މި ހަފްތާގައި ޗައިނާއަށް ޓްރަންޕު ދަނީ: ބެއިޖިންގ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މި މަހުގެ 13 އިން 15 އަށް ޗައިނާއަށް ޒިޔާރަތްކުރައްވާނެކަން ބެއިޖިންގްއިން ހޯމަ ދުވަހު ކަށަވަރުކޮށްދީފިއެވެ. މި ދަތުރުފުޅުގައި އެމެރިކާގެ ލީޑަރު، ޗައިނާގެ ރައީސާ އެކު އީރާނުގެ މައްސަލައާއި ވިޔަފާރީގެ މައުލޫމާތުތަކާ ގުޅޭގޮތުން މަސްވަރާކުރައްވާނެ ކަމަށް ބެލެވެއެވެ.
ވޮޝިންޓަނާއި ބެއިޖިންގްއާ ދެމެދު ވިޔަފާރީގެ ޓެރިފްތަކުން ފެށިގެން މެދުއިރުމަތީގެ ހަނގުރާމައާއި ހަމައަށް ތަފާތު އެކި މައްސަލަތަކުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. ޓްރަމްޕް އެންމެ ފުރަތަމަ ޗައިނާއަށް ޒިޔާރަތްކުރައްވަން އޮތީ މާރިޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް އީރާނު ހަނގުރާމައަށް ސަމާލުކަން ދެއްވުމަށްޓަކައި އެ ދަތުރުފުޅު ފަސްކުރެއްވީއެވެ.
"ރައީސް ޝީ ޖިންޕިންގްގެ ދައުވަތަކަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕް މެއި 13 އިން 15 އަށް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ" ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު
އެމެރިކާގެ ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި، ޓްރަމްޕް މަސައްކަތްކުރައްވާނީ އީރާނުގެ މައްސަލައިގައި ރައީސް ޝީއަށް ބާރުއެޅުމަށާއި، ވިޔަފާރީގެ ނުތަނަވަސްކަން ކުޑަކުރުމަށެވެ. ޗައިނާއަކީ އީރާނުގެ ތެލުގެ ބޮޑު ކަސްޓަމަރެކެވެ. މިއީ މައިގަނޑު ގޮތެއްގައި އީރާނުން އަގުހެޔޮކޮށް ސާފުނުކުރާ ތެޔޮ ގަންނަ އަމިއްލަ "ޓީޕޮޓް" ރިފައިނަރީތައް މެދުވެރިކޮށެވެ.
"މިއީ ރަމްޒީގޮތުން ވަރަށް މުހިންމު ދަތުރުފުޅަކަށް ވާނެ،" އެމެރިކާގެ ޕްރިންސިޕަލް ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ އޭނާ ކެލީ ނޫސްވެރިންނަށް ވިދާޅުވިއެވެ. "ނަމަވެސް ރައީސް ޓްރަމްޕަކީ ދުވަހަކުވެސް ހަމައެކަނި ރަމްޒީ ކަމަކަށް ދަތުރުކުރައްވާ ބޭފުޅެއް ނޫން. އެމެރިކާގެ ރައްޔިތުން އުއްމީދުކުރަންވީ ރައީސް އަހަރެމެންގެ ގައުމުގެ ފަރާތުން ރަނގަޅު އެއްބަސްވުންތަކެއް ހޯއްދަވައިދެއްވާނެ ކަމަށް."
ވައިޓް ހައުސްއިން ބުނިގޮތުގައި، ޓްރަމްޕްގެ ދެވަނަ ދައުރުގައި ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ބެއިޖިންގްގެ 'ޓެމްޕަލް އޮފް ހެވަން' އަށް ޒިޔާރަތްކުރެއްވުމާއި، ބޮޑު ރަސްމީ ޖާފަތެއް ހިމެނޭހެން ގިނަ ރަސްމިއްޔާތުތަކެއް އޮންނާނެއެވެ. މިއީ 2017 ވަނަ އަހަރުގެ ފަހުން އެމެރިކާގެ ރައީސަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online