"އޭން އެޕަލް އަ ޑޭ ކީޕްސް ދަ ޑޮކްޓަރ އަވޭ"

ނޮވެންބަރު 11, 2023 - 06:17
 0
"އޭން އެޕަލް އަ ޑޭ ކީޕްސް ދަ ޑޮކްޓަރ އަވޭ"

އާފަލުގެ ފައިދާތައް-ކުރުކޮށް ފޮނިކޮށް

  • ހަށިގަނޑުގައި ހުންނަން ނުވާ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދޭ
  • ހަކުރު ބަލީގެ މީހުން ކެއުމަށް ބަރާބަރު
  • ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދޭ
  • ކާއެއްޗެހި ހަޖަމުވުމަށް ފަސޭހަކޮށްދޭ
  • ނޭވާ ހިތްލުމާ ދުރުވޭ

އާފަލަކީ ނުކައި ދޫކޮށްލެވޭ ވަރަށްވުރެ ފައިދާ ހުރި މޭވާ އެކެވެ. ދުވާލަކު އާފަލެއް ކާނަމަ އާންމު ބަލިތަކާ ވަރަށް ދުރުވެއެވެ. އާފަލުގައި އިންސާނަކަށް ބޭނުންވާނެ ނިއުޓްރިއަންޓްސް އާއި ވިޓަމިންސް ވަރަށް ގިނަ އަދަދަކަށް ހުރެއެވެ. އާފަލުގެ ތެރެއިންވެސް ފެހި އާފަލަކީ ގިނަ ގުނަ ފައިދާތަކެއް ހިމެނޭ މޭވާ އެކެވެ. ވިޓަމިން އޭ، ސީ އަދި ވިޓަމިން ކޭ ގިނަ އަދަދަކަށް އާފަލުގައި ހިމެނޭއިރު އަޔަން، ޕޮޓޭސިއަމް، ކެލްސިއަމް، އެންޓިއޮކްސިޑެންޓްސް އަދި ފްލޭވެނޮއިޑްސް ވެސް ގިނަ އަދަދަކަށް ހިމެނޭ މޭވާއެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އާންމު ގޮތެއްގައި އާފަލު ބޭނުން ކުރާ މީހަކު ނޭވާ ހިއްލުމާ ދުރުވެއެވެ. އާފަލުގައި ހިމެނޭ ފްލޭވެނޮއިޑްސްގެ ސަބަބުން ނޭވާ ހިއްލުމާ ދުރުކޮށްދީ ފުއްޕާމޭގެ ކެންސަރުން ދުރުކޮށްދެއެވެ. އަދި ހަމަ އެއާއެކު ބަނޑަށް ދިމާވާ ތަފާތު މައްސަލަތަކަށްވެސް އާފަލަކީ ވަރަށް ރަނގަޅު މޭވާ އެކެވެ. އެގޮތުން އާފަލުގައި ގިނަ އަދަދަކަށް ފައިބަރ ހުރުމުން ކާއެއްޗެހި ހަޖަމުވުމަށް ވަރަށް ބޮޑު އެހީއަކަށް ވެދެއެވެ.

ކޮންމެ ދުވަހެއްގެ ކެއުމުގައި އާފަލެއް ހިމެނުމުން ލުއި ކާނާތަކާއި ހަކުރު ހިމެނޭ ކާނާތަކާ ދުރަށް ދިއުމަށްވެސް ފަސޭހަ ވެގެންދާނެއެވެ. އަދި އާފަލުގައި ހިމެނޭ ވިޓަމިން ސީ، ވިޓަމިން އޭ އަދި އެންޓިއޮކްސިޑެންޓްގެ ސަބަބުން މީހާގެ ސިއްހަތު ރަނގަޅުކޮށްދީ ޒުވާންކަން މަތީ ހުރުމަށް ވެސް އެހީތެރިވެދެއެވެ. މި މޭވާގައި ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވިފައި ހުރުމުން ލޮލުގެ ފެނުން ރަނގަޅު ގޮތުގައި ހުރުމަށްވެސް އެހީއަކަށް ވެދެއެވެ.

ޑޮކްޓަރުން ބުނާގޮތުގައި ރަތް އާފަލަށް ވުރެ ފެހި އާފަލުގައި ހަކުރުގެ މިންވަރު މަދުވެފައި ފައިބަރގެ މިންވަރު ގިނަ އަދަދަކަށް ހުރުމުގެ ސަބަބުން ޓައިޕް ޓޫ ޑައިބެޓިކްސް ހުންނަ މީހުން ފެހި އާފަލު ކެއުމުން ހަކުރު ބަލީގެ ނުރައްކާ ކުޑަވެއެވެ. އަދި ފެހި އާފަލު ބޭނުން ކުރުން ރަނގަޅީ ތޮއްޓާ އެކުގައެވެ. އާފަލުގެ ސަބަބުން ހަށިގަނޑުގައި ހުންނަން ނުވާ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްލަދޭތީ ހިތުގެ ބަލި ފަދަ ބަލިތަކުން ދުރުކޮށްދެއެވެ.

ތުއްތު ކުދިން ގާތު އަޅުގަނޑުމެން "އޭން އެޕަލް އަ ޑޭ، ކީޕްސް ދަ ޑޮކްޓަރ އަވޭ" ކިޔަމުއެވެ. ހިކުމަތުގެ ތެދު ބަސްކޮޅެކެވެ. މިއީ ހޮދު އަޅުގަނޑުމެންވެސް އަމަލުކުރުން ރަނގަޅު ބަސްކޮޅެކެވެ.