ޢީދު އުފާ: އެހާރާއި މިހާރު
1990 ގެ އަހަރުތަކުގެ ހަނދާންތައް އާކޮށްލާއިރު ހަނދާނަށް އަންނަނީ ޢީދުގެ އުފާވެރި އިޙްޞާސްތަކެކެވެ. ޢީދުގެ ތައްޔާރީތައް މަސްތަކެއް ކުރިން ވާން ފަށައެވެ.
މިގޮތުން ޢީދު ދުވަހުގެ ސުފުރާމަތި ފަޅުފިލިވައިލެވޭ، ގިނަ ދުވަހަށް ބޭނުން ކުރެވޭނެފަދަ ކާނާ ތައްޔާރު ކުރުމާއި، ގޭގޭގެ ކުލަތައް އާކޮށް، މަގުތަކަށް ދޮންވެލިލައި، މަގުމަތީގައި ދިދަފަތި ދަމައި މުޅިރަށް އެކީ ޒީނަތްތެރި ކުރުމަކީ ފަރުދީ ޒިންމާއެއްގޮތުގައި ދެކިގެން ކުރެވިގެން ދިޔަ މަސައްކަތް ތަކެކެވެ.

މި ތައްޔާރީތައް ވުމުގައި ރަށުގެ އެކި އަވަށް އަވަށުގެ ވާދަވެރިކަން އުފެދިފައި އޮތުމަކީވެސް ޢީދު އުފާ ދެގުނައަށް އިތުރުވެގެން ދާކަމެވެ. އެއް އަވަށަށްވުރެ އަނެއް އަވަށް ރީތި ކުރުމުގެ ފޯރީގައި ގެނުވައިދޭ ތަފާތު ކުލަތަކުގެ މަންޒަރުތަކަކީ މުޅި ރަށަށް ލިބިގެންދާ ރީތިކަމެކެވެ. އަދި ހަމައެހެންމެ އެއިރުގެ ޢީދުގެ ފޯރިން ދައްކުވައިދެނީ މުޅިރަށުގެ އެއްބައިތަކަމެވެ.
ޢީދު ވިލޭރޭ ރޯކުރަން ތައްޔާރު ކުރެވިގެންދާ "ޢީދު މަޅި" އަކީ ވެސް އަވަށުގެ އުޅޭ ބައެއް ޒުވާނުން އިސްނަގައިގެން، ގިނަވަގުތުތަކެއް ހޭދަކޮށްލައިގެން ތައްޔާރު ކުރެވިގެންދާ މަސައްކަތެކެވެ. މި މަސައްކަތް ކުރުމަށްޓަކައި މޫދުގައި ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހެއެވެ. ސަބަބަކީ ޢީދު މަޅި ރޯކުރެވިގެންދަނީ މޫދުގައި ކަމަށްވާތީއެވެ.
ބެލެވޭ ގޮތުން މޫދުގެ ލޮނުގަނޑުތެރޭގައި ޢީދު މަޅި ރޯކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްކާތެރިކަމުގެ ގޮތުން މިއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީއެވެ. ޢީދު މަޅި ހެދުމަށްޓަކައި އޮނުދަނޑިތަކާއި. ރުކުގެ ފަންތަކާއި، ދުނބުރި ގަސްފަދަ އާލާތްތައް ބޭނުންކޮށްގެން ވީހާވެސް ގިނަވަގުތަށް ދެމިގެންދާގޮތަށް މި ހުޅުގަނޑުގެ ބެހެއްޓުމަށްޓަކައި ކުރެވިގެންދާ މަސައްކަތަކީ މަދު ބަޔަކަށް އޭގެ އުކުޅު އެނގޭ ކަންތައްތަކެއްކަމުން ޢީދުމަޅީގެ ފޯރި އިތުރުވެގެންދެއެވެ. މިއީ ރަށުގެ ކުދިބޮޑު އެންމެން ނިކުމެ އޭގެ އުފާ ޙާޞިލްކުރާ އެއްކަމެވެ. މި ޢީދުމަޅިން އަންގައި ދެނީ ޢީދު ފެށިއްޖެކަމެވެ.އެހާ ހިސާބުން ޢީދުގެ ސަލާމް ކުރުމާއި ޢީދުގެ ތަހުނިޔާ ފެށިގެންދެއެވެ.

ޢީދު މަޅިއަށް ފަހު ދެން އޮންނާނީ ޢީދުނަމާދަށް ތައްޔާރުވުމުގެ ކަންތައް ފެށިފައެވެ. މި ގޮތުން ޢީދަށް ތައްޔާރުކޮށްފައިވާ އަންނައުނުތައް އިސްތިރިކުރުމާއި، ޢީދު ނަމާދުން އަންނަންވާއިރަށް ތައްޔާރުކުރާ ޢީދު ކުޅި ބޯކިބާ، އަދި ފޮނި ބޯކިބާގެ ތައްޔާރީތައްވެސް އެއިރު ކުރެވިގެންދާނީ ޢީދު މަޅިއަށް ފަހުގައެވެ. މި ބޯކިބާ ތަކުގެ ރަހަތަކުންވެސް އެއިރުގެ ފޮނި ހަނދާންތައް އާވެ އާލާވެގެންދެއެވެ. މި ބޯކިބާތަކުގެ ރަހަތައް އެއްވަރެއްގައި ހިފެހެއްޓުމުގެ މައިގަނޑު ސަބަބަކީ ދަރުބޭނުންކޮށްގެން ބޯކިބާ ފިހަން ތައްޔާރުކޮށްފައިވާ އަވަން ތަކުގެ މޮޅުކަންކަމުގައިވުމީވެސް އެކަށީގެންވާކަމެކެވެ. ކޮންމެ ގެއެއްގައި މި ދެ ވައްތަރުގެ ބޯކިބާ އެކިއެކި ފެންވަރުގައި ތައްޔާރު ކުރެވިގެންދާނެއެވެ. މީގެ ބޭނުމަކީ އަވަށުގެ އެއްގެއިން އަނެއް ގެއަށް ބެހުމަށްޓަކައެވެ. އެހެންކަމުން އެގެއަކަށް ގެންދެވޭ ތަށި އަނބުރާ ގެންނައިރު ހަމަ އެފަދަ ބާވަތެއްގެ ކާއެއްޗަކުން ތަށި ފުރާލެވިފައިވާނެއެވެ. ހުސްތަށި އަނބުރާ އައުމަކީ ނާދިރު ކަމެކެވެ. އަވަށުގެ ގެތަކަށް ތަށިތައް ބަދަލު ކުރުމުގައި އެގެއެއްގެ ތިބޭ އަންހެންކުދީނަށް އެފުރުސަތު ދީގެން މިކަން ކުރާކަންވެސް ފާހަގަ ކުރެވެއެވެ. ފަހަރުގައި މިގޮތަށް މިކަންކުރުމުގެ މަޤުޞަދަކީ އެކަމުގައިވެސް އަންހެންކުދީން ބައިވެރިކުރުމުގެ ބޭނުމުގައި ކަންވުންވެސް އެކަށީގެންވެއެވެ. އެއަށްފަހު ޢީދުން ފައިބައިގެން އަންނަމީހުންނަށް ސައިދިނުމުގެ ކަންތައް ކުރިއަށްދާނެއެވެ. މިސްކިތުން ފައިބައިގެން އެމީހެއްގެ ގެއާއި ހަމައަށް ދެވޭއިރު ދެތިންގެއިން ސައި ނުބޮއި އަންނަ މީހެއް މަދުވާނެއެވެ. އެއްގެއިން އަނެއްގެއިން ސައިބޯން ގޮވާ މަގުމަތިން ދާ މީހުންނަށްވެސް ސައިދީ ހެދުމަކީ އެއިރުއޮތް ވަރަށްވެސް ރީތި ޘަޤާފަތެކެވެ.
ޢީދު ސަޔަށްފަހު ކުޅިވަރުތައް ފެށިގެންދާނެއެވެ. މި ކުޅިވަރުތައް ކުޅެވިގެންދަނީ އަވަށު ފެންވަރުގައާއި ރަށު ފެންވަރުގައެވެ. ކުޅިވަރުގައި މުސްކުޅިންނާއި، ބޮޑެތި މީހުންނާއި، ޒުވާނުންނާއި،އަދި ކުޑަކުދިންވެސް ބައިވެރިވާނެއެވެ. އަވަށު ފެންވަރުގައި އެއިރު ކުޅޭ ކުޅިވަރުތަކުގެ ތެރޭގައި ވާދެމުމާއި، ރިލޭ ރޭސް، ތިލަބަނޑި ތިލަބަނޑި، ތިން ނާށި، ގޯނި ރޭސް،މިހެންގޮސް ތަފާތު ނަންނަމުގެ ގިނަ ކުޅިވަރުތައް އެހާމެ ފޯރީގައި ކުޅެވިގެންދެއެވެ. ރަށުފެންވަރުގައި ކުޅެވިގެންދާ ކުޅިވަރުތަކުގެތެރޭގައި ބޮޑުބެރުޖެހުމާއި، ދަނޑިޖެހުމާއި، ބަނޑިޔާ ޖެހުން ފަދަ ސަގާފީ ކުޅިވަރުތަކުން ރަށުތެރެ އޮންނަނީ ފޯރިން ގުގުމާފައެވެ. ކުދިބޮޑު އެންމެން އެއްވެ، މުޅި ރަށް އޮންނަނީ އެއް އާއިލާއެއް ފަދައިންނެވެ.

ޢީދުގެ ކުޅިވަރުތައް ކުޅެ އުޅުމުގައި ވަކި އުޞޫލެއްގެ ޤާއިމްވެފައި އޮންނަކަންވެސް ފާހަގަ ވެގެން ދެއެވެ. ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި ކުޅިވަރުތައް ކުޅުކަމުގައި ވިޔަސް، ރޭގަނޑުގެ ވަކިވަގުތަކަށް ކުޅިވަރުތައް ހުއްޓުމާއި ، ނަމާދު ވަގުތުތަކަށް ކުޅިވަރުތައް މެދުކެނޑުމާއި، ކޮންމެ ޢީދަކަށްވެސް ކަނޑަ އަޅާފައިވާ ދުވަހަށް ޢީދުގެ އުފާތައް ކުރިއަށް ގެންދިއުމާއި، އެއަށްފަހު އެބައެއްގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ރުޖޫޢަ ވުންފަދަ ކަންތައްތަކަކީ އެއިރުގެ ޢީދުގެ މަޖަލުތަކުގެ ތެރެއިންވެސް އެކަންކަމަށް ވަރަށްބޮޑު ސަމާލުކަން ދީގެން ކުރެވިގެންދިއަ ކަންކަން ފާހަގަ ކުރެވެއެވެ.
ނަމަވެސް، ޒަމާނަށް އައި ބަދަލުތަކާއި ގުޅިގެން ޢީދު ފާހަގަކުރުމާއި ، އޭގެ ރޫޙަށްމިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިހާރު ގިނަފަހަރަށް ޢީދަކީ ޗުއްޓީ ހޭދަކޮށްލަން ދާ ދަތުރުތަކަކަށްވަނީ ބަދަލުވެފައެވެ. އިޖުތިމާޢީ ގުޅުންތަކަށްވުރެ ބޮޑަށް، އަމިއްލަ ނަފްސުގެ އުފަލަށް އިސްކަންދެވޭލެއް ބޮޑެވެ. މިކަމުގެ ނޭދެވޭ ނަތީޖާއެއްގެ ގޮތުން، އާއިލީ ގުޅުންތަކާއި އަވަށްޓެރިކަމުގެ ގުޅުންތައް ދަނީ ހީނަރުވަމުންނެވެ. އަދި ޒަމާނީ ވަޞީލަތްތަކަށް މާބޮޑަށް ބަރޯސާވުމުގެ ސަބަބުން، ޒަމާނުއްސުރެ އޮތް "ދިވެހިވަންތަ" ޢީދުގެ ރޫޙު ދަނީ ގެއްލެމުންނެވެ. ޢީދުގެ މަޖަލުގެ ތެރެއަށް އިސްލާމްދީނާއި ފުށުއަރާ ކަންކަމާއި، އެހެން ދީނުގެ ޢަމަލުތައް ވަދެ ފާޙިޝް ޢަލަމުތައްގިނަވެގެން ދާކަމީ އެކަންތަކާއި މެދު އިތުރަށް ވިސްނާލަންޖެހޭފަދަ ކަންތައްތަކެވެ.

ކުރިއަށް އޮތް ޖީލުތަކަށް އެއިރުގެ ޢީދު އުފާތައް ކިޔައިދިނުމަކީވެސް ނުހަނު މުހިއްމު ކަމެކެވެ. އެއީ އެކުދީންނަށް އަޅުގަނޑުމެން އުޅެ ބޮޑުވި ސަޤާފަތާއި އަމިއްލަވަންތަކަން ފޯރުކޮށްދީ ހެޔޮގޮތުގައި އެކަންތައްތައް ދެމެހެއްޓުމަށްޓަކައެވެ. ކާބަފައިން ބެހެއްޓި އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އަޅާލުމުގެ ރީތި ސިފަތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީގެން މެނުވީ، މުޖުތަމަޢުގެ ބަދަހިކަން ދެމެހެއްޓުމަކީ ނުވާނެކަމެކެވެ. އެއިރުގެ ޢީދު ފާހަގަކުރި ގޮތްތައް ދިރުވައި އާލާކުރުމަށްޓަކައި، ޓެކްނޮލޮޖީއާ ދުރަށްޖެހިލައި، އާއިލީ އަދި އިޖުތިމާޢީ ބައްދަލުވުންތަކަށް އިސްކަންދޭ ފަދަ މާޙައުލެއް ޤާއިމުކުރުމަކީ ޢީދުގެ ހަޤީޤީ އުފާ އަލުން ގެނައުމަށް ކުރެވިދާނެ ކަންކަމެވެ.
ޢީދަކީ ހަމައެކަނި ކުޅިވަރާއި މަޖަލެއް ނޫނެވެ. އެއީ އެއްބައިވަންތަކަމާއި، އުޚުއްވަތްތެރިކަމުގެ މަތިވެރި ރަމްޒެކެވެ. އެހާރާއި މިހާރުގެ ތަފާތުތަކަށް ބަލައި، ރަނގަޅު އާދަކާދަތައް ދިރުވައި އާލާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online