ކަށަވަރުކުރުމެއްނެތި އީމޭލުން އައި އިންވޮއިސްތަކަކަށް ޓްރެޒަރީން 2.5 މިލިއަން ޑޮލަރު ދޫކޮށްފި

ކަށަވަރުކުރުމެއް ނެތި އީމޭލުން އައި އިންވޮއިސްތަކަކަށް އެކްސްޓަރނަލް ރިސޯސަސް ޑިޕާޓްމަންޓުން 2.5 މިލިއަން ޑޮލަރު ދޫކުރި މައްސަލަ ކޯޓަށް!

ޖޫން 05, 2026 - 04:36
އަދާހަމަވެއްޖެ: 1 މަސް ކުރިން
ކަށަވަރުކުރުމެއްނެތި އީމޭލުން އައި އިންވޮއިސްތަކަކަށް ޓްރެޒަރީން 2.5 މިލިއަން ޑޮލަރު ދޫކޮށްފި

އަސްލު ލޯނު އެއްބަސްވުމާ އަޅާކިޔައި ފައިސާ ދެއްކުމުގެ އިރުޝާދުތައް ކަށަވަރުކުރުމެއް ނުވަތަ އިތުރު ޔަގީންކަމެއް ހޯދުމެއް ނެތި، އީމެއިލް މެދުވެރިކޮށް ލިބުނު އިންވޮއިސްތަކެއްގެ މައްޗަށް ބިނާކޮށް ޓްރެޒަރީގެ 2.5 މިލިއަން ޑޮލަރު އޮޅުވާލައިގެން ޓްރާންސްފަރ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ލޯނު އަނބުރާ ދެއްކުމުގެ މި މުއާމަލާތް ލަންކާގެ ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް ރިސޯސަސްގެ އޮފިސަލުން ހިންގާފައިވާކަން، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން އިއްޔެ ވަނީ ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓަށް އަންގާފައެވެ.

ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް، ޕަސަން އަމަރަސޭނާގެ ކުރިމަތީގައި، ތަހުގީގުގެ ކުރިއެރުމާ ބެހޭ ރިޕޯޓެއް ހުށަހަޅަމުން ލަންކާގެ ސީއައިޑީގެ އޮފިސަލުން ބުނީ، މި ފައިސާ ދޫކޮށްފައިވަނީ "އެކްސްޕޯޓް ފައިނޭންސް އޮސްޓްރޭލިއާ" ގެ އީމެއިލް އެޑްރެހަކުން ލިބުނު އިންވޮއިސްތަކަކަށް ބަލައިގެން ކަމަށެވެ.

ތަހުގީގު ކުރާ ފަރާތްތަކުން ކޯޓުގައި ބުނި ގޮތުގައި، ފައިސާ ފޮނުވުމުގެ ކުރިން، އަސްލު އެއްބަސްވުމާ އަޅާކިޔައި ފައިސާ ދެއްކުމުގެ އިރުސާދުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ނުވަތަ އިތުރު މައުލޫމާތެއް ހޯދުމަށް އެއްވެސް ވަރަކަށް ސުވާލުކޮށް އޮޅުންފިލުވާފައެއް ނުވާކަމަށެވެ.

ސީއައިޑީން ކޯޓަށް އިތުރަށް މައުލޫމާތު ދިން ގޮތުގައި، މި މުއާމަލާތާ ގުޅޭ ޑޭޓާތައް ކަމާބެހޭ ސިސްޓަމްތަކުން ނަގައި، ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ކޮޕީކޮށްފައެވެ. އަދި މި ޑޭޓާތައް ހިމެނޭ ހަތަރު ކޮމްޕެކްޓް ޑިސްކް (ސީޑީ) އިތުރަށް ތަހުގީގު ކުރުމަށްޓަކައި ޔުނިވަރސިޓީ އޮފް ކޮލަމްބޯގެ ފޮރެންސިކް ކޮމްޕިއުޓިންގ ޑިވިޒަނަށް ފޮނުވުމުގެ ހުއްދައަކަށް ތަހުގީގު ކުރާ ފަރާތްތަކުން އެދުނެވެ. ގާޒީ ވަނީ ފޮރެންސިކް ދިރާސާ ކުރުމުގެ އެ ހުއްދަ ދެއްވާފައެވެ. މީގެ އިތުރުން ސީއައިޑީގެ އޮފިސަލުން ކޯޓުގައި ބުނީ، މި ތަހުގީގާ ގުޅިގެން މިހާތަނަށް 42 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ.

އަދި މި ހާދިސާއާ ގުޅިގެން ސަސްޕެންޑްކޮށްފައި ވަނިކޮށް މަރުވި، ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް ރިސޯސަސްގެ އެސިސްޓަންޓް ޑިރެކްޓަރ ރަންގަ ނިޝާންތަ ރާޖަޕަކްޝާގެ މަރުގެ ޕޯސްޓްމޯޓަމް ތަހުގީގު ރިޕޯޓުގެ ކޮޕީއެއް ވެސް ތަހުގީގު ކުރާ ފަރާތްތަކުން އިއްޔެ ވަނީ ކޯޓަށް ހުށަހަޅާފައެވެ.

ސީއައިޑީން ކޯޓަށް އިތުރަށް އެންގި ގޮތުގައި، މި ތަހުގީގާ ގުޅިގެން ކޯޓަށް އެހީތެރިވުމަށް އެޓަރނީ ޖެނެރަލްގެ މަންދޫބަކު ކުރިއަށް އޮތް އަޑުއެހުމަށް ހާޒިރުވާނެއެވެ. އަދި މި މައްސަލައިގެ އަޑުއެހުން މިހާރު ވަނީ އަންނަ ޖުލައި މަހުގެ 8 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

"މިއީ ހަމައެކަނި ފަރުވާކުޑަކޮށްލުމެއް ނޫން، މިއީ ކުރިންވެސް އިންޒާރުދިން ފަދަ ބޮޑު ނާކާމިޔާބީއެއް" - ސްްރީލަންކާގެ ކޮމިޓީ އޮން ޕަބްލިކް ފައިނޭންސް (ކޯޕްފް)

އެ ކޮމިޓީން ފާހަގަކުރި ގޮތުގައި، ދަރަންޏާ ބެހޭ މުއާމަލާތްތައް ސެންޓްރަލް ބޭންކް އޮފް ސްްރީލަންކާ (ސީބީއެސްއެލް) އިން ޓްރެޒަރީގެ ޕަބްލިކް ޑެޓް މެނޭޖްމަންޓް އޮފީސް (ޕީޑީއެމްއޯ) އަށް ބަދަލުކުރި އިރު، އެކަމަށް ގާބިލު އަދި ތަޖުރިބާކާރު މުވައްޒަފުން އައްޔަންކުރުމަށް ކޯޕްފް އިން ޓްރެޒަރީއަށް ތަކުރާރުކޮށް އިލްތިމާސްކުރިއެވެ. ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުގައި ގައުމެއްގެ ސޮވެރިން ދަރަނި ބެލެހެއްޓުމަކީ އާދައިގެ ކްލެރިކަލް މަސައްކަތެއް ނޫން ކަމަށް ބުނެ ދިން އެ އިންޒާރުތަކަށް އޭރު ވަނީ ބީރު ކަންފަތެއް ދީފައެވެ.

"މިއަދު އަޅުގަނޑުމެން މިތިބީ އޭގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހިފައި. ފަންނީ ގޮތަކުން ބަލާއިރު، ސްްރީލަންކާއިން ދައްކަންޖެހޭ ފަސް ދަރަންޏެއް (ފަސް ޕޭމަންޓެއް) ކްރެޑިޓަރަށް ލިބިފައިނުވާ ކަމަށް ބުނާ މައްސަލާގައި، ސްްރީލަންކާ މިއޮތީ ދަރަނި ނުދެއްކި (ޑިފޯލްޓްވެފައި) ތޯ މިއީ މިއަދު އުފެދޭ ސުވާލެއް،" ކޮމިޓީގެ މެންބަރަކު ވިދާޅުވިއެވެ.

މި ނާކާމިޔާބީއާ ކުރިމަތިލާން މިޖެހުނީ، ގޭމިން ރެގިއުލޭޝަނާއި، 2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ފިސްކަލް ޕާފޯމަންސްގެ އިތުރުން ފިސްކަލް-މަނިޓަރީ ޕޮލިސީ ކޯޑިނޭޝަނާ ގުޅޭ މުހިންމު މަސްވަރާތަކަށް ކޯޕްފްއިން ޖެހިޖެހިގެން ބޭއްވި ތިން ބައްދަލުވުމަކަށް، މިނިސްޓްރީ އޮފް ފައިނޭންސް (އެމްއޯއެފް) އިން ހާޒިރުވާން އުޒުރުވެރިވެފައިވާ ދަނޑިވަޅެއްގައެވެ.

ލަންކާގެ ބަރުލަމާނީ ހަޔާތަށް އިސާރާތް ކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ، ސްްރީލަންކާގެ މަޖިލީހުގައި ވޭތުވެދިޔަ 15 އަށްވުރެ ގިނަ އަހަރު ހޭދަކުރެއްވި އިރު، މަޖިލީހުގެ މާލީ މުއައްސަސާތައް ބެލެހެއްޓުމުގެ ދައުރަށް މިހާ ބޮޑަށް ފުރައްސާރަކޮށް، އިހުތިރާމް ކުޑަކޮށްލިތަން ދުވަހަކުވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

2.5 މިލިއަން ޑޮލަރަކީ 750 މިލިއަނަށް ވުރެ ގިނަ ލަންކާ ރުފިޔާ އެވެ. ލަންކާގެ މަޖިލީހުން ފާސްކުރި 2026 ވަނަ އަހަރުގެ ގައުމީ ބަޖެޓުގައި، ދައުލަތުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 5300 ބިލިއަން ރޫޕީސް ލިބޭނެ ކަމަށް ލަފާކޮށްފައި ވާއިރު، ބަޖެޓުގެ ޖުމްލަ ހަރަދު އުޅެނީ 7057 ބިލިއަން ރޫޕީސްގައެވެ. އެހެންކަމުން މިއީ 1757 ބިލިއަން ރޫޕީސްގެ ދަރަނި ބަޖެޓެކެވެ.

ލަންކާ ސަރުކާރުގެ މި މާލީ ޕްލޭން ބައްޓަންކޮށްފައިވަނީ، ރައްޔިތުންގެ އަތުން ބޮޑެތި، އާ ޓެކްސްތަކެއް ނުނަގައި، ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ގެ 2.3 އިންސައްތައިގެ އަރަންޏެއް (ޕްރައިމަރީ ސާޕްލަސްއެއް) ހިފެހެއްޓުމުގެ މަގުސަދުގައެވެ.