އަންނަ މަހުން ފެށިގެން ބައިނަލްއަގުވާމީ ދަތުރުވެރިންނަށް ތައިލެންޑުގެ އެއާޕޯޓު ފީ %50 ބޮޑުކުރަނީ
ތައިލެންޑުގެ މައި އެއާޕޯޓުތަކުން ފުރާ ބައިނަލްއަގުވާމީ ދަތުރުވެރިންގެ އަތުން ނަގާ ޕަސެންޖަރ ސަރވިސް ޗާޖު (PSC)، ޖޫން 20 އިން ފެށިގެން %50 ބޮޑުވާނެކަން އެއާޕޯޓްސް އޮފް ތައިލެންޑް (AOT) އިން ކަށަވަރުކޮށްދީފިއެވެ.
AOT އިން މި ހަފުތާގައި އިއުލާނުކުރި ގޮތުގައި، އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ހަ އެއާޕޯޓަކުން ފުރާ ބައިނަލްއަގުވާމީ ދަތުރުވެރިންގެ އަތުން ނަގާ ފީ، މީހަކަށް 730 ބާތު (22.7 އެމެރިކާ ޑޮލަރު ނުވަތަ ގާތްގަނޑަކަށް 454 ރުފިޔާ) އިން 1,120 ބާތު (34.78 ޑޮލަރު ނުވަތަ ގާތްގަނޑަކަށް 696 ރުފިޔާ) އަށް ބޮޑުވާނެއެވެ. މިއީ މިއަހަރުގެ ފެބްރުއަރީ މަހު އެ ކުންފުނިން ފުރަތަމަ ހާމަކުރި ރޭވުމެކެވެ.
މި ފީ ނަގަން ފަށާނީ ސުވަރުނަބޫމީ އެއާޕޯޓް، ޑޮން މުއެންގް އިންޓަރނޭޝަނަލް އެއާޕޯޓް، ޕުކެޓް އިންޓަރނޭޝަނަލް އެއާޕޯޓް، ހެޓް ޔާއީ އިންޓަރނޭޝަނަލް އެއާޕޯޓް، ޗިއަންގް މައި އިންޓަރނޭޝަނަލް އެއާޕޯޓް އަދި މައޭ ފާ ލުއަންގް ޗިއަންގް ރާއީ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.
އެތެރެވަރީގެ ދަތުރުވެރިންގެ އަތުން ނަގާ ފީއަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އެ ފީ ހުންނާނީ ކުރިއެކޭވެސް އެއްގޮތަށް މީހަކަށް 130 ބާތުގައެވެ. AOT އިން ބުނިގޮތުގައި، ފުރާ މީހުންގެ އަތުން ނަގާ ފީ ބޮޑުކޮށްގެން ލިބޭ އާމްދަނީ ބޭނުންކުރާނީ އެ ހަ އެއާޕޯޓުގެ އިންފްރާސްޓްރަކްޗަރ މެދުކެނޑުމެއް ނެތްގޮތެއްގައި ތަރައްގީކުރުމަށެވެ.
AOT އިން ކުރި ދިރާސާއަކާ ހަވާލާދީ ބުނެފައިވަނީ، PSC ބޮޑުކުރުމުން ދަތުރުވެރިންގެ ނިންމުންތަކަށް އަސަރެއް ނުކުރާނެ ކަމަށާއި، އަދިވެސް ތައިލެންޑުގެ PSC ހުރީ ބޭރުގެ ގިނަ އެއާޕޯޓުތަކަށްވުރެ ކުޑަކޮށް ކަމަށެވެ. މި ބަދަލާއެކު އަހަރަކު ގާތްގަނޑަކަށް 10 ބިލިއަން ބާތުގެ އިތުރު އާމްދަނީއެއް ލިބޭނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މި ފައިސާ ބޭނުންކުރާނީ އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށެވެ.
މީގެ ތެރޭގައި ސުވަރުނަބޫމީ އެއާޕޯޓުގައި ކޮމަން ޔޫސް ޕަސެންޖަރ ޕްރޮސެސިންގ ސިސްޓަމްތައް ގާއިމުކުރުމާއި، ޓަރމިނަލްތައް ބޮޑުކުރުމާއި، އަދި ސައުތު ޓަރމިނަލް މަސްރޫއު ކުރިއަށް ގެންދިއުން ހިމެނެއެވެ.
AOT އިން ފާހަގަކުރި ގޮތުގައި، މި ފީއަކީ ޓެކުހެއް ނޫނެވެ. މިއީ އެއާޕޯޓު ހިންގުމަށާއި ދިގު މުއްދަތުގެ އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓްތަކަށް ބޭނުންވާ ފައިސާ ހޯދާ ވަސީލަތެކެވެ. އަދި މި ފީ ބޮޑުކުރީ ޑިއުޓީ ފްރީން ލިބޭ އާމްދަނީ ދަށްވުމުން އެބައި ފޫބެއްދުމަށް ނޫންކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ނަމަވެސް، ފީ ބޮޑުކުރުމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ބެންކޮކްގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރ ސަމާޓް ރަޓްޗަޕޮލްސިއްތޭ އިންޒާރު ދެއްވި ގޮތުގައި، ސުވަރުނަބޫމީ އެއާޕޯޓުގެ ފީ، ދެކުނު ކޮރެއާގެ އިންޗިއޮން އެއާޕޯޓާއި ޖަޕާނުގެ ހަނެޑާ އެއާޕޯޓަށްވުރެ ބޮޑުވާނެއެވެ. ނަމަވެސް އެ އެއާޕޯޓުތަކުގެ ހިދުމަތުގެ ފެންވަރާ އަދި ތައިލެންޑުގެ އެއާޕޯޓުތައް އެއްވަރު ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ބަޖެޓް ދަތުރުވެރިންނަށް މީގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. ގާތްގަނޑަކަށް 400 ބާތު ބޮޑުވުމުން، ޓިކެޓުގެ އަގު 4,000 އާއި 5,000 ބާތާ ދެމެދަށް އުފުލި، ޖުމުލަ އަގަށް %7 އާއި %10 އާ ދެމެދުގެ ބޮޑުވުމެއް އަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ސިޔާސަތާ ގުޅިގެން މާޗް އަދި އޭޕްރީލް މަހު ބޮޑެތި ބަހުސްތަކެއް ކުރެވުނެވެ. ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފެއްދީ، މި އިތުރު އާމްދަނީ ހަރަދުކުރާނެ ގޮތުގެ މައުލޫމާތު AOT އިން ހާމަކޮށްފައިވަނީ އެންމެ އެކަށީގެންވާ މިންވަރަށްތޯއެވެ. ތައިލެންޑް ޑިވެލޮޕްމަންޓް ރިސާޗް އިންސްޓިޓިއުޓުން ވަނީ މަޝްރޫއުތަކުގެ ހަރަދުތަކާއި އެ ފައިސާ އެއާޕޯޓް ފުޅާކުރުމަށް ބޭނުންކުރާނެ ގޮތުގެ ތަފްސީލު ސާފުކޮށްދިނުމަށް އެދިފައެވެ.
އެއާޕޯޓް ފީ ބޮޑުވުމުގެ އިތުރުން، މެދުއިރުމަތީގެ ނުތަނަވަސްކަމާ ގުޅިގެން މަތިންދާބޯޓު ތެލުގެ އަގު އުފުލެމުން ދިއުމަކީވެސް ދަތުރުވެރިންނަށް ކުރިމަތިވާނެ އިތުރު ބުރައެކެވެ.
AOT އިން ބުނިގޮތުގައި، 2026 ވަނަ މާލީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި (އޮކްޓޯބަރ-ޑިސެމްބަރ 2025 އަށް)، ތައިލެންޑުގެ މައި އެއާޕޯޓުތަކުން ގާތްގަނޑަކަށް 20.92 މިލިއަން ބައިނަލްއަގުވާމީ ދަތުރުވެރިން ހިދުމަތް ހޯދާފައިވެއެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online