އަގު ނުޖަހައި އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާ ކަމެއް!
6 އަހަރުވީ ތަންފީޒު ނުކުރެވޭ ގާނޫނު: ވިއްކާ އަގު ފެންނަން ހުންނާނެހެން އަގު ނުޖަހައި އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ ގާނޫނާ ހިލާފުކަމެއް!
ވިޔަފާރިކުރާ ތަންތަނުން ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގެ އަގު، ގަންނަ ފަރާތްތަކަށް ސާފުކޮށް އެނގޭނެހެން ހުންނަންޖެހޭނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އިއުލާނުކުރައްވައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިގޮތަށް އިއުލާނުކުރެއްވީ، ވިޔަފާރިތަކުގައި ވިއްކަން ބަހައްޓާފައި ހުންނަ ގިނަ އަދަދެއްގެ މުދަލުގައި އަގު ސާފުކޮށް ނުހުންނަކަމުގެ ސަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާތީއެވެ. މިކަމުގެ ސަބަބުން މުދާ ގަންނަ ފަރާތްތަކަށް އަގުތައް އެނގުމުގައި ދަތިތަކެއް ހުރުމަކީ، ކޮންސިއުމަރުންގެ ހައްގުތަކަށް އަސަރުކުރާ ކަމެކެވެ.
އެހެންކަމުން، މިމައްސަލަ ހައްލުކޮށް، ރައްޔިތުންނަށް ފަސޭހަ ގޮތެއްގައި ވިޔަފާރިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ގާނޫނު ނަންބަރު: 2020/12 (މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭ ގޮތަށް މެނުވީ އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާ ކަމެއްކަން މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.
މި ގާނޫނުގައި ބަޔާންކުރާ ގޮތުގައި، މުދަލުގެ އަގު ސާފުކޮށް ފެންނަން ހުންނާނެ ދެ ގޮތެއްވެއެވެ. އެއީ:
- މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުން.
- އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން އެނގޭގޮތަށް ހުރުން.
މި އިއުލާނާއެކު މިނިސްޓްރީން ވަނީ މުދާ ވިއްކާ އެންމެހައި ފަރާތްތަކުން ވިއްކަން ބަހައްޓާފައިވާ މުދަލުގައި، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން، މިނިސްޓްރީން ވަނީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް މުދާ ވިއްކާ ފަރާތްތަކުން ޢަމަލުކުރޭތޯ ބެލުމަށްޓަކައި، އެ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން އިންސްޕެކްޓްކޮށް މޮނިޓަރކޮށް، ޤާނޫނާއި ހިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު، އެ ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ހާމަކުރައްވާފައެވެ.
މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ 84 ވަނަ މާައްދާއަކީ "މިނިސްޓްރީން ކަނޑައަޅާ އަދަބުތައް" ބަޔާންކޮށްފައިވާ މާއްދާއެވެ. އޭގައި ވަނީ:
" މި ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން މުދާ ވިއްކާ ފަރާތްތައް ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް މޮނިޓަރކުރުމުގައި، މި ޤާނޫނުން މަނާކޮށްފައިވާކަމެއް ކޮށްފައިވާ ފަރާތެއް ނުވަތަ މި ޤާނޫނާ ޚިލާފުވެފައިވާ ފަރާތެއް އަންނަނިވި އަދަދުތަކުން ޖޫރިމަނާކުރުން ނުވަތަ އެ ފަރާތެއްގެ މައްޗަށް އަންނަނިވި ފިޔަވަޅުތައް އެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ހ) ފުރަތަމަ ފަހަރު -/1,000 (އެއްހާސް) ރުފިޔާއާއި -/100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުން؛
(ށ) ތަކުރާރުކުރާ ކޮންމެ ފަހަރަކު -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއާއި -/250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުން؛
(ނ) މި މާއްދާގެ (ށ) ގެ ދަށުން ދީފައިވާ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، -/5,000 (ފަސްހާސް) ރުފިޔާއާއި -/250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެތަނެއް 6 (ހައެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ބަންދުކުރުން."
މި ގާނޫނަކީ 31 އޮގަސްޓު 2020 ގައި ތައުސީގުކޮށްފައިވާ ގާނޫނެކެވެ. އެހެން ނަމަވެސް އެހެނިހެން ގިނަ ގާނޫނުތަކެކޭ އެއްފަދައިން 6 އަހަރުވެގެންދިޔަ މިގާނޫނަކީ ތަންފީޒުކުރުމުގައި ސަރުކާރުން އިހުމާލުވާ ގާނޫނެއްކަން ފިހާރަކާއި ތަންތަނުން މުދަލާއި ހިދުމަތް ގަންނަ ފަރާތްތަކަށް ދުވާލުގެ އިރު ފެންނަފަދައިން ފެނި އެނގޭކަމެކެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online