މައްކާ ޑިފެންސް އެލަޔަންސް އެއްބަސްވުން ތުރުކީން ފާސްކޮށްފި

ތުރުކީ، ޕާކިސްތާނު އަދި ސައޫދީ ގުޅިގެން އެކުލަވާލި މައްކާ ޑިފެންސް އެލަޔަންސް އެއްބަސްވުމަށް ތުރުކީގެ މަޖިލީހުން އިއްޔެ ރުހުން ދީފި އެވެ.

ނޮވެންބަރު 06, 2026 - 07:28
އަދާހަމަވެއްޖެ: 4 ދުވަސްތައް ކުރިން
މައްކާ ޑިފެންސް އެލަޔަންސް އެއްބަސްވުން ތުރުކީން ފާސްކޮށްފި

ޕާކިސްތާނާއި ސައޫދީ އަރަބިއްޔާއާ ގުޅިގެން އެކުލަވާލި މައްކާ ޑިފެންސް އެލަޔަންސް ނުވަތަ "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" ތަސްދީގުކުރުމަށް ތުރުކީގެ ގާނޫނުހަދާ މަޖިލީހުން ބުރާސްފަތި ދުވަހު ފާސްކޮށްފިއެވެ. މިއީ ތިން ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުން ފާސްކުރީ ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ (އޭކޭ ޕާޓީ) އާއި، ސަރުކާރު ކޯލިސަނުގައި ހިމެނޭ ނޭޝަނަލިސްޓް މޫވްމެންޓް ޕާޓީ (އެމްއެޗްޕީ) ގެ އިތުރުން މައި އިދިކޮޅު ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ގެ ވެސް ތާއީދާއެކުގައެވެ.

ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ޖަލާލް އަދާން ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައި މި ބިލު ފާސްކުރީ އެއްބަސްވުމާ ގުޅޭގޮތުން މެންބަރުންގެ މެދުގައި ބަހުސްކުރުމަށްފަހުގައެވެ.

މި މުއާހަދާގެ ދަށުން އަސްކަރީ ތަމްރީނުތަކާއި، ގުޅިފައިވާ އަސްކަރީ ހަރަކާތްތަކާއި، ދިފާއީ ޓެކްނޮލޮޖީ އުފެއްދުމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރުން ލޮޖިސްޓިކްސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ތިން ގައުމު ގުޅިގެން މަސައްކަތްކުރާނެ އޮނިގަނޑެއް ގާއިމުވެގެންދާނެއެވެ. އަދި ދިފާއީ ސިނާއަތުގައި ޓެކްނޮލޮޖީ ބަދަލުކުރުމާއި، ގުޅިގެން ދިރާސާތައް ކުރުމާއި، ހަތިޔާރު އުފެއްދުން ފަދަ ކަންކަން ވެސް ކުރިއަށް ގެންދާނެއެވެ.

މީގެއިތުރުން ސިފައިންގެ ހުނަރު އިތުރުކުރުމަށްޓަކައި އެއް ގައުމުން އަނެއް ގައުމަށް ސިފައިން ބަދަލުކުރުމާއި ގުޅިފައިވާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޖާސޫސީ މައުލޫމާތު ބަދަލުކުރުމާއި އަސްކަރީ އެހީތެރިކަން

ސިއްރު މައުލޫމާތުތައް ރައްކާތެރިކުރުމުގެ މިންގަނޑުތަކަށް އިހުތިރާމްކުރަމުން، ރައްކާތެރި ވަސީލަތްތައް މެދުވެރިކޮށް ޖާސޫސީ މައުލޫމާތު ބަދަލުކުރުމަށް ވެސް މި އެއްބަސްވުމުގައި ހިމަނާފައިވެއެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް ވިލަރެސްކޮށް، ބައިނަލްއަގުވާމީ ސަލާމަތީ ގޮންޖެހުންތަކާ މެދު ގަވާއިދުން މަސްވަރާކުރުން ހިމެނެއެވެ.

އެއްބަސްވުމުގައި ބުނެފައިވާ ގޮތުގައި، ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ގުޅިގެންނާއި ވަކިވަކިން ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އަމާން ދުވަސްވަރުގައްޔާއި ހަނގުރާމައިގެ ހާލަތްތަކުގައި އަދި ކުއްލި ނުރައްކަލުގެ ވަގުތުތަކުގައި ބޭނުންވާ ހަތިޔާރާއި، ވަޒަނާއި، ތެލާއި، ސްޕެއާ ޕާޓްސް އަދި އެހެނިހެން އަސްކަރީ ސާމާނު ފޯރުކޮށްދިނުމުގެ އެހީތެރިކަން ދިނުން ވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.

ގުޅިފައިވާ ދިފާއީ ކޮމިޓީ

އެއްބަސްވުމުގެ ދަށުން ހިނގާ ކަންކަން ބަލަހައްޓައި ވިލަރެސްކުރުމަށްޓަކައި ހާއްސަ ސްޓްރެޓީޖިކް ޕޮލިޓިކަލް އެންޑް ޑިފެންސް ކޮމިޓީއެއް އުފައްދާނެއެވެ. މި ކޮމިޓީގައި ހިމެނޭނީ ތިން ގައުމުގެ ހާރިޖީ ވަޒީރުންނާއި، ދިފާއީ ވަޒީރުންގެ އިތުރުން ސިފައިންގެ އިސްވެރިންނެވެ. އާންމު އުސޫލެއްގެ ގޮތުން މި ކޮމިޓީގެ ބައްދަލުވުންތައް އަހަރަކު ދެ ފަހަރު ބާއްވާނެއެވެ. ނަމަވެސް ގައުމުތަކުގެ ވެރިން ބޭނުންވެއްޖެ ހިނދެއްގައި އަހަރަކު އެއް ފަހަރު ވެސް ބައްދަލުވުން ބޭއްވިދާނެއެވެ.

ކޮމިޓީގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުމަށް ދާއިމީ ސެކްރެޓޭރިއަޓެއް ގާއިމުކުރާނީ ސައޫދީ އަރަބިއްޔާގައެވެ. މި އިދާރާގެ އިސްވެރިއަކަށް ހުންނަވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ތިން އަހަރުން އެއް އަހަރު ތިން ގައުމުގެ މެދުގައި ބަދަލުވާ ގޮތަށް ހަމަޖައްސާފައިވާއިރު، އެންމެ ފުރަތަމަ މި މަގާމު އަދާކުރާނީ ޕާކިސްތާނުގެ ބޭފުޅެކެވެ.

މިހާރު އެއްބަސްވުމުގައި ތިބި ގައުމުތަކުގެ ރުހުން ލިބިގެން، ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން އެހެން ގައުމުތަކަށް ވެސް މި މުއާހަދާގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ވަކި މުއްދަތެއް ނެތް ގޮތަށް އަމަލުކުރުން

މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ ތިން ގައުމުގެ އެތެރޭގެ ގާނޫނީ މަރުހަލާތައް ފުރިހަމަކޮށް، ތަސްދީގުކުރި ކަމުގެ ލިޔެކިޔުންތައް ސެކްރެޓޭރިއަޓާ ހަވާލުކުރުމުންނެވެ. ވަކި މުއްދަތެއް ނެތް ގޮތަށް މި އެއްބަސްވުމަށް އަމަލުކުރަން ހަމަޖެހިފައިވީ ނަމަވެސް، 10 އަހަރު ފަހުން ޑިޕްލޮމެޓިކް މަގުތަކުން މަދުވެގެން ތިން މަސްދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު ކޮންމެ ގައުމަކަށް ވެސް ވަކިވެވޭނެއެވެ.

އެއްވެސް ގައުމަކުން ވަކިވި ނަމަވެސް، އޭގެ ކުރިން އެއްބަސްވެފައިވާ މަސްރޫއުތަކަށާއި ހިނގަމުންދާ ހަރަކާތްތަކަކަށް އެކަމުގެ އަސަރެއް ނުކުރާނެއެވެ. އަދި ސިއްރު މައުލޫމާތު ހިމާޔަތްކުރުމަށް އޮތް ޒިންމާތައް ދެމިއޮންނާނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގައި ތުރުކީ، ޕާކިސްތާނު އަދި ސައޫދީ ގުޅިގެން އެއް ވިސްނުމެއްގައި މަސައްކަތްކުރުމަށާއި ސަލާމަތީ ކަންކަމުގައި ގާތް ގުޅުމެއް ދެމެހެއްޓުމަށް ބާރުއަޅައެވެ.

ތުރުކީގެ ރައީސް މިއަދު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އެއްވެސް ގައުމަކަށް ހަމަލަ ދިނުމާއި ހަނގުރާމައެއް ފެށުމަކީ މި އެއްބަސްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމެއް ނޫން ކަމަށެވެ.

ފޮޓޯ: އޮގަސްޓް 7، 2026 - ތުރުކީގެ ރައީސް އޮފީސް