ފިޗް ރޭޓިންގް އިން ރާއްޖޭގެ ރޭޓިންގް 'ސީސީ' އިން 'ސީސީސީ(މައިނަސް)' އަށް: މާނައަކީ ކޮބާ؟

ޖޫން 04, 2026 - 21:21
އަދާހަމަވެއްޖެ: 1 މަސް ކުރިން
ފިޗް ރޭޓިންގް އިން ރާއްޖޭގެ ރޭޓިންގް 'ސީސީ' އިން 'ސީސީސީ(މައިނަސް)' އަށް: މާނައަކީ ކޮބާ؟

ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަރ ޑިފޯލްޓް ރޭޓިންގް (IDR) 'CC' އިން '-CCC' އަށް ޖައްސައިފިއެވެ. އާންމުގޮތެއްގައި ފިޗް އިން '+CCC' ނުވަތަ އެއަށްވުރެ ދަށް ރޭޓިންގްއެއް ދޭ ގައުމުތަކަށް، އެ ގައުމުތަކުގެ ކުރިމަގުގެ އަންދާޒާ (އައުޓްލުކް) އެއް ކަނޑައެއް ނާޅައެވެ. މިފަހަރުގެ މި ބަދަލުން ދޭހަވަނީ ކޮންކަމެއްކަން ހަބަރުތައް ކިޔާލުމުން ދޭހަވޭތޯއެވެ؟

މި ރޭޓިންގް މަތިކުރުމުން ދައްކައިދެނީ، 2026 އޭޕްރީލް މަހު ރާއްޖެއިން ދައްކަންޖެހުނު ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާ ގުޅިގެން، ދަރަނި ނުދެއްކުމުގެ ނުރައްކާ (ޑިފޯލްޓްވުމުގެ ހިރާސް ނުވަތަ ރިސްކު) ކުޑަވެފައިވާ ކަމަށް ފިޗް އިން ކުރި އަންދާޒާއެވެ.

އެއާއެކު، ފިޗުން ދެކެނީ ރާއްޖޭގައި އާމްދަނީ އިތުރުކުރުމުގެ އިސްލާހުތަކާއި ބޭރު ފައިސާއާއި ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމުން، ބޭރު ފައިސާގެ އާމްދަނީ ހޯދުމަށް ސަރުކާރަށް ލިބޭ ގާބިލުކަން އިތުރުވެގެންދާނެ ކަމެވެ. މީގެ އިތުރުން، ބޭރުގެ ދަރަނި ދެއްކުމަށް ކުރަންޖެހޭ ހޭދަ ކުޑަވުމާއި، ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އެހީތެރިކަން މެދުނުކެނޑި ލިބުމުގެ ފުރުސަތު އިތުރުވުމުގެ ސަބަބުން ކުރިއަށް އޮތް ކުރު މުއްދަތުގައި ފައިސާގެ ދަތިކަމަށް ލުޔެއް ލިބި، ދުރުނޫން މުސްތަގުބަލެއްގައި، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

'-CCC' ރޭޓިންގްއިން ދައްކައިދެނީ ބޭރުގެ މާލީ ނިޒާމާއި ދައުލަތުގެ ބަޖެޓުގައި އަދިވެސް ބޮޑެތި ނާޒުކުކަންތައްތަކެއް ހުރި ކަމެވެ. ދައުލަތުގެ ބަޖެޓް ޑެފިސިޓާއި ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވުމާއި، ދައުލަތުގެ ދަރަނި މަތިވުމާއި، ރިޒާވް ކުޑަވުމުގެ އިތުރުން، އީރާން ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް އައި ލޮޅުމުގެ އަސަރު ރާއްޖެއަށް ބޮޑުވުމާއި، ފަތުރުވެރިކަމުން ލިބޭ އާމްދަނީއަށް ގައުމު މާބޮޑަށް ބަރޯސާވެފައިވުން މި ރޭޓިންގްގައި ފާހަގަކޮށްފައިވެއެވެ.

ރޭޓިންގް ކަނޑައެޅި މައިގަނޑު ސަބަބުތައް

ބޭރު ފައިސާގެ ރިޒާވް ކުޑަވުން:

ސަރުކާރުން ވަނީ އޭޕްރީލް މަހުގެ ކުރީކޮޅު 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއްގެ އަސްލު ފައިސާއާއި، ފަހު ކޫޕަންގެ ގޮތުގައި ދައްކަންޖެހުނު 24.68 މިލިއަން ޑޮލަރު ދައްކާ ހަލާސް ކޮށްފައެވެ. މި ފައިސާ ދެއްކީ ސަވަރިން ޑިވެލޮޕްމަންޓް ފަންޑު (SDF) ގައި ހުރި 350 މިލިއަން ޑޮލަރާއި، ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވުން 175 މިލިއަން ޑޮލަރު އެއްކޮށްލައިގެންނެވެ. މި ފައިސާ ދެއްކުމުގެ ސަބަބުން އެސްޑީއެފްގެ ކޭޝް ބެލެންސް މުޅިން ހުސްވިއެވެ. ނަމަވެސް އޭޕްރީލް މަސް ނިމުނުއިރު އެ ފަންޑަށް ވަނީ 21 މިލިއަން ޑޮލަރު ލިބިފައެވެ. ބޭނުންކުރެވޭ ރިޒާވް 244 މިލިއަން ޑޮލަރަށް ދަށްވެފައިވާއިރު، މީގެ ތެރެއިން 97 މިލިއަން ޑޮލަރު ވަނީ ޑޮލަރުގެ ލިކުއިޑިޓީއަށް އެހީވުމަށްޓަކައި ރާއްޖޭގެ ބޭންކުތަކުގައި ބަހައްޓާފައެވެ. ފިޗްގެ ނަޒަރުގައި، ދުނިޔޭގެ ބާޒާރުގައި ލޯނު ނެގުމުގެ އަގު މަތިވުމުގެ ސަބަބުން، މި ސުކޫކް އައު ދަރަންޏަކަށް ބަދަލު (ރޯލްއޯވަރ) ކުރުމުގެ ފުރުސަތު ސަރުކާރަށް ކުޑަވިއެވެ.

މާރިޗު މަސް ނިމުނުއިރު ޖުމްލަ ރިޒާވްގައި 1.3 ބިލިއަން ޑޮލަރު ހުރި ނަމަވެސް، އޭޕްރީލް މަސް ނިމުނުއިރު އެ އަދަދު 718 މިލިއަން ޑޮލަރަށް ދަށްވެފައި ވެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ހަދާފައިވާ (ކަރަންސީ) ސްވޮޕް އެގްރީމަންޓުގެ ދަށުން ނަގާފައިވާ 400 މިލިއަން ޑޮލަރު އޭޕްރީލް މަހު އަނބުރާ ދައްކާފައެވެ. އަދި ރުޕީ ފެސިލިޓީގެ ދަށުން އިތުރު 30 ބިލިއަން އިންޑިއަން ރުޕީ ނަގާފައެވެ. އެމްއެމްއޭ އިން ވަނީ މި ރުޕީ (311 މިލިއަން ޑޮލަރު) ބޭރުގެ ބޭންކެއްގައި ޑިޕޮސިޓްކޮށްފައެވެ. މި ފައިސާއަކީ ޖުމްލަ ރިޒާވްގެ 43.4 އިންސައްތަ ކަމަށް ވިޔަސް، މިއީ ބޭނުންކުރެވޭ ރިޒާވްގެ ތެރޭގައި ހިމެނޭ ފައިސާއެއް ނޫނެވެ.

ބޭރުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަވުން:

2026 ގެ ފަހުކޮޅުގައި ސަރުކާރުންނާއި ސަރުކާރުގެ ގެރެންޓީއާއެކު ބޭރުގެ ދަރަނީގެ ގޮތުގައި ދައްކަންޖެހެނީ 535 މިލިއަން ޑޮލަރެވެ. މިއީ 2026 ގެ ފުރަތަމަ ބައިގައި ދައްކަންޖެހުނު 1.1 ބިލިއަން ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ. (އޭގެ ދެބައިކުޅަ އެއްބަޔަކީ ސުކޫކް ދެއްކުމެވެ.) އިތުރު ދަރަނިތަކެއް ނުނަގާނަމަ، 2027 ވަނަ އަހަރު ބޭރުގެ ދަރަނި ދައްކަންޖެހޭ އަދަދު މިއަށްވުރެވެސް ދަށްވާނެއެވެ. އަބޫދާބީ ފަންޑާއެކު ވެފައިވާ 100 މިލިއަން ޑޮލަރުގެ ޕްރައިވެޓް ޕްލޭސްމަންޓް ދެއްކުން ވަނީ 2031 އަށް ފަސްކޮށްދީފައެވެ. އަދި ހަކަތައިގެ ރައްކާތެރިކަމަށްޓަކައި، ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް އޮމާންގެ ކްރެޑިޓަރެއްގެ ފަރާތުން 100 މިލިއަން ޑޮލަރުގެ ފަންޑިންގ ފެސިލިޓީއެއް ވަނީ ހޯދާފައެވެ.

ރިޒާވް ކަވަރޭޖް ދަށްވުން:

ލަފާކުރެވޭ ގޮތުގައި 2026 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ ރިޒާވުން ފޫބެއްދޭނީ ބޭރުގެ ޕޭމަންޓްތަކުގެ އެއް މަހަށްވުރެ ކުޑަ މުއްދަތެކެވެ. މިއީ 'B'/'C'/'D' ރޭޓިންގްގެ ގައުމުތަކުގެ މެދުމިންގަނޑު (މީޑިއަން) 3.9 މަހަށްވުރެ މާ ދަށް އަދަދެކެވެ. ދުނިޔޭގެ ހަކަތައިގެ ލޮޅުމާއި ދަތުރުފަތުރަށް އައި ބުރޫތަކުގެ ސަބަބުން، އިމްޕޯޓް ބިލް ބޮޑުވެ، ހިދުމަތްތަކުން ލިބޭ އާމްދަނީ ދަށްވުމާއި ގުޅިގެން، ކަރަންޓް އެކައުންޓް ޑެފިސިޓް (CAD) 2025 ވަނަ އަހަރު ހުރި 8.4 އިންސައްތައިން، 2026 ގައި 17.5 އިންސައްތައަށް މަތިވާނެ ކަމަށް ލަފާކުރެވެއެވެ.

ރާއްޖެއަށް މައިގަނޑުކޮށް ތެޔޮ އެތެރެކުރަނީ އޮމާނުން ކަމަށްވުމުން، ހޮރުމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސީދާ އަސަރު ރާއްޖޭގެ މައިގަނޑު ބަނދަރުތަކަށް ކުރާ މިންވަރު ކުޑައެވެ. އެހެންނަމަވެސް، ވިޔަފާރީގެ ބޮޑެތި ލޮޅުންތަކާއި ޓްރާންސްޕޯޓް ހަރަދު ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރު އަދިވެސް ބޮޑެވެ.

ބޭރުގެ އެހީއަށް ބަރޯސާވުން:

ބައިނަލްއަގުވާމީ މާލީ ބާޒާރުން ލޯނު ނެގުމަކީ ރާއްޖެއަށް ވަރަށް ހަރަދު ބޮޑު ކަމަކަށް ވާތީ، ރަސްމީ (އެކްޓަރނަލް) ކްރެޑިޓަރުންގެ މާލީ އެހީތެރިކަމަށް ސަރުކާރުން ބަރޯސާ ވާންޖެހޭ ޖެހުން، ދެމިއޮންނާނެ ކަމަށް ބެލެވެއެވެ. އައިއެމްއެފްގެ މާލީ އެހީއަކަށް އެދިއްޖެނަމަ، އެ އެހީ ލިބުން ބިނާވާނީ އިތުބާރު ހުރި ފިސްކަލް އިސްލާހުތަކާއި ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ މައްޗަށެވެ. ބޭރު ފައިސާ ހުރި މިންވަރު ދެކޮޅުނުޖެހި އޮތްއޮތުން ދެމިއޮންނާނެ ކަމަށްވެސް ބެލެވެއެވެ. ސަބަބަކީ ބޮޑުވަމުންދާ ކަރަންޓް އެކައުންޓް ޑެފިސިޓާއި އެތެރޭގެ މާލީ ބާޒާރުގައި ދައުރުވާ ފައިސާ އިތުރުވުމުގެ ސަބަބުން، ޑޮލަރުގެ ތާށިކަން ކުރިމަތިވެ، ރަސްމީ ރޭޓާއި ކަޅު ބާޒާރުގެ ރޭޓާ ދެމެދު ބޮޑު ފަރަގެއް އުފެދި، ޑޮލަރުގެ ރޭޓް ހިފެހެއްޓުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވާނެތީއެވެ.

ބަޖެޓް ޑެފިސިޓް ބޮޑުވުން:

2026 ވަނަ އަހަރު ދައުލަތުގެ ބަޖެޓް ޑެފިސިޓް، ރާއްޖޭގެ ޖީޑީޕީގެ 14.6 އިންސައްތައަށް ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ. (2025 ގައި މިއީ 2.9 އިންސައްތައެވެ). މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 7.1 އިންސައްތައަށްވުރެ ދެގުނަ ބޮޑު އަދަދެކެވެ. މިއީ ފަތުރުވެރިކަމުގެ އާމްދަނީ ދަށްވުމާއި، ހަކަތައިގެ ސަބްސިޑީއަށް ހިނގާ ހަރަދު ބޮޑުވުމާއި، ކެޕިޓަލް ހަރަދުތައް އިތުރުވުމުގެ ސަބަބުން ނުވެ ނުދާނެ ކަމެއް ކަމަށް ބެލެވެއެވެ. މި ޑެފިސިޓް ފޫބެއްދުމަށް ސަރުކާރުން، އެތެރޭގެ މާލީ ބާޒާރަށް ބަރޯސާވާނެ ކަމަށް ބެލެވުނަސް، ބޭންކުތަކަށް ސަރުކާރުގެ އިތުރު ދަރަނި ނެގުމުގެ ގާބިލުކަން ކުޑަވުމުން، އެތެރޭގެ ރީފައިނޭންސިންގް މައްސަލަތައް ބޮޑުވެދާނެ ކަމަށްވެސް ބެލެވެ އެވެ.

ދައުލަތުގެ ދަރަނި މަތިވުން:

2027 ވަނަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނި، ޖީޑީޕީގެ 119.2 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މިއީ 'B'/'C'/'D' ރޭޓިންގްގެ ގައުމުތަކުގެ މެދުމިންގަނޑު (61.8 އިންސައްތަ) އާއި އަޅާބަލާއިރު ދެގުނަ ބޮޑު އަދަދެކެވެ. ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް މަދުވުމުގެ ސަބަބުން ދަރަނީގެ ނިސްބަތް މަތިވަމުންދާނެއެވެ. އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އިތުރުވެ، އެހެން ގައުމުތަކަށްވުރެ ބޮޑުތަނުން މަތީގައި ހުންނާނެއެވެ. 2025 ގައި ސަރުކާރުގެ ގެރެންޓީއާއެކު ދޫކޮށްފައިވާ ދަރަނި ހުރީ ޖީޑީޕީގެ 17.1 އިންސައްތައިގައެވެ. ދައުލަތުގެ އެންމެ ބޮޑު ބޭންކު (ބީއެމްއެލް) އިން ސަރުކާރުގެ ގެރެންޓީއާއެކު 300 މިލިއަން ޑޮލަރުގެ ސުކޫކެއް ނެރުމަށް މަސައްކަތް ކުރަމުންދާތީ، ގެރެންޓީ ދީފައިވާ ދަރަނީގެ ނިސްބަތް އިތުރަށް މަތިވާނެ ކަމަށްވެސް ބެލެވެ އެވެ.

ކުރު މުއްދަތުން ކުރިއެރުމުގެ އުއްމީދު ނެތުން:

ދިގު ދަތުރުތައް ކުރާ، އަދި ހަރަދު ބޮޑުކޮށް އުޅޭ ފަތުރުވެރިން އަންނަ މިންވަރު މަޑުމަޑުން ރަނގަޅުވަމުންގޮސް، 2027 ގައި އިގްތިސާދީ ކުރިއެރުން 4.5 އިންސައްތައަށް އިއާދަވުމުގެ ކުރިން، ކުރިއަށް އޮތް ތަނުގައި ކުރިއެރުން ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ބެލެވެއެވެ. ދިގުލައިގެންދާ ހަނގުރާމައާއި ދަތުރުފަތުރުގެ ޑިމާންޑް ދަށްވުމަކީ ކުރު މުއްދަތުގެ ކުރިއެރުމަށް އޮތް ބޮޑު ހުރަހެކެވެ. ނަމަވެސް، އެއާޕޯޓް ބޮޑުކުރުމާއި، އައު ރިސޯޓުތަކާއި ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗަރއަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން މެދުރާސްތާގެ ކުރިއެރުން އިތުރުވެ ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ. އެހެންނަމަވެސް، ގުދުރަތީ ފަތުރުވެރިކަމަށް ބަރޯސާވާތީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ރާއްޖެއަށް ބޮޑުވެ، ގައުމުގެ ކްރެޑިޓް ޕްރޮފައިލަށް ދިގު މުއްދަތުގެ ހުރަސްތަކެއް ކުރިމަތިވުމުގެ ފުރުސަތުވެސް ކުޑައެއް ނޫނެވެ.

އީ.އެސް.ޖީ - ގަވަރނަންސް (ހިންގުން):

ސިޔާސީ ހަމަޖެހުމާއި ހައްގުތަކުގެ ދާއިރާއިންނާއި، ގާނޫނުގެ އިސްވެރިކަމާއި، މުއައްސަސާތަކުގެ ފެންވަރާއި ފަސާދަ (ކޮރަޕްޝަން) ކޮންޓްރޯލްކުރުމުގެ ދާއިރާއިން ރާއްޖޭގެ މިންގަނޑަކީ އަކީ '5' އެވެ. މި މިންގަނޑު (ސްކޯ) ތަކުން ދައްކައިދެނީ ވޯލްޑް ބޭންކް ގަވަރނަންސް އިންޑިކޭޓަރސްގެ ނަތީޖާ، ފިޗްގެ ސަވަރިން ރޭޓިންގް މޮޑެލްގައި ބޮޑު ދައުރެއް އަދާކުރާ ކަމެވެ. ރާއްޖެ އޮތީ 43 ވަނަ ޕަސެންޓައިލްގެ މެދު މިންގަނޑެއްގައެވެ. މިއީ ފަހަކަށް އައިސް އޮމާންކަމާއެކު ސިޔާސީ ބާރުތައް ބަދަލުވުމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ މެދު މިންވަރެއްގެ ހައްގުތަކާއި، މުއައްސަސާތަކުގެ ގާބިލުކަމާއި، ފަސާދަ އަދި ގާނޫނުގެ އިސްވެރިކަން ހުރި ގޮތް ދައްކައިދޭ ކަމެކެވެ.

ރޭޓިންގް ބަދަލުވެދާނެ ސަބަބުތައް

ރޭޓިންގް ދަށްވެދާނެ ސަބަބުތައް:

  • ބޭރުގެ މާލީ ހާލަތު: ބޭރުގެ މާލީ އެހީތެރިކަން ލިބުމުގެ ފުރުސަތު ހަނިވުމާއި، ރިޒާވް ހުސްވުމުގެ ސަބަބުން ދަރަނި ނުދެއްކުމުގެ ފުރުސަތު ބޮޑުވުން، ނުވަތަ ރިޒާވްގެ ދަތިކަމުން ސަލާމަތްވުމަށްޓަކައި ބޭރުގެ ދަރަނި ދެއްކުމުގެ ސައުގުވެރިކަން ކުޑަވުން.
  • ދައުލަތުގެ މާލިއްޔާ: ދަރަނި ދެއްކުމަށް ނުކުޅެދުން، ނުވަތަ އަމިއްލައަށް ދަރަނި ދެއްކުން ފަސްކުރުން (Moratorium)، ނުވަތަ ދަރަނި އަލުން ރީސްޓްރަކްޗަރ ކުރަން ރަސްމީކޮށް މަސްވަރާ ފެށުން - މިފަދަ ކަންކަން ފިޗް އިން ބަލާނީ ދަރަނި ނުދެއްކުން (ޑިފޯލްޓް ވުން)ކަމުގައެވެ.

ރޭޓިންގް މަތިވެދާނެ ސަބަބުތައް:

ބޭރުގެ މާލީ ހާލަތު: ބޭރުން ފައިސާ ހޯދުމުގެ ގާބިލުކަން ވަރުގަދަވުމާއި ރިޒާވް އިތުރުވުން. މިސާލަކަށް، ބޭރު ފައިސާގެ ރިޒާވް ދާއިމީ ގޮތެއްގައި އިތުރުވާނެ ފަދަ ސިޔާސަތުތަކެއް ގާއިމުކުރުން ނުވަތަ ބޭރުގެ މާލީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ލިބުން.

ދައުލަތުގެ މާލިއްޔާ: އިތުބާރު ހުރި ފިސްކަލް އިސްލާހުތައް ތަންފީޒުކުރުމުގައި ބޮޑު ކުރިއެރުމެއް ހޯދައި، މެދުތެރޭ މުއްދަތެއްގައި ދައުލަތުގެ ދަރަނި ދަށްވާނެ މަގަކަށް ކަންކަން ބަދަލުކުރުން.

ސަވަރިން ރޭޓިންގް މޮޑެލް (SRM) އާއި ކޮލިޓޭޓިވް އޯވަރލޭ (QO)

ފިޗްގެ އެސްއާރްއެމް މޮޑެލްއިން ރާއްޖެއަށް ދައްކަނީ '+CCC' ގެ ރޭޓިންގްއެކެވެ. އެހެންނަމަވެސް، ރޭޓިންގް ކްރައިޓީރިއާއާ އެއްގޮތްވާ ގޮތުގެ މަތިން، ފިޗްގެ ސަވަރިން ރޭޓިންގް ކޮމިޓީއިން މިފަހަރު ރޭޓިންގް ކަނޑައެޅުމުގައި، އެސްއާރްއެމް އަދި ކިއުއޯ ބޭނުންކޮށްފައެއް ނުވެއެވެ. '+CCC' އަދި އެއަށްވުރެ ދަށް ރޭޓިންގްތައް ކަނޑައަޅަނީ ސީދާ ރޭޓިންގްގެ މާނަކުރުންތަކަށް ބަލައިގެންނެވެ.

ދަރަނީގެ ވަސީލަތްތައް

ފިޗް އިން މިވަގުތު ރާއްޖޭގެ އެއްވެސް ވަކި ދަރަނީގެ ވަސީލަތަކަށް (ބޮންޑު ނުވަތަ ސުކޫކަކަށް) ރޭޓިންގްއެއް ދީފައެއް ނުވެއެވެ.

އިގްތިސޯދީ ފަންގިފިލާ (ކަންޓްރީ ސީލިންގް)

ދިވެހިރާއްޖޭގެ ކަންޓްރީ ސީލިންގް އަކީ '-B' އެވެ. '+CCC' ނުވަތަ އެއަށްވުރެ ދަށް ރޭޓިންގް ލިބޭ ގައުމުތަކުގެ ކަންޓްރީ ސީލިންގް ކަނޑައެޅުމުގައި ފިޗް އިން ފަށާ ހިސާބަކީ '+CCC' އެވެ. ފިޗްގެ މޮޑެލްއިން 1 ދަރަޖައިގެ ކުރިއެރުމެއް ދެއްކި ނަމަވެސް، ކޮމިޓީއިން އެއަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

މޫސުމީ ނާޒުކުކަމުގެ ސިގްނަލްތައް

2035 ވަނަ އަހަރަށް ބަލާއިރު ރާއްޖޭގެ މޫސުމީ ނާޒުކުކަމުގެ ސިގްނަލް ހުރީ 50 ގައެވެ. މިއީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފަރުތައް ހުދުވުމާއި (ކޮރަލް ބްލީޗިންގ) އަދި މޫސުމީ ކާރިސާތަކަށް ގައުމު ހުށަހެޅިފައިވާ މިންވަރު ބޮޑުވުމުން ދައްކާ އަދަދެކެވެ. ނަމަވެސް، މިކަމަށް ނަގާނެ ދިގު މުއްދަތާއި އޭގެ އަސަރުތަކުގެ ނުކަށަވަރު ކަމުން، މިހާރުގެ ރޭޓިންގައި އެކަންކަން ފިޗް އިން ހިމަނާފައެއް ނުވެއެވެ.

އީ.އެސް.ޖީ އަށް ރިއާޔަތްކުރި ގޮތް

  • ރާއްޖޭގެ ސިޔާސީ ހަމަޖެހުމާއި އަސާސީ ހައްގުތަކުގެ ދަރަޖަ 5 ގައި ހުރުމުން، ވޯލްޑް ބޭންކުގެ އިންޑިކޭޓަރުތަކަށް ބަލާއިރު ރާއްޖެ އޮތީ 50 ޕަސެންޓައިލްއަށްވުރެ ދަށުގައި ކަމަށްވާތީ، މިއީ ރޭޓިންގްއަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ.
  • ގާނޫނުގެ އިސްވެރިކަމާއި ކޮރަޕްޝަން ކޮންޓްރޯލްކުރުމުގެ ދަރަޖަ ހުރީ 5 ގައި ކަމަށް ވުމުން، މިއީވެސް 50 ޕަސެންޓައިލްއަށްވުރެ ދަށުގައި ހުރުމުން ކްރެޑިޓް ޕްރޮފައިލަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ.
  • އިންސާނީ ހައްގުތަކާއި ސިޔާސީ މިނިވަންކަމުގެ ދަރަޖަ 4 ގައި ހުރުމުން، ވޯލްޑް ބޭންކުގެ 'ބަސްބުނުމުގެ މިނިވަންކަމާއި ޒިންމާދާރު ކުރުވުމުގެ' ބައިގެ ރޭޓިންގް 50 ޕަސެންޓައިލްއަށްވުރެ ދަށްވުމުން މާލީ ހާލަތަށް މީގެ ނޭދެވޭ އަސަރު ކުރެއެވެ.
  • ކްރެޑިޓަރުންގެ ހައްގުތައް ހުރީ 4 ވަނަ ދަރަޖައިގައި ކަމަށް ވުމުން، ދަރަނި ދެއްކުމުގެ ސައުގުވެރިކަމަށް ބަލާއިރު، 2020 ވަނަ އަހަރު ދައުލަތުގެ ދަރަނި ރީސްޓްރަކްޗަރ ކޮށްފައިވާތީ، މިއީ ކްރެޑިޓް ޕްރޮފައިލަށް ނޭދެވޭ އަސަރު ފޯރުވާ ކަމެކެވެ.