މަކަރާއި ހީލަތުން ފޭރުން - މޮބައިލް ހިދުމަތްދޭ ކުންފުނިތަކުންވެސް؟

ލައްކައެއްހާ މީހުންގެ ބިލަށް ކުޑަ އަދަދެއް (ސިއްރުން) އިތުރުކޮށްގެން އަހަރަކު 54 މިލިއަން ރުފިޔާ!

އޮގަސްޓް 11, 2024 - 18:30
 0
މަކަރާއި ހީލަތުން ފޭރުން - މޮބައިލް ހިދުމަތްދޭ ކުންފުނިތަކުންވެސް؟

މަކަރާއި ހީލަތުން ފައިސާ ފޭރުމުގެ ވާހަކަތައް ދުވަހެއް ދުވަހެއް ގިނަވަމުން ދާއިރު، އެކަން ކުރާ އުކުޅުތަކާއި ރޭވުންތައްވެސް ދަނީ އީޖާދު ކުރަމުންނެވެ. 

ޖަލު ގައިދީން ފޯނުކޯލާއި މެސެޖުކޮށްގެން އޮޅުވާލައިގެން ފައިސާހޯދުމާއި، ގިނަބަޔަކު ގުޅިފައިވާ 'ނެޓްވަރކް' ތަކުން، އެކިފަރާތްތަކުގެ ބެންކު އެކައުންޓުތަކަށް (ވަގަށް) ވަދެގެން ފައިސާ ފޭރުމަކީ މިހާރަކު އާ ވާހަކަތަކެއް ނޫނެވެ. ކުރުމުއްދަތެއްގައި ގިނަ ފައިސާލިބޭނެ ކަމަށް އިސްތިހާރުކޮށް، މީހުންގެ 'ބޯކާލައިގެން' ފާޑުފާޑުގެ ސްކީމްތަކުގެ ދަލުގައި ޖައްސައި ބޮޑަތި އަދަދުތަކުން ފައިސާ ފޭރުމަކީވެސް މިހާރަކު އާ ވާހަކަތަކެއް ނޫނެވެ. 

ވިޔަފާރީގެ ޕްރޮޖެކްޓްތަކުގެ ނަމުގައި އާއްމު ބެލުންތަކުން ކިތަންމެ ވަރަކަށް ބަލައި ޗެކު ކުރިއަސް، ހީލަތްތެރި ޑީލްއެއްކަން ނޭނގޭވަރަށް ވަގުލިޔެކިޔުންތައް ތައްޔާރުކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ގުޅިގެން ޓީޓީކޮށްގެންނާއި އެހެނިހެން ގޮތްގޮތުން ބިމެއް ނުވަތަ ރަށެއް ގަތުން ފަދަ އިންވެސްޓްމަންޓްތަކުގެ ނަމުގައި ހީލަތުން ފޭރޭ ބޮޑަތި އަދަދުތަކުގެ ހަގީގަތްތަކަކީވެސް އާއްމު ވެފައިވާ ކަމެކެވެ.

ވާނުވާ ނޭނގޭ ޖަލު ބަންދަކީ އުވާލަން ޖެހޭ ކަމެއްކަމަށް ވަކާލާތުކޮށް އެކަން 'ކޮޅެއްގައި ޖެހިދާނެ' ކަމަށް ބެލެވުނަސް، ވާނުވާ ނޭނގި ބިލުތައް ބޮޑުވާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމުގެ ދުވަހެއް، ކޮޅެއް މެދެއް ނޭނގޭއިރު، ސްޓެލްކޯ އާއި ފެނަކަ ފަދަ ތަންތަން ޖަވާބުދާރީ ކުރުވާނެ އޭސީސީއެއް ތެދުވާނެ ދުވަހެއް އަދި އަންނާނެކަން ކަށަވަރެވެ.

ފަހަކަށް އައިސް މިހުރިހާ އެންމެނަށްވުރެ މޮޅަށް، ރޯމާދުވާލު ފާޅުކަން ބޮޑުގޮތެއްގައި ހީލަތުން ފައިސާ ހޯދާނެ އުކުޅެއް އީޖާދުކޮށްފިއެވެ. އެއީ މޮބައިލް ބިލުތަކުން މީސްމީހުންގެ ބިލަށް، ކޮންމެވެސް "އެޑް-އޮން" އެއްގެ ނަމުގައި، ކުޑަ އަދަދެއް އިތުރު ކޮށްގެންނެވެ.

ބިލުގައި ކުޑަކުޑަ އަދަދެއް އިތުރު ކުރުމުން މީހުންނަށް އެކަން ފާހަގައެއް ނުކުރެވެއެވެ. ބިލަށް މާބޮޑު ތަފާތެއް ނާންނާތީ ބިލުގެ ތަފްސީލު ކޮންމެހެން ނުބަލަނީ މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކަށް ނޭނގިތިބެ އިތުބާރު ކުރެވި، އެފަދަ ހީލަތެއް ހަދާފާނެކަމަށް ހީނުކުރެވޭތީއެވެ. 

އުރީދޫއިން މޮބައިލް ހިދުމަތް ބޭނުންކުރާ މީހުން ދޮޅުލައްކަ އަށްވުރެ އިތުރު ވެފައިވާއިރު ލައްކައެއްހާ މީހުންގެ ކޮންމެ ބިލަކަށް މަހަކު މިފަދައިން ކުޑަ އަދަދެއް އިތުރުކޮށްގެން އަހަރަކު 54 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ކަޅާކޮށްލެވެއެވެ. ވާނުވާ ނެނގޭ ކުދި އަދަދުތައް ކަސްޓަމަރުންގެ ބިލަށް ލަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. އިސާހިތަކު ފެނުނީ ހުޅުމާލެއިން ބޮޑު ބިމެއްގައި، އުރީދޫގެ ބޮޑު އިމާރާތެއް އަޅާ ނިންމާލިތަނެވެ. ބިލަޔަނުން ފައިދާ ނަގަމުންދަނީ ކިހިނެތްކަމާއި މެދު ހިސާބުޖަހާ ބަޔަކަށް މާބޮޑު އޮޅުމެއް ނާރާނެއެވެ.

މީސްމީޑިއާގައިވެސް މިފަދަ ސަކުވާތައް ކޮށްފައި ހުރި އިރު، މި ނޫހަށް މައުލޫމާތު ދިން ފަރާތުން ހާމަކުރިގޮތުން އެ (ސްޓާ ޓޯކް ޑެއިލީ) އަކީ ކޯއްޗެއްކަން ނޭނގޭ ކަމަށާއި، އެފަދަ އެޑް-އޮން އެއް ނަގާފައި ނުވާނެ ކަމާއި، އެފަދަވިޔަސް އަދި އެހެންވެސް ލިންކަކަށްވެސް ފިތާފައި ނުވާނެއެވެ.

ކުންފުނިތަކުން އަގުނަގާ ކޮންމެ ކަމަކީ (ޕްރޮޑަކްޓެއް ނުވަތަ އެޑް-އޮން އެއް ވިޔަސް) އޭގެ ތަފްސީލު ކަސްޓަަމަރުންނަށް ސާފުކޮށް އެނގެންޖެހޭ އެއްޗަކަށް ވާއިރު، މައުލޫމާތެއް ބަލަންވިޔަސް ހަމައެކަނި ލިންކަކަށް ފިތާލުމުން އިތުރު މައުލޫމާތެއް ނުފެނި، ޔަގީންކަމެއް (ކޮންފަރމޭޝަން އެއް) ނުދެނީސް އެހިސާބުން ކޮންމެ މަހެއްގެ ބިލަށް އަދަދެއް އިތުރުވުމަކީ ބޮޑު މައްސަލައެކެވެ. މިއީ ޓެކުމާއި ފޭރުމަށް ދުނިޔޭގެ ހުނަރުވެރި ވަގުން (ސައިބަރ ކްރިމިނަލުން) ބޭނުންކުރާ ފިސިންގ (phishing) ގެ އުކުޅެކެވެ. ލިންކަކަށް ފިތާލުމާއެކު ލާރިކޮޅު ދިޔައީއެވެ. ނަމަވެސް އެއީ އެފަދަ ވަގުން ބޭނުންކުރާ އުކުޅެކެވެ. އުރީދޫ ފަދަ ކުންފުނިތަކުން ކޮށްފާނެ ކަމަށް ގަބޫލު ކުރަންދަތި ކަމެކެވެ.

މި ނޫހުން ބެލި ބެލުމުން އެނގުނީ ރާއްޖޭގެ އުރީދޫ ވެބްސައިޓުގައި، "ސްޓާޓޯކް ޑެއިލީ" (Startalk Daily) ގެ ވާހަކަ (މި ލިޔުން ލިޔުމާއި ހަމައަށް) އެއްވެސް ވަރަކަށް ހިމަނާފައި ނުވާކަމެވެ. އަދި އެ އެޑް-އޮންގެ ޗާޖު ބިލަށް އަރަންފެށި ސަބަބެއް ކަމަށް އުރީދޫއިން (ތުހުމަތުކޮށް ބަހަނާއެއްގެ ގޮތުގައި) ބުނީ ލިންކަކަށް ފިތުމުން ކަމަށްވެސް މި މައްސަލައިގެ މައުލޫމާތު މިނޫހަށް ދިން ފަރާތުން ހާމަކުރިއެވެ. އަދި މީސްމީޑިއާގައިވެސް މިފަދަ (ވާނުވާ ނޭނގޭ)  ޗާޖުތަކުގެ ވާހަކަތައް ދައްކާފައިވާކަންވެސް ފާހަގަވެއެވެ.

މިނޫހަށް މައުލޫމާތު ދިން ފަރާތުން ބުނިގޮތުގައި، އެ މައްސަލަ އުރީދޫގައި ޖެއްސުމުން އެ އަދަދު ތަކުގެ ރިފަންޑު ދޭނެކަމަށް އުރީދޫއިން ބުނެފައިވާ ކަމަށެވެ.

ލިޔެކިޔުންތައް އިލެކްޓްރޯނިކް ވިއުގަތަކުގައި ތަރުތީބުވެ، ކަރުދާސް ބިލެއް އެއްވެސް ފަރުދަކަށް ނުލިބޭއިރު، ބިލު ޑައުންލޯޑުކޮށް އެގޮތަށް ބިލުގެ ތަފްސީލު ވަކިވަކިން އައިޓަމަކުން ބަލަނީ ކިތައް މީހުންތޯއެވެ؟ ކުރީގެ ބިލުތައް ބަލަން ބޭނުންވިޔަސް ބެލެނީ ފާއިތުވީ 3 މަހުގެ ބިލު އެކަނިކަމަށާއި، އިތުރު ބިލު ބަލަން ބޭނުންނަމަ އުރީދޫއަށް މެއިލްކޮށް، ސިޓީފުޅެއް ފޮނުވައި ނުވަތަ އުރީދޫ ހެޑްއޮފީހަށް ގޮސް އެތައް ތަކުލީފެއްގައި އުޅެ އެތައް ދުވަހެއް ފަހުން މެނުވީ ކުރީގެ ބިލުތައް (ތަފްސީލީ ބިލުތައް) ނުލިބޭ ކަމަށްވެއެވެ. އެފަރާތުން މައުލޫމާތު ދިން ގޮތުގައި، ފެންނަންހުރި ފާއިތުވީ ތިން (މަހުގެ) ބިލުގައިވެސް އެ ޗާޖު ހިމަނާފައިވާ ކަމަށާއި،  އޭގެކުރިންވެސް އެގޮތަށް ފައިސާ ފޭރިފައިވާނޭކަމަށް އެނާއަށް ގަބޫލުކުރެއެވެ. އެކަން ކަށަވަރުވާނީ ކުރީގެ ބިލުތައް ލިބުމުންކަމަށްވެސް އެފަރާތުން މައުލޫމާތު ދިނެވެ.

ސީއެސްއާރު ނަމުގައި އެކިވަރުގެ އަދަދުތައް ކޮންމެވެސް ނަމެއްގައި ބަހައި، ހިސާބު ދިމާނުވާ އަދަދުތައް ޖަހައި، ކޮންމެވެސް ކަމެއް/ޕްރޮޖެކްޓެއް ހިންގުމުގެ މަތިއަޅުވައި ހޭދަކުރުމަކީވެސް، ބީޕީޓިން ރެކެން ބޮޑަތި ބައެއް ކުންފުނިތަކުން ކުރާކަމެކެވެ.

ހައިރާން ވާންޖެހޭ ކަމަކީ މިފަދަ ކަންކަން ބަލަން، ކޮމިއުނިކޭޝަން އޮތޯރިޓީ އަކާއި، އެންޓި-ކޮރަޕްޝަން އަކާއި ފުލުސް އިދާރާއެއްވެސް ހުރެމެ، އެކަންކަން، ކަމާވެ އެދެވޭ ގޮތެއްގައި ބަލައި ރައްޔިތުންގެ ޖީބުތަކުން ފައިސާ ފޭރުން ހުއްޓުވުމަކީ "ރޮކެޓް ސައިންސަށް" ވުރެ ފޮމިއުލާތައް ގިނަ އުނދަގޫ ކަމަކަށްވެ، ހިމާލިޔާ ފަރުބަދަ ކެނޑުމަށްވުރެ ބޮޑުކަމަކަށްވެ، ޒިންމާ އަދާނުކުރެވިފައި ވާކަމެވެ.