ސިޔާސީ ފަރާތްތަކުން ދޮގު ހެދިނަމަ މަގާމުން ވަކިކުރެވޭ ގޮތަށް ގާނޫނު ފާސްކޮށްފި
ސިޔާސީ ފަރާތްތަކުން ދޮގު ހެދިނަމަ މަގާމުން ވަކިކުރެވޭ ގޮތަށް ދުނިޔޭގައި އަލަށް ގާނޫނެއް ފާސްކުރި ފުރަތަމަ ގައުމަކަށް ވޭލްސް ވެއްޖެ
ސިޔާސީ ބޭފުޅުން ގަސްދުގައި ހައްދަވާ ދޮގުތައް ހުއްޓުވައި، ދިމުގުރާތީ ނިޒާމަށް ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރު އަލުން ހޯދައިދިނުމަށް ވޭލްސްގެ ބަރުލަމާން/ ނުވަތަ ޕާލަމެންޓް (ސެނެޑް) އިން މަސައްކަތްކުރާތާ މިހާރު ދެ އަހަރުވެއްޖެއެވެ.
ވޭލްސްގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހުރިހާ ޕާޓީތަކަކުންވެސް ގަބޫލުކުރާ އެއް ހަގީގަތެއް އެބައޮތެވެ. އެއީ މިހާރު އޮތް އުސޫލުތަކުގެ ތެރެއިން މަކަރާއި ހީލަތް ހަދާ ސިޔާސީ ބޭފުޅުންނަށް އެކަށީގެންވާ އަދަބެއް ނުލިބޭ ކަމެވެ. ސެނެޑްގެ މެންބަރަކު ސަރީހަކޮށް ވިދާޅުވި ގޮތުގައި:
"ސިޔާސީ މައިދާނުގައި ދޮގުހެދުން އާންމުވެ ފުޅާވަމުން މިދަނީ، އެކަން ކޮށްގެން އަދަބަކާ ނުލައި ސަލާމަތްވެވޭނެ މަގުތައް އޮތުމުންނެވެ."
މި ކަންބޮޑުވުމާއި ނުރުހުންތެރިކަން މިހާރު މިވަނީ ގާނޫނީ ފިޔަވަޅުތަކަކަށް ބަދަލުވާން ފަށާފައެވެ. އެގޮތުން، ހަގީގަތާ ހިލާފު ނުވަތަ އޮޅުވައިލަނިވި މައުލޫމާތު ފެތުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅައި ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އެވަނީ ނިމުމަކާއި ހަމަށް ގެނެސްފައެވެ.
އިނގިރޭސިވިލާތުގެ ހުޅަނގު ބިތުގައި އޮންނަ ކުޑަ ގައުމެއް ކަމަށްވާ ވޭލްސްގެ ބަރުލަމާނުން (ޕާލަމެންޓް މެންބަރުން)، ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ ތެރެއިން 49 މެންބަރުންގެ ތާއީދާއެކު މާރިޗު 17ގައި ފާސްކުރި ތާރީހީ މި ގާނޫނަކީ އިންތިހާބީ ކެމްޕޭންތަކުގައި ސިޔާސީ ފަރާތްތަކުން ސަރީހަ ދޮގު ހެދުން ޖިނާއީ ކުށަކަށް ހަދައި، ދުނިޔޭގައި އަލަށް އަމަލުކުރަން ފެށި މިފަދަ ފުރަތަމަ ގާނޫނެވެ.
ވޭލްސްގެ ސެނެޑުން ފާސްކުރި މި ގާނޫނުގެ ދަށުން، އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ނިޔަތުގައި ހަގީގަތާ ހިލާފު، އޮޅުވާލަނިވި ނުވަތަ ހީލަތްތެރި މައުލޫމާތު ފެތުރުމަކީ ކުށެކެވެ. މީގެއިތުރުން، އިންތިހާބުތަކުގެ ދެމެދުގައި ސިޔާސީ ބޭފުޅަކު އަހްލާގީގޮތުން ދަށުދަރަޖައިގެ އަމަލެއް ނުވަތަ މަގާމުގައި ހުރެގެން ކުރަންނުވާނެ އަމަލެއް ހިންގަވައިފިނަމަ، ރައްޔިތުންގެ ވޯޓަކުން އެ މެންބަރަކު މަގާމުން ވަކިކުރެވޭނެ "ރީކޯލް" ނިޒާމެއްވެސް މި ގާނޫނުން ތައާރަފުކުރެއެވެ. މިއީ ޒަމާނީ ދިމުގުރާތީ ހަޔާތެއްގައި ސިޔާސީ ތެދުވެރިކަން ގާނޫނީ އިމުގެ ތެރެއަށް ފައްތަން މުޅި ދުނިޔޭގައިވެސް ކުރެވުނު އެންމެ ހިތްވަރުގަދަ މަސައްކަތެވެ.
ނަމަވެސް، މި ތާރީހީ ނިންމުމާއެކު ބޮޑެތި ބަހުސްތަކެއްވެސް ވަނީ އުފެދިފައެވެ. ބައެއް ގާނޫނު ހަދާ މެންބަރުން ވިދާޅުވާ ގޮތުގައި، މިފަދަ ބާރުތަކެއް ދިނުމަކީ އިންތިހާބުގެ ދުވަސްވަރު ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި ދިމުގުރާތީ ބަހުސްތަކަށް ހުރަސްއެޅިދާނެ ކަމެކެވެ. މީގެއިތުރުން، މި ގާނޫނަށް އަމަލުކުރަން ފަށާނީ އެންމެ އަވަސްވެގެންސް 2030 ގައެވެ. އެހެންކަމުން، 2026 ވަނަ އަހަރުގެ މެއި މަހު އޮންނަ ވޭލްސްގެ އާންމު އިންތިހާބުގައި މި ގާނޫނަކަށް އަމަލެއް ނުކުރާނެއެވެ.
މި ވާހަކައިން ދޭހަވަނީ މި ގާނޫނު ފާސްކުރަން މެންބަރުންނަށް މަޖުބޫރުވި އަސްލު ސަބަބެވެ.
އިނގިރޭސިވިލާތުގެ ދިރާސީ އޭޖެންސީއަކުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި 73 އިންސައްތަ ރައްޔިތުން ތާއީދުކުރަނީ ސިޔާސީ ބޭފުޅުން ދޮގުހެދުން ޖިނާއީ ކުށަކަށް ހެދުމަށެވެ. އަދި ހަމަ އެފަދަ އެހެން ސާވޭއަކުން އެނގުނު ގޮތުގައި، އިނގިރޭސިވިލާތުގެ އިންތިހާބީ މަންދޫބުން ތެދު ބުނާނެ ކަމަށް އިތުބާރުކުރަނީ އެންމެ 9 އިންސައްތަ ރައްޔިތުންނެވެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި މި ނަންބަރު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި 45 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި ސަރުކާރުތަކުން ގައުމީ މަސްލަހަތަށްވުރެ އިސްކަންދެނީ ސިޔާސީ އަމިއްލަ އެދުމަށެވެ.
މި ބިލު ހުށަހަޅުއްވައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ވޭލްސްގެ ނެޝަނަލިސްޓް ޕާޓީ (ޕްލައިޑް ކައިމްރޫ) ގެ ކުރީގެ ލީޑަރު އެޑަމް ޕްރައިސް ވިދާޅުވީ، މިއީ ދުނިޔޭގެ ތާރީހުގައިވެސް ނުދެކޭފަދަ އިންގިލާބީ ގާނޫނެއް ކަމަށެވެ. 2024 ގައި ސަރުކާރުން މި ބިލަށް ތާއީދުކުރަން ނިންމުމުން ޕްރައިސް ވިދާޅުވީ، ސިޔާސީ ބޭފުޅުންނާއި ކެންޑިޑޭޓުން ތެދުބުނަން ގާނޫނީގޮތުން މަޖުބޫރުކުރި ފުރަތަމަ ގައުމަކަށް ވޭލްސް ވެގެންދާނެ ކަމަށާއި، "ސިޔާސީ މައިދާނުގައި ދޮގުހެދުން އާންމުކަމަކަށްވެފައި އޮތް އޮތުން ނިމުމަކަށް އަންނަންޖެހޭ" ކަމަށެވެ.

ނަމަވެސް، މި ގާނޫނުން ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ސާފުކޮށް އެނގެންޖެހެއެވެ. މިއީ ސިޔާސީ ބޭފުޅަކު އިންތިހާބުވުމަށްފަހު މަގާމުގައި ހުންނަވައިގެން ހައްދަވާހާ ހުރިހާ ދޮގެއް މަނާކުރާ ގާނޫނެއް ނޫނެވެ. މިއީ ހަމައެކަނި އިންތިހާބުތަކުގެ ކެމްޕޭން ދުވަސްވަރު ދައްކާ ވާހަކަތަކަށް އަމާޒުކޮށް، އިންތިހާބުގެ ނަތީޖާއަށް އަސަރުފޯރުވުމުގެ ނިޔަތުގައި ހަދާ ދޮގުތައް ޖިނާއީ ކުށަކަށް ހެދުމުގެ ބާރު ވޭލްސްގެ ވަޒީރުންނަށް ދޭ ގާނޫނެކެވެ.
މަގާމުގައި ތިއްބަވާ މެންބަރުން ގަސްދުގައި ދޮގުހައްދަވައިފިނަމަ، ފިޔަވަޅު އަޅާނީ ވަކި ނިޒާމެއްގެ ތެރެއިންނެވެ. އެގޮތުން، ސްޓޭންޑާޑްސް ކޮމިޝަނަރު އެކަން ތަހުގީގުކުރައްވައި މެންބަރަކު ގަސްދުގައި ދޮގުހެއްދެވިކަން ސާބިތުވެއްޖެނަމަ، އެ ދޮގު ހެއްދެވި ވަސީލަތަކުން (މިސާލަކަށް އެ ދޮގު އާންމުކުރި މީސްމީޑިއާ އެކައުންޓަކުން) އެކަން އިސްލާހުކޮށް ބަޔާނެއް ނެރުމަށް އަންގާނެއެވެ. މިފަދަ އެންގުންތަކަށް އަމަލުނުކުރާ މެންބަރުންނާ މެދު ސުލޫކީ ފިޔަވަޅު އެޅޭނެއެވެ.
މީގެއިތުރުން "ރީކޯލް" ނިޒާމަކީވެސް ފާހަގަކޮށްލެވޭ ބަދަލެކެވެ. ސުލޫކީ މިންގަނޑާ ހިލާފުވާ ސެނެޑް މެންބަރުން މަގާމުން ވަކިކުރުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ލިބިގެންދާނެއެވެ.
އެހެންނަމަވެސް، މި ގާނޫނަކީ އަމަލީގޮތުން ތަންފީޒުކުރެވޭނެ ނުވަތަ އެންމެ ރަނގަޅު ގާނޫނެއް ކަމާމެދު އެންމެން އެއްބަހެއް ނުވެއެވެ. ބެންގޯ ޔުނިވަސިޓީގެ "ޖާނަލިޒަމް އެންޑް ޕޮލިޓިކަލް ކޮމިއުނިކޭޝަންސް ޕްރޮފެސަރު" ވިއާން ބާކިރު ފާހަގަކުރެއްވި ގޮތުގައި، އިންޓަނެޓުގައި ދޮގު މައުލޫމާތު ފަތުރާ އެންމެ ބޮޑު އެކަކީ ސިޔާސީ ބޭފުޅުން ކަމަށް ގަބޫލުކުރެވުނު ކަމުގައިވިޔަސް، ގާނޫނަކުން އެކަން މަނާކުރުމުން ހަގީގީ ސިޔާސީ ބަހުސްތަކަށް ހުރަސްއެޅިގެންދާނެއެވެ. "ސިޔާސީ ބޭފުޅުންނަށްވެސް ކަންކަމުގައި ކުށް އޮޅުންއަރައި އޮޅުންފިލުވައިދެވޭނެ ފުރުސަތު އޮންނަންޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
ވެރިކަންކުރާ ލޭބާ ޕާޓީގެ ބައެއް މެންބަރުން ހިމެނޭހެން ސެނެޑްގެ ބައެއް މެންބަރުން ވިދާޅުވީ، ކޮންމެހެން ބޭރުފުށް ރީތިކޮށް ދެއްކުމުގެ ބޭނުމުގައި ގާނޫނީގޮތުން އުނިއިތުރު ގިނަ ގާނޫނެއް އަވަސްއަރުވާލައިގެން ފާސްކުރުމަކީ ނުރައްކަލެއް ކަމަށެވެ. އެގޮތުން ހަމައެކަނި "ރައްޔިތުން ހިތްހަމަޖައްސައިދިނުމަށްޓަކައި" ނުބައި ގާނޫނެއް ހެދުމާ ދެކޮޅަށް އެ މެންބަރުން ވަނީ އިންޒާރު ދެއްވާފައެވެ.
އެންމެ އުނދަގޫ ސުވާލަކީ "ދޮގު" މާނަކުރާނެ ގޮތުގެ ސުވާލެވެ. ފެކްޓް-ޗެކްކުރާ ޖަމިއްޔާއެއް ކަމަށްވާ 'ފުލް ފެކްޓް' ގެ ހެޑް އޮފް ޕަބްލިކް އެފެއާޒް މާކް ފްރެންކެލް ވިދާޅުވީ، ވާހަކައެއް ގާނޫނީގޮތުން ދޮގަކަށްވަނީ ކިހިނެއްކަން ކަނޑައެޅުމަކީ ހީކުރާހާ ފަސޭހަކަމެއް ނޫން ކަމަށެވެ. "ގިނަ ވާހަކަތަކުގައި ބައެއް ހަގީގަތްތައް ހުރެދާނެ، ނުވަތަ ބައެއް މައުލޫމާތު މަދުވެދާނެ،" އޭނާ ވިދާޅުވިއެވެ. އަދި އެއީ ގަސްދުގައި ކުރިކަމެއްކަން ސާބިތުކުރުމަކީ ގާނޫނީގޮތުން އިތުރު ނުރައްކާތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި، މި ގާނޫނުގެ ސަބަބުން ސިޔާސީ މައްސަލަތައް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ވަދެގެންދާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
މިފަދަ ގޮންޖެހުންތަކާއެކުވެސް، ވޭލްސްގެ މި ގާނޫނަށް މުޅި ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ސަބަބަކީ އެހެން އެއްވެސް ދިމުގުރާތީ ގައުމަކުން މިފަދަ ކަމެއް ކުރަން ހިތްވަރުކޮށްފައި ނުވުމެވެ. ބިލު އެކުލަވާލުމުގައި ޕްރައިސްއަށް އިރުސާދު ދެއްވި ގާނޫނީ ވަކީލު ޑރ. ސޭމް ފައުލްސް ވިދާޅުވީ،
"ތެދުވެރިކަމަކީ ދިމުގުރާތީ ނިޒާމުގެ އަސާސް ކަމަށާއި، ވަކީލުންނާއި ޑޮކްޓަރުން ފަދަ ފަންނީ މީހުންގެ ކިބައިން އެދޭ ތެދުވެރިކަން ސިޔާސީ ބޭފުޅުންގެ ކިބައިންވެސް އެދެންޖެހޭނެ. އިންތިހާބީ މަންދޫބުން ދައްކާ ވާހަކަތަކަށް އިތުބާރުކުރުމުގެ ހައްގު ވޯޓުލާ މީހުންނަށް ލިބެންޖެހޭ. މިއީ މާ ކުރިންވެސް ކުރަންވެއްޖެ ކަމެއް،"
ދިވެހި ރާއްޖެއާއި، އެފްރިކާ ބައްރުގެ ގައުމުތަކުގައި އިންތިހާބުތަކުގައި ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން ހަމަނުޖެހުމާއި ފިތުނަފަސާދަތައް އިތުރުވެ، ދިމުގުރާތީ ނިޒާމަށް އޮތް އިތުބާރު ވަނީ ގެއްލިފައެވެ. އެހެންކަމުން މި ގައުމު ތަކުގެ އާއްމު ރައްޔިތުންނަށް، ވޭލްސްގެ މި ނިންމުމަކީ ވަރަށް މުހިންމު ސުވާލެއް ކުރިމަތިކުރުވާ ކަމެކެވެ؛ އެއީ ތިން މިލިއަން މީހުންގެ އާބާދީއެއް އޮތް ކުޑަ ގައުމަކަށް ސިޔާސީ ދޮގުހެދުން ޖިނާއީ ކުށަކަށް ހެދިއްޖެނަމަ، ބޮޑެތި އަދި ބާޒާރު ބޮޑު ދިމުގުރާތީ ގައުމުތަކާއި ޖަޒީރާވަންތަ ރާއްޖެ ފަދަ އިގްތިސާަދީ ހިރާސްތައް ގިނަ ގައުމުތަކުން މިފަދަ އަމަލުތައް އާންމު ކަމެއްގެ ގޮތުގައި ބަލައިގަނެގެން ތިބެންޖެހޭ ތޯއެވެ؟
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online