ތައުލިީމީ ފަލްސަފާ، ދުރޫސުލް އަހްލާގު އަދި މަންހަޖު
އުނގަންނައިދިނުމުގެ ހުރިހާ މަރުހަލާއެއްގައި، މައުލުމާތާއި ހުނަރު އަދި ސިފައެއް ހަރުލެއްވޭނެ ގޮތްތައް ހިމެނުން މުހިއްމުވަނީ ކީއްވެ؟
ތައުލީމީ ފަލްސަފާއެއްގައި އުނގަންނައިދިނުން ބިނާވާން ޖެހޭނީ ހަރަކާތްތެރި ތަޖުރިބާތަކެއްގެތެރެއިން ލިބިދޭ އާ މައުލޫމާތުތައް ބޭނުން ހިފޭނެ ގޮތަކަށެވެ. ހަމައެއާއެކު ކިޔަވައިދޭ މުދައްރިސް ވާންޖެހޭނީ އެއިރެއްގައި ކިޔަވާދޭ ކުލާހުގައި ތިބޭ ދަރިވަރުންގެ ވިސްނުމުގެ މަރުހަލާތައް އެނގިގެން، ދަރިވަރުންގެ މެދުގައި އިޖުތިމާއީ ގުޅުން ވަރުގަދަކޮށް ހަގީގީ ކަންކަމުގެ ތެރެއިން ތަޖުރިބާގެ އަލީގައި ވިސްނުން ކުރިއެރުވުމަށް އެހީވެދޭ މީހެއްގެ ގޮތުގައެވެ.
ހަމައެއާއެކު އުނގަންނައިދިނުން ހަރުދަނާ ކުރުމަށް، ދަރިވަރުން އެކަނި ހައްލުކުރަން ނުވަތަ ކުރިއަށް ދިއުމަށް އުނދަގޫވާ މައްސަލަތައް ހައްލުކުރުމުގައި، އެހެންމީހުންގެ އެހީތެރިކަން ބޭނުންކޮށްގެން ހައްލުކޮށް ދަސްކުރެވޭނެ ގޮތްތައް ފަހިކޮށްދިނުމާއެކު، އުނދަގޫއެއްޗެއް އޮޅުންފިލުވައިދިނުމުގައި ދަރިވަރުންގެ ވިސްނުމުގެ މިންގަނޑު ހުރި މިންވަރަކަށް ފިލާވަޅު ބަދަލުކޮށްގެން ކިޔަވައިދޭން ޖެހެއެެވެ. ރަނގަޅު އުނގަންނައިދިނުމެއްގައި ދަރިވަރުންގެ ކިބައިން ފެންނަމުންދާ ރަނގަޅުސިފަތައް ފާހަގަކުރުމާއެކު، އެކުދިން އަބަދުވެސް ރަނގަޅު އަހްލާގުގައި ދެމިތިބުމަށް ތަރުހީބު ދޭންޖެހެއެވެ. އުނގަންނައިދިނުމުގެ ތެރޭގައި ދަރިވަރުން އުޅެ ބޮޑުވާ މާހަލުން ގަބޫލުކުރާ ކުރުންތަަކާއި، ދީނާއި ސަގާފަތުގެ ތެރެއިން އަގީދާ ވަރުގަދަކޮށް ދީނީ ކަންތައްތަކަށް އިސްކަންދީ، އެކަންކަން ކުރުމަށް ސައުގު އުފެދިފައިވާ ދަރިވަރުން ބިނާކުރަން ޖެހެއެވެ. އުނގަންނައިދޭ އެއްޗެއް ވަޒަން ކުރުމުގައި އިންތިހާނު ތަކުގައި ދެވޭ ބައިތައް، ދަސްވެފައިވާ އެއްޗަކުން އެނގިހުރި މައުލޫމާތާއި، ލިބިހުރި ހުނަރަކާއި، ހަރުލާފައިވާ ސިފަ ވަޒަން ކުރެވިގެން ދާގޮތަށް ބައްޓަން ކުރަންޖެހެއެވެ.
ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައިވެސް ކަމެއް ކާމިޔާބަކާއި ހަމައަށް ގެންދިއުމަށް، ފަންނުވެރިކަމަކާއި ވަކި ހަމަތަކެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް ވިސްނަންޖެހެއެވެ. ދަރިވަރުން ބައްޓަންކުރުމުގައި ތަފާތު ހުނަރުތައް އުނގަންނައިދޭން ޖެހެއެވެ. އެގޮތުން އިލްމީ ފަލްސަފާތަކުގެ ތެރެއިން އަޅުގަނޑުމެން ކަނޑައަޅާ ގޮތްތަކެއް އެންމެ އެދެވޭ ގޮތެއްގައި ބޭނުން ކުރެވިއްޖެނަމަ، ކާމިޔާބީއާއި ކުރިއެރުން ދަރިވަރުންނަށް ހޯދައި ދެވިދާނެ އެވެ.
އުނގަންނައި ދިނުމަށް ޓަކައި ކުރިމަތިލާ އިރު، ދަރިވަރުން ކުރިއަރުވާ ތަރުބިއްޔަތު ކުރުމަށް (އެތަނެއްގެ ނުވަތަ ތައުލީމު ކުރިއެރުވުމަށް ކަނޑައެޅިފައިވާ) ގައުމީ ފަލްސަފާއަކީ ހާއްސަ އިސްކަމެއް ދީގެން ބޭނުންހިފަން ޖެހޭނެ އެއް ހަތިޔާރެވެ.
ދަރިވަރުން ވަކިގޮތަކަށް ހާނާ ބައްޓަން ކުރުމަށްޓަކައި އެކުދިންގެ ސުލޫކާއި އަހްލާގު ހެޔޮމަގުގައި ބެހެއްޓުމަށް، ރިވެތި ރަނގަޅުގޮތުގައި މުއާމަލާތް ކުރުން މުހިއްމެވެ. ހަމައެއާއެކު ދަރިވަރުންގެ ކިބައިގައި ހަރުލާފައިވާ ނުރަނގަޅު ސިފަތައް އިސްލާހުކޮށްލުމަށް، ދަރިވަރުން ގަބޫލުކުރާ (ހަރުދަނާ) އުސޫލުތައް ދެނެގަނެ، އެ އުސޫލުތަކުން ފެށިދާނެއެވެ. ދަރިވަރުންގެ ސުލޫކަށް ރަނގަޅު ހެޔޮބަދަލެއް ގެނެވޭނީ ހިތްވަރު ދިނުމުގެ ގޮތުން (ބައެއް ފަހަރަށް) އިނާމު ނުވަތަ ހަދިޔާ ފަދަތަކެތި ދީގެންނެވެ. ހަމައެއާއެކު ރަނގަޅު ކުރުވަން ޖެހޭ ކަންކަމަށް (ނަފްސާނީ އަދި ޖިސްމާނީގޮތުން އުނިކަން ނުލިބޭފަދަ ގޮތަކަށް)، ލުއިއަދަބު ފަދަ ކަންކަން މެދުވެރި ކޮށްގެންނެވެ. އެގޮތުން ކުޅިވަރު ތަކާއި ދަރިވަރު ކުރާހިތްވާ ބައެއް ކަންތައްތަކުން ބައެއްފަހަރަށް ވަގުތު ކޮޅަކަށް ދުރުކުރުވި ދާނެއެވެ. މީގެ ސަބަބުން ދަރިވަރު ބޭނުންވާ ކަންކަމަށް ފުރުސަތު ހޯދަން ނުވަތަ ބައިވެރިވާން، އެކަންކަން އިސްލާހުކޮށްލަން މަޖުބޫރުވެއެވެ.
މިކަމުގައި ދަރިވަރުގެ ސަމާލުކަން ހޯދާ ސައުގުވެރި ކުރުވޭނެ ކަންކަމާއި ގޮތްތައް ބޭނުންކުރެވިދާނެއެވެ. ފުރަތަމަ ކަމަކަށް " ބިހޭވިއަރ ލަރނިންގ ތިއަރީ " އަދި " މޯޓިވޭޝަނަލް ތިއަރީ" ގެ އުކުޅުތައް ބޭނުން ކުރެވިދާނެއެވެ. އުނގަންނައި ދިނުމުގައި މަސައްކަތްކުރާއިރު ދަރިވަރުން އެކިއެކި ކަންކަން ހޯދާ ބަލައި ވިސްނުމާއި، ކަންކަން ދަސްކުރުމަށް ފިކުރު ހުންނަގޮތް ދެނެގަތުމާއެކު، އެގޮތްތައް " ކޮގްނެޓިވް ލަރނިންގ ތިޔަރީ" ގެ އަލީގައި ބުނެދެވިދާނެއެވެ. ހަމަ އެހެންމެ ކޮންމެ ކުއްޖަކީ ތަފާތު ވިސްނުމުގެ ކުއްޖެއްކަން ދެނަހުރެ، އެފަދަ ވިސްނުންތައް ދެނެގަނެ، ކިޔަވައިދިނުމުގެ ގޮތްތައް އެމަގުން ރާވަލުން މުހިއްމެވެ.
ފިލާވަޅު ކުރިއަށްގެންދިއުމުގައި ދަރިވަރުން ގުޅިގެން، އެއްބާރުލައިގެން ކުރެވޭ މަސައްކަތްތަކެއްގެ ތެރެއިން، އުނގަންނައި ދިނުމަށް އިސްކަން ދޭންވާނެ އެވެ. މިގޮތުން " ސޯޝަލް ޑިވެލޮޕްމަންޓް ތިއަރީ" ގެ ބޭނުން ފުރިހަމަ ގޮތެއްގައި ހިފިދާނެއެވެ. އެއީ އަމަލީ ގޮތުން ކުރެވޭ މަސައްކަތަކުން ދަސްވާ އެއްޗެއް ގިނަދުވަހަށް ހަނދާނުގައި ހަރުލެއްވިފައި ބެހެއްޓޭނެތީއެވެ.
މިހުރިހާ ފަލްސަފާތަކުގެ ތެރެއިން ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ހުރިހާ މަރުހަލާއެއް ބިނާވަނީ، ތައުލީމު ދިނުމުގެ މައިގަނޑު ތިންބައި ކަމުގައިވާ މައުލުމާތާއި ހުނަރު، އަދި ސިފައެއް ހަރުލެއްވޭނެ ގޮތުގެ މައްޗަށެވެ. އުނގަންނައިދިނުމުގައި އެންމެ ފުރިހަމަ ގޮތުގައި ފިލާވަޅު ކުރިއަށް ގެންދިއުމަށްޓަކައި ދަރިވަރުން ސައުގުވެރިކަމާއެކު ބައިވެރިވެ، ދުވަހުގެ ފިލާވަޅުގެ މަގްސަދު އެންމެ އެދެވޭ ގޮތެއްގައި ހާސިލްކުރެވޭނެ ގޮތެއްގެ މަތިންނެވެ.
އުނގަންނައިދިނުމުގައި ބޭނުންކުރާ ތައުލީމީ ފަލްސަފާ އެކަށައަޅައި އޭގައިވާ ބައިތައް ކުރިއަށްގެންދިއުމުގައި ބޮޑު ސަމާލުކަމެއް ދޭންވީ، އުނގަންނައި ދެވޭ އެއްޗެއްގެ ނަތީޖާއަށް ވާސިލުވުމަށްޓަކައި، ތައުލީމީ ގައުމީ ފަލްސަފާގައި އެކުލެވޭ ބައިތައް ފުރިހަމަކޮށްދިނުމަށެވެ. އިލްމީ ދިރާސާތަކުގެ އަލީގައި ހޯދިފައިވާ ނަޒަރިއްޔާތުތައް ނުވަތަ ފަލްސަފާތަކުން މައުލޫމާތާއި ހުނަރާއި ސިފަ އެކުލެވޭ ގޮތަށް ބައްޓަންވެފައިވާ ދަރިވަރުންތަކެއް ބިނާކުރުމަށެވެެ. އުނގަންނައިދިނުމުގެ ތެރެއިން ދަރިވަރުންގެ ވިސްނުން ރަނގަޅުކުރުމަށް ކުލާސްތެރޭގައި ކުރިއަށްގެންދެވޭ ތަފާތު ހަރަކާތްތަކާއި ފިލާވަޅުތަކުން، އެއް ގްރޭޑުން އަނެއް ގްރޭޑަކަށް ބަދަލުވާއިރު ކުރިން ކިޔެވި އެއްޗެއްގެ ބޭނުން ހިފައި، ކިޔަވައިދޭ ގްރޭޑްގެ ފެންވަރު މައްޗަށް ދިޔަވަރަކަށް ދަރިވަރުގެ ވިސްނުމުގެ ފެންވަރު ކުރިއަރައި، ކުރިން ލިބިފައިހުރި މަައުލޫމާތުގެ ބޭނުން ހިފައިގެން ނަތީޖާ ހާސިލް ކުރުމަށެވެ.
ދަރިވަރުންނަށް އުނގަންނައިދިނުމުގެ ތެރެއިން ކުރިއަށްގެންދާ ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިންނާއި މުބާރާތްތަކުގެ ތެރެއިން ބައްދަލުވާ ފަރާތްތަކުން ބަދަލުކުރެވޭ މައުލޫމާތުގެ ސަބަބުން، ދަރިވަރަށް ލިބިގެންދާ ކުރިއެރުންތަކާއި އުޅުމަށް އަންނަ ހެޔޮބަދަލުތަކުން އެކުދިންގެ ވިސްނުން ކުރިއަރައި ދެއެވެ. އުނގަންނައިދިނުމުގައި ދަރިވަރުން ހޯދާ ކާމިޔާބީ ފާހަގަކުރުމާއި އިނާމު ދިނުމާއި، ފެންނަ ރަނގަޅު ސިފަތައް ފާހަގަކޮށް މަދަރުސާގެ އެކިއެކި ގޮފިތަކާ ޖަމާއަތްތަކުގެ އިސްމަގާމުތަކާއި، ޕްރިފެކްޓް ބޯޑުގެ މެމްބަރުކަން އަދި ކުލާސް މޮނީޓަރކަމާއި، ކުދި ގްރޫޕްތަކުގެ ލީޑަރުންގެ ގޮތުގައި ހަރަކާތްތެރި ކުރުވުވުމާއި، ކެޑޭޓް، ސްކައުޓް، ގާލްގައިޑް ފަދަ ހަރަކާތްތަކާއެކު، ރަނގަޅު ސުލޫކަށް މަގުފަހިކޮށްދީ ހިތްވަރުދީ ހެދުމުން އެކުދިންގެ ސިކުނޑިތައް ހުޅުވި ހެޔޮބަދަލު އާދެއެވެ.
ކުލާސްތެރެއިން ނޫނަސް ސްކޫލުގެ މާހައުލުންވެސް ދަރިވަރުންނަށް ފެންނާނެހެން، މާއްދާތަކުގެ މުހިއްމު މައުލޫމާތުތަކުގެ ޕޯސްޓަރ ފަދަ ތަކެތި ފެންނަ ގޮތަށް ބެހެއްޓުމުން، ދަސްކުރާ މިންވަރު ހަލުއިވެ މަތިވެގެން ދެއެވެ. މިގޮތުން ކުލާސް ރޫމް ގަވާއިދުތައް ވެސް ދަރިވަރުންނަށް ފެންނަ ގޮތަށް ބެހެއްޓުމުން، އެއަށް ބޯލަނބައި، ދަރިވަރުންގެ ކިބައިން ހެޔޮ ބަދަލުތައް ފެންނަމުން ދާނެކަމީ އަލްބަޓް ބަންޑޫރާ (1978) ހާމަކޮށްފައިވާ، (ކަންތައްތައް ދަސްކޮށް އުނގެނެނީ ބަލައިގެން، ނަކަލުކޮށްގެން، ނުވަތަ އެހެންމީހުންގެ ތަޖުރިބާތަކުންނާއި ބުނާބުނުންތަކުން އުނގެނި ދަސްވާ) ފަލްސަފާވެސް މެއެވެ.
އުނގަންނައިދިނުމުގައި ބޭނުންކޮށް އުޅޭ އުސޫލުތަކާއި ގޮތްތަކާއި އުކުޅުތައް ބޭނުންކޮށްގެން ދަރިވަރު އުޅެ ބޮޑުވާ މާހައުލުކަމަށްވާ ގޭތެރެއާއި ސުކޫލު އަދި ރަށުތެރެއިން، ކުދިންގެ ކިބައިގައި ހަރުލެއްވުމަށް ބޭނުންވާ އިލްމާއި ހުނަރާއި، ގަބޫލު ކުރުންތަކާއި އެކު ދަރިވަރުގެ ސަހުސިއްޔަތު ބިނާކުރުމަކީ ޕެޑަގޮޖީ ނުވަތަ އުނގަންނައިދިނުމުގެ ދުރޫސުލް އަހްލާގެވެ. މިއީ އުނގެމުގެ މަރުހަލާ ކުރިއަށްދާއިރު ގުޅިލާމެހިފައިވާ ބުރުގައި ހިމެނޭ، ކިޔަވައިދޭ ފަރާތް ނުވަތަ މުދައްރިސާއި، އުނގެނުމަށް މަސައްކަތް ކުރާ ދަރިވަރާއި، އުޅެ ބޮޑުވާ މާހަައުލާއި ޖަމާއަތުގައި ހިމެނޭ (ދަރިވަރާއި) ގުޅުން ހުރި ފަރާތްތަކާއި، ދެމެދު އުފެދިފައިވާ ގުޅުމެވެ.
ފާހަގަ ކޮށްލަންޖެހޭ ޕެޑަގޮޖީއަކީ އެންމެ ފުރަތަމަ ރަނގަޅު ސުލޫކެއް ނުވަތަ ގަވައިދުތަކެއްގެ ތެރޭގައި ހަރަކާތްތެރިވެވޭ ފަދަ ބަޔަކަށް ހެދުމަށް، ދަރިވަރުންގެ ހިޔާލާއި މަސްވަރާގެ ތެރެއިން ހެދޭ އުސޫލު ނުވަތަ ގަވާއިދުތަކެއްގެ ތެރޭގައި ހަރަކާތްތެރި ވެވޭނެ ބަޔަކަށް އެކުދިން ހެދުމަށް މަސައްކަތްކުރުމެވެ. ހަމަ އެއާއެކު އެކަކު އަނެކަކުގެ އެހީތެރިކަމާއި އެއްބާރުލުމަކީ މުހިއްމު ކަމެއްކަން އަންގައި ދިނުމެވެ. އެދެވޭ ގޮތެއްގައި މަސައްކަތްތައް ކުރިއަށް ދާނަމަ ތަރުހީބުދީ ، އަދި މަސައްކަތުގައި އެހެން ދަރިވަރުންނަށްވެސް ހިތްވަރުދީގެން ދުވަހުގެ މަސައްކަތްތައް ފުރިހަމަ ކުރަމުން ގެންދިއުމެވެ. ހަމަ އެގޮތަށް ފުންކޮށް ވިސްނައި، އަމިއްލަ ހިޔާލުތައް އުފެއްދުމަށްް ފުރުސަތު ދިނުމެވެ.
އިޖުތިމާއީ ހަރަކާތްތެރިކަމަކީ އުނގެނުމުގައި މުހިއްމު އެއްބައި ކަމުގައިވާތީ ގުޅިގެން އެއްބާރުލައިގެން އުނގެނުމަށް ގްރޫޕް މަސައްކަތްތައް ގިނައިން ބޭއްވުން ނުހަނު މުހިއްމެވެ. ދަރިވަރުން އުނގެނުމަށް ސައުގުވެރިކަން އުފެއްދުމަށްޓަކައި އެކުދިން ހޯދާ ކާމިޔާބީތައް ކުލާސް ފެންވަރުގައި ފާހަގަކުރުމާއެކު ދަރިވަރުން ކުރިއަށް ދިއުމަށް، އެކުދިން ކޮށްފައިވާ މަސައްކަތްތައް ދައްކައިގެން ކުރިއަށް ދިއުމަށް ހިތްވަރު ދޭންވާނެއެވެ. އުނގެނުމުގައި ދަރިވަރު ކޮންމެ ދުވަހަކު ކުރެވޭ މަސައްކަތުން ކުރިއެރުން ލިބެމުންދާވަރު ބެލެނިވެރިންނާއި ހިއްސާކޮށް، އެ ފަރާތްތަކާމެދު އޮންނަ ގުޅުން ބަދަހިކުރުންވެސް އެހާމެ މުހިއްމެވެ.
ޕެޑަގޮޖީ ނުވަތަ އުނގަންނައިދިނުމުގެ ދުރޫސުލް އަހްލާގު ބޭނުންކުރެވޭ ގޮތްތަކަކީ، ފުރަތަމަ ރަނގަޅު ސުލޫކެއް ނުވަތަ ގަވައިދުތަކެއްގެ ތެރޭގައި ހަރަކާތްތެރިވެވޭ ފަދަ ބަޔަކަށް ދަރިވަރުން ހެދުމެވެ. އަދި ދަރިވަރުންގެ ހިޔާލާއި މަސްވަރާގެ ތެރެއިން ހެދޭ އުސޫލު ނުވަތަ ގަވައިދު ތަކެއްގެ ތެރޭގައި ހަރަކާތްތެރި ވެވޭނެ ކުދިންނަށް ހެދުމަށް މަސައްކަތްކުރުމެވެ. މިގޮތަށް މިކަން ކުރިއަށް ގެންދިއުމުން އަދަބު އިހުތިރާމްކުރުމާއި، ތަކެތި ވަކި ތަރުތީބަކުން ގެންގުޅެން ދަސްވުމާއިއެކު، އުޅޭތަން ނުވަތަ ތިމާވެށި ސާފުތާހިރުކޮށް ބޭއްވުމުގެ އާދަ ހަރުލުމާއިއެކު، ކަންކަމުގައި އެހެންމީހުންގެ އެހީތެރިކަމަށް ބޭނުންކޮށްގެން، ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމެވެ. މިއީ ވައިގޮޓްސްކީ (1936) ހާމަކުރާ ކޮންސްޓްރަކްޓިވިޒަމް ތިއަރީގައި، އުނގެނުން މާނަކުރާ ގޮތްތަކާއި އެއްގޮތަށް ގެންދެވޭނެ ކަންކަމެވެ.
އުނގަންނައިދިނުމުގައި މި ލިޔުމުގައިވާ ތައުލީމީ ފަލްސަފާ އާއި ޕެޑަގޮޖީގައި ދަރިވަރުން ބައްޓަން ކުރުމަށް ގެންގުޅޭ އުސޫލުތަކާއި ގޮތްތައް، ގައުމީ ފަލްސަފާގައި ކަނޑައަޅާފައިވާ ބައިތަކަށް ކަށަވަރުކުރުމަށް ގައުމީ މަންހަޖުގައިވާ ކަންކަމާއި ވަރަށް ބޮޑަށް ގުޅިފައި ވެއެވެ. ދަރިވަރުންގެ އުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި (ބިހޭވިއަރަލް ލަރނިންގ ތިއަރީ އާއި)، ދަރިވަރުން އެކަމެއްގައި ސާމިލްކޮށްގެން ކަންކަން ދަސްކޮށްދިނުމަށް ބޭނުންކުރެވޭ، ސައުގުވެރިކަމުގެ ތިއަރީ (މޯޓިވޭޝަން ތިއަރީ) އާއި، ދަސްކުރާ އެއްޗެއް ފަހުން ބޭނުންކުރެވޭ ގޮތަށް ހަނދާނުގައި ހަރުލެއްވުމަށް (ކޮގްނިޓިވް ލަރނިންގ ތިއަރީ)، އަދިި އެކަކު އަނެކަކާއި ގުޅި އެއްބާރުލައިގެން ދަސްކުރުމަށް (ސޯޝަލް ޑިވެލޮޕްމަންޓް) ތިއަރީ ވަރަށް ބޮޑަށް ވަނީ ގުޅި ލާމެހިފައެވެ.
ގައުމީ ފަލްސަފާގައި ބަޔާންކުރާ އިސްލާމްދީނާއި، ދިވެހި މުޖުތަމައުގައި ހަރަކާތްތެރިވާ ބައިވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ގާބިލިއްޔަތުކަން ލިއްބައިދިނުމަށްޓަކައި، ދަރިވަރުންގެ ވިސްނުން ދުޅަހެޔޮ ކަމާއިއެކު ތަރައްގީ ކޮށްދިނުމުގައި، ކޮންމެ ފިލާވަޅެއްގެ ތެރެއިން މަައުލުމާތާއި ހުނަރު އަދި ސިފައެއް ދަސްކޮށްދެވުމަކީ ގައުމީ މަންހަޖުގެ ބައިތަކާއި މި ލިޔުމުގައި ބަޔާންވެދިޔަ ފަލްސަފާއާއި ޕެޑަގޮޖީ ގުޅިގެން ގޮސްފައިވާގޮތް ދެނެގަނެވޭނެ އަސާސްތަކެވެ.
~މުޙައްމަދު އިބްރާހިމް~
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online