ދޮގުހެދުމާއި ފަސާދަކުރުމުގެ ނަތީޖާ ރަނގަޅުވެ ފޮނިމީރުވާނެބާ؟
ދިވެހިރާއްޖޭގައި ސިޔާސީ ހަނގުރާމައެއްގެ އަލިފާން ރޯވަމުން ދާކަމަށް ސިޔާސީ މުފައްކިރުން ބުނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެނބުރެމުން ސެނބުރެމުންދާ ސިޔާސީންގެ ބަސްމަގާއި އަމަލުތަކުގެ ސަބަބުން އެމީހުންނާއި ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކަތަކާއި، އެކަންކަމުގެ ހިތި ނަތީޖާގެ ރަހަ ކަރުބުޑަށް ވަންނަމުންދަނީ ހީކުރިވަރަށްވުރެ ގަދަކޮށް މާއަވަހަށެވެ.
ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ މަގާމުތަކުގައި ތިބި ބައެއް މީހުންނާއި އިދާރާތަކުގެ ބައެއް ވެރިންވެސް ވަނީ ދިވެހިރާއްޖެއާއި ބޭރު ދުނިޔެއާއި ދެމެދު އޮންނަ ގުޅުންތަކަށް ނޭދެވޭ ބޮޑަތި އަސަރުތައް ކޮށްފާނެ ކަމަށް ބެލެވޭ އެތައް ކަމެއްގެ މެދުތެރެއަށް ވަދެގަނެފައެވެ. ނަންބަރު މަތިކުރާން ނުވަތަ މެޑަލް ޖެހުމުގެ އަމިއްލަ އެދުމުން ތަތްތެޅިފައިވާ ނުތާހިރު ސިޔާސީ މަގުސަދުތަކަށްޓަކައެވެ.
އިންޑިއާ އެކަންޏެއް ނޫނެވެ، ބޭރުގެ އެހެންވެސް އެތަކެއް ގައުމުތަކަކާއި ގުޅޭގޮތުން ދޮގު މައުލޫމާތާއި ފަސާދަވެރި ޕްރޮޕެގަންޑާ ފަތުރައި، ގައުމުގައި ހަލަބޮލިކަން އުފެދި، ހޫނު ބަހުސްތަކާއި ކުރިން އަމްދުން ވެފައިނެތް ބައިބައިވުންތައް އުފެދި ދަނީ އިތުރުވަމުންނެވެ. އެފަދަ ފަރާތްތަކުން މީސްމީޑިއާ އާއި އާންމު ތަގުރީރުތަކުގައި ގަސްތުގައި ދޮގު މައުލޫމާތު ފަތުރައި، ދޭދޭ ގައުމުތަކާއި މި ސަރަހައްދުގެ ބައެއް އެހެން ގައުމުތަކުގެ މަގްސަދުތަކާއި މެދު އޮޅުވާލައި ފަސާދަ އުފައްދަމުން ދާ ދިއުމުގެ ނަތީޖާ ގައިމުވެސް ރަނގަޅެއް ނުވާނެއެވެ.
މި ކަންކަމުގެ ސަބަބުން އިދިކޮޅު ނުވަތަ ދިރާސީ ނަޒަރަކުން އެކަންކަންމަށް ވިސްނާ ފަރާތްތަކުގެ ކަންބޮޑުވުންތައް ނުހަނު އުފެދިފައި ވީއިރު، (އެކަންކަމާއި) އެއްކޮޅު ފަރާތްތަކުން ތަކުރާރުކޮށް ކެނޑިނޭޅި އެކަން ދިފާއު ކުރުމަށްވުރެ ބޮޑަށް އެކަންކަން ޕްރޮމޯޓުކޮށް ތައުރީފު ކުރަމުންދާ ދިއުމުގެ ނަތީޖާއެއްގެ ގޮތުން އާއްމު ރައްޔިތުމީހާ ހުންނާން ޖެހިފައި މިވަނީ "ވާނުވާ" ގައެވެ. ސިޔާސީ ހެވެއް ނުބައެއް ނޭނގޭ ހާލުގައެވެ.
(ހަމައިގައި ތިބި) މީހުންގެ ކަންބޮޑު ވުމަކީ، ތެދު ދޮގު ނޭނގޭ ވާހަކަތަކާއި ހަރަކާތްތަކުގެ ސަބަބުން ދޭދޭ ގައުމުތަކުގެ މެދުގައި އެތަކެއް އަހަރުތަކަކުން ބިނާކޮށް އެތަކެއް ޒަމާންތަކަކަށް ދިގުދެމި ގޮސްފައިވާ އިތުބާރާއި ހެޔޮ އެދުމަށް އޭގެ ސަބަބުން ހީނަރުކަން އަންނަމުން ދާތީއެވެ. އުފެއްދި ހަމަނުޖެހުންތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުގެބޮޑުކަމާއި، ތެދު ދޮގު ނޭނގޭ މައުލޫމާތުގެ ސަބަބުން އަށަގަންނަ ޒާތީ ތައައްސުބާއި އޮޅުންތަކަކީ ދިވެހި ރައްޔިތުންގެ މެދުގައިވެސް ދޭދޭ ގައުމުތަކާއި ދޭތެރޭވެސް ދެކޮޅު ސުއޫރުތައް އުފެދެމުންދާ ސަބަބަކަށް ވާތީއެވެ. އިތުބާރު ގެއްލިފައިވާ މާހައުލެއްގައި އުފެއްދި ފަސާދައިގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް މުހިންމު އެތަކެއް އެއްބަސްވުންތަކަކާއި މަސްރޫއުތަކަކަށް ލޮޅުންއަރައި ހުއްޓެމުންދާތީއެވެ.
މި ހާލަތު ކުރިއަށްދާއިރު، މި ތުހުމަތުތަކާމެދު ފާޑުވެރި ނަޒަރަކުން ވިސްނުމަކީ ވަރަށް މުހިންމު ކަމެކެވެ. މީސްމީޑިއާއަކީ ދޮގު މައުލޫމާތު އުފައްދައި ފަތުރަން ފަސޭހަ ތަނަކަށް ވީއިރު، އެއްވެސް ވާހަކައެއް ނުވަތަ ފެންނަހާ އެއްޗެއް ހިއްސާކޮށް، އިތުރަށް ފެތުރުމުގެ ކުރިން އެ ކަމެއްގެ ތެދު/ދޮގު ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނުވާނަމަ އެ ވާހަކައެއް ނުވަތަ އެކަމަކުން ބަރީއަވުން މުހިއްމެވެ. މެހެމާންދާރީއާއި ސުލްހަވެރިކަމަށް ލޯބިކުރާ އެކަމަށް މަސްހޫރު އަޅުގަނޑުމެންގެ ދިވެހިރާއްޖެ، ނަސްލުތަކާއި ސަގާފަތްތައް ގުޅުވައިދޭ ފާލަމެއްގެ ގޮތުގައި އޮވެ، ސަރަހައްދީ ހަމަޖެހުމުގެ ތަރާދުގެ ނަމޫނާއެއްގެ ގޮތުގައި ދެމިއޮތުމުން ލިބޭ ފައިދާއާއި މަންފާ މާބޮޑުތަނުން އިތުރުވާނެކަން ދަންނާންޖެހެއެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online