ހުޅުމާލޭގައި ހަދާ ދަރިވަރުންގެ ރެސިޑެންސް "އެކުވެހި" ގެ ކުއްޔަކީ މަހަކު 3،500 ރުފިޔާ؛ އަންނަ މަހު 1 ގައި ފުރުސަތު ހުޅުވާލަނީ

ނޮވެންބަރު 27, 2026 - 23:04
އަދާހަމަވެއްޖެ: 13 މިނިޓް ކުރިން
ހުޅުމާލޭގައި ހަދާ ދަރިވަރުންގެ ރެސިޑެންސް "އެކުވެހި" ގެ ކުއްޔަކީ މަހަކު 3،500 ރުފިޔާ؛ އަންނަ މަހު 1 ގައި ފުރުސަތު ހުޅުވާލަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދަރިވަރުންނަށް ހާއްސަކޮށްގެން ތަރައްގީކުރާ ކޯ-ލިވިން ރެސިޑެންސް "އެކުވެހި" ގެ މަހު ކުއްޔަކީ ކޮންމެ ދަރިވަރަކަށް 3،500 ރުފިޔާ ކަމަށް އެ ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ. އަދި މިތަނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 1 ވަނަ ދުވަހު އޮންލައިންކޮށް ހުޅުވާލާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީއާ ގުޅިގެން ގާއިމުކުރި މިތަނަކީ، މަތީ ތައުލީމު ހާސިލުކުރުމަށް އަތޮޅުތަކުން މާލެ ސަރަހައްދަށް އަންނަ ދަރިވަރުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި ކުލި ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ތަރައްގީކުރި އިމާރާތެކެވެ. އެޗްޑީސީން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި އިމާރާތް މިހާރު ވަނީ އާންމުންނަށް ދައްކާލުމަށް ތައްޔާރުވެފައެވެ. އެގޮތުން މާދަމާ ފަށާ "ވަރަ އެކްސްޕޯ 2026" ގެ ތެރެއިން މިތަނުގެ ތަފްސީލީ މައުލޫމާތު ހޯދުމަށާއި އިމާރާތް ބަލައިލުމަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ.

ސަރުތުތަކާއި ކުރިމަތިލުމުގެ އުސޫލު

މި ރެސިޑެންސަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ މަހުގެ 1 ވަނަ ދުވަހު ތައާރަފުކުރާ ހާއްސަ އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ. މިތަނުން ޖާގަ ހޯދުމަށް އެދޭ ދަރިވަރުންގެ ކިބައިގައި އަންނަނިވި ސަރުތުތައް ފުރިހަމަވާންޖެހެއެވެ.

  • އުމުރުން 35 އަހަރުން ދަށުގެ ދިވެހި ރައްޔިތަކަށް ވުން.
  • ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒެއްގައި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ޕްރޮގްރާމެއްގައި ކިޔަވަމުންދާ ދަރިވަރަކަށް ވުން.
  • ކިޔަވަމުންދާ ޕްރޮގްރާމް ނިމެން މަދުވެގެން އެއް އަހަރު ދުވަހުގެ މުއްދަތު ބާކީ އޮތުން.

މިތަނުގައި ތިބުމުގެ އެއްބަސްވުން އާކުރަމުން ގެންދާނީ ކޮންމެ ސެމިސްޓާއަކާއެކު، ދަރިވަރުގެ ކިޔެވުން މެދުނުކެނޑި ކުރިއަށްދާކަން ރަސްމީކޮށް ކަށަވަރުކުރުމަށްފަހުއެވެ.

ޖާގައިގެ ތަފްސީލާއި ހިމެނޭ ވަސީލަތްތައް

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، މި އިމާރާތުގައި ޖުމްލަ 178 ޓްވިން-ޝެއާރިން (ކޮންމެ ކޮޓަރިއެއްގައި ދެ ދަރިވަރުން ތިބޭ) ކޮޓަރި ހިމެނެއެވެ. މިއީ ޖުމްލަ 356 ދަރިވަރުންނަށް ދިރިއުޅެވޭނެ ޖާގައެވެ. ކޮންމެ ކޮޓަރިއެއްގައިވެސް އެޓޭޗްޑް ފާހާނާއާއި، އެނދާއި، އަލަމާރިއާއި، ކިޔަވަން ބޭނުންކުރާ މޭޒާއި ގޮނޑި ހުންނާނެއެވެ.

ދަރިވަރުންގެ ދުވަހުން ދުވަހަށް ބޭނުންވާ ކަންކަން އެއް ފުރާޅެއްގެ ދަށުން ފުރިހަމަކޮށްދިނުމަށްޓަކައި އާންމު ޕެންޓްރީއާއި ލޯންޑްރީގެ ހިދުމަތް ވަނީ ގާއިމުކޮށްފައެވެ. އެހެންނަމަވެސް މި ހިދުމަތްތައް ބޭނުންކުރެވޭނީ ވަކި އުސޫލެއްގެ ދަށުން ބަހާލެވިގެންނެވެ. އެގޮތުން ކޮންމެ ފަންގިފިލާއެއްގައި ދިރިއުޅޭ 36 ދަރިވަރުން ކެއްކުމަށް ހުންނާނީ 2 އުނދުނެވެ. އަދި އަންނައުނު ދޮވުމަށް ކޮންމެ ފަންގިފިލާއެއްގައި 2 ދޮންނަ މެޝިން ހުންނައިރު، އެ މެޝިންތައް ބޭނުންކުރެވޭނީ ޓޯކަން ނަގައިގެން ލިބޭ ވަކި ވަގުތުތަކެއްގައެވެ.

މީގެ އިތުރުން މި އިމާރާތުގައި ތައުލީމީ، އިޖުތިމާއީ އަދި ވިޔަފާރީގެ ގިނަ ހިދުމަތްތަކެއް ވަނީ ހިމަނާފައެވެ.

  • ކިޔެވުމާއި އިޖުތިމާއީ ޖާގަތައް: ގްރޫޕް ސްޓަޑީއަށް ހާއްސަ މީޓިން ރޫމްތަކާއި، ކޯ-ވޯކިން ސްޕޭސްއަކާއި، ކެފެޓޭރިއާއާއި، އާންމު ލައުންޖެއްގެ އިތުރުން ޓެރަސްގައި އައުޓްޑޯ ޖިމެއް ހުންނާނެއެވެ.
  • ވިޔަފާރިއާއި އާންމު ހިދުމަތްތައް: އިމާރާތުގެ ތިރީ ފަންގިފިލާތަކުގައި ބޭންކިންއާއި އޭޓީއެމްގެ ހިދުމަތާއި، ކެފޭތަކާއި، ޖިމަކާއި، ފިހާރަތަކުގެ އިތުރުން ޕްރިންޓިން ސެންޓަރެއް ގާއިމުކުރާނެއެވެ.
  • ކުދި ވިޔަފާރިތަކަށް އެހީތެރިކަން: ޖަމިއްޔާތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދީގެން 18 މިނީ-އޮފީސް ޔުނިޓް މި އިމާރާތުގައި ތަރައްގީކުރާނެއެވެ.
  • ސެކިއުރިޓީއާއި ރައްކާތެރިކަން: 24 ގަޑިއިރުގެ ރިސެޕްޝަން ހިދުމަތާއި، އެޗްޑީސީގެ އެސްޓޭޓް ސެކިއުރިޓީގެ ބެލެހެއްޓުން އޮންނާނެއެވެ. އަދި ލިފްޓްތަކުގައި ފްލޯ-ރެސްޓްރިކްޓެޑް އެކްސެސް ކޮންޓްރޯލް ހަރުކޮށްފައިވާތީ، ކޮންމެ ދަރިވަރަކަށްވެސް އެރޭނީ ހުއްދަ އޮންނަ ފަންގިފިލާއަކަށް އެކަންޏެވެ.

އާއިލާތަކަށް އޮތް މާލީ އަދި އިޖުތިމާއީ ބުރައަށް ލުޔެއް

އެޗްޑީސީން ބުނި ގޮތުގައި "އެކުވެހި" ފަރުމާކޮށްފައިވަނީ ޒުވާން ދަރިވަރުންނަށް އަމިއްލަ މިނިވަންކަމާއެކު ޒިންމާދާރު ދިރިއުޅުމެއް އުޅެން ދަސްކޮށްދިނުމާއި، ހަމައެއާއެކު ދަރިވަރުންގެ މެދުގައި ދުޅަހެޔޮ އިޖުތިމާއީ ގުޅުންތަކެއް އާލާކުރުމަށް މަގުފަހިވާނެ ގޮތަށެވެ.

"ހާއްސަކޮށް އަތޮޅުތަކުން ކިޔަވަން އަންނަ ދަރިވަރުންގެ ސަބަބުން މުޅި އާއިލާ މާލެއަށް ބަދަލުވާންޖެހޭ ހާލަތްތައް ނިމުމަކަށް ގެނެސް، އާއިލާތަކަށް އުފުލަންޖެހޭ ބޮޑު މާލީ އަދި އިޖުތިމާއީ ބުރައަށް އެކުވެހިގެ ސަބަބުން ބޮޑު ލުޔެއް ލިބޭނެއެވެ،" އެޗްޑީސީގެ ބަޔާނުގައިވެއެވެ. އަދި މިތަނަކީ ދަރިވަރުންގެ ދިރިއުޅުމާއި މުޖުތަމައުގެ ވިޔަފާރިތައް ގުޅުވައިދޭ ދިރުން ހުރި މާހައުލަކަށް ވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

މި ރެސިޑެންސުން ކޮޓަރިއެއް ހިއްސާކޮށްގެން ދިރިއުޅޭ ކޮންމެ ދަރިވަރެއްގެ އަތުން މަހަކު 3،500 ރުފިޔާ ނަގާއިރު، ހުޅުމާލޭގައި ސަރުކާރުން އަޅާފައިވާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ފްލެޓްތައް ކަމަށްވާ ހިޔާ ފްލެޓްތަކުގެ ދެ ކޮޓަރިއާއި، ދެ ފާހާނާއާއި، ބަދިގެއާއެކު ތަނަވަސް ސިޓިންގްރޫމެއް ހިމެނޭ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީވެސް 5،000 ރުފިޔާއަށްވުރެ ކުޑަ އަދަދެކެވެ.