އޭނައަށް ލިބުނު - މަށަކަށް ނުލިބޭ: ކޮބާ އިންސާފު؟
އިންސާނާގެ އެތެރޭގައި އެތައް ވައްތަރެއްގެ ބަނޑުހައިކަން އެކުލެވިގެން ވެއެވެ. ކާބޯތަކެތީގެ ބަނޑުހައިކަން، އިޙުތިރާމުގެ ބަނޑުހައިކަން، ތަޢުރީފުގެ ބަނޑުހައިކަން، ލޯބީގެ ބަނޑުހައިކަން، ބާރުގެ ބަނޑުހައިކަމުގެ އިތުރުން، އަދި އެންމެ ނުރައްކާތެރި ބަނޑުހައިކަމަކީ އެހެން މީހުންނަށްވުރެ ގިނައިން ލިބުމަށް އެދުމުގެ ބަނޑުހައި ކަމެވެ.
ގިނަފަހަރަށް މައްސަލަ ދިމާވަނީ ބަނޑުހައިކަން ހައްދުން ނެއްޓިގެން ދިއުމުންނެވެ. އޭރުން އިންސާނާ، އޭނާގެ އަމިއްލަ އުފަލާމެދު އުފާވާ މިންވަރު ކުޑަވެ، އެހެން މީހުންގެ އުފަލާ މެދު ޙަސަދަވެރިވާ މިންވަރު ބޮޑުވެގެން ދެއެވެ. އަދި އެހެން މީހަކު ކާމިޔާބު މީހަކަށް ވެއްޖެނަމަ، އޭނާއަށް ލިބޭ މިންވަރު އުނިވެދާނެ ކަމުގެ އިޙުސާސް ކުރެވެން ފަށައެވެ. އަދި އެހެން މީހެއްގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފާޅުވެއްޖެނަމަ، އޭނާގެ ހިތާމަތައް ބޮޑުވެދާނެ ކަމުގެ އިހުސާސް ކުރެވެން ފަށައެވެ.
އަދި، އެހިސާބުން ނުފެންނަ ހަނގުރާމައެއް ފެށެއެވެ. އެގޮތުން މަލާމާތުގެ ތީރުތަކާއި، ޣީބަބުނުމާއި، އެހެން މީހުންގެ ބުރަ މަސައްކަތް، އަގެއް ނެތް ނުވަތަ މުހިންމު ނޫންކަމަށް ހެދުމާއި، އެހެން މީހުންގެ ކާމިޔާބީއާ މެދު ހިތުގައި ހަސަދަވެރިކަމުގެ ރާޅުބާނިތައް، ހޮޅިލައި ނަގަން ފަށައެވެ. އެއީ "އެހެން މީހުންގެ އުފާވެރިކަން ޖަހައިގަނެ ދިރުވާލުމެވެ." ޙަޤީޤަތުގައި ތިބާއަށް އެއްވެސް އެއްޗެއް ދިރުވައެއް ނުލެވެއެވެ. އަދި އެކަމުގެ ސަބަބުން ތިބާގެ ބަނޑުހައި ކަމެއްވެސް ފިލައިގެނެއް ނުދާނެއެވެ. އެކަމަކު، ތިބާ އެހެން މީހެއްގެ ހަމަޖެހުން ފުނޑައިލަނީއެވެ. އަދި، ތިބާ އެހެން މީހެއްގެ އުފާވެރިކަމާއި، ހިނިތުންވުމަށް ޒަހަރުލަނީއެވެ.
ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ދުނިޔޭގައިވާ ކޮންމެ މީހެއްގެ ރިޒުޤު ވަނީ މާކުރިން ލިޔުއްވާފައެވެ. އެހެން މީހެއްގެ ނިވާލަ ފޭރިގަނެގެން، ތިބާގެ ބަނޑުހައިކަމެއް ފިލުވައެއް ނުލެވޭނެއެވެ. އަދި އެހެން މީހެއްގެ ކާމިޔާބީއާއި، އުފަލުގެ ސަބަބުން، ތިބާ ނާކާމިޔާބު މީހަކަށްވެސް ނުވާނެއެވެ. އެއީ، ޙަސަދަވެރިކަމުގެ އެންމެ ބޮޑު އޮޅުވައިލުމެވެ. ޙަސަދަވެރިކަން ތިބާއަށް ކަށަވަރު ކޮށްދެނީ، އެހެން މީހަކަށް އިތުރަށް ލިބިއްޖެނަމަ، ތިބާއަށް ލިބޭ މިންވަރު މަދުވެދާނެ ކަމެވެ. ތިބާ ޙަޤީޤަތުގައިވެސް ތި ދުވަނީ ތިބާގެ ބޭނުންތަކުގެ ފަހަތުން ހެއްޔެވެ؟ ނުވަތަ، ތިބާ ހަމައެކަނި ތި ދުވަނީ އެހެން މީހަކަށް ނިޢުމަތެއް ލިބިފައިވުމުން އޭގެ ފަހަތުން ހެއްޔެވެ؟
އެކަމަކު، الله ގެ ނިޒާމަކީ އެކަހަލަ ނިޒާމެއް ނޫނެވެ. އެ ނިޒާމުގައި މަކާނުގެ އުނިކަމެއް ނެތެވެ. ޒަމާނުގެ އުނިކަމެއް ނެތެވެ. ރިޒުޤުގެ އުނިކަމެއް ނެތެވެ. އެކަމަކު، މައްސަލައަކީ އަހުރެމެންގެ ހިތްތަކުގެ ހަނިކަމެވެ. އަހުރެމެންގެ ދަހިވެތިކަމެވެ. އަހުރެމެންގެ ޙަސަދަވެރިކަމެވެ. އަހުރެމެންގެ އަނާއެވެ.
އަހުރެމެން ކޮންމެ މީހެއްގެ ރޭހަކީ މުޅިން ތަފާތު ރޭހެކެވެ. ކޮންމެ މީހެއްގެ އިމްތިޙާނުތައްވެސް މުޅިން ތަފާތެވެ. ތިބާގެ ނަފުސު، ތިބާ އަޅާކިޔަން ޖެހޭނީ، ތިބާގެ އަމިއްލަ ދަތުރާއެވެ. އެހެން މީހެއްގެ ދުވެލީގެ ބާރުމިނަކާ ނޫނެވެ. މީހަކު ބަނޑުހައިހޫނުކަމުގެ އަޅަކަށް ވެއްޖެނަމަ، ދުވަހަކުވެސް އޭނާގެ ބަނޑުހައިކަމެއް ނުފިލާނެއެވެ. ދުވަހަކުވެސް އޭނާގެ ހިތެއް ހަމައެއް ނުޖެހޭނެއެވެ. މުޅި ދުނިޔޭގައި ލެއްވި ހުރިހާ އެއްޗެއް އޭނާއަށް ލިބުނު ކަމުގައިވިޔަސް، އޭނާގެ ހިތެއް ނުފުރޭނެއެވެ.
މީހެއްގެ އުފާވެރިކަން ފެނި، ތިބާގެ ހިތުގައި ޣީރަތްތެރިކަން އުފެދޭ ކޮންމެ ފަހަރަކު، ނިކަން މަޑުކޮށްލާފައި ވިސްނާ، ފިކުރުކޮށް ބަލާށެވެ. "އަހުރެން، އަހުރެންގެ އަމިއްލަ ބަނޑުހައިކަން ފިލުވަން އުޅެނީ ހެއްޔެވެ؟ ނުވަތަ އެހެން މީހެއްގެ އުފަލާއި، ހަމަޖެހުން ދިރުވައިލަން އުޅެނީ ހެއްޔެވެ؟"
~ހަސަން ލުތުފީ~
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online