މިޔަރާއި އިންސާނުންގެ ސަލާމަތްތެރިކަން: ދިވެހި ކަނޑުތަކުގައިވާ ހަގީގީ ނުރައްކާތައް ދެނެގަތުން
މިޔަރަކީ ވަހުސީ ޖަނަވާރެކެވެ. މަޑުމައިތިރި ބާވަތްތައްވެސް ހީނުކުރާ ފަދަ ގޮތަކަށް ދަތްއަޅާފާނެއެވެ. ކުޑަކުދިންނަށް މީގެ ނުރައްކާ މާބޮޑެވެ.
މިޔަރަކީ ދުނިޔޭގައި އެންމެ ބޮޑަށް އޮޅުންއަރާފައިވާ ދިރުންތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެއީ ދުނިޔޭގައި ޑައިނަސޯ (ސާރު) ތައް އުޅުމުގެ މާ ކުރިން، އެބަހީ، މީގެ 400 މިލިއަން އަހަރު ކުރިން ފެށިގެން ކަނޑުތަކުގައި އުޅެމުންދާ ބާރުގަދަ ސިކާރަވެރި އެއްޗެކެވެ. ދިވެހިރާއްޖޭގައި މިޔަރަކީ، ކަނޑުގެ ދިރުންތަކުގެ ނިޒާމަށް ނުހަނު މުހިންމު އެއްޗެކެވެ. އަދި ފަތުރުވެރިކަމާއި، ފީނުމާއި، ކަނޑުއަޑީގެ ފޮޓޯނެގުމުގެ ދާއިރާގައި މިއީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވާ ދިރުމެކެވެ.
ނަމަވެސް، މިޔަރުގެ ރީތިކަމާއި އޭގެ މުހިންމުކަން ބޮޑުވި ނަމަވެސް، އެއީ އަދިވެސް ވަހުސީ (ކުލުނެއްނެތް) ޖަނަވާރެކެވެ. އާންމުކޮށް މަޑުމައިތިރި، ބިރުގަންނަ، ނުވަތަ "ރައްޓެހި" އެއްޗެއްގެ ގޮތުގައި ސިފަކުރާ މިޔަރުތައްވެސް ހީނުކުރާ ފަދަ ގޮތްގޮތަށް އަމަލުކޮށްފާނެއެވެ. މިޔަރުގެ ސަބަބުން ދިމާވާ ހާދިސާތައް މަދެވެ. ނަމަވެސް ހާދިސާއެއް ހިނގައިފިނަމަ، އޭގެ ނަތީޖާ ވަރަށް ހިތާމަވެރިވެ، ފުރާނައަށް ނުވަތަ ދިރިއުޅުމަށް ބޮޑު ބަދަލެއް އަތުވެދާނެއެވެ.
މި މަގާލާ (އާޓިކަލް) ގައި ބަލާލާނީ މިޔަރުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައިވާ ހަގީގީ ހާދިސާތަކަށެވެ. އަދި ކުޑަކުދިންނަށް މީގެ ނުރައްކާ ބޮޑުވާ ސަބަބުތައް ދެނެގަނެ، ކަނޑުގެ މާހިރުން ހުރިހާ ބާވަތެއްގެ މިޔަރަކަށްވެސް ސަމާލުވުމަށާއި އިހުތިރާމްކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވާ ސަބަބުތަކަށް އަލިއަޅުވާލާނަމެވެ.
މިޔަރަކީ ވަހުސީ ޖަނަވާރެއް — އޮޅުކޮށްގެން ގެންގުޅޭ ކޮޅޫ (ޕެޓް) އެއް ނޫން
ދިވެހިރާއްޖޭގެ ފަޅުފަޅުންނާއި ފަރުތަކުން ފެންނަ ފެހުރިހި، ފަރުމިޔަރު، އަދި ނިދަންމިޔަރު ފަދަ ބާވަތްތަކަކީ، ފެމުނު މިޔަރު (ޓައިގަރ ޝާކް) ނުވަތަ ގާނި މިޔަރު (ބުލް ޝާކް) އާއި އަޅާބަލާއިރު އިންސާނުންނަށް ނުރައްކާ ކުޑަ ބާވަތްތަކެކެވެ. އެހެންނަމަވެސް، ކަނޑުގެ ދިރުންތަކާ ބެހޭ ސައިންސްވެރިން އަބަދުވެސް އިންޒާރުދެނީ އެއްވެސް މިޔަރަކީ އެއްކޮށް ނުރައްކާ ނެތް އެއްޗެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށެވެ.
މިޔަރު ވިސްނަނީ އިންސާނުން ފަދައިންނެއް ނޫނެވެ. އެތަކެތި ހަރަކާތްތެރިވަނީ އޭގެ ޣަރީޒާ (ގުދުރަތީ ސިފަ)، ކާނާ ހޯދުމުގެ ސައުގު، އަމިއްލަ ސަރަހައްދު ހިމާޔަތްކުރުން، ކަންކަމާ މެދު އުފެދޭ ކިއުރިއޮސިޓީ (ސައުގުވެރިކަން) އަދި ވަށައިގެންވާ މާހައުލަށް އަންނަ ބަދަލުތަކުގެ މައްޗަށެވެ. އެއްވަގުތެއްގައި ވަރަށް މަޑުމައިތިރިކޮށް ފެންނަ މިޔަރެއް، ތިރީގައިވާ ކަންކަމުގެ ސަބަބުން ކުއްލިއަކަށް ބަދަލުވެދާނެއެވެ:
- ފެންގަނޑު ތަޅުވައި ހަލަބޮލިކުރުން
- ހަލުވި ހަރަކާތްތައް
- ކާނާގެ ވަސްދުވުން
- ބެބުޅުން ހުންނަ ގަހަނާ
- ބިރުން އުޅޭ އުޅުން (ޕެނިކްވުން)
- ނޭނގި ނަމަވެސް މިޔަރުގައި އަތްލެވުން
- ފަތާ މީހުން ނުވަތަ ފީނާ މީހުން މިޔަރު ވަށާލުން
- އުޅަނދުފަހަރުގެ ސަބަބުން ނުވަތަ ފަތުރުވެރިކަމުގެ ހަރަކާތްތަކުގެ ސަބަބުން މިޔަރަށް ކުރިމަތިވާ ބުރަ (ސްޓްރެސް)
މާހިރުން ފާހަގަކުރާ ގޮތުގައި އިންސާނުންނަށް އޮޅުވެފައިވާހެން ހީވާ ނުވަތަ އާދަވެފައިވާ މިޔަރުތަކަކީވެސް އޭގެ ޒާތުގައި ވަހުސީ ސިކާރަވެރިންނެވެ. އިންސާނުންނާ އަބަދު ދިމާވުމުން އެތަކެތި މީހުންގެ ކައިރިއަށް އަންނަން ޖެހިލުން ނުވެދާނެއެވެ. ނަމަވެސް އޭގެ މާނައަކީ އެތަކެތި ދަތްނާޅާނެއޭ ނުވަތަ ހަރުކަށި ނުވާނެއެކޭ ނޫނެވެ.
ދިވެހިރާއްޖެއިން ފެންނަ މިޔަރުގެ ބާވަތްތައް
ދިވެހިރާއްޖޭގެ ކަނޑުތަކަކީ ތަފާތު ގިނަ ބާވަތްތަކުގެ މިޔަރު އުޅޭ ތަނެކެވެ. މީގެ ތެރޭގައި:
ފަރުމަތި ދޮންމިޔަރު (Blacktip reef shark)، ފާނަ މިޔަރު (Whitetip reef shark)، ތިއަލް މިޔަރު (Grey reef shark)، ނިދަންމިޔަރު (Nurse shark)، ފެމުނު މިޔަރު (Tiger shark)، ގާނި މިޔަރު (Bull shark)، ކާލިގަނޑު މިޔަރު (Hammerhead shark)، ފެހުރިހި (Whale shark) ހިމެނެއެވެ.
ރާއްޖޭގެ ފަޅުތަކާއި ފަރުތަކުގައި މިޔަރާ ދިމާވާ ގިނަ ފަހަރުތަކަކީ އަމާން ފަހަރުތަކެކެވެ. އެހެންނަމަވެސް، ކަނޑު ހިމާޔަތްކުރާ ޖަމިއްޔާތަކާއި ފީނުމުގެ މާހިރުން އަދިވެސް ލަފާދެނީ ހުރިހާ މިޔަރަކާ މެދުވެސް ސަމާލުވުމަށެވެ. ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ބައެއް ބާވަތްތަކަކީ ބޮޑެތި ޒަހަމްތައް ދިނުމުގެ ގާބިލުކަން ލިބިގެންވާ އެއްޗެހީގެ ގޮތުގައި ފާހަގަކުރެވެއެވެ:
ފަރުމަތި ދޮންމިޔަރު
ދުނިޔޭގައި އުޅޭ އެންމެ ނުރައްކާތެރި މިޔަރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައިވާ ގިނަ ހަމަލާތަކެއްގެ ފަހަތުގައިވަނީ މި މިޔަރެވެ.
ފެމުނު މިޔަރު
މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އުޅޭ އެންމެ ނުރައްކާތެރި މިޔަރެވެ. މިއީ މިޔަރު ތަކުގެ ތެރެއިން ވެސް އިސްކޮޅުން ދިގު ބޮޑު މިޔަރެކެވެ.ފެމުނުގެ ދިގުމިނުގައި އާއްމުކޮށް 20 ފޫޓް ހުރެއެވެ. އަދި ބަރުދަނުގައި ގާތްގަނޑަކަށް 2250ކިލޯ ހުންނަކަން ފާހަގަ ކުރެވެއެވެ. ފެމުނު މިޔަރު 7.4 މީޓަރަށް ބޮޑުވާކަމަށް ވެއެވެ. ފެމުނު މިޔަރަކީ އޭގެ ނުރައްކާތެރި ކަމުގެ ސަބަބުން ދިވެހި މަސްވެރިންގެ ތެރޭގައި ވަރަށް މަޝްހޫރު މިޔަރެކެވެ
ފާނަ މިޔަރު
މި މިޔަރުތަކަކީ އަމިއްލަ ސަރަހައްދު ހިމާޔަތްކުރަން އުޅޭ އަދި ހާއްސަކޮށް ކާނާގެ ވަގުތުތަކުގައި ނުވަތަ ވަކި ހާލަތްތަކެއްގައި ހަރުކަށިވާ ބާވަތެކެވެ.
ނިދަންމިޔަރު
އާންމުކޮށް މިއީ މަޑުމައިތިރި އެއްޗެއްގެ ގޮތުގައި ބެލެވުނަސް، މީހުން އޭނާއަށް އުނދަގޫކުރުމުން، އަތްލަން އުޅުމުން، ނުވަތަ ބޮޅެއްގެ ތެރޭގައި ތާށިވާހެން އެއަށް ހީވުމުން، ނުވަތަ ނޭނގި ނަމަވެސް ފައިން ޖެހުމުން އިންސާނުންގެ ގައިގައި ދަތްއަޅާފައި އެބަހުއްޓެވެ.
ފެހުރިހި
މިއީ ކުދި ފަނިފަކުސާ (ޕްލޭންކްޓަން) ކައިއުޅޭ، ހަރުކަށި ނޫން އެއްޗެކެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ހަށިގަނޑެއް ލިބިގެންވާ އެއްޗަކަށްވުމުން، ކުއްލިއަކަށް ތަޅުވައިގަންނަ ފިލައިގެ (ނިގޫފަތް) ސަބަބުން ނުވަތަ ގައިގައި ޖެހުމުގެ ސަބަބުން ނޭނގި ނަމަވެސް ބޮޑެތި ޒަހަމްތައް ލިބިދާނެއެވެ.
މިޔަރުގެ ހަމަލާތަކާއި ލިބިފައިވާ ޒަހަމްތަކުގެ ހަގީގީ ބައެއް ހާދިސާތައް

ދިވެހި ރާއްޖޭގައި މިޔަރު ހަމަލާދީގެން ޒަހަމްވެ މަރުވެފައިވާ ހާދިސާތަކުގެ ތެރެއިން ރެކޯޑު ކުރެވިފައިވަނީ މަދު ހާދިސާއެއް ނަމަވެސް ނިސްބަތުން ވަރަށްހިނަ ނުރައްކާތެރި އެފަދަ ހާދިސާތައް ހިނގާފައި ހުރިކަން ފާހަގަކޮށްލެވެ އެވެ.
ބެތަނީ ހެމިލްޓަންގެ ހާދިސާ

ދުނިޔޭގައި މިޔަރުގެ ހަމަލާއަކުން ސަލާމަތްވި އެންމެ މަޝްހޫރު އެކަކީ ހަވާއީގެ ރާޅާ އަޅާ ބެތަނީ ހެމިލްޓަންއެވެ. 2003 ވަނަ އަހަރު، އުމުރުން އެންމެ 13 އަހަރުގައި ރާޅާ އަޅަން އުޅެނިކޮށް ފާގަ މިޔަރެއް އޭނާއަށް ހަމަލާދީ، ވައަތް ބުރިކޮށް ކާލިއެވެ. އޭނާ ސަލާމަތްވީ ނަމަވެސް، ސިއްހީ ފަރުވާ ލިބުމުގެ ކުރިން ހަށިގަނޑުން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ލޭ ވަނީ ހުސްވެފައެވެ. މި ހާދިސާއިން އެނގެނީ އާދައިގެ މުނިފޫހިފިލުވުމުގެ ހަރަކާތެއްވެސް ކުއްލިއަކަށް ފުރާނައަށް ނުރައްކާވާ ފަދަ ކަމަކަށް ބަދަލުވެދާނެ ކަމެވެ.
އޮސްޓްރޭލިއާގައި ކުޑަކުދިން މަރުވި ބައެއް ހާދިސާ

ހުޅަނގު އޮސްޓްރޭލިއާގެ ޕާތު ކައިރީގައި އޮންނަ ސްވޯން ކޯރުގައި މިޔަރު ހަމަލާއެއްގައި، އުމުރުން 16 އަހަރުގެ ސްޓެލާ ބެރީ ވަނީ މަރުވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މޫދަށް އެރުނީ އެ ސަރަހައްދުން ކޯމަސްތަކެއް ފެނިގެންނެވެ. މި ހާދިސާގެ ސަބަބުން މުޅި އޮސްޓްރޭލިއާއަށް ބޮޑު ސިހުމެއް ލިބުނީ، މި ހަމަލާ ހުޅުވާލެވިފައިވާ ކަނޑެއްގެ ބަދަލުގައި ކޯރެއްގެ ތެރޭގައި ދީފައި ވާތީއެވެ. މިޔަރަކީ ކޯރުތަކަށް ވަދެ އުޅޭ އެއްޗެއް ނޫނެވެ.
ދެކުނު އޮސްޓްރޭލިއާގެ އެތެލް ބީޗްގެ މޫދުގައި ރާޅާ އަޅަން އުޅެނިކޮށް، މިޔަރެއް ދިން ނުރައްކާތެރި ހަމަލާއެއްގައި އުމުރުން 15 އަހަރުގެ ރާޅާ އެޅުންތެރިޔާ ޚާއި ކައުލީ ވަނީ މަރުވެފައެވެ. މަންޒަރު ދުށް މީހުން ސިފަކުރި ގޮތުގައި ހަމަލާއަށްފަހު އޭނާ ސަލާމަތްކުރުމަށް ކުރި މަސައްކަތްތަކަކީ ވަރަށް ބިރުވެރި އަދި ހަލަބޮލި މަސައްކަތްތަކެކެވެ. ނަމަވެސް އޭނަގެ ފުރާނަ ސަލާމަތް ކުރެވޭގޮތް ވަނީ ނުވެފައެވެ.

ދެކުނު އޮސްޓްރޭލިއާގެ ގްރެނައިޓްސް ބީޗް ކައިރިން މިޔަރެއް ހަމަލާދިނުމާ ގުޅިގެން، އުމުރުން 55 އަހަރުގެ ރާޅާ އެޅުންތެރިޔާ ޓޮޑް ޖެންޑްލް ވަނީ ގެއްލިފައެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި މިޔަރު ހަމަލަދީ އޭނާ ރާޅާ އަޅާ ބޯޑުން ވައްޓާލިތަނެވެ. އެއަށްފަހު އޭނާ ވަނީ ކަނޑުގެ އަޑިއަށް ގެއްލިފައެވެ.

ކުޑަކުދިންނަށް ދިމާވާ މިފަދަ ހާދިސާތައް ވަރަށް ހިތާމަވެރިއެވެ. އެއީ ކުޑަކުދިންނަކީ:
- ހަށިގަނޑުން ކުދި ބަޔަކަށްވުން
- ގިނައިން ފެންގަނޑު ތަޅުވައި ހަލަބޮލިކުރުން
- އަޑިން ބަލާއިރު ޒަހަމްވެފައިވާ ސިކާރައަކާ ވައްތަރުވުން
- އަމިއްލަ ނަފުސު ދިފާއުކުރުމުގެ ބާރު ކުޑަވުން
- ކުއްލި ހާލަތްތަކުގައި ބިރުގަނެ ހާސްވުން
ކަނޑުގެ ސަލާމަތްތެރިކަމާ ބެހޭ މާހިރުން އަބަދުވެސް އިންޒާރުދެނީ، މިޔަރު އުޅޭ ސަރަހައްދުތަކުގެ މޫދަށް ނޭރުމަށާއި، ހާއްސަކޮށް ބޮޑެތި މީހުންގެ ބެލުމުގެ ދަށުން ނޫނީ ކުޑަކުދިން އެއްގޮތަކަށްވެސް ނޭރުވުމަށެވެ.
ނިދަންމިޔަރު (Nurse Shark)ގެ ދަތްއެޅުމުގެ ހާދިސާތައް
ނިދަންމިޔަރަކީ ފީނާ މީހުންނަށް ކައިރިވެވޭނެ "ރައްޓެހި" އެއްޗެއްގެ ގޮތުގައި މީސްމީޑިއާގައި ވަރަށް ބޮޑަށް އިސްތިހާރު ކުރެއެވެ. ނަމަވެސް، މީހުން އޭގައި އަތްލާން، ކާންދޭން ނުވަތަ ބުރަކަށީގައި ގިގް ޖަހައިގެން ދާން އުޅުމުގެ ތެރޭގައި ދަތްއަޅައިގެން ބޮޑެތި ޒަހަމްތައް ލިބިފައިވާ ގިނަ ހާދިސާތަކެއް ހިނގާފައިވެއެވެ.

ކެރީބިއަން އަދި ބަހާމާސްއަށް ދިޔަ ބައެއް ފަތުރުވެރިން، ނިދަންމިޔަރަށް ކާނާދޭން އުޅުމުގެ ތެރޭގައި އޮޅުކަމަށް ބެލެވުނު ނިދަން މިޔަރެއް މީހެއްގެ އަތް ވަރަށް ބޮޑަށް ކާލައި، ފުން ޒަހަމްތައް ލިބިފައިވެއެވެ. މި ހާދިސާތަކުން އެނގެނީ މަޑުމައިތިރި ކަމަށް ބެލެވޭ މިޔަރުތައްވެސް ހީނުކުރާ ވަގުތެއްގައި ދަތްއަޅާފާނެ ކަމެވެ.
މިޔަރު އިންސާނުންނަށް ހަމަލާދޭން މެދުވެރިވާ ސަބަބުތައް
މިޔަރަކީ އާންމުކޮށް އިންސާނުން ބޭނުންވެގެން ސިކާރަކުރާ އެއްޗެއް ނޫނެވެ. ނަމަވެސް ހަމަލާތައް ކުރިމަތި ވުމުގައި ތިރީގައިވާ ސަބަބުތައް ހިމެނެއެވެ.
- އޮޅުންއެރުން (Mistaken Identity): ފަތާ ނުވަތަ ރާޅާ އަޅާ މީހަކީ ކޯމަހެއް، ވެލައެއް ނުވަތަ ބަލިވެފައިވާ މަހެއް ކަމަށް މިޔަރަށް ހީވުން.
- އަޖުމަބެލުން (Curiosity): މިޔަރު އެއްޗެހި ދެނެގަންނަނީ އޭގެ އަނގަ ބޭނުންކޮށްގެންނެވެ. ބޮޑު މިޔަރެއް "ޓެސްޓު" ކޮށްލުމުގެ ގޮތުން އަޅާލާ އެއް ދަތަކުންވެސް ބޮޑު ހާނީއްކައެއް ވެދާނެއެވެ.
- ކާނާގެ ޖޯސް (Feeding Response): ލެޔާއި، މަހުގެ ބައިތަކާއި، ބަޑިން މަސް ހިފުމާއި، ނުވަތަ އެން އުކުމުގެ ސަބަބުން މިޔަރުގެ ކާނާގެ ހަރަކާތްތެރިކަން އިންތިހާއަށް އިތުރުވުން.
- ސަރަހައްދު ހިމާޔަތްކުރުން (Territorial Behavior): ބައެއް މިޔަރުތައް އެތަކެތީގެ ސަރަހައްދަށް ވަނުމުން ނުވަތަ ބިރުގަތުމުން ހަރުކަށިވެއެވެ.
- ފެންގަނޑު ނުސާފުވުން (Low Visibility): ފެންގަނޑު ބޯވެ، ސާފުކޮށް ނުފެންނަ ހާލަތްތަކުގައި ނޭނގި ހަމަލާދެވުމުގެ ފުރުސަތުވެސް ބޮޑެވެ.
ކުޑަކުދިންނަށް ނުރައްކާ ބޮޑުވާ ސަބަބުތައް
މާހިރުން ފާހަގަކުރާ ގޮތުގައި މިޔަރާ ދިމާވާ ވަގުތުތަކުގައި ކުޑަކުދިންނަށް އޮންނަ ނުރައްކާ ބޮޑުވަނީ:
- ހަށިގަނޑު ކުޑަވުން: ކުޑަކުދިންގެ ހަށިގަނޑުގެ ސައިޒު، މިޔަރުގެ އާންމު ސިކާރަތަކުގެ ސައިޒާ މާ ބޮޑަށް ވައްތަރުވުން.
- އިންތިޒާމެއްނެތް ހަރަކާތްތައް: ފެންގަނޑު ތަޅުވައި ކިކުޖެހުމުން މިޔަރުގެ ސަމާލުކަން ހޯދުން.
- ބާރު ދެރަވުން: މިޔަރާ ދުރަށް ފަތައިގަތުމުގެ ނުވަތަ ދިފާއުވުމުގެ ބާރު ކުޑަކުދިންގެ ކިބައިގައި ނެތުން.
- ހާސްވުން: ބިރުގަތުމުގެ ސަބަބުން ނުރައްކާ މާ ބޮޑަށް އިތުރުވުން.
- ލޭ ހުސްވުމުގެ ނުރައްކާ ބޮޑުވުން: ކުޑަ ޒަހަމަކުންވެސް ކުޑަކުއްޖެއްގެ ހަށިގަނޑުން ލޭ ހުސްވުން މާ އަވަސްވުން.
މި ސަބަބުތަކަށްޓަކައި، ކަނޑުގެ ސަލާމަތާ ބެހޭ ގިނަ މާހިރުން ލަފާދެނީ މިޔަރު އުޅޭ ސަރަހައްދުތަކުގައި ކުދިން ގޮވައިގެން އުޅޭ އާއިލާތަކުން އިތުރަށް ސަމާލުވުމަށެވެ.
ނަފުސާނީ އަދި ދިރިއުޅުމަށް އަންނަ ބަދަލުތައް
- ގުނަވަންތައް ބުރިކޮށްލަންޖެހުން
- ދާއިމީ ނުކުޅެދުންތެރިކަން
- ނާރުތަކަށް ލިބޭ ހާނީއްކައިގެ ސަބަބުބް ވާވުން
- ދާއިމީ ތަދު
- ނަފުސާނީ ބިރުވެރިކަމާއި (PTSD) ޓްރައުމާ
- މޫދަށް އެރުމަށް ބިރުގަތުން
- ބޭސްފަރުވާއަށް ހިނގާ ބޮޑެތި ހަރަދުތަކުގެ ސަބަބުން މާލީ ދަތިތަކާ ކުރިމަތިވުން
ހަމަލާގެ ސިކާރައަކަށްވާ މީހުންގެ އާއިލާތަކަށް ވެސް ނަފުސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރެއެވެ. އެންމެ ދަތްއެޅުމެއްގެ ސަބަބުން މީހެއްގެ މުޅި ދިރިއުޅުން ދާއިމީކޮށް ބަދަލުވެގެންދެއެވެ.
މީސްމީޑިއާއާއި "ރައްޓެހި މިޔަރު" ގެ ނުރައްކާތެރި އޮއިވަރު (ޓްރެންޑް)
މީސްމީޑިއާގެ ސަބަބުން މިޔަރަކީ އަތްލާން، ބަނޑުގައި ބައްދާލަން ނުވަތަ އެކީގައި ސާދާކޮށް ފަތާލަން ރަނގަޅު އެއްޗެއް ކަމަށް ހީވާ ކުށްހީއެއް ވަނީ އުފެދިފައެވެ. ފަތުރުވެރިން މިޔަރުގެ ފިޔަގަނޑުގައި ހިފައިގެން، ނުވަތަ އަތުން ކާނާދީ، ފޮޓޯނަގަން މިޔަރުތައް ވަށާލައިގެން ތިބޭ ވީޑިއޯތަކުގެ ސަބަބުން ސަލާމަތްތެރިކަމުގެ ދޮގު އިހުސާސެއް ފަހަކަށް އައިސް ވަނީ އުފެދިފައެވެ. ކަނޑުގެ މާހިރުން ތަކުރާރުކޮށް އިންޒާރުދެނީ:
- މިޔަރަކީ އޮޅުކޮށްގެން ގެންގުޅޭ ފަދަ ކިޔަމަންތެރި އެއްޗެއް (Domesticated) ނޫނެވެ.
- އޭގެ އަމަލުތައް ސިކުންތަކުން ބަދަލުވެދާނެއެވެ.
- އިންސާނުންނަށް އާދަވެފައިވާ މިޔަރުތަކުގެ ހިތުން އިންސާނުންނަށް އޮންނަ ބިރު ކެނޑިދާނެއެވެ.
- މިޔަރަށް ކާނާދިނުމުން ނުރައްކާ އިތުރުވެއެވެ.
ޒިންމާދާރު ގިނަ ޑައިވް ސެންޓަރުތަކުން މިޔަރުގައި އަތްލުމާއި އޭގެ ފަހަތުން ދުވުން މަނާކުރެއެވެ.
މާހިރުންގެ ސަލާމަތީ ނަސޭހަތްތައް
ކަނޑުގެ ސަލާމަތްތެރިކަމާ ބެހޭ ޖަމިއްޔާތަކާއި ތަޖުރިބާކާރު ފީނުންތެރިން ލަފާދެނީ:
- މަސްވެރިކަންކުރާ ސަރަހައްދުތަކާ ކައިރީގައި މޫދަށް ނޭރުން: މަހުގެ ލެޔާއި އެންތަކުގެ ސަބަބުން މިޔަރުގެ ހަރަކާތްތެރިކަން އިތުރުވެއެވެ.
- ހެނދުނު އަދި ހަވީރު މޫދަށް ނޭރުން: ގިނަ ބާވަތްތަކުގެ މިޔަރު ކާނާ ހޯދަން މާ ހަލުވިވަނީ އަލި ފަނޑު މި ވަގުތުތަކުގައެވެ.
- އެއްގޮތަކަށްވެސް މިޔަރުގައި އަތްނުލުން: މަޑުން އޮންނަ މިޔަރެއްވެސް އަމިއްލަ ނަފުސު ދިފާއުކުރަން ކުއްލިއަކަށް ހަމަލާދީފާނެއެވެ.
- ބެބުޅުން ހުންނަ ގަހަނާ ނޭޅުން: އޭގެ ސަބަބުން ލިބޭ ދިގު ރިފްލެކްޝަން (އަލި) މަހުގެ ކިލާ ފަދަ އެއްޗަކަށް ހީވެދާނެއެވެ.
- ހަމަހިމޭންކަން އިސްކުރުން: ހާސްވެގެން ތަޅުވައިގަންނަ ހަރަކާތްތަކުގެ ސަބަބުން މިޔަރު ކައިރިއަށް އަތުވެދާނެއެވެ.
- ކުޑަކުދިން ވަރަށް ގާތުން ބެލުން: ކުޑަކުދިން އަބަދުވެސް ތިބެންވާނީ ބޮޑެތި މީހުންގެ އަތްފޯރާ ފަށުގައެވެ.
- އިންޒާރުތަކަށް ބޯލެނބުން: ލައިފްގާޑުން ނުވަތަ ޑައިވް މާހިރުން އިންޒާރެއް ދީފިނަމަ ވަގުތުން އެއަށް އަމަލުކުރާށެވެ.
- ޒިންމާދާރު ޑައިވް ސެންޓަރުތައް ހިޔާރުކުރުން: ރަނގަޅު ސެންޓަރުތަކުން ނުރައްކާތެރި ގޮތްގޮތަށް ކާނާދިނުމާއި މިޔަރުތައް ކޮއް ބާރުބޮޑުކުރުން ފަދަ ކަންކަމެއް ނުކުރާނެއެވެ.
މާހިރުން މީހުންނަށް މޫދަށް ނޭރުމަކަށް ނުބުނެއެވެ. ބަދަލުގައި ބުނަނީ ހޭލުންތެރިކަމާއެކު ސަމާލުވުމަށާއި، ބެލެހެއްޓުމަށާއި، އަދި ނުރައްކާތައް ހަގީގީ ގޮތެއްގައި ދެނެގަތުމަށެވެ.
ހުލާސާ
މި ހުރިހާ ހާދިސާތަކަކުންނާއި ހޯދިފައިހުރި މައުލޫމާތުތަކުގެ އަލީގައި މާހިރުން ތިރީގައިވާ ކަންކަމަށް އަބަދުވެސް ބާރުއަޅާކަން ހަނދާންކުރަން ޖެހެއެވެ:
- މިޔަރަކީ ވަހުސީ ޖަނަވާރުންނެވެ.
- މަޑުމައިތިރި ބާވަތްތައްވެސް ހީނުކުރާ ފަދަ ގޮތަކަށް ދަތްއަޅާފާނެއެވެ.
- ކުޑަކުދިންނަށް މީގެ ނުރައްކާ ވަރަށް ބޮޑެވެ.
- މިޔަރާ މާ ކައިރިވުމަކީ ނުރައްކަލާ ކުރިމަތި ވެދާނެ ކަމެކެވެ.
- މިޔަރަށް ކާންދިނުމާއި އަތްލުމަކީ ގިނަ މާހިރުން މަނާކުރާ ކަންކަމެވެ.

Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online