ރާއްޖޭގެ ކްރެޑިޓް ރޭޓިން އަނެއްކާވެސް ދަށްވެއްޖެ

މިއީ މި އަހަރު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރި ދެވަނަ ފަހަރު!

އޮގަސްޓް 29, 2024 - 15:33
 0
ރާއްޖޭގެ ކްރެޑިޓް ރޭޓިން އަނެއްކާވެސް ދަށްވެއްޖެ

ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން އަނެއްކާވެސް ދަށްކޮށްފިއެވެ.

ދަރަނި ނުދެއްކިދާނެ ކަމުގެ ހިރާސް (ނުވަތަ ރިސްކު) އިންތިހާއަށް ބޮޑު ކަމަށް ބަލައި ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން "ސީސީ" އަށް ދަށްކޮށްފައި މިވަނީ، ހަމަ މިއަހަރު ޖޫން މަހު އެ އޭޖެންސީން  ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަން "ސީސީސީ ޕްލަސް" އަށް ދަށްކުރުމަށްފަހު، 3 މަސްދުވަސް ވެސް ނުވަނީސް ދެވަނަ ފަހަރަށެވެ. އެ ފަހަރު ފިޗުން ވަނީ ފާއިތުވި ދެ އަހަރު "ބީ ނެގެޓިވް" (މިހާރު ދަށްކުރި "ސީސީ" ގެ 3 ހަރުފަތް މަތީ) ގައި ހުރުމަށް ފަހުއެވެ.

ފިޗު ރޭޓިންއަށް އާއްމުކޮށް ބަދަލުގެންނަނީ ނޫނީ "ރޭޓިން ރިވިޝަން" އެއް ގެންނަނީ އަހަރަކު އެއްފަހަރު ކަމަށްވިޔަސް، މިއީ މިހާ ކައިރިކައިރީގައި ޑައުންވޯޑް ރޭޓިން ރިވިޝަނެއް ގެނައި ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކޮށްލުމާއި އެކު، ރޭޓިން ދަށްކުރި ސަބަބުތަކުގެ ގޮތުގައި ކުރިން (ޖޫންމަހުގެ ރޭޓިން) އެކޭ  އެއް ފަދައިން ރާއްޖޭގެ ހަޒާނާތައް އިންތިހާއަށް ދަށްވެ މަދުވުމާއި ބޭރުގެ ދަަރަނި އަދާކުރަން ހުރި ހިރާސްތައް، ހާއްސަކޮށް މި އަހަރުގެ ފަހު 3 މަހު (ފަހު ކުއާޓަރާއި) ކުރިއަށް އޮތް ދެ އަހަރުން ދަައްކަން ހުރި ބޮޑެތި ދަރަނިތައް ފާހަގަކޮށްފައިވެއެވެ.

ފިޗުގެ ރިޕޯޓުގައި ވާގޮތުން، މި އަހަރުގެ މޭ މަހު 492 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ޖުމްލަ ބޭރު ފައިސާގެ ހަޒާނާއިން، މި އަހަރުގެ ޖުލައި މަހު ގާތްގަނޑަކަށް 20 އިންސައްތަ ދަށަށް ގޮސް، 395 މިލިއަން ޑޮލަރަށް ވަނީ ދަށްވެފައެވެ. ފިޗުން ވަނީ ރާއްޖޭގެ ބޭރުގެ ދަރަނި އަންނަ އަހަރު 557 މިލިއަން ޑޮލަރަށް މައްޗަށްގޮސް، އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކޮށްފައެވެ. އޭގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއްވެސް ހިމެނެއެވެ.

ފިޗުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ބޭރު ފައިސާގެ ދަތިކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެސް ދެމިއޮންނާނެ އެވެ. މީގެ މަައިގަނޑު ސަބަބެއްގެ ގޮތުގައި ޕަބްލިކް އިންވެސްޓްމަންޓް އިތުރުވުމާއި ރާއްޖޭން އިމްޕޯޓަށް ކުރާ ހަރަދުތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރަމުން ގެންދަން ޖެހޭތީއާއި، އެކަންކަމާއި ގުޅިގެން ޑޮލަރުގެ ބޮޑު ތާށީކަމެއް އައިސް ޕެރެލަލް މާކެޓް (ނުވަތަ ކަޅު ބާޒާރާއި) ރަސްމީ ހަޒާނާ (ރިޒާވް) އަށްވެސް ޕްރެސަރު ބޮޑުވެ، ބޭންކިން ނިޒާމަށް ވެސް މީގެ ނުރަނގަޅު އަސަރުކޮށްފައިވާ ކަމަށް ފިޗުގެ ރޭޓިން ރިޕޯޓުގައިވެ އެވެ.

އޭގެ އިތުރުން ބޭރު ގައުމުތަކުން އެހީ ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަން ވެސް ފިޗުން ފާހަގަކޮށްފައިވެ އެވެ.

ފިޗްގެ ރިޕޯޓްގައި މިހާރުގެ މާލީ ހާލަތު ބަދަލުކުރުމަށް ރާއްޖެއަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި؛ ސްޓްރެޓެޖިކް ބައިލޭޓަރަލް ޕާޓްނަރުންނާ އެކު ޑޮލަރުގެ ބަދަލުގައި އެ ގައުމުތަކުގެ ފައިސާއިން މުއާމަލާތްކުރަން އެއްބަސްވުން ހެދުމަކީ ވެސް ބޭރުގެ މާލީއެހީ ރާއްޖެއަށް ލިބުމަށް މަގުފަހިވާނެ ކަމެއްކަމާއި، އިގުތިސާދު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން ފިސްކަލް ސްޓްރެޓަޖީއެއް އެކުލަވައިލާ ތަންފީޒުކުރުމުން، ބޭރުގެ މާލީ އެހީ ލިބުމުގެ ފުރުސަތު ބޮޑުކަން ހާމަކޮށްފައިވެއެވެ.

މިކަން ނުކުރެވޭ ހާލަތުގައި ދެން އޮންނާނީ އައިއެމްއެފް އާއި އެހެން މަލްޓިލެޓަރަލް އެހީދޭ ޖަމިއްޔާތަކާއެކީ ދަރަނި ރީސްޓްރަކްޗާ ކުރުން ކަމަށް އެ އެޖެންސީން ބުނެފައިވެ އެވެ.

ފިޗުން މިގޮތަށް ބަޔާން ކުރިއިރު، މި މަސައްކަތްތައް ކުރަމުންދާކަން ސަރުކާރުންވަނީ ހާމަކޮށްފައެވެ. މިގޮތުން، މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓެޖީ އެކަށައަޅައި މަޖިލީހަށް ހުށައަޅައި ތަންފީޒުކުރަން ފަށާފައިވާކަމަށާާއި، އިންޑިއާ އަދި ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ރޯލްއޯވާ (ލަސް) ކޮށްދެމުންދާކަން ވެސް ހާމަކޮށްފައިވެއެވެ.

ސަރުކާރުގެ މެދު ރާސްތާގެ ފައިނޭންސިން ޕްލޭނާ އެއް ގޮތަށް ފައިސާ ލިބިދާނެ ކަމާ މެދު ވެސް ފިޗުން ސުވާލު އުފައްދާފައިވެ އެވެ. އޭގެ ތެރޭގައި އަންނަ އަހަރު ދަައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ރީފައިނޭންސް ކުރުމާއި ސޮވްރިން ޑިވެލޮޕްމަންޓު ފަންޑުން 200 މިލިއަން ހަރަދުކޮށްގެން 2026 ގައި އެ ސުކޫކަށް 200 މިލިއަން ޑޮލަރު ދައްކަން ހުރި ގޮންޖެހުންތައް ފިޗުން ފާހަގަކުރި އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް މި ދަރަނި އިތުރުވަމުން ދާނެ ކަމާއި، މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފިޗުން ފާހަަގަކުރީ (ސަރުކާރުގެ) މެދު ރާސްތާގެ ފިސްކަލް އިސްތިރާޖު (ނުވަތަ ސްޓްރެޓަޖީ) ގައި އޮތް ގޮތަށް ހަރަދުތައް ކުޑަނުކުރެވުމެވެ.