ރިޔާސީ ޕްރައިމަރީ ނިމެންދެން ރަނިންމޭޓުން އިއުލާންކުރުން ފަސްކުރުމަށް ރައީސް ނަޝީދު (އަންނި) ގޮވާލައްވައިފި
ޕާޓީގެ މެންބަރުންނާއި ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ރިޔާސީ ރަނިންމޭޓުން ހިޔާރުކުރުމުގެ ކުރިން، އެތެރޭގެ އިންތިހާބުތައް ފުރިހަމައަށް ނިންމުމުގެ މުހިންމުކަމާއި، އިންސާފުވެރިކަމާއި، އަދި ޕާޓީގެ ބަދަހިކަމާމެދު ބަހުސްކުރަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ޕްރައިމަރީ ނުނިމެނީސް ރަނިންމޭޓުން އިއުލާންކުރައްވަމުން ގެންދަވާތީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސިޔާސީ ޕާޓީއެއްގެ ރިޔާސީ ޕްރައިމަރީ ނިމުމުގެ ކުރިން ރަނިންމޭޓަކު ހިޔާރުކުރުމަކީ ޕާޓީތަކުގެ އެތެރޭގެ ދިމުގުރާތީ ހަމަތަކާއި، އިންތިހާބުގެ އިންސާފުވެރިކަމުގެ އިތުރުން ޕާޓީގެ ބަދަހިކަމާމެދު ކުރެވޭ ބަހުސްތަކުގައި މުހިންމު މައްސަލައަކަށް މިހާރު ވަނީ ވެފައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ކެންޑިޑޭޓުން ރަނިންމޭޓަކާމެދު ގޮތެއް ނިންމަވަންވާނީ ޕްރައިމަރީގެ އިންތިހާބު ފުރިހަމައަށް ނިމުމަށްފަހުގައެވެ.
މިކަމާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، ޕާޓީ އިލެކްޝަންއަށް ނުކުންނައިރު އެހެން ޕާޓީތަކާ ވާހަކަ ދައްކާ، އެއްބަސްވުންތައް ގާއިމުކުރެވޭނެ ގޮތަށް ތިބުން ބޭނުންތެރި ކަމަށާއި ރަނިން މޭޓުކަމަކީ އެމްޑީޕީން އެހެން ޕާޓީތަކާ ކުރާ މަސްވަރާތަކުގައި ލެވަރެޖޭއް ކަމަށެވެ. އެ ލެވަރޭޖު ގެއްލޭ ގޮތަށް ކެންޑިޑޭޓުން އަމަލުނުކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ރަނިން މޭޓަކު އިއުލާނުކުރެއްވީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެކަންޏެވެ. ފައިސަލްގެ ރަނިން މޭޓަކީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ފައިސަލް ނަސީމް ހަމަޖެއްސެވީ، އެމްޑީޕީން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ރަނިންމޭޓުގެ ސްލޮޓް ދިނުމުން، އެ ޕާޓީގެ ފަރާތުންނެވެ. ފައިސަލް ނަސީމް އޭރު ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ.
ރިޔާސީ ޕްރައިމަރީއަކީ ރިޔާސީ އިންތިހާބުގައި ސިޔާސީ ޕާޓީއެއް ތަމްސީލުކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕާޓީގެ އެތެރޭގައި ބާއްވާ އިންތިހާބީ މަރުހަލާއެކެވެ. ޕާޓީގެ ގާނޫނާއި އިންތިހާބީ ގަވާއިދުތައް ހުންނަ ގޮތުން، މި މަރުހަލާގައި ވޯޓުދެނީ ޑެލިގޭޓުން ނުވަތަ ޕާޓީގެ އާންމު މެންބަރުންނެވެ.
ރަނިންމޭޓަކު ނެގުން ލަސްކުރުމަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޕްރައިމަރީ ކެމްޕޭން ތެރޭގައި ރަނިންމޭޓަކު އިއުލާންކުރުމުން، ޕާޓީގެ މެންބަރުންގެ ތާއީދު އަދި ނުލިބެނީސް ރިޔާސީ ޓީމެއް އެކުލަވާލެވިއްޖެކަމުގެ އިހުސާސް އުފެދެއެވެ. އެފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ޕްރައިމަރީ ބިނާވާންޖެހޭނީ ކެންޑިޑޭޓުގެ ގާބިލުކަމާއި، ސިޔާސަތުތަކާއި، ތަޖުރިބާގެ އިތުރުން ޕާޓީގެ މެންބަރުންގެ އިތުބާރު ހޯދުމުގެ ގާބިލުކަމުގެ މައްޗަށެވެ.
އަދި މީގެ އިތުރުން، އަވަސް އަރުވާލައިގެން ރަނިންމޭޓުން އިއުލާންކުރުމަކީ ވާދަކުރައްވާ ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ މެދުގައި ބައިބައިވުން ބޮޑުވެގެންދާނެ ކަމެކެވެ. ކެންޑިޑޭޓުން ވަކިވަކި ރަނިންމޭޓުންގެ އިންތިޒާމުތައް އިސްތިހާރުކުރަން ފެށުމުން، ސަރަހައްދީ ތަމްސީލުވުމާއި، ސިޔާސީ ނުފޫޒާއި، އަދި ޕާޓީގެ މަގާމުތައް ބެހުމާމެދު އުފެދޭ ހިޔާލުތަފާތުވުންތަކުގެ ސަބަބުން، ޕްރައިމަރީއަށްފަހު ޕާޓީ އެއްގަލަކަށް އަރުވައި އެކުލަވާލުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ.
އަނެއް ކަންބޮޑުވުމަކީ، ޕާޓީން ރަސްމީކޮށް ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ކުރިން ސިޔާސީ ގްރޫޕްތަކުގެ މެދުގައި އުއްމީދުތަކެއް އުފެދިގެންދިއުމެވެ. މިއާއެކު، އެ ކެނޑިޑޭޓަކު ޕްރައިމަރީން ނާކާމިޔާބުވެއްޖެނަމަ، އާންމުންގެ ސަމާލުކަން ލިބި، ސިޔާސީ އެއްބަސްވުންތަކާ ހަމައަށް ގޮސްފައިވާ އިންތިޒާމުތައް އުވާލަންޖެހި، ނުތަނަވަސްކަން އުފެދުމެވެ.
ނަމަވެސް، ޕްރައިމަރީ ނިމުމުގެ ކުރިން ރަނިންމޭޓަކު ހިޔާރުކުރުމަކީ (އެމްޑީޕީގެ) އިންތިހާބީ ގަވާއިދުތަކާ ހިލާފުކަމެއް ނޫނެވެ. އެފަދަ ނިންމުމެއް ނިންމުމުގެ ހުއްދަ އޮތްކަން މިންކުރެވެނީ ޕާޓީގެ އަސާސީ ގަވާއިދާއި، އެތެރޭގެ އިންތިހާބީ އުސޫލުތަކާއި، (އިލެކްޝަންސް ކޮމިޝަނުގެ) ގާނޫނީ އޮނިގަނޑުގެ މައްޗަށެވެ. މިއިން އެއްވެސް ގަވާއިދެއްގައި މިކަމަށް އެއްވެސް ހުރަހެއް މިހާތަނަކަށް ނެތެވެ. ބައެއް ސިޔާސީ ނިޒާމުތަކުގައި ކެމްޕޭން ތެރޭގައި ކެންޑިޑޭޓުން ބޭނުންވާ ރަނިންމޭޓުން އާންމުކޮށް ހާމަކުރިނަމަވެސް، ރަސްމީކޮށް ނަން ހުށަހެޅުން އޮންނަނީ ފަހުގެ މަރުހަލާއެއްގައެވެ.
އަވަހަށް ރަނިންމޭޓުން އިއުލާންކުރުމަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ، ރަނިންމޭޓަކު ނަންގަވައިގެން ނުކުތުމުން ވޯޓުލާ މެންބަރުންނަށް ކެނޑިޑޭޓުގެ ލީޑަޝިޕް ޓީމު ސާފުވެގެންދާނެ ކަމަށެވެ. އަދި ގައުމީ ސިޔާސީ މަސްރަހަށް ބަލައި، ސަރަހައްދީ، ފަންނީ، ނުވަތަ ސިޔާސީ މަސްލަހަތުތައް ހަމަހަމަކުރުމަށް ކެނޑިޑޭޓު ދޭ އިސްކަން މެންބަރުންނަށް ހާމަވެގެންދާނެ ކަމަށްވެސް އެފަރާތްތަކުން ދެކެއެވެ.
އެހެންނަމަވެސް، މިކަން ލަސްކުރުމަށް ވަކާލާތުކުރާ ފަރާތްތަކުން ގަބޫލުކުރަނީ، ހިޔާލެއް ނުވަތަ އެދޭ ގޮތެއް ހާމަކުރުމާއި، ސީދާ ރަނިންމޭޓަކު ފައިނަލްކޮށް އިއުލާންކުރުމާ ދެމެދު ސާފު އިމެއް އޮންނަންޖެހޭނެ ކަމަށެވެ. ކެންޑިޑޭޓުންނަށް ސިޔާސީ އިއްތިހާދުތަކާ މެދު މަސްވަރާކުރެވުނު ނަމަވެސް، ޕާޓީގެ ކެނޑިޑޭޓަކު ކަނޑައެޅުމުގެ ކުރިން ރަނިންމޭޓަކީ ނިމިފައިވާ ނިންމުމެއްގެ ގޮތުގައި ދެއްކުމުން ދުރުހެލިވާންޖެހޭނެއެވެ.
މިކަމަށް އޮތް ހައްލަކީ، ރިޔާސީ ކެންޑިޑޭޓުންނަށް ރަނިންމޭޓުން އިއުލާންކުރެވޭނެ ނުވަތަ ރަސްމީކޮށް ހިޔާރުކުރެވޭނެ ވަގުތުތަކާ މެދު ސިޔާސީ ޕާޓީތަކުން ސާފު އުސޫލުތަކެއް އެކުލަވާލުމެވެ. މިފަދަ އުސޫލުތަކެއްގެ ތެރެއިން، ޕްރައިމަރީ ތެރޭގައި އިހުތިޔާރުކުރާ ރަނިންމޭޓުގެ ނަން ހާމަކުރެވިދާނެތޯއާއި، ރަސްމީކޮށް ރަނިންމޭޓު ކަނޑައެޅުން އޮންނާނީ ޕްރައިމަރީގެ ނަތީޖާއަށްފަހުތޯއާއި، އަދި އެންމެ ފަހުގެ ރިޔާސީ ޓިކެޓު ފާސްކުރާނެ ގޮތް ތަފްސީލުކޮށް ބަޔާންކުރެވިދާނެއެވެ.
އަދި ޕާޓީގެ އެތެރޭގެ ކަންކަމާއި އިލެކްޝަންސް ކޮމިޝަނަށް ނަންތައް ހުށަހެޅުމާ ދެމެދު އޮތް ގުޅުން ޕާޓީގެ ލީޑަޝިޕުން ސާފުކޮށްދޭންޖެހެއެވެ. ސާފު ގަވާއިދުތަކެއް އޮތުމަކީ ނުތަނަވަސްކަން ކުޑަވެ، ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިބި، އަދި ގަވާއިދުތައް މާނަކުރުމުގައި އުފެދޭ ހިޔާލުތަފާތުވުންތައް މަދުކުރެވޭނެ ކަމެކެވެ.
އާހިރުގައި މި މައްސަލައިން އުފެދެނީ، ކެންޑިޑޭޓެއްގެ ސިޔާސީ މިނިވަންކަމާއި، އިތުބާރު ހުރި އިންސާފުވެރި އިންތިހާބީ މަރުހަލާއެއް ބޭއްވުމަށް ޕާޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ދެމެދު އޮންނަންޖެހޭ ހަމަހަމަކަމާ ގުޅޭ ބޮޑު ސުވާލެކެވެ. އަވަހަށް ރަނިންމޭޓަކު ނެގުމުން ސިޔާސީ ފައިދާތަކެއް ލިބުނު ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހު ހުރިގޮތުންނާއި، މާޒީއަށް ރިއާޔަތް ކުރާއިރު، އެ ނިންމުން ލަސްކުރުމުން ޕްރައިމަރީގެ އަސްލު މަގުސަދަށް ސަމާލުކަން ދެވި، އެތެރޭގެ ހަމަނުޖެހުންތައް ކުޑަކުރެވިގެންދާނެއެވެ.
ސިޔާސީ ޕާޓީތަކުން މިކަމުގައި ވަކި ހާއްސަ ގަވާއިދުތަކެއް ހަދައި އަމަލުކުރަންދެން، ޕްރައިމަރީ ނިމުމުގެ ކުރިން ރަނިންމޭޓުން ނުނެގުމަށް ކުރެވޭ ވަކާލާތަކީ ގާނޫނީ މަޖުބޫރުކަމަކަށްވުރެ ބޮޑަށް، ޕާޓީގެ އެތެރޭގެ ދިމުގުރާތީ ހަމަތައް ވަރުގަދަކުރުމަށް ހުށަހެޅޭ ހުށަހެޅުމެކެވެ.
މިކަމުގެ އަސާސީ އުސޫލަކީ، ފުރަތަމަ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމުގެ މަރުހަލާ ފުރިހަމަކުރުމަށްފަހު، ކާމިޔާބުކުރި ކެންޑިޑޭޓަކަށް އެންމެ ފަހުގެ ރަނިންމޭޓު ހިޔާރުކުރުމުގެ ފުރުސަތު ދިނުމެވެ!
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online