ކޮންޓްރޯލް-ޒެޑް (CTRL+Z) ކޮންމެ ދުވަހަކު ބޭނުންކުރާ އެންމެ އޮޅުންބޮޅުން ބޮޑު ޝޯޓްކަޓް
މިއަދު އެކަނިވެސް "އަޅުގަނޑު" 'ކޮންޓްރޯލް-ޒެޑް' (CTRL + Z) އަށް ފިތާލެވުނީ ކިތައް ފަހަރު ބާވައޭ ހިތަށް އަރައެވެ.
އެ ދެ ފިތަކީ ކޮންމެހެން ބޭނުންތެރި މުހިންމު ގުޅުމެކެވެ. އެއީ އަޅުގަނޑުމެންގެ އަތުން ދެންމެއަކުހެން ހަލާކުވި ކޮންމެ ކަމެއް އަލުން ރަނގަޅުކޮށްދީ، ހުރިހާ ބާވަތެއްގެ ކުށްތަކުން ސަލާމަތްކޮށްދިނުމަށްޓަކައި ވަގުތުން މަދު ސިކުންތުކޮޅެއް ފަހަތަށް ގެންގޮސްދޭ ޖާދުވީ ފިތްތަކެކެވެ.
ކޮންޓްރޯލް-ޒެޑްގެ ފަހަތުގައިވަނީ 60 އަހަރުގެ ތަރައްގީއާއި، ކޯޑިން އަދި އެކި އުކުޅުތަކެވެ. މި ހުރިހާ ކަމެއް ފަރުމާކޮށްފައިވަނީ އަހަރެމެންނަށް ހެދޭ ކުށްތައް އަނބުރާ ރަނގަޅުކޮށް، އެއްވެސް ޖެހިލުމެއް ނެތި ކުރިއަށް ދިއުމަށް އެހީތެރިވުމަށެވެ. ބޭރުފުށުން ބަލާއިރު މި 'އަންޑޫ' (Undo) ޝޯޓްކަޓް ފެންނަނީ ވަރަށް އާދައިގެ ސާދާ އެއްޗެއްގެ ގޮތުގައި ނަމަވެސް، ހަގީގަތުގައި މިއީ އެއްވެސް މީހަކު ހީނުކުރާހާ އޮޅުންބޮޅުން ބޮޑު، ފުން ނިޒާމެކެވެ. ބައެއް ފަހަރު މިއަށް "ޔޫ-ޓާން" އޭވެސް ބުނެވިދާނެއެވެ.
'އަންޑޫ' އަކީ ވަރަށް ގިނަ ދުވަސްވީ އެއްޗެއް:
އެއީ ޑޭޓާ އަނބުރާ ފަހަތަށް ގެންދިއުމުގައި މައުސް އަށްވުރެ ދޮށި

މި ލިޔުން ތައްޔާރުކުރުމަށް ކުރި ދިރާސާތަކުން ވަރަށް އަޖައިބުވާ ފަދަ ހަގީގަތްތަކެއް ވަނީ ހާމަވެފައެވެ. އަޅުގަނޑުމެން ކޮމްޕިއުޓަރު ބޭނުންކުރުމުގައި އެންމެ އާންމުކޮށް ގެންގުޅޭ އެއް ވަސީލަތް ކަމަށްވާ 'މައުސް' އުފެއްދުމުގެވެސް ކުރިން، އާދައިގެ 'އަންޑޫ' ކޮމާންޑްތައް ވުޖޫދަށް އައިސްފައިވާ ކަމެއް މީގެ ކުރިން އަޅުގަނޑުމެންނަކަށް ނޭނގެއެވެ.
އެކަމަކު ހަގީގަތަކީ އެއީ މައުސްއަށްވުރެ ދޮށީ އެއްޗެއް ކަމެވެ. އެންމެ ފުރަތަމަ ލަކުޑިން ހެދި މައުސް އުފެއްދީ 1964 ވަނަ އަހަރު ސްޓޭންފޯޑް ރިސާޗް އިންސްޓިޓިއުޓްގައެވެ. އަދި އާންމުންނަށް އެ ދައްކާލީ 1968 ވަނަ އަހަރުއެވެ. އޭރު، 1966 ވަނަ އަހަރު އެމް.އައި.ޓީ ގައި ވޮރެން ޓައިޓެލްމަން ހުށަހެޅި ޕީ.އެޗް.ޑީ ތީސިސްގައި ވަނީ، ހެދޭ ކުށްތައް އަނބުރާ ފަހަތަށް ގެންދެވޭނެ ކޮމާންޑެއްގެ ހިޔާލު ހުށަހަޅާފައެވެ. އަދި އޭގެ ދެ އަހަރު ފަހުން، ބްރައުން ޔުނިވާސިޓީގައި އެންޑްރީސް ވެން ޑޭމް އުފެއްދި 'ފްރެސް' (FRESS) ހައިޕާޓެކްސްޓް ނިޒާމަކީ، އަމަލީ ގޮތުން މި ފީޗާ ހިމަނައިގެން ނެރުނު އެންމެ ފުރަތަމަ ކޮމްޕިއުޓަރު ނިޒާމެވެ.
ފްރެސް (ފައިލް ރިޓްރީވަލް އެންޑް އެޑިޓިން ސިސްޓަމް) އަކީ މިއަދު އަޅުގަނޑުމެން ބޭނުންކުރާ ފުރިހަމަ ހައިޕާޓެކްސްޓް ޕްރޮގްރާމްތަކުގެ ފެށުމެވެ. އަދި އެއީ ވިޔަފާރި އުސޫލުން ވިއްކާ ހާޑްވެއާ އަދި އޮޕަރޭޓިން ސިސްޓަމްތަކުގައި ހިންގި އެންމެ ފުރަތަމަ ނިޒާމުވެސް މެއެވެ. މި ނިޒާމުގެ ތެރެއިން، އެއް ލިޔުމެއްގައި އެއްފަހަރާ ގިނަ ބަޔަކަށް ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު (މިހާރުގެ ގޫގުލް ޑޮކްސް ފަދައިން) ލިބިގެންދިޔައެވެ. އަދި އެންމެ މުހިންމު ކަމަކީ، އެންމެ ފުރަތަމަ 'އަންޑޫ' ފީޗާ ހިމެނިގެންދިޔައީ މި ނިޒާމުގައި ކަމެވެ.
'އަންޑޫ' އަށް ކޮންޓްރޯލް-ޒެޑް ހަމަޖެއްސީ ކީއްވެ؟
އެޕަލް. އަބަދުވެސް އެޕަލް!

ފްރެސް ނިޒާމުން މަސައްކަތްކުރި ގޮތަކީ، ލިޔުމަށް ގެންނަ ކޮންމެ ބަދަލެއް ޑޭޓާގެ ފޮރުވިފައިވާ 'ހިޔަނި' (Shadow) ކޮޕީއެއްގެ ގޮތުގައި ރައްކާކުރަނީއެވެ. މި ހިޔަނި ކޮޕީން ދެ މަސައްކަތެއް ކުރެއެވެ. އެއީ ކުރާ މަސައްކަތް އޮޓޯއިން ސޭވް ކުރުމާއި، ހިޔާލު ބަދަލުވެއްޖެ ހާލަތެއްގައި އަނބުރާ ފަހަތަށް ގެންދެވޭނެ ގޮތެއް ފްރެސްއަށް ހޯދައިދިނުމެވެ. ނަމަވެސް މިކަމަށް ބޮޑު އަގެއް ދައްކަން ޖެހުނެވެ. މުޅި މި ނިޒާމު ހިންގުމަށްޓަކައި ބްރައުން ޔުނިވާސިޓީގެ 512 ކިލޯބައިޓް މެއިންފްރޭމް މެމޮރީގެ ހަތަރުބައިކުޅަ އެއްބައި ހޭދަވިއެވެ.
ނަމަވެސް، މިއަދު އަޅުގަނޑުމެންނަށް މި ފެންނަ 'ކޮންޓްރޯލް-ޒެޑް' ގެ ސަރަފު ލިބެނީ ފްރެސްއަކަށް ނޫނެވެ. އެ ސަރަފު ހައްގުވަނީ 1983 ވަނަ އަހަރު އެޕަލް ކުންފުނިން ނެރުނު، ނާކާމިޔާބުވި 'ލީސާ' (Lisa) ކޮމްޕިއުޓަރަށެވެ. އޭރު 9995 ޑޮލަރަށް (މިހާރުގެ އަގުން 33500 ޑޮލަރު ނުވަތަ 787250 ރުފިޔާ ށްވުރެ މަތީ އަގަކަށް) ވިއްކި މި ކޮމްޕިއުޓަރަށް މި ސަރަފު ލިބުނު ނަމަވެސް، މިކަމުގައި ކުޑަ ހިޔާލުތަފާތުވުމެއް އެބައޮތެވެ.
އެންމެ ފުރަތަމަ 'އަންޑޫ' ގެ ހިޔާލު ގެނައި ޓައިޓެލްމަން، ފަހުން 'ޒީރޮކްސް ޕާކް' (Xerox PARC) އަށް ބަދަލުވެ، އީތަނެޓާއި، ލޭޒާ ޕްރިންޓިން އަދި ޒަމާނީ ޕީސީތަކުގެ ގްރެފިކަލް ޔޫޒާ އިންޓަފޭސް ފަދަ އިންގިލާބީ ޓެކްނޮލޮޖީތަކުގައި މަސައްކަތް ކުރިއެވެ. އޭނާ އެތަނުގައި އުޅުނު ދުވަސްވަރު ޕްރޮގްރާމިން ލެންގުއޭޖެއްގައި 'އަންޑޫ' ހިމެނި ކަމަށް އޭނާ ދައުވާ ކުރިއެވެ. ނަމަވެސް ޒީރޮކްސް ޕާކުން އެޕަލްއަށް ބަދަލުވި ލެރީ ޓެސްލާ ވަނީ މި ވާހަކައަށް ދެކޮޅު ހަދާފައެވެ.
ބްރެޑް މެޔާސްއަށް ފޮނުވި އީމެއިލެއްގައި ޓެސްލާ ބުނެފައިވަނީ، އެހެން މުހިންމު ކީބޯޑް ޝޯޓްކަޓްތައް ކަމަށްވާ ސީ (C)، ވީ (V) އަދި އެކްސް (X) އާއެކު، 'އަންޑޫ' އަށް ޒެޑް (Z) އިހުތިޔާރުކުރީ އޭނާ ކަމަށެވެ. އަދި އޭގެ އިތުރުން، އެ އަކުރުތައް އިހުތިޔާރުކުރުމުގެ ފަހަތުގައި ވަރަށް ފުރިހަމަ ސަބަބެއްވެސް އޮތެވެ.
ލީސާ ކޮމްޕިއުޓަރަކީ 'އެޕަލް' ފިތާއެކު ކަޓް، ކޮޕީ، ޕޭސްޓް އަދި އަންޑޫ ކުރުމަށް XCVZ ހަމަޖެއްސި އެންމެ ފުރަތަމަ ނިޒާމެވެ. އެ އަކުރުތައް އިހުތިޔާރުކުރީ ޓެސްލާ އަމިއްލައަށެވެ. އޭގެ ސަބަބަކީ، 'އެކްސް' (X) އަކީ އެއްޗެއް ފޮހެލުމުގެ އާންމު ނިސާނަކަށް ވުމާއި، 'ސީ' (C) އަކީ ކޮޕީގެ ފުރަތަމަ އަކުރަށް ވުމެވެ. އަދި 'ވީ' (V) އަކީ އެކޮޅުކޮޅުން ޖަހާފައިވާ ކެރެޓް ނިސާނެއް ކަމަށްވެފައި، ކުރީގެ ބައެއް އެޑިޓަރުތަކުގައި އެ ނިސާނުގެ މާނައަކީ އެއްޗެއް 'އިންސާޓް' ކުރުން ނުވަތަ އިތުރުކުރުން ކަމަށް ވާތީއެވެ.
ފަހަކަށް އައިސް ބައެއް ގައުމުތަކުގެ ރައީސުން "ކޮންޓްރޯލް-ޒެޑް" ނުވަތަ "އަންޑޫ" ގެ ބަދަލުގައި "ޔޫ-ޓާން" ކިޔާ ބަޓަނެއްވެސް ގެންގުޅޭ ކަމަށް ވެއެވެ. އެއީ ނިއުކްލިއަރ ވޯހެޑެއް ފޮނުވާލަން ބޭނުންކުރާ ޒާތުގެ ސިއްރު، ބިރުވެރި ބަޓަނެއް ކަމަށްވެސް މީސްމީޑިއާގައި މީހުން ލިޔެ އުޅެތެވެ.
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online
Maizan Online