތައް ވެސް ވަނީ މެދުކެނޑިފައެވެ.
ކަސްޓަމަރުންނަށް އަދިވެސް އެމީހުންގެ އެކައުންޓުތަކަށް ނުވަދެވެއެވެ. ބައެއް މީހުން ވަނީ ފައިސާ ހޯދުމަށް ބޭންކުގެ ބްރާންޗުތައް ކައިރިއަށް އެއްވެފައެވެ. މީގެތެރޭގައި ޕެންޝަން ފައިސާ ލިބެންޖެހޭ އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެއެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އާންމުންގެ ފައިސާ ރައްކާތެރިކޮށްދީ، ފައިސާ ދޫކުރުމުގެ ކަންކަން އަވަސްކުރުމަށެވެ.
މުޅި މާލީ ނިޒާމަށް މީގެ އަސަރު ފޯރާނެތަ؟
ކަމާބެހޭ އިދާރާތަކުން ބުނަނީ މި މައްސަލައަކީ ހަމައެކަނި ޔުއެނޯއަށް ކުރިމަތިވި ކަމެއް ކަމަށާއި، މުޅި ގައުމުގެ ބޭންކިން ނިޒާމުގައި އެފަދަ ބަލިކަށިކަމެއް ނެތް ކަމަށެވެ.
އާންމުންގެ ޑިޕޮސިޓްތަކުގެ އިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ވޯލް ސްޓްރީޓްގެ ބޮންޑު މާކެޓު މެދުވެރިކޮށް ޔުއެނޯ އިން 510 މިލިއަން ޑޮލަރުގެ ފައިނޭންސިން ހޯދާފައިވާ ކަމަށް ބުނެފައިވެއެވެ. ޕެރަގުއާއީ އަކީ އިންވެސްޓަރުންގެ އިތުބާރު އޮތް، އިގުތިސާދީ އިސްލާހީ ފިޔަވަޅުތަކަށް މަސްހޫރު ގައުމަކަށް ވާއިރު، މި ކާރިސާގެ ސަބަބުން ގައުމުގެ މާލީ އިތުބާރަށް ދިގު މުއްދަތަކަށް އަސަރުކޮށްފާނެކަމުގެ ސުވާލުތައް ވަނީ އުފެދިފައެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online