ދަރިން ބިނާކުރުމުގައި ލުޤުމާނުގެފާނުގެ ނަސޭހަތުން ފިލާވަޅެއް!
ލުޤުމާނުގެފާނު އެކަލޭނގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭހަތްތަކަކީ ކޮންމެ ޒަމާނަކަށްވެސް ފެތޭ، އިންސާނާގެ ދެދުނިޔޭގެ ބާއްޖަވެރިކަމާ ގުޅިފައިވާ އަގުހުރި ފިލާވަޅުތަކެއް.
ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިއުމަތަކަށް ވާއިރު އެއީ އަޅުގަނޑުމެންނާއި ހަވާލުކުރެވިފައިވާ އަމާނާތެއް ވެސްމެއެވެ. ދަރިން ބަލާ ބޮޑުކޮށްފައިވާ ގޮތާއިމެދު ގިޔާމަތްދުވަހުން ސުވާލުކުރެއްވޭނެކަމީ ސައްކެއްވެސް އޮތް ކަމެއްނޫނެވެ.
ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިތުރަތުގެ ސާފުކަންމަތީގައި ކަމަށްވާއިރު އެކުއްޖާގެ އަހްލާގާއި ސުލޫކު ބައްޓަންކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އެ ކުދިންގެ މައިންބަފައިންނެވެ. ކަންމިހެންއޮތްއިރު، ބަވަނަވަމުން އަންނަ ދުނިޔެއަށް ނަޒަރުހިންގާލާއިރު ތަރުބިއްޔަތުގެ ދައުރު ފުރިހަމަ ގޮތުގައި އަދާކުރުމަކީ އަދުގެ މައިންބަފައިންނަށް ކުރިމަތިވެފައިވާ ވަރަށްވެސް ބޮޑު ގޮންޖެހުމެކެވެ.
ދަރިން ތަރުބިއްޔަތު ކުރުމަށް އިސްލާމްދީނުގައި ވަރަށްވެސް ފުރިހަމަ އުސޫލުތަކެއް ވަނީ ކަނޑައަޅުއްވާފައިވެއެވެ. މިގޮތުން ކީރިތި ގުރުއާނުގައި މާތްﷲ އަންގަވާފައިވަނީ ދަރިންނަށް ދީނުގެ ކަންކަން އުނގަންނައިދީ، ނަރަކައިގެ އަޒާބުން އެކުދިން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަކީ މައިންބަފައިންގެ މައްޗަށް އޮތް ވާޖިބެކެވެ. މިކަން ބަޔާންކުރައްވައި މާތްﷲ ކީރިތި ގުރުއާނުގެ ތަޙްރީމް ސޫރަތުގެ 6ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا.. މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން (އެބަހީ ދަރިންނާއި އަނބިމީހާ) ނަރަކައިގެ އަލިފާނުން ސަލާމަތްކުރާށެވެ!"
ކީރިތި ގުރުއާނުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ފަދައިން ލުޤުމާނުގެފާނަށް ދެއްވާފައިވާ ހިކުމަތްތަކުގެ ތެރެއިން ދަރިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅުއްވާފައިވާ ހިކުމަތަކީ އަޅުގަނޑުމެން އޭގެން އިބްރަތް ހާސިލްކޮށް އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅެން ޖެހޭނެ އުސްލޫބުތަކެއްކަމުގައި ދެކެމެވެ. ލުޤްމާން ސޫރަތުގެ 12 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވެއެވެ. وَلَقَدْ آتَيْنَا لُقْمَانَ الْحِكْمَةَ أَنِ اشْكُرْ لِلَّهِ ۚ وَمَن يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ اللَّهَ غَنِيٌّ حَمِيدٌ ﴿١٢﴾ މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ لقمان ގެފާނަށް ހިކުމަތް ދެއްވީމެވެ. އަދި اللَّه އަށް ސުކުރު ކުރުމަށް އެންގެވީމެވެ. އަދި ސުކުރު ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ސުކުރު ކުރާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފުސަށްޓަކައެވެ. އަދި ކާފިރުވި މީހާ (ދަންނާށެވެ!) ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، ހަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ."
ކީރިތި ގުރުއާނުގައި ލުޤުމާނުގެފާނުގެ ނަންފުޅުން ސޫރަތެއް ނަންދެވި، އެކަލޭނގެފާނުގެ ވާހަކަ ބަޔާންކުރައްވާފައިވަނީ އެކަލޭނގެފާނަކީ މާތްﷲ ބޮޑުވެގެންވާ ހިކުމަތްތެރިކަން ދެއްވާފައިވާ ބޭކަލަކަށް ވާތީއެވެ. ލުޤުމާނުގެފާނު އެކަލޭނގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭހަތްތަކަކީ ކޮންމެ ޒަމާނަކަށްވެސް ފެތޭ، އިންސާނާގެ ދެދުނިޔޭގެ ބާއްޖަވެރިކަމާ ގުޅިފައިވާ އަގުހުރި ފިލާވަޅުތަކެކެވެ.
މިގޮތުން އެކަލޭގެފާނުގެ ދަރިކަލުންނަށް ފުރަތަމައަށްވެސް ނަސޭހަތް ދެއްވާފައިވަނީ اللهُ އަށް ސަރީކު ނުކުރުމަށެވެ. އެހެނީ އަގީދާ ވަރުގަދަ ކުރުމުގެ މައްޗަށެވެ. وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ (ސޫރަތުއް ލުޤުމާން: 13ވަނަ އާޔަތް) މާނައީ: އަދި ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތް ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ ސަރީކު ނުކުރާށެވެ! ހަމަކަށަވަރުން، ސަރީކު ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.
މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް މާތް ﷲ ކީރިތި ގުރުއާނުގެ އެތަށް އާޔަތެއްގައި ވަސިއްޔަތް ކުރައްވާފައިވެއެވެ. އެހެންނަމަވެސް ﷲއަށް ސަރީކުކުރުމަށް އެދެމީހުން ގަދައަޅައިފިނަމަ، އެދެމީހުންނަށް ކިޔަމަން ނުވާންވެސް އަންގަވާފައި ވެއެވެ. އެހެނީ ސަރީކު ކުރުމަކީ ﷲގެ ހަޒުރަތުން ނުފުއްސެވޭނެ ބޮޑުވެގެންވާ ފާފައެއްކަމުގައިވާތީއެވެ. މާތްﷲ ކީރިތި ގުރުއާނުގެ ލުޤުމާން ސޫރަތުގެ 15 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ އާޔަތުގެ މާނައިގައިވެއެވެ.
"އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް ސަރީކު ކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅޭށެވެ! އަދި ތިމަންރަސްކަލާނގެ ހަޒްރަތަށް ކިޔަމަންވެ، ރުޖޫއަވީ މީހުންގެ މަގަށް ތަބާވާށެވެ! ދެން ތިޔަބައިމީހުން އެނބުރި ރުޖޫއަވުން ވަނީ ތިމަންރަސްކަލާނގެ ހަޒްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު އަމަލުތަކުގެ ހަބަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ."
އަމަލުތައް ސީދާ ކުރެއްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައިވެއެވެ. އެހެނީ އެ އަމަލަކީ ޒައްރެއްގެ މިންވަރުވެސް ހެޔޮ އަމަލެއް ކަމަށްވިޔަސް އަދި ޒައްރެއްގެ މިންވަރުގެ ނުބައި އަމަލަކަށްވިޔަސް އެކަމުގެ ހިސާބުބެއްލެވޭނެކަން ވިސްނައި ދެއްވާފައިވެއވެ. ލުޤުމާން ސޫރަތުގެ 16 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ. يَا بُنَيَّ إِنَّهَا إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِي صَخْرَةٍ أَوْ فِي السَّمَاوَاتِ أَوْ فِي الْأَرْضِ يَأْتِ بِهَا اللَّهُ ۚ إِنَّ اللَّهَ لَطِيفٌ خَبِيرٌ ﴿١٦﴾ "އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ އަމަލަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި އަމަލެއް ކަމުގައިވިޔަސް، ހިލައެއްގެ ތެރޭގައިވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް (ގިޔާމަތްދުވަހުން) اللَّه އެ އަމަލެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އަޅުކަމަށް ބާރުއަޅުއްވާފައި ވެއެވެ. މި ގޮތުން ނަމާދު ގާއިމުކުރުމަށް އަމުރުކުރެއްވިއެވެ. يَا ا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ ﴿١٧﴾ ( ސޫރަތުއް ލުޤުމާން: 17 ވަނަ އާޔަތް ) މާނައީ: އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ގާއިމްކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރު ކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާޔަށްޖެހޭ މުސީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، އަޒުމް ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.
އަހްލާގު ހެޔޮގޮތުގައި ބައްޓަން ކުރުމާއިއެކު، މީސްތަކުންނަށް ބޮޑާނުވުމަށާއި، ބިމުގައި ބޮޑާވެގެން ނުހިނގުމަށް ނަސޭހަތް ދެއްވާފައިވެއެވެ. ލުޤްމާން ސޫރަތުގެ 18 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވަނީ وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ﴿١٨﴾ އަދި މީސްތަކުންނަށް ކިބުރު ވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ ހާލު، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، ކިބުރުވެރިވެ، ފަހުރު ވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
ހެޔޮލަފާ ދަރިންނަށް އެދި ﷲ ގެ ހަޒުރަތުން ދުއާކުރުމާއިއެކު ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ ގުރުއާނުން ފެންނަން އޮތް ގޮތެވެ. ރަހްމާނުވަންތަ ރަސްކަލާނގެ އަޅުންގެ ސިފަތައް ބަޔާންކުރައްވަމުން ވަހީކުރައްވާފައި ވެއެވެ. ސޫރަތުލް ފުރުޤާންގެ 74 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވެއެވެ. وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا ﴿٧٤﴾ މާނައީ: "އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަގުވާ ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!"
ދަރިންނަށް ދީނީ އަދި ދުނިޔަވީ ގޮތުން ރަނގަޅު ތަރުބިއްޔަތެއް ނުދީ ބަލިކަށި ބައެއްގެ ގޮތުގައި ދޫކޮށްލުމަކީ ބިރުގަންނަންޖެހޭ ކަމެއްކަން اللهُ ބަޔާންކުރައްވާފައިވެއެވެ. ސޫރަތުއް ނިސާގެ 9 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވަނީ وَلْيَخْشَ الَّذِينَ لَوْ تَرَكُوا مِنْ خَلْفِهِمْ ذُرِّيَّةً ضِعَافًا خَافُوا عَلَيْهِمْ فَلْيَتَّقُوا اللَّهَ وَلْيَقُولُوا قَوْلًا سَدِيدًا މާނައީ: "އަދި އެއުރެންގެ ފަހަތަށް ބަލިކަށި ދަރިފަސްކޮޅެއް ދޫކޮށް ދިޔަނަމަ، އެކުދިންނާމެދު ބިރުގަންނާނެ މީހުން (އެބަހީ: ވަލީވެރިންނާއި ވަސިއްޔަތް ކުރެވޭ މީހުން) اللهُ އަށް ބިރުވެތިވާހުށިކަމެވެ!..."
މާތްﷲ އަޅުގަނޑުމެން ހުރިހާ ބެލެހެއްޓުންތެރިންނަކީވެސް ﷲއަށް ބިރުވެތިވެ އެކަންކަމާއިމެދު ސުވާލުކުރެވޭނެ ކަންތައްތަކާއިމެދު ވިސްނާ ފިކުރުހިންގާ އެއަށް އަމަލުކުރާ ބައެއްކަމުގައި ލައްވާށި! އާމީން.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online